Support Us

ކޮލަމް ނޫވިލު

ހިޔާލު ދޭމީހާ އާއި ކަންކުރާ މީހާގެ ތަފާތު

"މަސްވެރިންނަށް ލިބޭ އަގު މާ ކުޑައެވެ. މަސްވެރިންނަށް ހައްގު މިންވަރު ލިބެންޖެހެއެވެ. ފަތުރުވެރިކަމުގެ ފައިދާ ބެހެނީ މަދު ބަޔެއްގެ އަތްމައްޗަށެވެ. ނަމަވެސް މިއީ އެންމެންގެ ޖީބަށް ޑޮަލަރު ލެވެންޖެހޭ ސިނާއަތެކެވެ. ބޭސްފަރުވާ މިއޮތީ ނަމަކަށެވެ. އިމާރާތްތައް އަޅަން ކުރާ ހަރަދު މާ ބޮޑެވެ. އެންމެން ވެސް ބެންކޮކަށް ފޮނުވައިގެން ބޭސްފަރުވާ ކުރީމާ މާ އަގުހެޔޮވާނެ އެވެ. ބޯހިޔާވަހިކަމުގައި ވެސް ވަކި ބައެއް ތަފާތުކުރުމެއް ނެތި ހަމަ އެންމެންނަށް ލަގްޒަރީ އެޕާޓްމަންޓްތަކުގައި އުޅެވެންޖެހޭނެއެވެ."

މިއީ ސިޔާސީ ކަންކަމުގައި މޮޅު ޚިޔާލުތައް ދޭ މީހެއްގެ މޮޅު ޚިޔާލެވެ. ގަބޫލުކޮށް، އުންމީދުކުރަން ހިތަށް ވަރަށް ފަސޭހަ ވާހަކަތަކެކެވެ. ނަމަވެސް ވިސްނާލަންވީ މިއީ ދުނިޔޭގެ ކޮންތާކު، ކާކަށްވެފައި ހުރި ކަމެއްބާއެވެ؟

މި މައުލޫ އަށް ދުނިޔޭގައި އާންމުކޮށް އިންސާނުން ގިންތިކޮށް އުޅެނީ ދެ ބަޔަކަށެވެ. އެއީ ކަންކުރާ މީހުންނާއި ހިޔާލުދޭ ބަޔެއްގެ މައްޗަށެވެ. އެކި ހާލަތްތަކުގަ އާއި އެކި ޤައުމުތަކުގައި ތަފާތު ހުއްޓަސް މައިގަނޑު އަސްލަކީ، ކަންކަން ކުރުމާއި ކަންކަމަށް ހިޔާލު ދިނުން، ނޫނީ ފާޑުކިއުމެވެ.

އެ ބަޔެއްގެ މެދުގައި ހޭލުންތެރިކަން އޮތް މިންވަރަކަށް ބަލައި، ކުދިކުދި ހެޔޮ ބަދަލާއި ތަފާތު ހުރެއެވެ. އިލްމުވެރިންގެ ދިރާސާތައް ބުނަނީ ކަންކުރާ މީހުންނަކީ އާބާދީއެއްގެ އެންމެ 10 ޕަސަންޓު ވަރު ކަމަށެވެ. އަނެއް 90 ޕަސަންޓަކީ ފާޑުކިޔާ މީހުންނާއި ހިޔާލު ދޭ މީހުންނެވެ.

ކަންކުރާ މީހުންގެ މަޤްބޫލުކަން ގިނަ ފަހަރަށް ކުޑައެވެ. އެކި ދާއިރާތައް ތަފާތެވެ. ނަމަވެސް ޒިންމާއާ ހަވާލުވެ، ޒިންމާ އުފުލާ މީހުން އެއީ އެކަމެއް ހިނގަމުންދާއިރު މަޤްބޫލުކަން ކުޑަ ބައެކެވެ. ނޫނީ ބައެއް ފަހަރު ހަތުރެކެވެ. އެއްވެސް އެއްޗެއް ނުވިސްނޭ ވަރުގެ ތުއްތު ކުދީންގެ މިސާލެވެ. ގަޑިންގަޑިޔަށް ކާންދީ، ފެންވަރުވާ، ބޭސްދީ، ނިދަން ބާއްވާ މީހާއާ ނުރުހެވޭ ގޮތް ވަނީއެވެ.

ނަމަވެސް މިއާ ހިލާފަށް ކަމުން ރެކި ހުސް އެކަނި ހިޔާލު ދޭމީހާގެ މަޤްބޫލުކަން ގިނަ ފަހަރަށް، ގިނަ ބައެއްގެ މެދުގަ އޮންނަނީ ބޮޑުވެފައެވެ. ކަން މިހެން ދިމާވާ މައިގަނޑު ސަބަބު ވަރަށް ހާމަކޮށް އެނގެއެވެ. ނަމަވެސް ހިތުގެ އަޑީން ބަލައިގަންނަން ދަތިވަނީއެވެ. އެއީ ކަންކުރާ މީހާގެ ދައުރު އެކަމެއް ފެށުމުން ހަނިވާތީއެވެ. އެހެނީ އެންމެން ރުހޭ ގޮތަކަށް އެއްވެސް ކަމެއް ކުރުން އެއީ އިންސާނިއްޔަތަށް މުސްތަހީލް ކަމެކެވެ. ނަމަވެސް ހިޔާލުދޭ މީހާގެ ހިޔާލަކީ މުސްތަހީލު އެއްޗެއް ނޫނެވެ. އަދި އޭނާގެ އެ ހުށަހެޅުންތަކަކީ ހަމަ ކޮންމެ އިރަކުވެސް ބަދަލުކުރެވިދާނެ އެއްޗެކެވެ.

އެކި މީހުން ރުހޭހާ ގޮތްގޮތަށް އެކިފަހަރު އެކި ހިޔާލެވެ. ނަތީޖާ އަކަށް ވަނީ އޭނާއާ ރުހޭ މީހުން ގިނަވުމެވެ. އެހެނީ ގިނަ ބައެއް ބޭނުންވާ ގޮތަށް އޭގައި ތަފާތު ކުލަތައް ޖައްސައި ރުއްސާލެވޭތީއެވެ.

ހިޔާލު ދޭމީހާ އާއި ކަންކުރާ މީހުންނާ މެދު އޮންނަ ތަފާތު ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ ސިޔާސީ މައިދާނުންނާއި ކުދި ބޮޑު އެކި މަޝްރޫއުތައް ރާވައި ހިންގާ ދިމަދިމާލުންނެވެ. ވަކީން ހާއްސަކޮށް ސިޔާސީ ޕާޓީތަކުގެ އިސް ސަފުންނެވެ. އެއް ބަޔަކު ބޮޑު މަޝްރޫއެއް ފަށާއިރަށް އިދިކޮޅު މީހުންގެ މެދުގައި ހިޔާލުދޭ މީހާގެ މަސައްކަތް ފަށައެވެ. އަދި އޭނާގެ މަޤްބޫލްކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކުރެއެވެ. އެ ހިންގާ މަޝްރޫއެއްގައި ހުންނަންވި މާ މޮޅު ގޮތްތަކެއް ކިޔައި ގިނަ ބަޔަކު ހައްލާލައެވެ. އެ މަސައްކަތުގައި ހުރި އެންމެ ފައިދާވާނެ ގޮތް ކަމަށް ބުނެ ނުވާނެ، ނުކުރެވޭނެހާ ގޮތްތައް ކިޔައި ވާހަކަ ފަތުރަން ފަށައެވެ. އަދި އެ މަޝްރޫއެއްގައި ހުރީ ގެއްލުންކަން ބުނެދިނުމަށްޓަކައި ގިނަ ބައެއްގެ ޔޯލަޔޯލަ ހިޔާލީ ވާހަކަތައް ވެސް އެއާ އެއްކޮށް އެކި ދުވަހު އެކި ބައިބައި ކަނޑައި އިތުރުކުރުމާ އަދި އެ ވަގުތަކު ގިނަ ބަޔަކަށް ބޭނުންޖެހިފައިވާ ކަމަކާ މިފަދަ މަޝްރޫތައް ގުޅާލައެވެ.

މިހެން ކަންކުރުމުގެ ނަތީޖާ އަކަށް ވަނީ ހިޔާލުދޭ މީހާގެ ވާހަކަތައް ގިނަ ބައެއްގެ ލެޔާ ގުޅި ހިޔާލީ ވާހަކަތައް ހަގީގަތެއް ކަމަށް ގަބޫލުކުރަން ވެސް ފެށެނީއެވެ. ހިޔާލުދޭ މީހާ މަޝްހޫރުވެ މަގުބޫލްވަނީ އެވެ. މިހެން ވާން ފެށުމުން ކަންކުރާ ފަރާތާ ދިމާލަށް ދިއްކުރެވޭ ނުރުހުމުގެ އިނގިލިތައް ގިނަވެ މަޤްބޫލްކަން ކުޑަވާން ފަށައެވެ. އަދި ކަންކުރާ މީހާގެ މަޝްރޫއަކީ އެކި ދުވަހު އެކި ގޮތަށް ބަދަލުކުރެވޭނެ ކަމަކަށް ނުވުމުން އޭނާ ބައްދާލަން ހުރި މަގުތައް ގިނަ ކަމަށް ފެންނަނީއެވެ.

މިވަރުން ވެސް ނުފުދި ހިތްތައް އަނބުރާލުމަށްޓަކައި ދެން ބުނަނީ މިވެނި މަޝްރޫއެއްގެ ހަރަދަކީ މުޅި ރާއްޖޭގެ ހުރިހާ ބަނދަރަކާއި މަގުތަކެއް ހަދާފަވެސް އަދި ކޮންމެ މީހެއްގެ ޖީބަށް ލައްކައިން ރުފިޔާ ދެވޭނެ މިންވަރެއް ކަމަށެވެ. މިފަދަ ވާހަކަތަކުން ގިނަ ބައެއްގެ އުންމީދުތައް ޖަޒުބާތުން ޖަރީވެ، ފަށުވި ފޭރާން ލައި، ވިދާ ބަބުޅަން ފަށައެވެ. އަދި އެ ވިދުވަރުގެ އަލީގައި ގިނަ ބައެއްގެ ރުހުން ހޯދައި، އާސުމާނަށް އަރަންވެސް މާ ބޮޑު ދަތި ކަމަކަށް ނުވެއެވެ.

ނަމަވެސް ޒިންމާވެ، ކަންކުރާ ފަރާތަށް އެހާ އަވަހަށް ކަމެއް ނިންމައިފައެއް ނުދެއްކޭނެއެވެ. އަދި ކަމެއް ކުރަން ފެށުމުން ތަފާތު ގިނަ ހުރަސްތަކާއި ގިނަ ގޮންޖެހުންތައް ކުރިމަތިވެ އެކަން ކަމަށް ވިސްނައި ފިކުރު ކުރަންޖެހޭ މިންވަރާއި ހީވާގިކަމާއި މުރާލިކަން އެތައް ގުނައަކަށް އިތުރުކުރަންޖެހެއެވެ. ވަގުތު ބޭކާރުވިޔަ ނުދިނުމަށް ސަމާލުވާން ވެސްޖެހެއެވެ. ނަމަވެސް ހިޔާލުދޭ މީހާއަށް ދުވަސް ދިގުވެ ބާކީ ވަގުތުތައް ބައިވަރެވެ. ކުރިމަތިލާންޖެހޭ މާބޮޑު ގޮންޖެހުމެއް ނޯންނާނެއެވެ. ކިރިޔާވެސް ބޭނުންވާނީ ރައްޔިތުންގެ ރިހުންތައް ހޯދައި، އެއްކޮށްލައިގެން މޮޑެ، ގުޅަޖަހައި، ގިނަ މީހުންނަށް އަތްފޯރާ ފަށުގައި އަތުރާލާށެވެ.

މިފަދަ މީހަކު ކަމަކާ ހަވާލުވެއްޖެނަމަ އެއްވެސް ނަތީޖާއެއް ނުދެއްކި ހިޔާލު ދޭމީހާގެ ގޮތުގައި ހުރެ ކުރިން ދެއްކި ވާހަކަތަކުން ބަނދެވެއެވެ. އޭގެ ނަތީޖާއަކީ ފަހަތު ފަޔަށް ބުރަވެ، ކަންކުރާ މީހުން ހޯދަން ދުވެނަގައި، ސައިބޯނި ބޮކީގެ މިސާލުން ކުއްލިއަކަށް ގެއްލިދާނެއެވެ. އަދިހަމަ ކަންކުރާ މީހާގެ މޮޅު ވާހަކަ މާފަހުން ކޮންމެވެސް ބަޔަކު ދައްކާ އެކި ގޮތްގޮތަށް ތަރުޖަމާކޮށް ހަދާ އުޅެއެވެ. މަދު ބަޔަކު އެކަމުން އިބްރަތް ހާސިލްކޮށް އެ ވާހަކަތައް ލިޔެ މަގު ދެއްކުމަށް އުޅެ ދުވަސްތައް ތަކުރާރުވަމުން ދުނިޔެ މިދަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
71

2 Responses

  1. ކަންކުކާ މީހުންގެ ވާހަކަތައް ފަހުންކިޔާލީމަ ނިމުނީކީ ނޫން އެމީހުންގެ ދުވަސްތައްފާހަގަކޮއްވެސް އަދި ފޮތްތައްވެސްލިއެ ބޭނުންކުރޭ..
    ލިއުން ވަރައް ސަޅި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *