Support Us

ފިޠުރު ޒަކާތް: މުހިއްމު އަޅުކަމެއް

الله سبحانه وتعالى ފިޠުރު ޒަކާތް ޝަރްޢުކުރެއްވީ ހިޖްރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. އެއީ ރޯދަ ފަރްޟުކުރެއްވި އަހަރެވެ. އަދި އޭރު މުދަލުޒަކާތް ފަރްޟެއް ނުކުރައްވައެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ((فَرَضَ رَسولُ اللَّهِ صَلّى اللهُ عليه وسلَّمَ زَكاةَ الفِطْرِصاعًا مِن تَمْرٍ، أوْ صاعًا مِن شَعِيرٍ على العَبْدِ والحُرِّ، والذَّكَرِ والأُنْثى، والصَّغِيرِ والكَبِيرِ مِنَ المُسْلِمِينَ، وأَمَرَ بها أنْ تُؤَدّى قَبْلَ خُرُوجِ النّاسِ إلى الصَّلاةِ. [1]– ކީރިތި ރަސޫލާ ﷺ މުސްލިމުންގެ ތެރޭގައި ހިމެނޭ ކޮންމެ މިނިވަން އަންހެނަކާއި ފިރިހެނެއްގެ މައްޗަށާއި، ކޮންމެ އަޅުފިރިހެނަކާއި އަންހެނެއްގެ މައްޗަށް، ކޮންމެ ބޮޑުމީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ފިޠުރުޒަކާތް ކަދުރުގެ ޞާޢެއްގެ މިންވަރުން ނުވަތަ ހިމަގޮދަނުގެ ޞާޢެއްގެ މިންވަރުން ފަރްޟު ކުރެއްވިއެވެ.)) މި ޙަދީޘުން އެނގޭ ގޮތުގައި ފިޠުރު ޒަކާތަށް ނެރެންޖެހޭނީ ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.4 ކީލޯ ގްރާމެވެ. ޙަނަފީންގެ ރައުޔުގައި އެއީ 3.8 ކީލޯގްރާމެވެ.

ފިޠުރު ޒަކާތުގެ ޙިކްމަތް

މާތްﷲ ފިޠުރުޒަކާތް ފަރްޟުކުރެއްވީ މަތިވެރި މަޤްޞަދުތަކަކަށް ޓަކައެވެ. އޭގެ ތެރޭގައި މިއަންނަ ހިކްމަތްތައް ވެއެވެ.

  1. ފަޤީރުންނަށް ތަނަވަސް ކޮށްދިނުމާއި، އެމީހުންގެ ބޭނުންތައް ފުއްދައި ދިނުން: ކީރިތި ރަސޫލާ ﷺ ޙަދީޡްކުރައްވަނީ ((أَغْنُوهُم عَنْ المَسْألَةِ فِى هَذَاالْيَوْمِ[2]– ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާން ޖެހުމުން ފުދުންތެރިކޮށްދޭށެވެ.))
  2. ރަމަޟާންމަހު ހިފި ރޯދައިގައި ޖެހިފައިވާ ލައްތައް ފިލުވުން: މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ވިދާޅުވިއެވެ. ((فرض رسولُ اللهِ ﷺ زكاة الفطرِ طُهرَةًللصائمِ من اللغوِ والرفثِ وطُعْمَةً للمساكينِ من أدّاها قبلَالصلاةِ فهي زكاةٌ مقبولَةٌ ومنْ أدّاها بعدَ الصلاةِ فهيَ صدقةٌ منَ الصدقاتِ[3]– ﷲގެ ރަސޫލާ ފިޠުރުޒަކާތް ފަރްޟުކުރެއްވީ ރޯދަވެރިޔާ ރޯދަ ހިފިއިރު ދައްކާފައިވާ ބޭކާރު ވާހަކަތަކުންނާއި ހަޑިހުތުރު ބަސްތަކުން އޭނާގެ ރޯދަ ޠާހިރުކޮށްދެއްވުމަށާއި މިސްކީނުންނަށް ހަމްދަރްދީވެ އެހީތެރި ވުމަށްޓަކައެވެ. ޢީދު ނަމާދުގެ ކުރިން އެ ޒަކާތް އަދާކޮށްފިނަމަ އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. ޢީދު ނަމާދަށްފަހު އެ ޒަކާތް އަދާކުރިނަމަ ފަހެ އެއީ ޞަދަޤާތްތަކުގެ ތެރެއިން ޞަދަޤާތެކެވެ.))
  3. އަތްމަތި ދަތި ޙާލުގައިވެސް ހޭދަކުރުމަށް މުސްލިމުންނަށް ތަމްރީނު ދިނުން: އެއީ އޭނާގެ އަތަކީ އަބަދުވެސް ހޭދަކުރާ އަތަކަށް ވުމަށްޓަކައެވެ. އަހަރު ތެރޭގައި އެންމެ ދުވަހަކުވެސް ހޭދަކުރާ މީހަކަށްވުމުގެ ފޮނިކަން ޙާޞިލު ކުރުމަށްޓަކައެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((اليَدُالعُلْيا خَيْرٌ مِنَ اليدِ السُّفْلى [4]-ދަށުގައި އޮންނަ އަތަށްވުރެ މަތީގައި އޮންނަ އަތުގެ ހެޔޮކަން ބޮޑުވެގެން ވެއެވެ.)) އިބްނު ޢުމަރު މާނަކޮށްދެއްވި ގޮތުގައި ދަށުގައި އޮންނަ އަތަކީ ސަލާންޖަހާ އަތެވެ. މަތީގައި އޮންނަ އަތަކީ ސަލާންޖަހާ މީހާއަށް އެއްޗެހި ދިއްކޮށްލައި އަތެވެ.
  4. ރަމަޟާން މަހުގައި ހިފަން އެންގެވި ރޯދަ ހިފުމުގައި ތައުފީޤު ދެއްވިކަމަށް ޓަކައި މާތްﷲއަށް ޝުކްރު ދެންނެވުން: މާތްﷲ ވަޙީ ކުރެއްވިއެވެ. ((يُرِيدُ ٱللَّـهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّـهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ[5]– اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.))
  5. މީސްތަކުންގެ، ޚާޢްޞަކޮ ށްމިސްކީނުންނާއި ފަޤީރުންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދިނުމާއި ޢީދުގެ އުފަލުގައިއެމީހުން ބައިވެރިކުރުން: ޢީދަކީ އުފާފާޅުކުރުމުގެ ދުވަހަކަށް ވާތީ ފަޤީރުން އެ ދުވަހު ބޭރަށް ނުކެމެ ސަލާންޖަހަން އުޅުމަކީ މިއުފާވެރިކަމާ އަރާރުންވާނެ ކަމެކެވެ. ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވައިފައި ވަނީ އެދުވަހު ފަޤީރުން ފުދުންތެރި ބަޔަކަށް ހަދައިދިނުމަށެވެ. އެމީހުން ސަލާންޖަހަން ގޭގެއަށް ނުދާވަރު ކޮށްދިނުމަށެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((أغنوهُمْعن الطَّوافِ في هذا اليومِ [6]– ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާންޖަހަން ނުކުމެއުޅުމުން ފުދުންތެރިކުރާށެވެ!))
  6. ރަމަޟާން މަހު ހިފި ރޯދައިގައި ހުރި އުނިކަންކަން ފޫބެއްދުން: ވަކީޢު ބުނުލް ޖައްރާޙު ވިދާޅުވިއެވެ. ރޯދަވެރިޔާ ފިޠުރުޒަކާތް ދިނުމަކީ ނަމާދު ކުރާމީހާ ކުށުސަޖިދަ ކުރުން ފަދަ ކަމެކެވެ. ނަމާދުގައި ހެދޭ ކުށް ރަނގަޅު ކުރުމަށް ޓަކައި ކުރަން އަންގަވައިފައިވާ ކަމަކީ ކުށުސަޖިދަ ޖެހުމެވެ. ރޯދަހިފާއިރު ކުރެވޭ ކުށްތައް ރަނގަޅުކޮށް އިޞްލާޙު ކުރުމަށް ލިބިގެންވަނީ ފިޠުރު ޒަކާތެވެ.

ފިޠުރުޒަކާތް ވާޖިބުވުމުގެ ޝަރްޠުތައް

  • މުސްލިމަކު ކަމުގައިވުން: ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ކަމުގައި ކިރުބޯ ކުއްޖެއް، ކުޑަކުއްޖެއް، ބާލިޣުވެފައިވާ މީހެއް، ބާލިޣުނުވާ މީހެއް، ބޮޑުމީހެއް، އަންހެނެއް، ފިރިހެނެއް، ރޯދަ ހިފި މީހެއް، ނުހިފާ މީހެއް ތަފާތެއް ނުވެއެވެ.
  • ރަމަޟާންމަހުން ބަޔަކާއި ޝައްވާލުމަހުން ބަޔެއް ލިބުން: ރަމަޟާންމަހުގެ އެންމެ ފަހު ދުވަހު އިރުނޯއްސެނީސް މަރުވި މީހާއަށާއި، ޢީދުވިލޭރޭ އުފަންވި ކުއްޖާއަށް ފިޠުރުޒަކާތް ދޭކަށް ނުޖެހޭނެއެވެ.
  • ތިމާއާއި ތިމާ ޚަރަދުދީ ބެލެހެއްޓުން ވާޖިބުވެފައިވާ މީހުން ޢީދު ދުވަހާއި ޢީދު ވިލޭރޭ ކައިބޮއެ ހަދާނެ އެއްޗެއްސަށްވުރެ އިތުރު އެއްޗެއް ހުރުން.

ކުޑަކުއްޖާއާއި މޮޔަމީހާގެ މުދަލުންވެސް ފިޠުރު ޒަކާތް ނެރުން ވާޖިބުވާނެއެވެ. އެކަމަކު މިކަން ކުރަންޖެހޭނީ އެމީހުންގެ ބެލެނި ވެރީންނެވެ.

ޖުމްހޫރުން ވިދާޅުވާގޮތުގައި [7] ފިޠުރު ޒަކާތް ވާޖިބުވެފައިވާ މީހަކު އެ އަދާކުރުމުގެ ކުރިން މަރުވެއްޖެނަމަ އޭނާގެ ތަރިކައިން އެ އަދާކުރަން ޖެހޭނެއެވެ. އޭނާ މަރުވުމަކުން އެޒިންމާ ކެނޑިގެނެއް ނުދާނެއެވެ.

ޒަކާތް ވާޖިބުވާ ވަގުތު

ޖުމްހޫރުން ވިދާޅުވާ ގޮތުގައި، ޢީދު ވިލޭރެއަށް އިރުއޮއްސުމުން ފިޠުރުޒަކާތް ވާޖިބުވާނެއެވެ. ޢީދު ވިލޭރެއަށް އިރުއޮއްސުމުން ރޯދަހިފުމެއް ނޯންނާނެއެވެ. ޢީދު ވިލޭރެއަށް އިރުއޮއްސުނު ފަހުން އުފަންވާ ކުއްޖާގެ ފަރާތުން ފިޠުރުޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެހެނަސް އެރޭ މަރުވިމީހާގެ ފަރާތުން ޒަކާތް ދައްކަން ޖެހޭނެއެވެ.

ޝާފިޢީން ވިދާޅުވާގޮތުގައި ރަމަޟާންމަހަށް ހަނދުބެލުމުން ފިޠުރުޒަކާތް ނެރެވިދާނެއެވެ. ޝާފިޢީން ވިދާޅުވާގޮތުގައި، ޢީދު ނަމާދަށްވުރެ ފިޠުރުޒަކާތް ދިނުން ލަސްނުކުރުން ސުންނަތްވެގެން ވެއެވެ. އެއަށްވުރެ ލަސްވެއްޖެނަމަ، ޢީދު ދުވަހުގެ ކުރީކޮޅުގައި ނެރުން އިތުރު ވެގެންވެއެވެ. ޢުޛުރަކާ ނުލައި، ޢީދު ދުވަހަށްވުރެ ލަސްކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. އޭރުން އޭނާ އެކަން ޤަޟާކުރަން ޖެހޭނެއެވެ. ފިޠުރުޒަކާތް ނެރުން ލަސްކުރުމުގެ މަސްއަލައިގައި ޙަންބަލީންވެސް ވިދާޅުވަނީ ހަމަ މިގޮތަށެވެ. އެންމެ އިތުރުވެގެންވަނީ ޢީދުނަމާދު ކުރުމުގެ ކުރިން ޒަކާތް ދިނުމެވެ.

ފިޠުރު ޒަކާތް ނެރެންޖެހޭ މީހުން

ތިމާގެ އަމިއްލަ ނަފްސުގެ މަތިން ފިޠުރުޒަކާތް ނެރުން ވާޖިބުވާ ފަދައިން، ތިމާ ޚަރަދުދީ ބެލެހެއްޓުން ވާޖިބުވެފައިވާ މީހުންގެ މަތިން ފިޠުރުޒަކާތް ނެރުމަކީ ތިމާގެ މައްޗަށް ވާޖިބުކަމެކެވެ.

އެމީހުންނަކީ، އަނބީންނާއި ދަރީންނާއި މައިން ބަފައިންނާއި، އަދި މިނޫންވެސް މިފަދަ މީހުންނެވެ. މި އެންމެންގެ މަތީން ފިޠުރުޒަކާތް ދެވެންނެތްނަމަ، ދިނުމަށް ކުޅަދާނަވެގެންވީ ބަޔަކުގެ މަތީން ފިޠުރު ޒަކާތް ދިނުން ވާޖިބު ވާނެއެވެ. ފިޠުރު ޒަކާތް ދިނުމުގައި އެންމެ އިސްކުރާނީ އަމިއްލަ ނަފްސެވެ. ދެން އަނބީންނެވެ. ދެން ޅަދަރީންނެވެ. ދެން ބައްޕައެވެ. ދެން މަންމައެވެ. ދެން ބޮޑެތި ދަރީންނެވެ. ދެން މިނޫން މީހުންނެވެ.

ފިޠުރުޒަކާތަށް ނެރުން ވާޖިބުވާ ތަކެތި

ފިޠުރުޒަކާތަށް ނެރުން ވާޖިބުވެގެންވަނީ އޮއްޓަރު ހުރި ގޮވާމުގެ ތެރެއިން އެ މީހަކު އެ އަހަރު އާދަވެގެން ކާން ގެންގުޅުނު އެއްޗަކުންނެވެ. އެއީ، ހަނޑޫ، ގޮދަން، ބިންބި، ކުދިބަތް ފަދަ ތަކެއްޗެވެ. ޒަކާތަށް ނެރެވޭ ތަކެއްޗަކީ ޢައިބުތަކުން ސަލާމަތް ވެގެންވާ ތަކެތި ކަމުގައިވުން ލާޒިމެވެ. މިތަކެތި އަގުކޮށް އޭގެ އަގަށްވާ ފައިސާވެސް ޒަކާތަށް ނެރެވިދާނެއެވެ.[8]

ޙަނަފީން ވިދާޅުވާގޮތުގައި ފިޠުރު ޒަކާތަށް ނެރެވޭނީ ގޮދަނާއި ހިމަގޮދަނާއި ކަދުރާއި ހިކިމޭބިސްކަދުރެވެ. ޒަކާތަށް ދޭންޖެހޭނީ ބައި ޞާޢެވެ. ޙަނަފީން ވިދާޅުވާގޮތުގައި އޭގެ އަގު ނެރުންވެސް ހުއްދަވާނެއެވެ.

މާލިކީން ވިދާޅުވާ ގޮތުގައި ފިޠުރުޒަކާތަށް ނެރެންޖެހޭނީ، އެ ރަށެއްގެ ބަޔަކު ޢާއްމުގޮތެއްގައި އެ އަހަރު ކައިއުޅުނު އެއްޗެކެވެ. ފިޠުރުޒަކާތުގެ މިންވަރަކީ ޞާޢެކެވެ. އެއީ ހަތަރު މުއްދެވެ.

ޝާފިޢީން ވިދާޅުވާގޮތުގައި ޒަކާތަށް ނެރެންޖެހޭނީ އެރަށެއްގެ ބަޔަކު އެއަހަރު ތެރޭގައި ކައިއުޅުނު އެއްޗެހީގެ ތެރެއިން އެންމެ ރަނގަޅު އެއްޗެކެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢެކެވެ.

ޙަންބަލީން ވިދާޅުވާގޮތުގައި ޒަކަތް ދޭންޖެހޭނީ ގޮދަނުން ނުވަތަ ހިމަގޮދަނުން ނުވަތަ ކަދުރުން ނުވަތަ ހިކި މޭބިސްކަދުރުން ނުވަތަ ހިކި ޗީޒުންނެވެ. މި ބާވަތްތައް ނެތްނަމަ އެރަށުގެ ބަޔަކު ކައިއުޅޭ އެއްޗެކެވެ.

ފިޠުރު ޒަކާތް އަގުކޮށް ފައިސާ ދެއްކުން

ފިޠުރުޒަކާތް ފައިސާއިން ދެއްކުމުގެ ޙުކްމަކީ ކޮބައިހެއްޔެވެ؟ ޒަކާތަށް ނެރެން ޖެހޭނީ ފުށާއި ހަނޑުލާއި ގޮދަން ފަދަ އޮއްޓަރުހުރި ކާއެއްޗެހި ހެއްޔެވެ؟ ޑރ. ޔޫސުފުލް ޤަރްޟާވީ ވިދާޅުވިއެވެ. ((ކީރިތި ރަސޫލާ ﷺ ފިޠުރިޒަކާތް ފަރްޟުކުރެއްވިއިރު ކާތަކެތި ނެރެން އަމުރުކުރެއްވީ މީސްތަކުންނަށް ލުއިފަސޭހަކޮށް ދެއްވުމަށް ޓަކައެވެ. އެ ދުވަސްވަރު ގެންގުޅެނީ ރަނުގެ ނުވަތަ ރިހީގެ ފައިސާއެވެ. އެއީ މީސްތަކުންގެ ގާތުގައި ވަރަށް ލޮބުވެތި އެއްޗެކެވެ. ގިނަ ބަޔެއްގެ އަތުގައި ނަޤްދު ފައިސާ ނުވެސް ހުރެއެވެ. އެ ދުވަސްވަރު ފަޤީރުންނާއި މިސްކީނުން ނަޤްދު ފައިސާ ހޯދާކަށް ބޭނުމެއް ވެސް ނުވެއެވެ. އެމީހުން ބޭނުން ވަނީ ކާއެތިކޮޅެކެވެ. ކީރިތި ރަސޫލާ ﷺ ޖަމަލާއި ބަކަރި ގެންގުޅޭ މީހުންނަށް ޗީޒު ނެރުން ހުއްދަކުރެއްވީ އެމީހުންނަށް އެކަން ކުރަން ފަސޭހަވާނެތީއެވެ.))

މި ޒަމާނުގެ ފަތުވާ ވިދާރާތަކާއި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އޭގެ އަގު ނެރުން ހުއްދަވާނެއެވެ. ޝާފިޢީންގެ ރައުޔުތަކުގެ ތެރޭގައި ވެސް މި ރައުޔު ހިމެނެއެވެ. މިއީ އަލްޙަސަނުލް ބަޞްރީއާއި ޢުމަރު ބިން ޢަބްދުލްޢަޒީޒާއި އައްޘައުރީއާއި ބައެއް ޞަޙާބީންގެ ރައުޔެވެ.

ފިޠުރުޒަކާތަށް ނެރުން ވާޖިބުވެގެންވަނީ، ކޮންމެ ފަރުދެއްގެ މަތީން ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.4 ކިލޯގްރާމެވެ. [9] އޭގެ އަގު ނެރުނަސް ފުދޭނެއެވެ.[10]

 

[1]–   رواه الجماعة إلا ابن ماجه

[2]–   رواه البيهقى والدارقطنى

[3]  – سنن أبي داود ١٦٠٩و  سنن الدارقطني ٢/٣٢٧

[4]  – أخرجه البخاري (١٤٢٩)، ومسلم (١٠٣٣) ، والبيهقي (٨١٣٣)

[5]  – البقرة : 185

[6]  – رواه الجماعة إلا ابن ماجه

[7]–   المهذب : 1/ 175 ، المغنى : 3 / 80

[8]–   ޙަނަފީ މަޛްހަބު

[9]–   ބައެއް ޤައުއުމުތަކުގައި މިމިންވަރަކީ 2.25 ކީލޯ ކަމަށްވެސް ބަލައެވެ.

[10]– މިއީ ޙަނަފީ މަޛްހަބާއި މިޒަމާނުގެ ޢިލްމުވެރިންގެ ރައުޔެވެ. ޖުމްހޫރުންގެ ބަހަކީ ފިޠުރު ޒަކާތަށް ދޭންޖެހޭނީ އަންގަވާފައިވާ ފަދައިން ކާއެއްޗެއްސެވެ. މި ބަޙުސް މަތީގައި ވާނީ ކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *