Support Us

ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވޭ

ރަމަޟާން މަސް އައުމުން މުސްލިމުން އުފާކުރެތެވެ. މުސްލިމުންގެ އެއްބަޔަކު އަނެއް ބަޔަކަށް ތަހްނިޔާ ކިޔައި، މި މަސް ބަރަކާތްތެރި މަހެއް ކަމުގައި ލެއްވުން އެދި ދުޢާކުރެތެވެ. މި މަހުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ ރޯދަވެރިޔާއަށް ދެ އުފަލެއް ލައްވައިފައިވެއެވެ. މި ދެ އުފަލުގެ ސަބަބުން އޭނާގެ ޙަޔާތް ބާއްޖަވެރިވެއެވެ. މި އުފަލުގެ ސަބަބުން ﷲއަށް އަޅުކަން ކުރުމަށް މަގުފަހިވެގެންދާތީއެވެ. މި އުފަލުގެ ސަބަބުން އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވުމުގެ ޝަރަފު ލިބޭތީއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فِي جَنَّاتٍ وَنَهَرٍ فِي مَقْعَدِ صِدْقٍ عِنْدَ مَلِيكٍ مُقْتَدِرٍ[1]– ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ حضرة ގައެވެ.))

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لِلصّائِمِ فَرْحَتانِ يَفْرَحُهُما: إذا أفْطَرَ فَرِحَ، وإذا لَقِيَ رَبَّهُ فَرِحَ بصَوْمِهِ[2]ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވެއެވެ. ރޯދަވީއްލައިފިނަމަ އެކަމަށް އޭނާ އުފާވެއެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވެއްޖެނަމަ އޭނާ ހިފި ރޯދައިގެ ސަބަބުން އުފާވެއެވެ.))

އޭނާ އުފާނުވާންވީ ކީއްވެ ހެއްޔެވެ؟ މާތް ﷲ މި ވަނީ އޭނާ ރަމަޟާންމަހާ ހަމައަށް ފޯރުކޮށްދެއްވައިފައެވެ. މާތްﷲ މި ވަނީ އޭނާއަށް ރޯދަ ހިފުމުގެ ޤާބިލުކަން ދެއްވައިފައެވެ. މާތް ﷲ މިވަނީ އޭނާއަށް މި ކަމުގައި ތައުފީޤު ދެއްވައިފައެވެ. ﷲ މިވަނީ އެކަލާނގެ ރަޙްމަތް އޭނާގެ މައްޗަށް ފުރިހަމަކޮށް ދެއްވައިފައެވެ. ރަމަޟާން މަހުގެ ފުރތަމަ ދިހައިގައި ﷲ މި ވަނީ އޭނާއަށް ރަޙްމަތް ލައްވައިފައެވެ. އެއަށްފަހު މި ވަނީ އޭނާގެ ފާފަތައް ފުއްސަވައިދެއްވައިފައެވެ. ތިންވަނަ ދިހައިގައި މި ވަނީ އޭނާ ނަރަކައިން މުއްތިކޮށް ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ.

އޭނާ އުފާ ނުވާންވީ ކީއްވެގެން ހެއްޔެވެ؟ މާތް ﷲ މި ވަނީ އޭނާއަށް އެކަލާނގެއަށް ޛިކްރުކުރާނެ ދުލެއް ދެއްވައިފައެވެ. އެކަލާނގެއަށް ޙަމްދާއި ޝުކްރު ދެންނެވުމަށް ޓަކައި ތަކްބީރު ކިޔުމަށް އެންގެވި އެންގެވުމަށް އޭނާ މި ވަނީ އިޖާބަދީފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلِتُكَبِّرُوا ٱللَّـهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ[3]– އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكرވެރި ވުމަށްޓަކައެވެ.))

އޭނާ ރޯދަވީއްލާ ވަގުތު އޭނާ އުފާނުވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ވަނީ މާތް ﷲ އެންގެވި ފަދައިން ކެއުމާއި ބުއިމާއި ޝަހަވާތްތަކުން ދުރުހެލިވެ ރޯދަހިފައިފައެވެ. އޭނާ ދުނިޔެވީ ލައްޒަތުތަކާއި އަރާމުން ދުރުހެލިވީ މި އުފާ ލިބޭތޯއެވެ. ﷲގެ ނިޢުމަތްތައް ހަނދުމަކޮށް ﷲގެ ޙަޟްރަތަށް އޭނާ ދެ އަތް އުފުއްލައިލަނީ ކޮންފަދަ ދުޢާއަކުންތޯއެވެ؟ ކީރިތި ރަސޫލާ ﷺ ދަސްކޮށް ދެއްވި ފަދައިން އޭނާގެ ދުޢާއަކީ ((ذَهبَ الظَّمأُ، وابتلَّتِ العروقُ، وثبتَ الأجرُ إن شاءَ اللَّهُ [4]– ކަރުހިއްކުން ހިނގައްޖެއެވެ. ނާރުތައް ތެމިފޯވެއްޖެއެވެ. ﷲ އިރާދަކުރެއްވިއްޔާ ސަވާބު ލިޔުއްވައިފިއެވެ.))

ރޯދަވެރިޔާ ރޯދަ ވީއްލާއިރު އުފާވަނީ ﷲ އެންގެވި ގޮތަށް އޭނާއަށް ރޯދައެއް ހިފުނީމައެވެ. މާތްﷲ ރޯދަވެރިޔާއަށް ދެއްވާނެ ކަމަށް ވަޢުދުކުރެއްވި ސަވާބާއި ދަރުމަ އޭނާއަށް ލިބޭނެތީއެވެ. ރޯދައިގެ އެންމެ ފޮނި މޭވާ ތަޤްވާވެރިކަން އޭނާ ހިތުގައި އިންދުނީތީއެވެ. އެ ގަސް ބޮޑުވެ އޭގެ ހިޔާވަހިކަމުގެ ދަށުގައި އުޅެވޭނެ ކަމަށް އުއްމީދު ކުރެވޭތީއެވެ. އެއްވެސް ފަރާތެއްގެ ފާރަލުމެއް ނެތި ކެއުމާއި ބުއިމާއި ޝަހަވާތްތަކާ ދުރުހެލިވެގެން މާތްﷲ އެންގެވި ގޮތަށް ފަޖްރަށްލީއްސުރެ އިރުއޮއްސެންދެން އޭނާ ހުރީ މި ތަޤްވާވެރިކަމުގެ ފާރަވެރިކަމުގެ ސަބަބުންނެވެ. އޭނާއަށް ހުރިހާ ކަމެއް ދެނެވޮޑިގަންނަވާ،  ހުރިހާ އެއްޗެއް ދެކެދެނިވޮޑިގަންނަވާ، ހުރިހާ އެއްޗެއް އައްސަވާވޮޑިގެންވާ އިލާހަކު ލިބިގެންވާކަން އެނގޭތީއެވެ. ﷲއަށް އޭނާގެ އަޅުވެރިކަން ބޭނުންވެ ވޮޑިގެން ނުވެއެވެ. އެކަލާނގެއަށް އޭނާ ހިފާ ރޯދަތަކެއް ބޭނުންވެ ވޮޑިގެން ނުވެއެވެ. އެހެނަސް އޭނާ ރޯދަ ހިފީ މާތްﷲ އޭނާގެ މައްޗަށް ރޯދަ ހިފުން ފަރްޟު ކުރައްވައިފައިވާތީއެވެ. މާތް ﷲ ޖައްލަ ޝައުނުހޫ ވަޙީ ކުރެއްވިއެވެ. ((يَـٰأَيُّهَا ٱلَّذِينَ ءَامَنُوا كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ [5]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރެވިއްޖެއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ!))

ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((مَن لَمْ يَدَعْ قَوْلَ الزُّورِ والعَمَلَ به، فليسَ لِلَّهِ حاجَةٌ في أنْ يَدَعَ طَعامَهُ وشَرابَهُ [6] ދޮގު ހެދުމާއި، މަކަރާޢި ޙީލަތުގެ ޢަމަލުތަކާ ދުރުހެލިނުވެ ކާއެއްޗެއްސާއި ބޯއެއްޗެހި ދޫކޮށްލައިގެން ހުރުމަކީ ﷲ އަށް ބޭނުންވެ ވޮޑިގެންވާ ކަމެއްނޫނެވެ.))

ރޯދައިގެ ސަބަބުން ރޯދަވެރިޔާއަށް މި ތަޤްވާވެރިކަމުގެ މޭވާ ނުލިބޭނެނަމަ ރޯދަ ޝަރްޢު ކުރެއްވުމުގެ މަޤްޞަދު އޭނާއަށް ޙާޞިލެއް ނުވާނެއެވެ. ތަޤްވާވެރިކަމުގެ މަތީގައި އަޅުގަނޑުމެންގެ ނަފްސުތައް ތަރްބިޔަތު ކުރުމަށް ޓަކައި މި ރަމަޟާންމަހުގެ ބޭނުން ކުރަމާ ހިނގާށެވެ! މި މަހުގެ ދުވަސްތައް ނިންމައިލައިފައި ބޭރަށް ނުކުންނައިރު މި އަމާޒުފަތްގަނޑަށް ވާޞިލުވެވޭތޯ ޢަޒްމު ކަނޑައަޅަމާ ހިނގާށެވެ! ތަޤްވާއަކީ ދީނީ ޙަޔާތަށާއި ދުނިޔަވީ ޙަޔާތަށް ބޭނުންވާ ވަރަށް މުހިއްމު ބަހާއެކެވެ. އަޅުގަނޑުމެންގެ މުޢާމަލާތުތަކަށް ބޭނުންވާ ޢުންޞުރެކެވެ.

ޢަބްދުﷲ ބިން ދީނާރު ވިދާޅުވިއެވެ. ((އަހުރެން މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުގައި މައްކާގެ ރަށްބޭރަށް ދިޔައިމެވެ. އެ ހިސާބުން އަހަރެމެންނަށް ބަކަރި ހުއިހައްޕުވާ މީހަކާ ދިމާވިއެވެ. އެހިނދު އިބްނު ޢުމަރު ވިދާޅުވިއެވެ. ތިޔައީ ބަކަރި ގޮއްވެއްހެއްޔެވެ؟ އޭނާ އާދޭހޭ ދެންނެވުމުން އިބްނު ޢުމަރު ވިދާޅުވިއެވެ. މަށަށް ބަކަރިއެއް ވިއްކާށެވެ. އޭނާ ދެންނެވިއެވެ. އަޅުގަނޑަކީ އަޅަކީމުއެވެ. އެހިނދު އިބްނު ޢުމަރު ވިދާޅުވިއެވެ. ތިބާގެ ސާހިބުމީހާގެ ގާތުގައި އޭތި މިނިކާ ކުއްތާއެއް ޖަހައިގަތީއޭ ބުނާށެވެ! އޭނާ ދެންނެވިއެވެ. ﷲ ކޮބައިތޯއެވެ؟ އިބްނު ޢުމަރު ވިދާޅުވިއެވެ. ﷲ ކޮބައިހެއްޔެވެ؟ މިހެން ވިދާޅުވެ ކީރިތި ކުރެއްވިއެވެ. އަދި އެ މީހާ ބައްލަވައިގަތުމަށްފަހު މިނިވަން ކުރެއްވިއެވެ.

ރޯދަވެރިޔާއަށް ލިބޭނެ ދެވަނަ އުފަލަކީ ޤިޔާމަތް ދުވަހުން، އިނާމު ބައްސަވާ ދުވަހު އޭނާއަށް ލިބޭނެ އުފަލެވެ. ރޯދަވެރިންނަށް އައްރައްޔާން ދޮރުކޮޅުން  ސުވަރުގެ ވަނުމަށް ގޮވައިލުމުން ލިބޭނެ އުފަލެވެ. ހާސްކަމާއި ބިރުވެރިކަމުގެ ދުވަހުގައި ހާސްކަމާއި ބިރުވެރިކަން ނެތިގެންދާނެތީ ލިބޭނެ އުފަލެވެ. ރައްޔާން ދޮރުކޮޅުން ރޯދަވެރިން ވަދެ ނިމުމުން އެ ދޮރުކޮޅު ބަންދު ކުރައްވާނެތެވެ. އެހެން އެއްވެސް މީހަކު މި ދޮރުކޮޅުން ނުވަންނާނެތެވެ. ރޯދަވެރިން އެ ދޮރުކޮޅުން ސުވަރުގެ ވަނުމުން އެތަނުން ލިބޭނެ ނިޢުމަތުގެ ބޮޑުކަމާއި މަތިވެރިކަން ނިކަން ހިތަށް ތަޞައްވުރުކޮށް ބަލާށެވެ! ކޮން ކަހަލަ ނިޢުމަތެއްތޯއެވެ؟ އެއްވެސް މީހެއްގެ ލޮލަށް ދުވަހަކު ވެސް ފެނިފައިނުވާ ނިޢުމަތެކެވެ. އެއްވެސް މީހެއްގެ ކަންފަތަށް އިވިފައނުވާ ނިޢުމަތެކެވެ. މީހެއްގެ ހިތަށް ދުވަހަކުވެސް އަރައިފާނުވާ ނިޢުމަތެކެވެ. އެމީހުން މި ނިޢުމަތުގެ ތެރޭގައި ސުވަރުގޭގައި އުޅެމުންދަނިކޮށް ގޮވައިލެވޭނެއެވެ. ﷲގެ ޙަޟްރަތަށް އެކަލާނގެއާ ބައްދަލުކުރުމަށް ލިބޭ ދަޢުވަތެކެވެ. އަލްބުޚާރީއާއި މުސްލިމުގައި އައިސްފައިވެއެވެ. ((ސުވަރުގޭގެ އަހްލުވެރިން ސުވަރުގޭގައި އުޅެމުންދަނިކޮށް ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. އޭ ސުވަރުގޭގެ އަހްލުވެރީންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތަބާރަކަ ވަ ތަޢާލަ ތިޔަބައިމީހުންނަށް ޒިޔާރަތް ކުރައްވާނެތެވެ. އެކަލާނގެއަށް ޒިޔާރަތް ކުރަން ދިޔުމަށް ތައްޔާރުވާށެވެ! ދެން އެބައިމީހުން الوادي الأفيح (އަލްވާދިލްއަފްޔަޙު) ނަމަކަށް ކިޔާ ވާދީއަށް ގެންދެވޭނެއެވެ. އެހިނދު އެބައިމީހުންގެ ބޯމަތިން ގަދަވެގެންވާ އަލިކަމެއް ފާޅުވެ މުޅި ސުވަރުގެ އަލިވެ އުޖާލާވެ ބަބުޅައިގެންދާނެއެވެ. އެބައިމީހުން ބޯއުފުއްލައި މަތި ބަލާލުމުން ﷲ ޖައްލަ ޖަލާލުހޫ ތަޖައްލީވެވޮޑިގެންވާތަން ފެންނާނެއެވެ. އެކަލާނގެ ބަސްވަޙީ ކުރައްވާނެއެވެ. އޭ ސުވަރުގޭގެ އަހްލުވެރީންނޭވެ! سلام عليكم. އެހިނދު ސުވަރުގޭގެ އަހްލުވެރިން މި ސަލާމްފުޅަށް ރައްދުދީ ދަންނަވާނެތެވެ. ((اللهم أنت السلام، ومنك السلام تباركت يا ذا الجلال الإكرام)) މާތްﷲ އެމީހުންނާ ދިމާޔަށް ބައްލަވައި ވޮޑިގަންނަވާ ހިނިވަރުނަވެ ވޮޑިގަތުމަށްފަހު ވަޙީ ކުރައްވާނެއެވެ. ((ތިމަން ރަސްކަލާނގެ ނުދެކެ ތިމަންރަސްކަލާނގެއަށް ކިޔަމަންގަން އަޅުން ކޮބައިހެއްޔެވެ؟ އެބައިމީހުން ރޯދަހިފައި، ނަމާދަށް ރައްކައުތެރިވެ، ރޭ އަޅުކަންކޮށް ހެދޫއެވެ. މިއަދަކީ يوم المزيد އެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތްތަކަށް ތިޔަބައިމީހުން ރުހިޤަބޫލުވަންހެއްޔެވެ؟ ސުވަރުގޭގެ އަހްލުވެރިން އެއް އަޑަކުން ދަންނަވާނެއެވެ. އަޅުގަނޑުމެން ރުހި ބަލައިގެންފީމެވެ. އަޅަމެންނަށް ރުއްސަވާނދޭވެ! އެހިނދު މާތް ﷲ ވަޙީ ކުރައްވާނެއެވެ. އޭ ސުވަރުގޭގެ އަހްލުވެރީންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުން ދެކެ ރުހިވޮޑިނުގަންނަވާނަމަ ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތިމަންރަސްކަލާނގެ ސުވަރުގޭގައި ވަޒަންވެރިއެއް ނުކުރައްވާނަމެވެ. މިއީ يوم المزيد ގެ ދުވަހެވެ. ފަހެ ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތުން އަދިވެސް އެދޭށެވެ! އެބައިމީހުން އެއް ބަހަކުން ދަންނަވާނެއެވެ. އިބަރަސްކަލާނގެ ޒާތުފުޅު އަޅަމެންނަށް ދައްކަވާނދޭވެ! ފަހެ އެކަލާނގެ ވަޖްހުފުޅު ކަޝްފުކުރައްވައި އެކަލާނގެ އެމީހުންނަށް ތަޖައްލީވެ ވޮޑިގަންނަވާނެއެވެ. އެކަލާނގެ ބަސް ވަޙީ ކުރައްވާނެއެވެ. އޭ މިވެނި މީހާއޭވެ! މިވެނި ދުވަހަކު ތިބާ މިވެނިއެވެނި ކަންތައްތައް ކުރި ހަނދާން އެބަހުރިހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އިބަރަސްކަލާނގެ މި އަޅާއަށް ފާފަފުއްސަވާ ދެއްވީމުނޫންތޯއެވެ؟ އެކަލާނގެ ވަޙީ ކުރައްވާނެއެވެ. ތިބާއަށް މި ދަރަޖައަށް ވާޞިލުވެވުނީ ތިމަންރަސްކަލަނގެ ފާފަފުއްސަވާ ދެއްވީމާ ނޫންހެއްޔެވެ؟

ސުވަރުގޭގޭ އަހްލުވެރީންގެ މި މަޙްފަލުގެ ފޮނިކަމާއެވެ! އެތާނގައި ﷲ ތަޖައްލީވެ ވޮޑިގަންނަވާ މަންޒަރު ދުށުމުން އަޅަމެން މަޙްރޫމު ނުކުރައްވާނދޭވެ! އާމީން!

[1]  – القمر:55

[2]  – صحيح البخاري ١٩٠٤

[3]  –  البقرة : 185

[4]  – أخرجه أبو داود (٢٣٥٧)، والنسائي في «السنن الكبرى» (٣٣٢٩) و الدارقطني ٢/٤٠١

[5]  –  البقرة : 183

[6]  – أخرجه البخاري (١٩٠٣)، وأبو داود (٢٣٦٢) ، والترمذي (٧٠٧)، والنسائي في «السنن الكبرى» (٣٢٤٦)، وابن ماجه (١٦٨٩)، وأحمد (١٠٥٦٢)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *