Support Us

ކެޔޮނިރު ކޮލަމް

2024 ގައި "ދިވެހި"ރާއްޖެ!

ދުވަހަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. ރާއްޖޭގައި އެއް ލައްކަ ރުފިޔާގެ އިންވެސްޓެއްކޮށް، 10 އަހަރަށް އެޕާޓްމެންޓެއް ކުއްޔަށް ހިފުމުން ބިދޭސީންނަށް ރާއްޖޭގެ ރެސިޑެންޓް ވިސާ ނުވަތަ ރަށްވެހިކަން ލިބެން ފަށައިފިއެވެ. އަދި 2020 ވަނަ އަހަރާ ހަމައަށް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ އެއްލައްކަ ވަރަކަށް ބިދޭސީންނަށް ބޯހިޔާވަހިކަމާ އެކު ރަށްވެހިކަން ދިނުމަށް މަޖުލީހުން ނިންމުމާ ގުޅިގެން ރާއްޖޭގެ އާބާދީ ވަނީ ކުއްލިއަކަށް އަށް ލައްކައަށް އަރައިފަ އެވެ. އުފަން ދިވެހީންނަށް ވުރެ މިހާރު ރާއްޖޭގައި ގިނައީ ޕާމަނެންޓް ރެސިޑެންސީ ނުވަތަ ރަށްވެހިކަން ލިބިގެން ތިބި މީހުންނެވެ. އެފަދަ ރަށްވެހީންނަށްވެސް އާސަންދައިގެ ޚިދުމަތް ފަދަ އެތައް ޚިދުމަތެއް ސަރުކާރުން ހިލޭ ދޭންޖެހެއެވެ.

އެމް.ޑީ.ޕީގެ ފަރާތުން ރައީސް ކަމަށް 2023 ގައި ވާދަކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވީ މުހައްމަދު ނަޝީދެވެ. ނަޝީދު ރައީސް ކަމަށް ހޮވިވަޑައިގަތުމުން ރާއްޖޭގެ ރަށްވެހިކަން ލިބިފައި އެއިރު ތިބި ހަތަރު ލައްކަ ވަރަކަށް ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުމަށް ވަނީ ޤާނޫނު ބަދަލުކޮށްފައެވެ. މިދެންނެވި ހަތަރު ލައްކަ ވަރަކަށް "ބިދޭސީ/ދޭސީ" ރަށްވެހީންގެ ތެރޭގައި ގިނައީ ދިވެހި ރާއްޖޭގެ ރަށްވެހިކަން ހޯދައިގެން މިތާނގައި ވަޒަންވެރިވެގެން ތިބި އިންޑިއާ މީހުންނާއި ބަންގްލަދޭޝް މީހުންނެވެ. މި މީހުންނަށް ދިވެހި ރައްޔިތުކަން ދިނުމުން 2028 ގެ ރިއާސީ އިންތިހާބުގައި އެފަދަ މީހުންނަށް ރައީސް ކަމަށް ވާދަ ކުރެވޭނެއެވެ. އެއާ އެކު، 2028 ގައި "ދިވެހި" ރާއްޖޭގެ ރައީސްކަން ކުރާނީ އިންޑިއާ އަށް އުފަން، އިންޑިއާ ނަސްލުގެ "ދިވެއްސެއް" ކަމަށް ބެލެވެއެވެ.

މިއީ ރައީސް ނަޝީދާއި އިންޑިއާ އިން ދެކެމުން އައިި ހުވަފެނެއް ހަޤީގަތަކަށް ވުމެވެ. ދިވެހި ފުލުހުން އަދި ދިވެހި ސިފައިންގެ ތެެރޭގައި މިފަދަ ބިދޭސީ ނަސްލުގެ "ދިވެހީން" މިހާރު އެބަތިއްބެވެ. އަދި ކެބިނެޓްގަ އާއި ޤައުމުގެ މުހިއްމު ވިޔަފާރި ކުންފުނި ތަކާއި ބޮޑެތި އިދާރާ ތަކުގެ ވެރީންނަށް ވެސް ގިނައިން ތިބީ މިފަދަ ބިދޭސީ ނަސްލުގެ "ދިވެހީން"ނެވެ. އަދި ރާއްޖެއަށް އުފަން، ދިވެހި ނަސްލުގެ މީހުންނަށް ވުރެ ބިދޭސީ ނަސްލުގެ "ދިވެހީން" ރާއްޖޭގެ އާބާދީގައި މިހާރު ގިނައެވެ. ޕޮލިސް ކޮމިޝަނަރަކީ ބަންގްލަދޭޝް ނަސްލުގެ "ދިވެއްސެެކެވެ." ނަމަކީ އެމް.ޑީ މޮންޖުނޫ މިއާ އެވެ. އަދި ސިފައިންގެ ވެރިއަކީ އިންޑިއާ ނަސްލުގެ "ދިވެއްސެކެވެ." ނަމަކީ މޭޖަރ ޖެނެރަލް ކްރިޝްނާ ކުމާރު ސިންގެވެ. އުއްތަމަ ފަނޑިޔާރަކީ އިނގިރޭސިވިލާތަށް އުފަން "ދިވެހި ރައްޔިތެކެވެ." ނަމަކީ ޑރ. ޖޯން ބްރައުން އެވެ. އަދި ހޯމް މިނިސްޓަރަކީ ވެސް އިންޑިއާ ނަސްލުގެ "ދިވެއްސެކެވެ." ނަމަކީ އޮނަރަބަލް މަހެންދުރަ ކުމާރު ގުޕްތާ އެވެ.

ދެހާސް އަށާވީހުގެ ފަހުން ދިވެހި ރާއްޖެއަށް "ދިވެހި" ރާއްޖެއެކޭ ނުކިޔޭނެއެވެ. ޤައުމުގެ ރަސްމީ ދެބަސް އޮންނަން ޖެހޭ ގޮތަށް ޤާނޫނު އަސާސީ ބަދަލުކޮށް، ދެވަނަ ރަސްމީ ބަހަކީ ހިންދީ ބަސް ކަމުގައި ވެސް 2024 ގައި ވަނީ ކަނޑައަޅައިފައެވެ. ރާއްޖެއަށް އުފަން ދިވެހީންގެ ބާރެއް ރާއްޖޭގައި މިހާރު ނެތެވެ. މިކަމާ ހިތްހަމަނުޖެހިގެން "ދިވެހީންގެ" ބަޔަކު މުޒާހަރާއެއް ކޮށްފިނަމަ ފުލުހުން ކަރުނަ ގޭސް ޖަހައި، މުޒާހަރާ ކުރި މީހުން އިދިފުށަށް ބިޑި އަޅުވައި 15 ދުވަހުގެ މުއްދަތު ޖަހައި ޖަލަށް ލައެވެ. އެއަށް ފަހު، ޓެރަރިޒަމްގެ ދައުވާކޮށް ދިގު މުއްދަތަކަށް ޖަލަށް ލައެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ އާއްމު އިންތިޚާބުގައި މަޖުލީހުގެ މެޖޯރިޓީ ލިބުނީ އެއްކަލަ "ބިދޭސީ ރަށްވެހީން"ނަށެވެ. އެއާ އެކު ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތުތަކުގެ ތެރެއިން މުސްލިމަކަށް ވުމުގެ ޝަރުތު ވަނީ އުނިކޮށްފައެވެ. މިހާރު ދިވެހި ރައްޔިތުންގެ އާބާދީގެ 40 ޕަސަންޓު މުސްލިމުންނަށް ވާއިރު 38 ޕަސަންޓަކީ ހިންދީންނެވެ. އަދި 20 ޕަސަންޓަކީ ކްރިސްޓިއަނުންނެވެ. އަނެއް ދެ ޕަސަންޓަކީ ދީން ޤަބޫލް ނުކުރާ އޭތީސްޓުންނެވެ. އާބާދީ ދިރާސާކުރާ މީހުން ލަފާކުރާ ގޮތުގައި 2028 އަންނައިރުު ރާއްޖޭގެ އާބާދީގެ 50 ޕަސަންޓަކީ  ހިންދޫންނަށްވެ، މުސްލިމުންގެ ނިސްބަތް 28 ޕަސަންޓަށް ދަށްވާނެއެވެ.

އިސްލާމް ދީން ނޫން އެހެން ދީންތަކުގެ އަޅުކަން ކުރާ ތަންތަން ރާއްޖޭގައި ބިނާކުރުމުގެ ހުއްދަ ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެވިފައެވެ. އެއާ އެކު ރާއްޖޭގައި ހިންދޫ ބޮޑެތި ފައްޅިތަކާއި ކްރިސްޓިއަން ދީނުގެ ބޮޑެތި ފައްޅިތައް ވަނީ ބިނާކުރެވިފައެވެ. މީހުން އުޅޭ ރަށް ރަށުގައި ބަނގުރާ ވިއްކުން މަނާކޮށްފައި އޮތް އޮތުންވެސް ބާތިލްކޮށް، ބޭނުން ތަނެއްގައި ރާވިއްކުމުގެ ހުއްދަ ވެސް ވަނީ ދެވިފައެވެ. ރަޖިސްޓްރީ ކޮށްގެން ނާސިގެ އާއި ކެސިނޯ ހިންގުން ވަނީ ހުއްދަ ކުރެވިފައެވެ. ރާއްޖޭގައި ކަނޑުއަޑީގެ ފުރަތަމަ ކެސިނޯ 2028 ވަނަ އަހަރު، ހޮނޑާފުއްޓާ ދިމާލުން އެތެރެވަރީގެ ކަނޑުއަޑީގަ ހުޅުވާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިއަކު ވަނީ އިއުލާންކޮށްފައެވެ.

ދެހާސް އަށާވީސް އަންނައިރު އިންޑިއާގެ ފުރިހަމަ އަސްކަރީ ދެ މަރުކަޒު އައްޑޫ ސިޓީގެ ގަމުގައި އަދި އުތުރުން އިހަވަންދިއްޕޮޅުގައި ގާއިމްކޮށް ނިމޭނެއެވެ. އެއިރުން ރާއްޖޭގެ ރައީސަކަށް ހުންނާނީ އިންޑިއާ ނަސްލުގެ "ދިވެއްސެކެވެ." ރާއްޖޭގައި އިންޑިއާގެ އަސްކަރީ ދެ މަރުކަޒު ހުންނާނެއެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ދިފާއި ސިޔާސަތު، އަދި މާލީ ސިޔާސަތުވެސް ކޮންޓްރޯލް ކުރާނީ ސީދާ އިންޑިއާއިންނެވެ. ނަމުގައި މިނިވަން ޤައުމަކަސް ރާއްޖެއަކީ މިހާރު އިންޑިއާގެ ސްޓޭޓެއް ފަދައެވެ.

ދުނިޔޭގައި އުޅޭ އެންމެ ބޮޑެތި ކުށްވެރީން ކަމުގައިވާ ޑްރަގް ސްމަގްލަރުންނާއި ހަތިޔާރުގެ ވަގު ވިޔަފާރިކުރާ މީހުން ފަދަ ކުށްވެރީން ފިލަން އައިސް ރަށްވެހިވާ "ސޭފް ހޭވަން" ޤައުމަކަށް ރާއްޖެ ވެއްޖެއެވެ. މާއްދީ މުއްސަނދިކަން އިންތިހާ އަށް މަތިވެއްޖެއެވެ. ބޮލަކަށްޖެހޭ ޖީ.ޑީ.ޕީގެ މިންވަރު 50 ހާސް އެމެރިކާ ޑޮލަރަށް އަރައިފިއެވެ. ނަމަވެސް މީހުންގެ އަހްލާގް އޮޔާގޮސް ރޫހާނީ ގޮތުން ބޭންކްރަޕްޓްވެ، މާއްދީ ގޮތުން އުދުހޭ ބަޔަކަށް ރާއްޖޭގެ "ރައްޔިތުން" ވެއްޖެއެވެ.

ޑުބާއީ ފަދަ ތަންތަން ޖަހާލާފައި ގޮސް، ރާއްޖެ މިހާރު މަޝްހޫރުވެފައި ވަނީ ދެކުނު އޭޝިއާގެ "ބެންކޮކް"ގެ ގޮތުގައެވެ. ނުވަތަ އޭޝިއާގެެ "ލާސްވެގާސް"ގެ ގޮތުގައެވެ.

********************

ކުއްލިއަކަށް ފުން ނޭވާއެއް ލާފައި އަޅުގަނޑަށް ހޭލެވިއްޖެ އެވެ. އެއީ ބިރުވެރި ހުވަފެނެކެވެ. ނައިޓްމެއާ އެކެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މި ބިރުވެރި ހުވަފެން ހަޤީގަތަކަށްވާން ނޭދޭ ނަމަ ރާއްޖެ އަޅުވެތިވާ ފަދަ ސިޔާސަތު ގެންގުޅޭ ސިޔާސީ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ ހިޔަނިން ސަލާމަތްވެ، ދިވެހި ޤައުމަށްޓަކައި ދިވެހި ރައްޔިތުން ހަށިފޮޅާލާފައި ތެދުވާން އެބަޖެހެއެވެ. އެއްބައެއްގެ ގޮތުގައެވެ. ދީނާއި ޤައުމަށްޓަކައެވެ. މަތީގައިވާ ފަދަ ބިރުވެރި ހުވަފެނެއް ހަޤީގަތަކަށްވިޔަ ނުދިނުމަށްޓަކައެވެ.