Support Us

ހެޔޮ ފޯރުވުމާއި ގުޅުން ވާޞިލުކުރުމުގެ މަސް

ކީރިތި ރަސޫލާ ﷺ އަކީ ވަރަށް ދީލަތި ބޭކަލެކެވެ. ރަމަޟާން މަހުގައި އެކަލޭގެފާނުގެ ދީލަތިފުޅުކަން މާ ބޮޑެވެ. އެކަލޭގެފާނު މީސްތަކުންނަށް ހޭދަކުރައްވައިފައިވަނީ ފަޤީރުވެވަޑައިގެންފާނެ ކަމަށް ބިރުފުޅުނުގަނެއެވެ. އެކަލޭގެފާނު އެކަލޭގެފަނުގެ ޞަޙާބީންނަށް މީސްތަކުންނަށް ހެޔޮ ފޯރުވުމަށާއި ގާތްތިމާގެކަމުގެ ގުޅުން ވާޞިލުކުރުމަށް ނަސޭޙަތްތެރިވެވަޑައިގަތެވެ. ކީރިތި ރަސޫލާ ﷺގެ މާތް ޞަޙާބީއެއް ކަމުގައިވާ ޙަކީމު ބިން ޙިޒާމަކީ މުހުތާދުވެރިއަކު ފެނިވަޑައިނުގަންނަވައިފިނަމަ އެކަމާމެދު ހިތާމަކުރެއްވި ޞަޙާބީއެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ހެނދުނު ތެދުވާއިރު ގޭ ދޮރުމަތީގައި މުހުތާދުވެރިއަކު ނުހުންނަ ދުވަހަކީ މުޞީބާތުގެ ދުވަހެކެވެ.))

ސަލަފުންގެ ވާހަކަތަކުގައި އައިސްފައިވެއެވެ. އިބްނުލް މުބާރަކު، މަރްވު ވަންހައިގެ ބަޔަކު ގޮވައިގެން ޙައްޖަށް ވަޑައިގަތުމަށް ދަތުރުކުރައްވަމުން ވަޑައިގެން ދަތުރުފުޅުގެ މެދެއްހާ ހިސާބުގައި އަރާމުކޮށްލެއްވުމަށް މަޑުކޮށްލެއްވިއެވެ. ކުއްލިއަކަށް އެކަލޭގެފާނަށް ފެނިވަޑައިގަތީ އަންހެނަކު މަގުމަތީގައި މަރުވެފައި އޮތް ކުކުޅެއް ނަގައިގެން ދާތަނެވެ. އެހިނދު އެކަލޭގެފަނު ވިދާޅުވިއެވެ. "އޭ ﷲގެ އަޅާއޭވެ! މަރުވެފައި އޮތް، ގޮތް ނޭނގޭ އެއްޗެއް ތިޔަ ގެންދަނީ ކީއްކުރަން ހެއްޔެވެ؟" އެހިނދު މި އަންހެނާ ދެންނެވިއެވެ. "މި ރަށުގެ މީހުން ތިބީ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގައެވެ. އަޅުގަނޑުގެ ކުދި ދަރީންތަކެއް އެބަތިއްބެވެ. އެކުދިންނަށް ކާންދޭނެ އެއްޗެއް ނެތެވެ." އެހިނދު އިބްނުލްމުބާރަކަށާއި އެކަލޭގެފާނުގެ އަރިހުގައި ތިބި މީހުންނަށް މި ވާކައިން ވަރަށް ބޮޑަށް އަސަރުކުރިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. މިއަހަރު ތިޔަބައިމީހުންގެ މައްޗަށް ޙައްޖު ވާޖިބުވެގެން ނުވެއެވެ. މިހެން ވިދާޅުވެ އެކަލޭގެފާނާއި އެހެން މީހުންގެ އަތުގައި ހުރި ކާބޯތަކެއްޗާއި މުދާތައް އެރަށު މީހުންނަށް ބައްސަވައިލެއްވިއެވެ.

މި މީހުންގެ ހިތްތަކަށް އުފާވެރިކަން ވައްދަވައިދެއްވުމަށްފަހު އިބުނުލް މުބާރަކު ރަށަށް އެނބުރިވަޑައިގަތެވެ. މި ޢަމަލުގެ ސަބަބުން އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އަރިހުގައި ޙައްޖަށް ދާން އުޅުނު މީހުންނަށް ކިހާ ސަވާބެއް ލިބޭނެތޯއެވެ؟ މި ރަށުގެ ފަޤީރުންނާއި މުހުތާދުވެރީންނާއި ކުޑަކުދީންގެ ތެރެއިން ކިތައް މީހުންގެ ހެޔޮ ދުޢާ އެކަލޭގެފާނަށާއި އަރިހުގައި ދަތުރުކުރި މީހުންނަށް ލިބޭނެތޯއެވެ؟ މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާޢިޝަތުގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَنْ أدخلَ على أهلِ بيتٍ منَ المسلمينَ سرورًا لم يرضَ اللهُ له ثوابًا دونَ الجنَّةِ– މުސްލިމުންގެ ގެއެއްގެ އަހްލުވެރީންގެ ހިތަށް އުފާވެރިކަން ވައްދައިދިން މީހާއަށް ސުވަރުގެނޫން އެހެން ސަވާބެއް ދެއްވުމަށް ﷲ ރުހިވޮޑިނުގަންނަވަތެވެ.))

ރަމަޟާން މަހުގައި ތިބާގެ ގާތްތިމާގެ މީހުންގެ މަތިން ހަނދާންނައްތައި ނުލާށެވެ! އެމީހުންނަށް ހެޔޮކޮށް ހިތައި ރަޙިމުގެ ގުޅުން ވާޞިލުކުރާށެވެ! ޖައްބާރުވަންތަ ރަސްކަލާނގެ ވަނީ ރަޙިމުގެ ގުޅުން ކަނޑައި މީހުންނަށް ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ. ކިތަންމެ ވަރަށް ދެބަސްވުން އުފެދިފައި ވިޔަސް އެމީހުންނަށް ހެޔޮފޯރުވާށެވެ. ކިތަންމެ ދުރުގައި ތިއްބަސް އެމީހުންގެ ޙައްޤުތަކާއި ވާޖިބުތައް ހަނދާން ނައްތައިނުލާށެވެ!

ކީރިތި ރަސޫލާ ﷺ އާ އެއްކިރުވުމުގެ ސަބަބުން އުޚްތެއް ކަމުގައިވި ޝައިމާއުއާ ކީރިތި ރަސޫލާ ﷺއާ ބައްދަލުވެވަޑައިނުގަންނަވާތާ ސާޅީހަކަށް އަހަރު ފަހުން ކީރިތި ރަސޫލާ ﷺއަށް ލިބިވަޑައިގެންނެވި ނަޞްރުގެ ޚަބަރު ލިބިވަޑައިގަތުމުން އެކަމަނާ ރަސޫލާގެ ފައިންޕުޅު ދެކެވަޑައިގަތުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އެ ކަމަނާ އެނގިވަޑައެއް ނުގަންނަވައެވެ. އަދި އެކަމަނާއަށް ވެސް އެކަލޭގެފަނު އެނގިވަޑައެއް ނުގަންނަވައެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފެނިވަޑައިނުގެން ހޭދަވި ދިގު މުއްދަތުގެ ސަބަބުންނެވެ. އެކަލޭގެފާނު ކުންނާރު ގަހެއްގެ ދަށުގައި އިންނަވަނިކޮށް އެކަލޭގެފާނާ ސަލާންކޮށް ލެއްވުމަށް ޓަކައި އެކަމަނާ ވަޑައިގެންނެވިއެވެ. މީސްތަކުން ތިބީ ކީރިތި ރަސޫލާ ﷺ ވަށައިލައިގެން ކަނޑިނަގައިގެން އެކަލޭގެފާނު ޙިމާޔަތް ކުރާށެވެ. އެކަލޭގެފާނު އިންނެވީ ޙުނައިނު ހަނގުރާމައިގެ ޣަނީމާތައް ބައްސަވާށެވެ. އެކަމަނާ ރަސޫލާގެ އަރިހަށް ވަނުމުގެ ހުއްދައަށް އެދިވަޑައިގަތުމުން ކީރިތި ރަސޫލާ ﷺގެ ޞަޙާބީން ވިދާޅުވިއެވެ. ތިޔައީ ކާކުހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. ((މަށަކީ އެއްކިރުވުމުގެ ގޮތުން ރަސޫލާގެ އުޚްތެކެވެ. މަށަކީ އައްޝައިމާއު ބިންތުލް ޙާރިޘެވެ. އެކަލޭގެފާނަށާއި މަށަށް ޙަލީމަތުއް ސަޢުދިއްޔާ ކިރުފޮދު އެރުއްވިއެވެ. އެބޭކަލުން ރަސޫލާއަށް މި ޚަބަރު އެރުއްވުމުން ކީރިތި ރަސޫލާ ﷺގެ ހަނދުމަފުޅަށް ތިމާގެފުޅުކަމާއި ރަޙިމުގެ ގުޅުން އައެވެ. އެހިނދު އެކަމަނާ ގެންނަވައި އެކަމަނާއަށް ޓަކައި ތެދުވެވަޑައިގެން ދެބެން ސަލާންކުރާ ގޮތަށް އެކަމަނާއާ ސަލާން ކުރެއްވިއެވެ. އެއަށްފަހު ރަސޫލާގެ އަރިހުގައި ހިޔަލުގައި ބޭންދެވިއެވެ. ކީރިތި ރަސޫލާ ﷺ މި މުސްކުޅި އަންހެނާއަށް ކަންތައް ކުރެއްވި ގޮތް ނިކަން ދެކެބަލާށެވެ! މިއަދުގެ ޙާލަތާ އަޅައި ވަޒަންކޮށް ބަލާށެވެ! ކުރިއަރައިފައިވާ މުވާޞަލާތީ ވަސީލަތްތަކުގެ ސަބަބުން މި ގުޅުންތައް ދެމެހެއްޓުމަށް މި ވަނީ މާ ފަސޭހަވެފައެވެ. އެހެނަސް މި ގުޅުން މި ޒަމާނުގައި ދެމެހެއްޓޭލެއް މާ ކުޑަކަމަށް ފެނެއެވެ.

މީސްތަކުންނަށް އެހީފޯރުވާ މީހުންނަށް ކީރިތި ރަސޫލާ ދެއްވައިފައިވާ ހެޔޮ ޚަބަރުގެ މަތިން ހަނދާންކޮށްލަމާތޯއެވެ؟ އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللَّهُ عَنْهُ كُرْبَةً مِنْ كُرُبَاتِ يَوْمِ الْقِيَامَةِ وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ  ކޮންމެ މުސްލިމަކީ އަނެއް މުސްލިމުގެ އަޚެކެވެ. އޭނާ އޭނާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ އޭނާގެ ދުޝްމަނާއާ ޙަވާލެއް ނުކުރާނެއެވެ. އޭނާގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައި އުޅޭ މީހާގެ ބޭނުންތައް ފުއްދާދެއްވުމުގައި ﷲ ވޮޑިގެންވާނެއެވެ. މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދިން މީހާގެ ކިބައިން ﷲ ޤިޔާމަތް ދުވަހުން މުޞީބަތެއް ދުރުކޮށް ދެއްވާނެއެވެ. އަދި މުސްލިމަކު ވަންހަނާކޮށްދިން މީހާ ﷲ ޤިޔާމަތްދުވަހުން ވަންހަނާކޮށް ދެއްވާނެއެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *