Support Us

ކައުބަތުﷲ ގެފުޅު އަރިހުގައި މީހުން އިއްޔެ ތަވާފުކުރަނީ  -އަދިވެސް ފޮޓޯ: އެލިޒީ

ލައިލަތުލްޤަދްރި ވިލޭރޭ… ރޭތަކުގެ ސާހިބާ ކަމަނާ- 3

ރަމަޟާން މަހުގެ ފަހު ދިހަ ފެށުމުން މި އަގު ބޮޑު ޖަވާހިރު ހޯދުމުގެ ދަތުރު ފެށުނީއެވެ. ފުރަތަމަ ތިން ރޭގައި ލޮޑުވެ، ވަރުބަލިވެ، ކަންނެތްވި މީހާ ބާކީ އޮތް ހަތް ދުވަހުގައި ގަދައަޅައި މަސައްކަތް ކުރާށެވެ. އިބްނު ރަޖަބު ވިދާޅުވިއެވެ. ((ޢުމަރުގެފާނު، އިބްނު ޢައްބާސުގެފާނު މާ  އަރިސްކުރައްވައިގެން ގެންގުޅުއްވާތީ މުހާޖިރީންގެ ބައެއް ބޭކަލުން ފާޑުވިދާޅުވިއެވެ. މި ކަން އެކަލޭގެފާނަށް އެނގިވަޑައިގަތުމުން އެބޭކަލުން އެއްކުރެއްވިއެވެ. ޢުމަރުގެފާނު ލައިލަތުލް ޤަދްރިއާ ބެހޭ ގޮތުން އެބޭކަލުންނާ ސުވާލު ކުރެއްވިއެވެ. ބައެއް ބޭކަލުން އެއީ މެދު ދިހައިގައި ރެއެއް ކަމަށް، އަނެއްބައި ބޭކަލުން އެއީ ފަހު ދިހައިގެ ރެއެއް ކަމަށް ވިދާޅުވިއެވެ.

ބައެއް ބޭކަލުން އެއީ 21 ކަމަށް އަދި 23 ކަމަށް އަދި 27 ކަމަށް ވިދާޅުވިއެވެ. ދެން ޢުމަރުގެފާނު އިބްނު ޢައްބާސުގެފާނަށް ވާހަކަފުޅު ދައްކަވަން ވިދާޅުވިއެވެ. އެ ހިނދު އިބްނު ޢައްބާސުގެފާނު ދެންނެވިއެވެ. އެ ރޭ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. އަހަރެމެން އެންމެން ތިޔަކަން ޤަބޫލު ކުރަމެވެ. އެހެނަސް އަހުރެމެން މި ސުވާލު ކުރަނީ ކަލޭގެފާނަށް އެ ރެއާމެދު އެނގިވަޑައިގެންފައިވާ އެއްޗަކާ ބެހޭގޮތުންނެވެ. އެހިނދު އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ﷲއީ އޮނަހިރިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އޮނަހިރިކަމަށް ލޯބިވެވޮޑިގަންނަވައެވެ. އެކަލާނގެ 7 އުޑު ހެއްދެވިއެވެ. ހަތް ބިން ހެއްދެވިއެވެ. ހަފުތާގެ ދުވަސްތަކުގެ ޢަދަދު 7 އެވެ. ޖަމްރާއަށް އުކަން ޖެހެނީ 7 ހިލައެވެ. އިންސާނާ ހެއްދެވީ 7 ފިޔަވައްސެއްގައެވެ. އޭނާގެ ރިޒްޤު ލެއްވީ 7 ކަމެއްގައެވެ. ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ((އިންސާނާ ހެއްދެވީ 7 ފިޔަވައްސެއްގައި ކަމެއް، އަދި އޭނާގެ ރިޒްޤު ލެއްވީ 7 ކަމެއްގައި ކަމެއް)) އެނގިވަޑައިގެންފައެއް ނުވެއެވެ. [1]

ލައިލަތުލް ޤަދްރި ވިލޭރޭގެ ޢަލާމާތްތައް

 ލައިލަތުލްޤަދްރި ވިލޭރޭގެ ޞިފަތަކާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺގެ ބަސްފުޅުތައް ވަރަށް ގިނައެވެ. މި ބަސްފުޅުތައް ބުނާގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ހޫނު ރެއެއް ނޫނެވެ. އަދި ފިނި ބާރު ރެއެއް ވެސް ނޫނެވެ. އެއީ މެދު މިންވަރުގެ ރެއެކެވެ. އެއީ ވައިރޯޅި މަޑު އުޑުމަތި އަލި ރެއެކެވެ. އެ ދުވަހަށް އިރުއަރާއިރު އިރުގައި ދޯއްޖެއް ނުހުންނާނެއެވެ. [2]

ކައުބަތުﷲ ގެފުޅު އަރިހުގައި މީހުން އިއްޔެ ތަވާފުކުރަނީ  -އަދިވެސް ފޮޓޯ: އެލިޒީ

މި ރޭ ދިރުވާނީ ކިހިނެއް

ލައިލަތުލްޤަދްރި ވިލޭރެއަކީ މާތްﷲ ހާމަކުރައްވާފައިވާ ރެއެއް ނޫނެވެ. އެ ރޭ ވަނީ ރަމަޟާން މަހުގެ ތެރޭގައި ކަން ކަށަވަރެވެ. އެރޭ ވަނީ ފަހު ދިހައިގައިކަން ވަރަށްގިނަ ބަސްފުޅުތަކުން އެނގެއެވެ. ފަހު ދިހައިގެ ރޭތަކުގައި އަޅުކަން ކުރެއްވުމަށް ޓަކައި ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ހުރިހާ ވަގުތުތަކެއް ހުސްކޮށްލެއްވިއެވެ. އެކަލޭގެފާނުގެ ރިދާކޮޅު ވެއްޓިދާނެތީ ބާރަށް ބެންނެވިއެވެ. މާނައަކީ ގަދައަޅައި މަސައްކަތްކުރެއްވިއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިޙްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވިއެވެ.

މި ނަމޫނާއަށް ބަލައިގެން ލައިލަތުލްޤަދްރި ވިލޭރޭ ލިބޭތޯ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މަސައްކަތް ކުރުން ލާޒިމުވެގެންނެވެ. އެރޭތަކުގައި ކީރިތި ރަސޫލާ ޢާއިޝަތުގެފާނަށް އުގަންނާ ދެއްވި ދުޢާއިން ދުޢާކުރުން ގިނަކުރުން ހުއްޓެވެ. އެއީ ((اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي[3] އެވެ. މާނައީ: ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މާފު ދެއްވާ މާފުދެއްވުމަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ މި އަޅާގެ ކުށްތަކަށް މާފު ދެއްވާނދޭވެ!))

މި ރޭ ހުރިހާ ބާވަތެއްގެ އަޅުކަންތަކަކުން ދިރުވިދާނެއެވެ. ޤުރްއާން ކިޔެވުމާއި، ﷲ ހަނދުމަކޮށް ޛިކްރު ކުރުމާއި، ނަމާދު ކުރުމާއި، އިޢުތިކާފަށް އިނުމާއި، ޞަދަޤާތް ކުރުމާއި، ހެޔޮ ފޯރުވުމާއި، ގާތްތިމާގެ މީހުންނަށް ރަޙިމުގެ ގުޅުން ވާޞިލު ކުރުންފަދަ ކޮންމެ ޢަމަލަކުންނެވެ. މި ކަމުގައި އޮތް އެންމެ ކުޑަ މިންވަރަކީ ޢިޝާ ނަމާދު ޖަމާޢަތުގައި ކުރުމާއި ފަތިސްނަމާދު ޖަމާޢަތުގައި ކުރުމެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((من صلّى العشاءَ في جماعةٍ كان كقيامِ نصفِ ليلةٍ ومن صلى العشاءَ والفجرَ في جماعةٍ كان كقيامِ ليلةٍ [4]– ޢިޝާނަމާދު ޖަމާޢަތުގައި ކުރުން ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ޤިޔާމު ކުރުން ފަދަ އެވެ. ޢިޝާނަމާދާއި ފަތިސްނަމާދު ޖަމާޢާތުގައި ކުރުން މުޅި ރޭ ޤިޔާމުކުރުންފަދައެވެ.))

މިއަދު މުއުމިނުންގެ ހިތްތައް ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ﷲގެ ނަފްޙާތުތަކުގެ ވަސްމީރު ޢަބީރުން ފުރިފައެވެ. ވިސްނުން ތޫނު ވިޔަފާރިވެރިއަކީ މި މޫސުމުގެ ބޭނުން ރަނގަޅަށް ހިފާ މީހާއެވެ. ދުރު ވިސްނޭ ވުނޭރަކީ އެންމެ މޭވާ ގިނައިން އަޅާ ވިޔަފާރިއަކަށް ބަލައި އެކަމަށް ވުނަކުރާ މީހާއެވެ. މި ގޮތުން ބަލާއިރު އެންމެ މޮޅު ވިޔަފާރިއަކީ ﷲއަށް ކިޔަމަންގަތުމެވެ. އެއީ ގެއްލުމެއް ނެތް ވިޔަފާރިއެކެވެ. މާތްﷲ ވަޙީ ކުރައްވަނީ ((يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَى تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ، تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ[5]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذاب އަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟ (އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسولއާ އަށް إيمان ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفس ތަކުން اللَّهގެ މަގުގައި ތިޔަބައިމީހުން جهاد ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ.))

ރޯދަވެރިން ވިޔަފާރި ކުރަނީ ވަރަށް އަގު ބޮޑު މުދަލަކަށް ޓަކައެވެ. އެއީ ސުވަރުގެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ خَافَ أدْلَجَ، وَمَنْ أدْلَجَ بَلَغَ المَنْزِلَ، أَلاَ إنَّ سِلعَةَ اللهِ غَالِيَةٌ، أَلاَ إنَّ سِلْعَةَ اللهِ الجنَّةُ [6]– ރޭގަނޑު ދަތުރުކުރާ އިރު ފޭރުމުގެ ބިރު އޮތް މީހާ ހިއްމަތާއެކު ބާރަށް ދަތުރު ކުރާނެތެވެ. ހިއްމަތާ އެކު ބާރަށް ދަތުރުކުރާ މީހާއަށް ރައްކައުތެރިކަމާ އެކު މަންޒިލަށް ވާސިލުވެވޭނެތެވެ. ފަހެ ދަންނާށެވެ! ހަމަ ކަށަވަރުން ﷲގެ މުދަލަކީ އަގު ބޮޑު އެއްޗެކެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ ސުވަރުގެއެވެ.))

[1]  – އިބްނު ރަޖަބުގެ لطائف المعارف 364

[2]  – الهيثمي في مجمع الزوائد  3/ 178

[3]–  رواه ابن ماجه وأحمد والنسائى والحاكم والبيهقى

[4]  – أخرجه مسلم (٦٥٦)، والترمذي (٢٢١) ، وأبو داود (٥٥٥)، وأحمد (٤٩١)

[5] – الصف : 10-11

[6]  – رواه الحاكم والترمذى وصححه الألبانى

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *