Support Us

ލައިލަތުލްޤަދްރި ވިލޭރޭ… ރޭތަކުގެ ސާހިބާ ކަމަނާ- 2

ލައިލަތުލްޤަދްރި ވިލޭރޭގައި ކުރެވޭ އަޅުކަމުގެ ޘަވާބު މިހާ މަތިވެރި ކުރެއްވީ ކީއްވެގެން ބާވައެވެ؟ އާދެ! މިއީ އެކަމާ އަޅުގަނޑުމެން ޙައިރާންވެންޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެން ދުނިޔޭގައި ގެންގުޅޭ އަމިއްލަ މިންގަނޑުތަކަށް ބަލާއިރުގައިވެސް މިއީ އަޖައިބުވާން ޖެހޭކަމެއް ނޫނެވެ. މާތްﷲ ބައެއް ތަންތަނާއި ބައެއް ވަގުތުތައް މާތްކުރައްވާ މަތިވެރި ކުރައްވާފައިވެއެވެ.

  • މައްކާގެ ޙަރަމްފުޅުގައި ކުރެވޭ ކޮންމެ ނަމާދަކީ އެ ޙަރަމްފުޅުން ބޭރުގައި އެހެން ތަނެއްގައި ކުރެވޭ އެއްލައްކަ ނަމާދާ އެއްފަދަ ކަމެކެވެ.
  • މަދީނާގެ އަލްމަސްޖިދުލް ނަބަވީގައި ކުރެވޭ ކޮންމެ ނަމާދަކީ ދިހަހާސް ނަމާދުގެ ޘަވާބާ އެއްވަރު ކަމެކެވެ.
  • ޤުދްސުގެ އަލްމަސްޖިދުލް އަޤްޞާގައި ކުރެވޭ ކޮންމެ ނަމާދަކީ އެއް ހާސް ނަމާދުގެ ސަވާބާ އެއްވަރު ކަމެކެވެ.
  • ޖަމާޢަތުގެ ނަމާދަކީ އެކަހެރިކޮށް ކުރާ ނަމާދަށްވުރެ 27 ދަރަޖަ އިތުރުވެގެންވާ ނަމާދެކެވެ.

ލައިލަތުލް ޤަދްރިވިލޭރެއަކީ ރަމަޟާންމަހުގެ ކޮން ރެއެއް؟

މާތް ﷲ ވަނީ ލައިލަތުލްޤަދްރި ވިލޭރޭ ވަންހަނާ ކުރައްވައިފައެވެ. އެހެނަސް އެކަމަށް ޝަވްޤުވެރި ކުރެއްވުމަށްޓަކައި އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން އެކަލާނގެ ކަށަވަރު ކޮށްދެއްވިއެވެ. އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމަށް ކީރިތި ރަސޫލާ ﷺ އިޝާރާތް ކުރެއްވިއެވެ. މާތްﷲ މިފަދަ ވަގުތުތަކާއި ކަންތައްތައް ވަންހަނާ ކުރައްވަނީ އެކަމަށް އަޅުގަނޑުމެން ޝައުޤުވެރި ކުރެއްވުމަށް ޓަކައެވެ.

މިކަމާ ބެހޭގޮތުން ހުރި ރަސޫލާގެ ބަސްފުޅުތައް

  • ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنْ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ [1] – ރަމަޟާންމަހު ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ލައިލަތުލްޤަދްރި ލިބިގަތުމަށް ތިޔަބައިމީހުން މަސައްކަތް ކުރާށެވެ.)) އެހެންކަމުން އެއީ ރަމަޟާންމަހުގެ 21 ނުވަތަ 23 ނުވަތަ 25 ނުވަތަ 27 ނުވަތަ 29 ވިލޭރެއެވެ.
  • ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لتَمِسوها في العَشرِ الأواخِرِ[2]– ފަހު ދިހައިގައި އެ ރޭ ލިބޭތޯ ތިޔަބައިމީހުން މަސައްކަތް ކުރާށެވެ!))
  • ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((التَمِسُوها في السَّبْعِ الأواخِرِ[3]– ރަމަޟާންމަހުގެ އެންމެ ފަހު ހަތްރޭގައި  އެ ރޭ ލިބޭތޯ  ތިޔަބައިމީހުން މަސައްކަތްކުރާށެވެ!))
  • ކީރިތި ރަސޫލާ ﷺ ގެ ބައެއް ބަސްފުޅުތަކުގައި އެއީ 27 ވިލޭރޭ ކަމަށް އައިސްފައިވެއެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَن كانَ متحرِّيَها فليَتحرَّها ليلةَ سبعٍ وعشرينَ وقالَ تحرَّوها ليلةَ سَبعٍ وعشرينَ يعني ليلةَ القدرِ [4]– އެ ރޭ ހޯދަން އެދޭ މީހާ 27 ވިލޭރޭ އެ ރޭ ހޯދުމަށް މަސައްކަތް ކުރާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން 27 ވިލޭރޭގައި އެ ރޭ ލިބިގަނެވޭތޯ މަސައްކަތްކުރާށެވެ!))
  • މީގެ އިތުރަށް ބައެއް ބޭފުޅުން އެބޭފުޅުންގެ އަމިއްލަފުޅު އިޖްތިހާދުގެ މައްޗަށް ބައްލަވައި ލައިލަތުލްޤަދްރި ވިލޭރެއަކީ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށް ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ލައިލަތުލްޤަދްރި މި ދެ ކަލިމައިގައި އޮތީ 9 އަކުރެވެ. މި ދެ ކަލިމަ ކީރިތި ޤުރްއާނުގައި ވާރިދުވެފައިވަނީ 3 ފަހަރުއެވެ. އެހެންކަމުން އެއީ 3 ގުނަ 9 = 27 އެވެ. މީގެ އިތުރަށް، އަލް ޤަދްރު ސޫރަތުގައި ليلة القدر އައިސްފައި ވަނީ ތިން ހިސާބެއްގައެވެ. ފުރަތަ ފަހަރު އައިސް ވަނީ 5 ވަނަ އަށެވެ. ދެވަނަ ފަހަރު އައިސްވަނީ 10 ވަނައަށެވެ. ތިންވަނަ ފަހަރު އައިސްފައިވަނީ 12 ވަނައަށެވެ. ވީމާ އެއީ (5+10+12) 27 އެވެ. އެބޭފުޅުން އަދި ވެސް ވިދާޅުވާ ގޮތުގައި އަލްޤަދްރު ސޫރަތުގައި އޮތީ 30 ކަލިމައެވެ. މި 30 ކަލިމައިގެ ތެރޭގައި ހިމެނޭ ބަސްފުޅު [سَلاَمٌ هِىَ] ގައި އޮތް [هِىَ] އައިސްފައި އޮތީ 27 ވަނަ ކަލިމަ އަށެވެ. هِىَ (އެއީ) އިޝާރަތް ކުރަނީ ލައިލަތުލް ޤަދްރި ވިލޭރެއަށެވެ.

މާތް ﷲ މި ރޭ ވަންހަނާ ކުރެއްވީ އެކަމަށް އަޅުގަނޑުމެން ޝައުޤުވެރި ކުރައްވާށެވެ. ރަމަޟާން މަހުގެ ހުރިހާ ރޭތަކެއްގައި އަޅުކަންކޮށް އެ ރޭތައް އިޙްޔާއުކޮށް ދިރުވުމަށް ޓަކައެވެ. ﷲ ސުބްޙާނަހޫ ވަ ތަޢަލާ ވަނީ ފަރްޟު ފަސް ނަމާދުގައި ހިމެނޭ މެދުނަމާދު ވަންހަނާ ކުރައްވައިފައެވެ. އެކަލާނގެ ވަނީ ހުކުރު ދުވަހުގައި ލައްވައިފައިވާ ދުޢާ އިޖާބަ ކުރައްވާ ވަގުތު ވަންހަނާ ކުރައްވައިފައެވެ. އެކަލާނގެ ވަނީ މަރުވާނެ ވަގުތާއި ޤިޔާމަތްވާނެ ވަގުތު ވަންހަނާ ކުރައްވައިފައެވެ. އެ ކަލާނގެ ވަނީ އެކަލާނގެ މަތިވެރި އިސްމުފުޅު ވެސް ވަންހަނާ ކުރައްވައިފައެވެ.

(ނުނިމޭ)

 

 رواه البخارى وأحمد والبيهقى – [1]

[2]  – أخرجه النسائي في «السنن الكبرى» (٣٤٢٧)، وأحمد (٢١٤٩٩)، وابن خزيمة (٢١٧٠) واللفظ له

[3]  – أخرجه النسائي في «السنن الكبرى» (٣٤٢٧)، وأحمد (٢١٤٩٩)، وابن خزيمة (٢١٧٠) واللفظ له

[4]  – أخرجه أحمد (٤٨٠٨) واللفظ له، والطيالسي في «المسند» (٢٠٠٠)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *