Support Us

ލައިލަތުލްޤަދްރި ވިލޭރޭ… ރޭތަކުގެ ސާހިބާ ކަމަނާ- 1

އަޅުގަނޑުމެން ފާއިތު ކުރަމުން މިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެކެވެ. ބަރަކާތްތެރި ރޭތަކެކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. ރަމަޟާންމަހަކީ އެމަހުގެ ފުރަތަމަ ދިހައިގައި ﷲގެ ރަޙްމަތް، މެދު ދިހައިގައި ﷲގެ ފުއްސެވުން، އަދި ފަހު ދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލައްވައިފައިވާ މަހެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((وَهُوَ شَهْرٌ أوَّلُهُ رَحْمَةٌ، وَأَوْسَطُهُ مَغْفِرَةٌ، وَآخِرُهُ عِتْقٌ مِنَ النَارِ[1] – އެއީ އެމަހުގެ ކުރީކޮޅުގައި ރަޙްމަތް، މެދުތެރޭގައި ފުއްސެވުން، ފަހުކޮޅުގައި ނަރަކައިން މުއްތި ކުރެއްވުން އޮތް މަހެވެ.))

ރަމަޟާންމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތޭ އެންގެވި ބަސްފުޅުގެ މުރާދަކީ ރަމަޟާން މަސް އަންނައިރު އަންނަނީ އެތައް ގިނަގުނަ ހެވަކާއި ލާބަޔަކާ އެކުގައެވެ. އެއީ އަޅުކަމުގެ މޫސުމެކެވެ. ރޯދަވެރީންނަށް މާތްﷲ އެކަމުގެ ސަވާބާއި އުޖޫރަ ދެއްވަނީ އެހެން ފަރާތެއް މެދުވެރި ނުކުރައްވައެވެ. އެއީ މާތްﷲގެ ޒާތުފުޅަށް ޚާއްޞަ ކުރައްވައިވާ ކަމެކެވެ.

މަހުގެ މެދުތެރޭގައި އޮތީ ފާފަފުއްސަވާ ދެއްވުމޭ އެންގެވި ބަސްފުޅުގެ މުރާދަކީ ރޯދަވެރިންނަށް މާތްﷲގެ ފުއްސެވުމާއި ރުއްސެވުން ލިބެމުންދާނެ ވާހަކައެވެ. މާތްﷲ ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ރޯދަވެރިންގެ ފާފަ ފުއްސަވާ ދެއްވައެވެ. ފާފަފުއްސަވާ ދެއްވުމަކީ ރަޙްމަތެކެވެ. އެހެންކަމުން ރަމަޟާންމަހަކީ ރަޙްމަތުގެ މަހެވެ.

ރަމަޟާންމަހުގެ ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތިކުރެއްވުމެވެ. ރަޙްމަތާއި ފުއްސެވުމުން ޙާޞިލުކުރަން އެދޭ ލަނޑުދަނޑިއަކީ ނަރަކައިން ސަލާމަތްވުމެވެ. މިއަށްވުރެ ބޮޑު ރަޙްމަތެއް ނުވެއެވެ. މާތްﷲއަށް އީމާންވެ، އެކަލާނގެ ވަޖްހުފުޅު އަދައިގެން ރޯދަހިފާ މީހާއަށް ފާފަފުއްސެވުން ޖާމިނު ކޮށްދެއްވައެވެ. ރަޙްމަތް އިތުރުވުމުންނެވެ. ރަމަޟާން މަސް މިޙާލުގައި ނިމޭއިރު  އޭނާގެ ކުށްފާފަތައް ފުހެވި ސަވާބުގެ އަރަނި އޮންނާނީ އިތުރުވެފައެވެ.

ރަމަޟާން މަހުގެ ރޭތަކުގެ ތެރޭގައި މާތް ﷲ ވަރަށް މަތިވެރި ރެއެއް ލައްވައިފައިވެއެވެ. މި ރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރޭގައި ކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. މި ރޭ ހޯދުމަށް ޓަކައި ފަހު ދިހައިގައި މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވައިފައި ވެއެވެ. އެއީ ލައިލަތުލްޤަދްރި ނަމަކަށްކިޔާ ބަރަކާތްތެރި، ޝަރަފުވެރި ރެއެވެ.

ލައިލަތުލް ޤަދްރި ވިލޭރޭގެ ނަން

މި ރެއަށް ލައިލަތުލްޤަދްރި މި ނަން ދެއްވީ ﷲ ސުބްޙާނަހޫ ވަ ތަޢާލާއެވެ. މި ރީތި، ލޮބުވެތި ނަން މާތްﷲ މި ރެއަށް ދެއްވީ ކީއްވެގެން ހެއްޔެވެ؟ މިއީ ޢިލްމުވެރިން ބަޙުސު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބަޙުސެކެވެ. މި ބޭކަލުން ވިދާޅުވާ ގޮތުގައި މި ރެއަށް އެ ނަން ދެއްވީ ސަބަބުތަކަކަށް ޓަކައެވެ.

  • މާތްﷲ ކުރިއަށް އޮތް އަހަރަށް މިންވަރުކުރައްވަން އިރާދަކުރައްވައިފައިވާ ހުރިހާކަމެއް މިންވަރު ކުރައްވާ ކަނޑައަޅުއްވާ ރޭކަމުގައިވުން. ޤަދަރުގެ މާނައަކީ މިންވަރެވެ. މާތް ﷲ މި ރެއާ ބެހޭގޮތުން ވަޙީ ކުރެއްވިއެވެ. ((فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ [2]– އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.)) ކުރިއަށް އޮތް އަހަރަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ކަންތައްތައް މި ރޭ ލިޔުއްވާނެތެވެ.
  • މަތިވެރި ރެއަކަށްވުން. (القدر) ގެ މާނައަކީ މަތިވެރި، ޤަދަރުވެރިއެވެ. މާތް ﷲ މި ރެއަށް މި ނަމުން ނަންދެއްވުމުން ﷲގެ ޙަޟްރަތުގައި މި ރޭގެ މަތިވެރިކަމާއި މާތްކަން އެނގިގެންދެއެވެ.
  • (ليلة المغفرة) ރޭ ކަމުގައިވުން. މާތް ﷲ މީސްތަކުންގެ ފާފަތައް މި ރޭ ފުއްސަވާދެއްވައި، މީސްތަކުންގެ ދުޢާތައް އިޖާބަ ކުރައްވާނެތެވެ. ހަމަ އެފަދައިން ﷲ އަށް އިޚްލާސްތެރި ވަފާތެރި އަޅުންގެ ޢައިބުތައް މި ރޭ ވަންހަނާކޮށް ދެއްވާނެތެވެ.
  • ޤަދަރު އައިސްފައި ވަނީ ތަޟްޔީޤުންނެވެ. މާނައަކީ ނުތަނަވަސްކަމެވެ. މި ރޭ ﷲގެ އަމުރުފުޅަށް ބިމަށް ފައިބާ ވަޑައިގަންނަވާ މަލާއިކަތުން ގިނަކަމުން ބިން ނުތަނަވަސް ވެގެންދާނެތީއެވެ.
  • ޝަރަފުވެރި ރެއަކަށްވުން. މިރޭ ޝަރަފުވެރި ރެއަކަށްވީ މި ރޭގައި ކީރިތި ޤުރްއާން ބާވައިލައްވައިފައިވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ[3] – ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ލައިލަތުލްޤަދްރި ވިލޭރޭ ޤުރްއާން ބާވައި ލެއްވީމެވެ.)) ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާވައިލެއްވީ ރަމަޟާންމަހުގެ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. މާތް ﷲ ދުނިޔޭގެ އުޑުގައިވާ އެކަލާނގެ ގެފުޅު ބައިތުލް ޢިއްޒާއަށް މުޅި ޤުރްއާން ބާވައިލެއްވީ އެއްފަހަރާ މި ރޭގައެވެ.
  • އުޑުތަކާއި ބިމުގައި އިޙްތިފާލު ކުރެވޭ ރެއަކަށް ވުން.ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެވަޑައި ގަންނަވާނެއެވެ. އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތްﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައި ގަންނަވާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((ލައިލަތުލްޤަދްރި ވިލޭރޭ ޖިބްރީލުގެފާނު މަލާއިކަތުންގެ ޖަމާޢަތްތަކާއެކު ބިމަށް ފައިބާވަޑައިގަންނަވާނެއެވެ. އަރަހުށި މާތްﷲއަށް އަޅުކަންކުރަން ހުރި ކޮންމެ މީހަކަށާއި އަޅުކަން ކުރަން އިން ކޮންމެ މީހަކަށް އެބޭކަލުން ހެޔޮ ދުޢާ ކޮށްދެއްވާނެއެވެ.)) ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެ ވަޑައިގަންނަވާ ވަޑައިގެންނެވުމުން އެނގެނީ މި ރެއަކީ އުޑުތަކާއި ބިމުގައި ވެސް މަތިވެރި ރެއެއް ކަމެވެ. މި އިޙްތިފާލުތަކުގައި ބައިވެރިނުވާނީ މާތްﷲއަށް ޝަރީކުކުރާ މީހުންނާއި އުރެދޭ މީހުންނެވެ. އެމީހުންނަކީ އެރޭގެ ހެވާއި ޘަވާބުން މާތްﷲ މަޙްރޫމް ކުރައްވާފައިވާ ބައެކެވެ.
  • އަމާންކަމުގެ ރެއެއް ކަމުގައި ލެއްވުން. ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމުގެ ރެއެވެ. އެއީ ޞުލްޙަ މަސަލަސްކަމުގެ ރެއެވެ. އެ ރޭގައި ކޯފާ ލެއްވުމެއް ނެތެވެ. ޢަޛާބު ދެއްވުމެއް ނެތެވެ. އެއީ އަޅުކަމާއި އަމާންކަމުގެ ރެއެވެ. މި އަމާންކަން ފަތިސް ވެއްޖައުމަށް ދާންދެން މި ބިންމަތީގައި ދެމި އޮންނާނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ[4]– އެއީ ފަތިސް ވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.))
  • މި ރޭ އިޙްޔާކުރާ މީހާގެ ޤަދަރުވެރި ކުރެއްވުން. މި ރޭ އިޙްޔާކޮށް ދިރުވާ މީހަކީ ﷲގެ ޙަޟްރަތުގައި ޤަދަރުވެރި މީހެކެވެ. އެއީ ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންވާ މީހެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((منقامَ لَيلةَ القَدرِ إيمانًا واحتِسابًا، غُفِرَ لَهُ ما تقدَّمَ مِن ذنبِهِ[5] – މާތް ﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ލައިލަތުލް ޤަދްރި ވިލޭރޭ ދިރުވި މީހާގެ އިސްވެދިޔަހާ ފާފަތައް ފުހެވިގެންވެއެވެ.))

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާން ކޮށްދެއްވަމުން މާތްﷲ އެންގެވިއެވެ. ((لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ  [6]– ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.)) މި އިން އެނގެނީ އެރޭ ނުހިމެނޭ އެއްހާސް މައްސަރުގައި އަޅުކަންކުރުމާ އެރޭގައި އަޅުކަން ކުރުމާ އެއްވަރު ކަމެވެ. ޘަވާބާއި އަޖްރުގެ ގޮތުންނެވެ.އެހެންކަމުން ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރުމަކީ 30 ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ޘަވާބު މަތިވެރި ކަމެކެވެ. 30 ހާސް ދުވަހަކީ 83 އަހަރާއި 4 މަހެވެ. މީގެ މާނައަކީ ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރެވިއްޖެނަމަ މުޅި ޢުމުރުގައި އަޅުކަންކުރުމާ އެއްފަދައެވެ.

މުޖާހިދު ވިދާޅުވާ ގޮތުގައި ބަނީ އިސްރާއީލު ބާގައިގެ މީހަކު ހަތިޔާރު އަޅައިގެން ﷲގެ މަގުގައި އެއްހާސް އަހަރު ޖިހާދު ކުރި ވާހަކަ ރަސޫލުﷲގެފާނު އެކަލޭގެފާނުގެ ޞަޙާބީންނަށް ވިދާޅުވެ ދެއްވުމުން ރަސޫލާގެ ޞަޙާބީން އެކަމާ ޙައިރާންފުޅުވެ އެ ފަދަ ސަވާބާއި ދަރުމަ ހޯދޭނީ ކިހިނަކުންތޯ ރަސޫލާއަށް ދެންނެވިއެވެ. މިކަމާ ވިދިގެން اللهُ عزَّ وجلَّ މި އާޔަތްތައް ބާވައިލެއްވިއެވެ. ((إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ)) [7] ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލައިލަތުލް ޤަދްރި ވިލޭރޭ ކުރާ ހެޔޮ ޢަމަލުތަކުގެ ސަވާބު އެހެން އެއްހާސް މަހުގައި ކުރާ ހެޔޮ ޢަމަލުތަކަށްވުރެ އިތުރުވެގެން ވެއެވެ. ޤުރްޠުބީ ވިދާޅުވާ ގޮތުގައި އެ ރޭ ﷲ ތަޢަލާ ބައްސަވާ ހެޔޮކަން އެހެން އެއްހާސް މަހުގައި ބައްސަވާ ހެޔޮކަމަށްވުރެ އިތުރުވެގެން ވެއެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއްހާސް މަހުގެ މުރާދަކީ ހުރިހާ ވަގުތުތަކަކާއި ޒަމާންތަކެވެ. ޢަރަބީންގެ ބަސްމޮށުމަށް ބަލާއިރު އެއްހާހޭ ބުނަނީ ހިސާބަށްވުރެ ގިނަވީމައެވެ. މިސާލަކަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ [8]– އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ.)) ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކުރީ ޒަމާންތަކުގައި މީހަކާ ދިމާއަށް "އަޅުވެރިއެކޭ" ބުނެވެނީ އެ މީހަކަށް އެއްހާސް މައްސަރުގައި އަޅުކަން ކުރެވުނީމައެވެ. މިހެން ﷲ ތަޢާލާ މުޙައްމަދުގެފާނުގެ އުއްމަތުގެ މީހުންނަށް އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ދެއްވީއެވެ.

އަބޫބަކްރުލް ވައްރާޤު ވިދާޅުވިއެވެ. ސުލައިމާނުގެފާނުގެ ރަސްކަން އޮތީ 500 މަހުގެ މުއްދަތަށެވެ. އަދި ޛުލް ޤަރްނައިނިގެ ރަސްކަން ވެސް އޮތީ ހަމަ 500 މަހުގެ މުއްދަތަށެވެ. މި ދެވެރިކަމުގެ މުއްދަތަކީ އެއްހާސް މަހެވެ. ލައިލަތުލް ޤަދްރި ވިލޭރޭ ހެޔޮ ޢަމަލުތައް ކުޅަ މީހާގެ ހެޔޮކަން މި ދެ ރަސްކަމުގެ ހެޔޮކަމަށްވުރެ އިތުރުވެގެން ވެއެވެ. އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާކުރެވުނެވެ. ((ބަނީ އިސްރާއީލު ބާގައިގެ ހަތަރު ބޭކަލަކު އެސްފިޔަ ޖަހައިލެވޭހައި މިންވަރަށް ވެސް މާތް ﷲ އަށް އުރެދިވަޑައިނުގެން 80 އަހަރު މާތްﷲއަށް އަޅުކަން ކުރެއްވިއެވެ.)) މި ހަތަރު ބޭކަލުންނަކީ އައްޔޫބުގެފާނާއި ޒަކަރިއްޔާގެފާނާއި ޙަޒްޤީލުގެފާނާއި ޔޫޝަޢު ބިން ނޫނުގެފާނެވެ. ކީރިތި ރަސޫލާ ﷺ ގެ ޞަޙާބީން މި ކަމާ އަޖައިބުފުޅުވިއެވެ. އެހިނދު ޖިބްރީލުގެފާނު ވަޑައިގެން ކީރިތި ރަސޫލާ ﷺ އަށް ދެންނެވިއެވެ. މާތްﷲ އެއަށްވުރެ ހެޔޮކަން ބޮޑު ރެއެއް ކަލޭގެފާނަށް ދެއްވައިފިއެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭގައި ކުރެވޭ އަޅުކަމުގެ ޘަވާބު މިހާ މަތިވެރި ކުރެއްވީ ކީއްވެގެން ބާވައެވެ؟ އާދެ! މިއީ އެކަމާ އަޅުގަނޑުމެން ޙައިރާންވެންޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެން ދުނިޔޭގައި ގެންގުޅޭ އަމިއްލަ މިންގަނޑުތަކަށް ބަލާއިރުގައިވެސް މިއީ އަޖައިބުވާންޖެހޭ ކަމެއް ނޫނެވެ. މާތްﷲ ބައެއް ތަންތަނާއި ބައެއް ވަގުތުތައް މާތްކުރައްވާ މަތިވެރި ކުރައްވާފައިވެއެވެ.

(ނުނިމޭ)

 

[1] – رواه البيهقى وابن خزيمة

[2]  –  الدخان : 4

[3] – القدر : 1

[4] –  القدر :5

[5]  – أخرجه النسائي (٢١٩٣)، وإسحق بن راهويه في «المسند» (٨٢٧)، وابن حبان (٢٥٤٣)

[6] – القدر : 3

[7]  – البيهقي في السنن الكبرى4/306

[8]  – البقرة: 96

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *