Support Us

އަވަސްވެގަންނަންވީ ﷲގެ ރުއްސެވުން ހޯދުމަށް

އިސްލާމްދީނުގައި ޝަރްޢު ކުރައްވައިފައިވާ އެންމެހާ އަޅުކަންތައް ޝަރްޢު ކުރައްވައިފައި ވަނީ ވަރަށް މަތިވެރި މަޤްޞަދުތަކަކަށް ޓަކައެވެ. ވަރަށް މާނަ ފުން ޙިކްމަތްތަކަކަށް ޓަކައެވެ. ވަރަށް މަތިވެރި އަމާޒުތަކަކަށް ވާޞިލުކޮށް ދިނުމަށް ޓަކައެވެ. މީގެ ތެރެއިން ބައެއް ކަންތައްތައް ދެނެގަނެވިދާނެއެވެ. އެހެނަސް ހުރިހާ ކަމެއް ދެނެގަތުމުގެ ޤާބިލުކަން އިންސާނާގެ ކިބަޔަކު ނެތެވެ.

މިސާލަކަށް އަޟްޙާ ޢީދުދުވަހު މާތް ﷲ ވަނީ އުޟްޙިޔާ ކަތިލަން އަންގަވައިފައެވެ. މިކަމާ ބެހޭގޮތުން މާތްﷲ ވަޙީ ކުރެއްވިއެވެ. ((لَن يَنَالَ اللَّهَ لُـحُـومُـهَــا وَلا دِمَاؤُهَا وَلَكِن يَنَالُهُ التَّقْوَى مِنكُمْ كَذَلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَبَشِّرِ المُحْسِنِينَ [1]– އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ حضرة އަކަށް ނުދާނެތެވެ. އެހެނެއް ކަމަކު، ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ حضرة އަށްދަނީ، تقوى ވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި، ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް، اللَّه އަށް ތިޔަބައިމީހުން تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!))

 ނަމާދު ފަރްޟު ކުރެއްވުމުގެ ޙިކްމަތާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރެއްވިއެވެ. ((الصَّلَاةَ تَنْهَى عَنِ الفَحْشَاءِ وَالمُنْكَرِ وَلَذِكْرُ اللهِ أَكْبَرُ وَاللهُ يَعْلَمُ مَا تَصْنَعُونَ [2]– ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.))

ޤިބްލައަށް ކުރިމަތިލައިގެން ނަމާދު ކުރުމުގެ ލަނޑުދަނޑިއަށް ބަލާއިރު އެއީ ވަކި ތަނަކަށް ނުވަތަ ދިމާއަކަށް ކުރިމަތިލުމެއް ނޫނެވެ. އެހެނަސް އެއީ ﷲއަށް އަޅުކަންކުރުމާއި ތަޤްވާގެ މަތިން ހަނދުމަކޮށްދިނުމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((لَيْسَ البِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ المَشْرِقِ وَالمَغْرِبِ وَلَكِنَّ البِرَّ مَنْ آَمَنَ بِاللهِ وَاليَوْمِ الآَخِرِ وَالمَلَائِكَةِ وَالكِتَابِ وَالنَّبِيِّينَ وَآَتَى المَالَ عَلَى حُبِّهِ ذَوِي القُرْبَى وَاليَتَامَى وَالمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآَتَى الزَّكَاةَ وَالمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا وَالصَّابِرِينَ فِي البَأْسَاءِ وَالضَّرَّاءِ وَحِينَ البَأْسِ أُولَئِكَ الَّذِينَ صَدَقُوا وَأُولَئِكَ هُمُ المُتَّقُونَ [3]– ހެޔޮކަމަކީ (ހަމައެކަނި) އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمانވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށް އެދި سؤال ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائم ކޮށް، زكاة ދީއުޅޭ މީހާއެވެ. އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް ހަމަ އެއުރެންނެވެ.))

ރޯދަހިފުމުގެ އަމާޒަކީ ނުކައި ނުބޮއެ ހުރުމެއް ނޫނެވެ. އެހެނަސް އެ ކަމުގެ އަމާޒަކީ ތަޤްވާވެރިކަމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَذِينَ مِن قَبْلِكُمْ لعلَّكُمْ تَتَّقُونَ [4]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.) މި ތަޤްވާވެރިކަން ޙާޞިލުނުކުރެވޭނަމަ ނުކައި ނުބޮއި ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَن لَمْ يَدَعْ قَوْلَ الزُّورِ والعَمَلَ به، فليسَ لِلَّهِ حاجَةٌ في أنْ يَدَعَ طَعامَهُ وشَرابَهُ [5]– ދޮގުހެދުމާއި އޮޅުވައިލުމުގެ ޢަމަލުތައް ދޫކޮށްނުލައި ހުރެ ކެއުންބުއިން ދޫކޮށްލުމުގެ އެއްވެސް ބޭނުމެއް ﷲގެ ޙަޟްރަތުގައެއް ނުވެއެވެ.)) ރޯދަހިފުމުގައި އޮތީ އަމިއްލަ ނަފްސުގެ މައްޗަށް ﷲގެ ރުހިވޮޑިގަތުން އިސްކުރުމެވެ. ކެއުންބުއިމާއި ޝަހްވަތްތަކާ ދުރުހެލިވާން ޖެހޭނީ ﷲގެ ވަޖްހުފުޅަށް ޓަކައެވެ.

ވަކި ވަގުތެއްގައި ކެއުންބުއިމާ ދުރުހެލިވާންވީ ކީއްވެގެންހެއްޔެވެ؟ ފަތިސްވީއްސުރެ އިރުއޮއްސެންދެން ނުކައިނުބޮއި އަދި ޝަހަވާތްތަކުން ދުރުހެލިވުމުގެ ޙިކްމަތަކީ ކޮބައިހެއްޔެވެ؟ އެއީ ﷲގެ އަމުރުފުޅަކަށް ވާތީއެވެ. އެކަމުގައި ﷲއަށް ކިޔަމަންގަތުން ވާތީއެވެ. ރޯދަވެރިޔާ ރޯދަވީއްލާއިރު މި ފަދައިން ކިޔާ ދުޢާކުރުމަށް ރަސޫލުﷲގެފާނު އިރްޝާދުދެއްވީ މިހެންވެގެންނެވެ. ((ذَهَبَ الظَّمَأُ وَابْتَلَّتْ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ [6]– ކަރުހިއްކުން ފިލައިފިއެވެ. ނާރުތައް ފޯވެއްޖެއެވެ. ﷲ އިރާދަފުޅުން އުޖޫރަ ސާބިތުވެއްޖެއެވެ.))

އިންސާނާ ހާސްކަމުގެ ވަގުތުގައި، ނުވަތަ ބިރުވެރިކަމުގެ ވަގުތުގައި، މަޤާމަށް ޓަކައި، އޭނާގެ ދީނާއި ދުނިޔެ ވިއްކައިލާތަން ފެނެއެވެ. ﷲގެ ކޯފާއަށް ބެލުމެއް ނެތިއެވެ. މިއާޚިލާފަށް އަނެއް ބައި މީހުން އެމީހުންގެ ފަޤީރުކަމާއި ނިކަމެތިކަމާއެކުގައި ވެސް އެމީހުން އެމީހުންގެ ދީނުގައި ހިފަހައްޓައެވެ. އެމީހުން މަޤާމަކަށް ޖާހަކަށް ނޭދޭނެއެވެ. އެމީހުންގެ އެދުމަކީ ﷲގެ ރުއްސެވުމެވެ. ޢިރާޤުގެ ވާލީ ޢުމަރު ބިން ހުބައިރާ ޙަސަނުލް ބަޞްރީއާއި އިމާމު އައްޝަޢުބީ އޭނާގެ ދަރުބާރަށް ގެންނެވިއެވެ. ޚަލީފާ ފޮނުއްވާ އަމުރުތަކުގެ ތެރޭގައި ހިމެނޭ ޢަދްލުއިންޞާފުން ބޭރުވާ އަމުރުތައް ތަންފީޒު ކުރުމާ ބެހޭގޮތުން ފަތުވާ ހޯއްދެވުމަށް ޓަކައެވެ. އައްޝަޢުބީ ދެއްވީ ޚަލީފާއާއި ވާލީ ކޯފާނުވާނޭ ފަދަ ޖަވާބެކެވެ. އައްޝަޢުބީގެ ވާހަކަފުޅު ނިމުމުން އިބްނު ހުބައިރާ ޙަސަނުލްބަޞްރީއާ ސުވާލު ކުރެއްވިއެވެ. އެހިނދު ޙަސަނުލް ބަޞްރީ ވަރަށް ޢިބްރަތްތެރި ވަޢުޡެއް ވިދާޅުވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "އޭ އިބްނު ހުބައިރާއޭވެ! ޔަޒީދުގެ ޙައްޤުގައި ތިބާ ﷲ ދެކެ ބިރުގަންނާށެވެ! ﷲގެ ޙައްޤުގައި ޔަޒީދު ދެކެ ތިބާ ބިރުނުގަންނާށެވެ! ތިބާ ދަންނާށެވެ! ﷲ ޢައްޒަ ވަ ޖައްލަ ޔަޒީދުގެ ކިބައިން ތިބާ ޙިމާޔަތް ކުރައްވައިފާނެތެވެ. އެހެނަސް ޔަޒީދަށް ﷲގެ ކިބައިން ތިބާ ޙިމާޔަތެއް ނުކުރެވޭނެއެވެ. އޭ އިބްނު ހުބައިރާއޭވެ! ގަދަފަދަ މަލާއިކަތަކު ފައިބާވަޑައިގެން ތިބާ މި އެނދުން ބާލުއްވައިފާނެއެވެ. މި ތަނަވަސް ގަނޑުވަރުން ތިބާ ނުތަނަވަސް ކަށްވަޅަކަށް ގެންދަވައިފާނެއެވެ. އެތާނގައި ތިބާއަށް ޔަޒީދެއް ނުފެންނާނެއެވެ. ފެންނާނީ ތިބާގެ ޢަމަލެވެ. އޭ އިބްނު ހުބައިރާއޭވެ! ތިބާ ﷲއަށް ކިޔަމަންގަނެ އެކަލާނގެއާ އެކުގައި ވާނަމަ ދުނިޔެއާއި އާޚިރަތުގައި ﷲ ތިބާއަށް ޔަޒީދާނުލައި ފުދިވޮޑިގެން ވާނެއެވެ. އެހެނަސް ﷲއަށް އުރެދުމުގައި ޔަޒީދާއެކުގައި ވާނަމަ ﷲ ތިބާ ޔަޒީދާއެކު ހަލާކު ކުރައްވައިފާނެތެވެ. އޭ އިބްނު ހުބައިރާއޭވެ! ﷲ ޢައްޒަ ވަ ޖައްލައަށް އުރެދުމުގައި އެއްވެސް ކާއިނަކަށް ﷲގެ މަޚްލޫޤަކަށް ކިޔަމަންގަތުމެއް ނެތެވެ. އެހިނދު ޢުމަރު ބިން ހުބައިރާ ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. އަދި ޙަސަނުލް ބަޞްރީއަށް ވަރަށް މާތްކޮށް ހިއްތެވިއެވެ. އިބްނު ހުބައިރާގެ އަރިހުން މި ދެ ބޭކަލުން ނުކުމެވަޑައިގެން މިސްކިތަށް ވަޑައިގެން މީސްތަކުންނާ ބައްދަލު ކުރައްވަމުން އައްޝަޢުބީ ވިދާޅުވިއެވެ. "މަށަށް ވެސް ޙަސަނު ވިދާޅުވި ބަސްފުޅު ބުނެވެން އޮތެވެ. އެކަމަކު މަށަށް ބަސް ބުނެވުނީ އިބްނު ހުބައިރާގެ މޫނަށް ބަލައިގެންނެވެ. އެހެނަސް ޙަސަނު ބަސް ވިދާޅުވީ ﷲގެ ވަޖްހުފުޅު އަދައިގެންނެވެ."

 

[1]  – الحج: 37

[2]  – العنكبوت : 45

[3]  – البقرة: 177

[4]  – البقرة : 183

[5]  – أخرجه البخاري (١٩٠٣)، وأبو داود (٢٣٦٢) ، والترمذي (٧٠٧)، والنسائي في «السنن الكبرى» (٣٢٤٦)، وابن ماجه (١٦٨٩)، وأحمد (١٠٥٦٢)

[6]  – حسنه الألباني في صحيح أبي داود

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *