Support Us

ރަމަޟާން މަހުގައި އުންމީދު ބިނާކުރުން

  • އިބްރާހީމުގެފާނު މުސްކުޅިފުޅުވި ދުވަހު ދަރިކަލަކު ދެއްވާނެކަމުގެ ބުޝްރާ ލިބިވަޑައިގަތުމުން އެކަމާ ޙައިރާންފުޅުވިއެވެ. އެ ހިނދު ވިދާޅުވިއެވެ. ((قَالَ أَبَشَّرْتُمُونِى عَلَىٰ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ ﴿٥٤﴾قَالُوا بَشَّرْنَـٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَـٰنِطِينَ [1]– އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މުސްކުޅިވީ ހިނދު، ތިޔަބައިމީހުން އުފާވެރިކަމުގެ خبر ތިމަންނާއަށް ދެނީހެއްޔެވެ؟ އުފާވެރިކަމުގެ خبر ތިޔަބައިމީހުން ތިޔަދެނީ ފަހެ، ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟ އެ މެހުމާނުން ދެންނެވޫއެވެ. ތިމަންމެން ކަލޭގެފާނަށް އުފާވެރިކަމުގެ خبر މިދިނީ، حق ތެދުބަހުންނެވެ. ފަހެ، އުންމީދުކަނޑާލާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ رحمة އާމެދު، އުންމީދުކަނޑާލާނީ ފަހެ، ކާކުހެއްޔެވެ؟))
  • ޔަޢުޤޫބުގެފާނުގެ ދަރިކަލުންގެ ތެރެއިން އެންމެ ލޯބިފުޅުވާ ދެ ދަރިކަލުން ގެއްލި ލޯފުޅު ކަނުވެ 40 އަހަރު ހުންނެވިއިރުގައި ވެސް އުންމީދު ކަނޑައެއްނުލައްވައެވެ. އެކަލޭގެފާނުގެ ބޭފޫޅުންނަށް ވިދާޅުވިއެވެ. ((يَا بَنِيَّ اذْهَبُواْ فَتَحَسَّسُواْ مِن يُوسُفَ وَأَخِيهِ وَلاَ تَيْأَسُواْ مِن رَّوْحِ اللّهِ إِنَّهُ لاَ يَيْأَسُ مِن رَّوْحِ اللّهِ إِلاَّ الْقَوْمُ الْكَافِرُونَ [2]-އޭ އަހުރެންގެ ދަރިންނޭވެ! يوسف ގެފާނާއި، އޭނާގެ أخ އާގެ خبر އެއްވޭތޯ ތިޔަބައިމީހުން ދާށެވެ! އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! (ހަމަކަށަވަރުން، كافرވި މީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ.)) ޔަޢުޤޫބުގެފާނަށް އެކަލޭގެފާނުގެ އުންމީދުފުޅު ޙާޞިލުވެވަޑައިގަތެވެ. އެކަލޭގެފާނުގެ ދެ ލޯފުޅަށް އަލުން ފެނުން ލިބުނެވެ. ދެ ދަރިކަލުންނާ މިޞްރުގައި ޢިއްޒަތުގައި ބައްދަލުވެވަޑައިގަތެވެ. އެހެނީ އެކަލޭގެފާނުގެ ހިތްޕުޅު ވަނީ ﷲގެ ރަޙްމަތާ ގުޅިފައެވެ. އެކަލޭގެފާނު ﷲއަށް އިތުބާރު ކުރެއްވިއެވެ.
  • މޫސާގެފާނާ އެކަލޭގެފާނުގެ ޤައުމުގެ މީހުން ފިރްޢައުނުގެ ކިބައިން ސަލާމަތްވުމަށް ޓަކައި ނުކުމެ ދަތުރުކުރަނިކޮށް ފިރްޢައުނު އޭނާގެ ބޮޑު ލަޝްކަރައިގެން ފަހަތުން އައިސް އަރާހަމަކޮށްފާނެކަމުގެ ބިރުގަނެ ނާއުންމީދުވިއެވެ. އެމީހުން މޫސާގެފާނަށް ދެންނެވިއެވެ. ((إِنَّا لَمُدْرَكُونَ[3] – ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ.)) މޫސާގެފާނު އެމީހުންނަށް ރައްދުދެއްވައި ވިދާޅުވިއެވެ. ((قَالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ [4]– އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.)) އެހިނދު މާތް ﷲ މޫސާގެފާނަށް ޓަކައި ކަނޑުން ހިކިފަސް ބިމެއް ހައްދަވާ ދެއްވިއެވެ. މި މަގުން ލައިފައި ބަނީ އިސްރާއީލު ބާގައިގެ މީހުން ކަނޑު ހުރަސްކޮށް ސީނާއަށް ވަނެވެ. އެމީހުންގެ ފަހަތުން ފިރްޢައުނަށް ވެސް ދެވޭނެ ކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް އެ ހިކިފަސް ބިން ފިރްޢައުނަށް ހިކިފަސް ތަނަކަށް ނުވިއެވެ. މާތްﷲ އެ ތަން އޭގެ ޙަޤީޤީ ޙާލަތަށް ބަދަލުކުރައްވައި ފިރްޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤު ކުރެއްވިއެވެ.

މުސްލިމު އިންސާނާއާ ކުރިމަތިވާ ކަންތައްތައް ކިތަންމެ ދަތިވިޔަސް އަދި އުނދަގޫ ވިޔަސް، އޮޅުންބޮޅުންކަން ބޮޑުވިޔަސް، މުޞީބާތްތައް ފުލުފުލުގައި ކުރިމަތިވިޔަސް، ފިތުނަތައް ސިންދަފާތު ވިޔަސް މުސްލިމު އަޅާ އަބަދުވެސް ހުންނާންވާނީ އުންމީދުގެ މަތީގައެވެ. ހެޔޮ ފާލުގެ މަތީގައެވެ. ދަތިކަމަކަށް ފަހު ފަސޭހަކަން އަންނާނެކަން ޔަޤީންކޮށްގެންނެވެ. އެފަދަ މުޞީބާތްތައް މެދުވެރިކުރައްވަނީ މުއުމިނުން އިމްތިޙާނު ކުރެއްވުމަށް ޓަކައެވެ. މީހުންގެ އީމާންކަމުގެ ހަރުދަނާކަމާއި ދޯހަޅިކަން ބެއްލެވުމަށް ޓަކައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوفِ وَالْجُوعِ وَنَقْصٍ مِّنَ الأَمَوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُواْ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ[5]– ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ.))

މާތް ﷲ ދާވޫދުގެފާނަށް ވަޙީ ކުރެއްވިއެވެ. ((އޭ ދާވޫދުގެފާނޭވެ! ކަލޭގެފާނު އެދިވަޑައިގަންނަވަމުއެވެ. އަދި ތިންރަސްކަލާނގެ އިރާދަކުރައްވަމެވެ. އެކަމެއް ވާނީ ތިމަންރަސްކަލާނގެ އިރާދަކުރައްވާ ގޮތަކަށެވެ. ތިމަންރަސްކަލާނގެ އިރާދަފުޅަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގަންނަވައިފިނަމަ ކަލޭގެފާނަށް ކަލޭގެފާނު ބޭނުންފުޅުވާ ކަމެއް ފުދިގެންދާނެތެވެ. އެހެނަސް ކަލޭގެފާނު ތިމަންރަސްކަލަނގެ އިރާދަފުޅަށް ކިޔަމަންވެ ވަޑައިނުގަންނަވައިފިނަމަ ކަލޭގެފާނާ ދަތިތަކާ ކުރިމަތިވެ ވަޑައިގަންނަވާނެއެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވި ކަމެއް މެނުވީ ނުވާނެތެވެ.))

ކަންކަމުގައި ތަފާއުލުވުމަކީ (ހެޔޮ ފާލެއްގެ މަތީގައި ހުރުމަކީ) އިންސާނާ ބަދުނަޞީބުކަމުގެ އިން ފަހަނަޅައިގެން ގޮސްދާނެ ކަމެކެވެ. އޭނާއަށް ހިތްހަމަޖެހުން ލިބިދޭނެ ކަމެކެވެ. އޭނާގެ ނަފްސު ހާސްކަމުން ބޭރަށް ނެރެދޭނެ ކަމެކެވެ. މުޞީބާތުގެ ޖަލުން މިންޖުކޮށްދޭނެ ކަމެކެވެ. ކީރިތި ރަސޫލާގެ ސީރަތުން އަޅުގަނޑުމެންނަށް ފެންނަނީ ތަފާއުލުތަކެވެ. ރަސޫލާ މަދީނާއަށް ހިޖްރައަށް ވަޑައިގަތުމަށްޓަކައި ޞަހަރާގައި ދަތުރުފުޅު ކުރެއްވިއިރު އަތްޕުޅުގައި ފަރިއްކުޅުއްވާނެ އެއްޗެއް ނެތެވެ. ހިއްޕަވާނެ ފެންފޮދެއް ނެތެވެ. ރަސޫލާގެ އިސްތަށިފުޅަށް ޓަކައި ބޮޑެތި އިނާމުތައް ވަނީ  ހުށައަޅައިފައެވެ. ޤުރައިޝުންގެ މަޝްހޫރު އަސްވާރެއް ކަމުގައިވާ ސުރާޤަތު ބިން މާލިކު އަސްމަތީގައި ކަނޑި ހިފައިގެން ރަސޫލާގެ އަރިހަށް އާދެވޭތޯ މަސައްކަތް ކުރިއެވެ. މި ޙާލަތުގައި ވެސް ރަސޫލާގެ މޫނުފުޅުމަތިން މާޔޫސްކަމެއް ފެނިފައެއް ނުވެއެވެ.

ރަމަޟާން މަހުގައި ފުރިގެންވާ ﷲގެ ނަފްޙާތުތަކަކީ، އެ މަހުގައި މުއުމިނުން ހިފާ ރޯދައިގެ ސަބަބުން އައުވެގެންދާ އީމާންކަމުގެ ސަބަބުންނާއި ރޫޙަށް ލިބޭ ކާނާގެ ސަބަބުން މުސްލިމުންގެ ފުރާނައަށް އުންމީދު ވަދެގެން ދެއެވެ. ތަފާއުލު އިތުރުވެގެން ދެއެވެ.

[1]  – الحجر: 53- 55

[2]  – يوسف   87:

[3]  –  الشعراء : 61

[4]  –  الشعراء : 62

[5] – البقرة 155 – 156

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *