Support Us

ފަހު ދިހައިގެ ރޫޙާނީ އުދަރެސް

އަލްއިމާމުއް ޝާފިޢީ އަވަހާރަވި އާލާސްކަންފުޅުގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ދަރިވަރެއް ކަމުގައިވާ އަލްމުޒްނީ ޝާފިޢީގެފާނުގެ އަރިހަށް ވަޑައިގެން ޙާލުކޮޅާ ބެހޭގޮތުން ސުވާލު ކުރެއްވުމުން ޝާފިޢީގެފާނު ވިދާޅުވިއެވެ. ((މި ދުނިޔެ ދޫކުރުމުގެ ދަތުރު ފެށިއްޖެއެވެ. ރަޙްމަތްތެރީންނާ ވަކިވާން ޖެހޭ ވަގުތު ކައިރިވެއްޖެއެވެ. މަގޭ ނުބައި ޢަމަލުތަކާ ބައްދަލުކުރަން ޖެހިއްޖެއެވެ. މަރުގެ ކޫޒުން ބޯން ޖެހިއްޖެއެވެ. ﷲގެ ޙަޟްރަތަށް ދާން ޖެހިއްޖެއެވެ. މަށަށް ދާން ޖެހިފައިވަނީ ކޮންތަނަކަށް ކަމެއް ނޭނގެއެވެ. ސުވަރުގެނަމަ ފާގަތިކަމެވެ. ނަރަކަނަމަ ތަޢުޒިޔާއެވެ.))

މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެފާނު ވިދާޅުވިއެވެ. ((ތިޔަބައިމީހުންކުރެ މީހަކު ދަތުރެއް ކުރަން އުޅޭއިރު އެ ދަތުރަށް ބޭނުންވާ ވަރަށް ކޮއްތު ތައްޔާރެއް ނުކުރާނަން ހެއްޔެވެ؟ މީސްތަކުން ދެންނެވިއެވެ. އާދޭހެވެ! ވިދާޅުވިއެވެ. ޤިޔާމަތްދުވަހުގެ ދަތުރު އަދި މާ ދުރެވެ. ފަހެ ތިޔަބައިމީހުން އެ ދަތުރަށް ޓަކައި ރަނގަޅު  ކޮއްތު ތައްޔާރު ކުރާށެވެ! ކަށްވަޅުގެ އަނދިރިކަމަށް ޓަކައި ތިޔަބައިމީހުން ރޭގަނޑު ދަންވަރު ދެ ރަކްޢަތް ކުރާށެވެ! މަޙްޝަރު ކުރެވޭ ދުވަހުގެ ހޫނުކަމަށް ޓަކައި ތިޔަބައިމީހުން ހޫނުގަދަ ދުވަހެއްގައި ރޯދަ ހިފާށެވެ! އަތްމަތި ދަތި ދުވަހަކަށް ޓަކައި ތިޔަބައިމީހުން ވަންހަނާކޮށް ޞަދަޤާތް ކުރާށެވެ!))

ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إنَّما الأعمالُ بالخواتيمِ [1]– ހަމަކަށަވަރުން ޢަމަލުތައް އޮތީ ނިމުންތަކުގެ މަތީގައެވެ.)) ވީމާ ތިބާ ހެއްލުންތެރިނުވާށެވެ! ޠާޢަތުގެ މަތީގައި ދެމިހުރުމަށް މަސައްކަތް ކުރާށެވެ! މަލަކުލްމައުތި ވަޑައިގަންނަވާނެ އިރެއް ނޭނގޭނެއެވެ. ކޮންމެ އިންސާނަކު ވެސް އަލުން ދިރުއްވާނީ އެ މީހަކު މަރުވި ޙާލެއްގެ މަތީގައެވެ. އީމާންކަމުގެ މަތީގައިނަމަ މުއުމިނެއްގެ ގޮތުގައެވެ. ކާފިރުކަމުގެ މަތީގައިނަމަ ކުފްރުގެ މަތީގައެވެ. އެމީހަކު ދުނިޔޭގައި ކުޅަ ޢަމަލުތަކަކާ އެކުގައެވެ.

މާލިކު ބިން ދީނާރު ކަޅު އަދިރި ރޭތަކުގެ ދަންވަރު ގަޑީގައި ތެދުވެވަޑައިގެން ތުނބުޅިފުޅުގައި ހިއްޕަވައި ކީރިތި ކުރެއްވުމަށްފަހު މައްޗަށް ބައްލަވައި  ވިދާޅުވިއެވެ. ((ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ސުވަރުގޭގެ އަހްލުވެރީންނާއި ނަރަކައިގެ އަހްލުވެރިން ދެނެވޮޑިގަންނަވަމުއެވެ. މާލިކު ބިން ދީނާރުގެ ގޮވަތި ވަނީ މި ދެ ގެއިންކުރެ ކޮން ގެއެއްގައިތޯއެވެ؟))

އަޅުގަނޑުމެން މިހާރު މި ވަންނަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ފަހު ދިހައިގެތެރެއަށެވެ. އެއީ ހެވާއި ދަރުމައިން ފުރިފައިވާ ރޭތަކަކާއި ދުވަސްތަކެކެވެ. މި ރޭތަކުގެ ހެވާއި ލާބައިން މަޙްރޫމުވި މީހާ ވަރަށް ގިނަ ހެޔޮކަންތައްތަކަކުން މަހްރޫމުވެއްޖެއެވެ. ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ﷲ ހަނދުމަކުރުން އިތުރު ކުރާށެވެ! ޞަދަޤާތް ދޭށެވެ! ޒަކާތް ދައްކާށެވެ! އިޢުތިކާފުގައި އިންނާށެވެ! މިހުރީ ހެޔޮ ޢަމަލުތަކެވެ. ތިބާ އަދާކުރަންޖެހޭ ޤައުމީ އިޖްތިމާޢީ ވާޖިބުތައް އަދާކުރާށެވެ! އަނބިދަރިންނަށް ހެޔޮކޮށް ހިތާށެވެ!

އައްސައްޔިދާ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ((ރަމަޟާންމަހުގެ ފަހު ދިހައަށް އަޅައިފިނަމަ ކީރިތި ރަސޫލާ ﷺ އެ ރޭތައް އިޙްޔާ ކުރެއްވުމަށް ގަދައަޅުއްވައި މަސައްކަތް ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ވެސް އަވަހާރަފުޅުން ނަންގަވައި އަޅުކަންކުރެއްވުމުގައި ބައިވެރިކުރެއްވިއެވެ.)) [2] އެކަލޭގެފާނު ދެފައިންޕުޅު ދުޅަވަންދެން ނަމާދު ކުރެއްވުން މަތީގައި ދެމިހުންނަވާތަން ޢާއިޝަތުގެފާނަށް ފެނިވަޑައިގެން ދެންނެވިއެވެ. ((އޭ ﷲގެ ރަސޫލާއޭވެ! ތިޔަ ގޮތަށް ތިޔަ ހައްދަވަނީ ކީއްވެގެންތޯއެވެ؟ މާތް ﷲ ވަނީ ކަލޭގެފާނުގެ އިސްވެދިޔަހާ ފާފަތަކާއި ފަސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވައިފައިނޫންތޯއެވެ؟ އެ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ ތިމަންކަލޭގެފާނު ﷲއަށް ޝުކްރުވެރިވާ އަޅަކަށް ނުވާންވީ ހެއްޔެވެ؟))

މުއުމިނާގެ ޝަރަފާއި ޢިއްޒަތާއި މީސްތަކުންގެ ކިބައިން ފުދުންތެރިކަން ހޯދުމުގައި އެއްކިބާވުން އޮންނާނީ އޭނާގެ މުދާ ގިނަކަމުގައެއްނޫނެވެ. ނުވަތަ  މަޤާމު މަތިވުމުގައެއް ނޫނެވެ. ނުވަތަ ޖާހުން މޮޅުވުމުގައެއް ވެސް ނޫނެވެ. އެހެނަސް މި ކަންކަން ޙާޞިލުކުރެވޭނީ ރޭ އަޅުކަމުންނެވެ. ﷲގެ ޙަޟްރަތާ ކުއްތަންވެވުނު ވަރަކުންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ޖިބްރީލުގެފާނު ވަޑައިގެން ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނޭވެ! އެދިވަޑައިގަންނާ ގޮތަކަށް ދިރިއުޅުއްވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނަކީ އަވަހާރަވާނެ ބޭކަލަކީމުއެވެ. އަދި ކަލޭގެފާނު ލޯބިފުޅުވާން ބޭނުންފުޅުވާ މީހަކު ދެކެ ލޯބިފުޅުވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނު އެ މީހަކާ ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި ކަލޭގެފާނު އެދިވަޑައިގަންނާ ކަމެއް ކުރައްވާށެވެ! ފަހެ ހަމަކަށަވަރުން އެ ކަންކަމަށް ކަލޭގެފާނަށް ޖަޒާ ލިބިވަޑައިގަންނަވާނެއެވެ. އަދި ދެނެވަޑައިގަންނަވާށެވެ! މުއުމިނާގެ ޝަރަފުވެރިކަމާއި ޢިއްޒަތާއި މީސްތަކުންގެ ކިބައިން ފުއްދުންތެރިކަން ހޯދުމާ އެއްކިބާވުން އޮތީ އޭނާގެ ރޭ އަޅުކަމުގައެވެ.)) [3]

އެހެން ފަރާތަކުން ޢިއްޒަތް ހޯދަން އުޅުމުން ލިބޭނީ ބޭއިޙްތިރާމެވެ. ވެއްޓޭނީ ޤަދަރެވެ. އަޅުގަނޑުމެން މިއަދު ނަމޫނާއަކަށް ބަލަންވީ ކީރިތި ރަސޫލާ ﷺ އެވެ. އެކަލޭގެފާނުގެ ޤުދްވަތަށް ތަބާވެ ޙަޔާތުގެ ހުރިހާ މައިދާންތަކެއްގައި ދީން އާރާސްތު ކުރުމަށް ތެދުވެގެން މެނުވީ މުސްލިމުންނަށް އެމީހުންގެ ގެއްލިފައިވާ ޢިއްޒަތެއް މަޖްދެއް ނުލިބޭނެއެވެ. ރަމަޟާންމަހުގެ ފަހު ދިހަ އެއީ އެ އަމާޒަށް ވާޞިލުވުމަށް އުދުއްސައިގަންނަން އޮތް ހަރެއްކަމުގައި ހަދަމާތޯއެވެ.

[1]  – صحيح البخاري ٦٦٠٧

[2]  – رواه البخاري

[3] –  رواه الحاكم والبيهقي وحسنه المنذري والألباني

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *