Support Us

މައްކާ ފަތަޙަކުރެއްވުން: އިންސާނިއްޔަތުކަމާއި އޯގާވެރިކަމުގެ ލާމަސީލު ނަމޫނާތަކުގެ ދުވަސް

އިސްލާމީ ތާރީޚުގައި ފަޚްރުވެރި ދުވަސްތަކެއްވެއެވެ. މަތިވެރި ޒިކުރާތަކެއް ވެއެވެ. ފާހަގަކުރަންޖެހޭ މުނާސަބަތުތަކެއް ވެއެވެ. ޢިބްރަތް ޙާޞިލު ކުރުމަށް ޓަކައެވެ. އުނގެނި އުގަންނައިދިނުމަށް ޓަކައެވެ. އެއިން ހަކަތަ ހޯދައިގެން ކުރިއެރުމަށް ޓަކައެވެ. މާޒީއާއި ޙާޒިރު ގުޅުވައި ކުރިމަގަށް ޓަކައި ވިސްނުމަށް ޓަކައެވެ.

މައްކާ ފަތަޙަ ކުރެއްވުމަކީ މިފަދަ އުފާވެރި، މަތިވެރި ޙާދިސާއެކެވެ. މިއީ އެއްވެސް ކުށަކާ ނުލައި ގޮވަތިގެދޮރުން ފައްސާލެވުނު ބަޔަކު އެމީހުންގެ އަމިއްލަ ބިމަށް އެނބުރި އައި ދުވަހެވެ. ޝިރްކުގެ ހަޑިމުޑާރުކަމުން ނުތާހިރުކޮށް ވިސަޑުކޮށްފައިވާ ﷲގެ ޙުރްމަތްތެރި ރަށް ޠާހިރު ކުރެވުނު ދުވަހެވެ. ގެފުޅަށް އެ ތަނުގެ ޠާހިރުކަން އިޢާދަކުރެވުނު ދުވަހެވެ.

ކީރިތި ރަސޫލާ ﷺ މައްކާގެ މުޝްރިކުންނާއެކު ކުރެއްވި ޞުލްޙުލް ޙުދައިބިއްޔާ ވެގެން ދިޔައީ މައްކާ ފަތަޙަކުރެއްވުމަށް މަގު ތަނަވަސްކޮށްދިން ވަސީލަތް ކަމުގައެވެ. ހިޖްރައިން ހަ ވަނަ އަހަރު ކީރިތި ރަސޫލާ ﷺ މި ޤާއިމު ކުރެއްވި ޞުލްޙައާ އެ ކަލޭގެފާނުންގެ އެންމެ އަރިސް ބޮޑެތި ބައެއް ޞަޙާބީން ވެސް ރުހިވަޑައެއް ނުގަންނަވައެވެ. ކީރިތި ރަސޫލާ ﷺގެ ދުރުވިސްނުންފުޅުގެ ޙިކްމަތް އެބޭކަލުންނަށް ވިސްނިވަޑައިނުގެންނެވުމުގެ ސަބަބުންނެވެ. މި ޞުލްޙައާ ވިދިގެން މާތް ﷲ މި ފަތަޙައިގެ ހެޔޮޚަބަރު މުސްލިމުންނަށް ދެއްވިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا[1]– ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ.))

މައްކާ ފަތަޙަ ކުރެއްވުމުގައި ކީރިތި ރަސޫލާ ﷺގެ ސިޔާސީ އަދި ޢަސްކަރީ ޢަބްޤަރިއްޔަތު ފާޅުވެފައިވެއެވެ. ކީރިތި ރަސޫލާ ﷺ މި ފަތަޙައަށް ރާއްވަވަމުން ގެންދެވީ ވަރަށް ވަންހަނާކޮށެވެ. އޮޅުވައިލުމާއި ކަނުކުރުމުގެ އިސްތިރާތީޖިއްޔަތުގެ ދަށުންނެވެ. އަބޫބަކްރުގެފާނު މި ކަމާ ބެހޭގޮތުން އެކަލޭގެފާނުގެ ދަރިކަނބަލުން (ރަސޫލާގެ ލޮބުވެތި އަނބިކަނބަލުން) ޢާއިޝަތުގެފާނާ ސުވާލު ކުރެއްވިއެވެ. އެހިނދު އެކަމަނާއަށް އެއްވެސް އެއްޗެއް އެނގިވަޑައިގެންފައިނުވާ ކަމަށް ބަފައިކަލުންނަށް ދެންނެވިއެވެ. ކީރިތި ރަސޫލާ ﷺ ތަބާވެވަޑައިގެންނެވި އިސްތިރާތީޖިއްޔަތަކީ މި ޒަމާނުގައި މި ކިޔާ  ((ދައުލަތުގެ ޤައުމީ ސަލާމަތުގެ ގިއުގަނޑު))ގެ ދަށުގައި ހިމެނޭ ކަމެކެވެ. އިމާމު ބުޚާރީ ރިވާކުރައްވާ ގޮތުގައި ކަޢުބު ބުނު މާލިކުގެފާނު ވިދާޅުވިއެވެ. ((ކީރިތި ރަސޫލާ ﷺ ހަނގުރާމައަކަށް ތައްޔާރުވެ ވަޑައިގަންނަވާއިރު އެހެން ކަމެއް ކުރައްވަން އުޅޭ ތަން ދައްކަވައެވެ.)) މިއީ ޙައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((إنَّ الحربَ خدعةٌ [2]– ހަމަކަށަވަރުން ހަނގުރާމައަކީ މަކަރާއި ޙީލަތެވެ.)) ކީރިތި ރަސޫލާ ﷺގެ ރޭވުން އޮތްގޮތް ވަންހަނާ ކުރެއްވުމަށް ޓަކައި އަބޫ ޤަތާދާގެ ވެރިކަމުގައި "އިޟްމު ޤަބީލާ" މީހުން އުޅޭ ހިސާބަށް ސަރިއްޔާއެއް ފޮނުއްވިއެވެ. އެކަމުގެ ސަބަބުން ޖާސޫސުންނަށް ނުބައި މަޢުލޫމާތުތަކެއް ދެއްވުމަށް ޓަކައެވެ.

ކީރިތި ރަސޫލާ ﷺގެ މަޤްޞަދު އެކަލޭގެފާނުގެ އަޞްޙާބުންނަށް ހާމަކުރެއްވި ހިސާބުން ފެށިގެން އެކަލޭގެފާނު އެބޭކަލުންނަށް ދެއްވި މެސެޖަކީ މިއީ ހަނގުރާމައެއް ނޫނެވެ. އެހެނަސް މިއީ ފަތަޙައެކެވެ. މިއީ ލޭއޮހޮރުވުމެއް ނޫނެވެ. އެހެނަސް ދީން ފެތުރުއްވުމުގެ މަގުގައި ކުރިއަށް އަޅުއްވާ ފިޔަވަޅުފުޅެކެވެ. މައްކާއަށް މި ވަޑައިގަންނަވަނީ ހެޔޮ ޚަބަރައިގެންނެވެ. އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިއްޕަވާކަށް ނޫނެވެ. މިހެންވެ އިސްލާމީ ލަޝްކަރުގެ ތަފާތު ފައުޖުތަކުގެ އިސްވާރުންނަށް އިސްވެ ހަނގުރާމަނުކުރެއްވުމަށް އެންގެވިއެވެ.

ކީރިތި ރަސޫލާ ﷺ މައްކާއަށް ވަދެވަޑައިގަތީ ސަވާރީކޮޅުމަތީގައި އިސްތަށިފުޅު ތިރިކުރައްވައިގެން މަޑުމޮޅިފުޅުކަމާ އެކުގައެވެ.

ކީރިތި ރަސޫލާ ﷺ މައްކާ ފަތަޙަކުރެއްވުމަށް ފަހުގައި ވެސް ހުންނެވީ އެކަލޭގެފާނުގެ އަމާންކަމުގެ ސިޔާސަތުގެ މަތީގައެވެ. އެކަލޭގެފާނު ޤުރައިޝުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ((ތިޔަބައިމީހުންނަކީ މިނިވަނުންނީމުއެވެ. ތިޔަބައިމީހުން ބޭނުން ތާކަށް ދާށެވެ!)) އެކަލޭގެފާނު ވިދާޅުވިއެވެ. ((މިއީ އޯގާވެރިކަމުގެ ދުވަހެވެ. މިއަދު ﷲ ޤުރައިޝުން ޢިއްޒަތްތެރި ކުރައްވައިފިއެވެ.))

       ބަދަލުހިފުމުގެ ބާރު ލިބިފައިވާ މީހާ މި ގޮތަށް ޢަމަލު ކުރާތަނެއް ނުފެނެއެވެ. ނަޞާރާއިން (ކްރުސޭޑަރުން) ޤުދްސަށް އެރި ދުވަހު ކިތައް ހާސް މުސްލިމުން ކަތިލި ހެއްޔެވެ؟ ޤުދްސުގެ ހުރިހާ މަގުތަކެއްގައި ދިޔަ ބޮޑުވެފައިވަނީ އެމީހުން ކަތިލި މުސްލިމުންގެ ލޭގެ ކޯރުތަކުންނެވެ. މިއަދު އޮތީ ކަރުދާހުގައި ލިޔެފައިވާ އިންސާނީ ޙައްޤުތަކެކެވެ. ބާރުގަދަ މީހާ މި ޙައްޤުތައް ދަންނަ ކަމަކަށް ނަހަދައެވެ.

ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީން ދުނިޔެއަށް މި ރިވެތި ނަމޫނާ ދައްކަވައިފައި ވިޔަސް އިސްލާންދީނުގެ ދުޝްމަނުން  އިސްލާންދީނުގެ ބޮލުގައި ނިރުބަވެރިކަމުގެ ތުހްމަތުތައް އަޅުވަމުންދާތަން ފެނެއެވެ. ކީރިތި ރަސޫލާ ﷺ މައްކާ ފަތަޙަ ކުރެއްވި ދުވަހު އުފުއްލަވައިފައި ވަނީ މިނިވަންކަމުގެ ޝިޢާރެވެ. އެއްބަނޑުއެއްބަފައިކަމުގެ ޝިޢާރެވެ. ހަމަހަމަކަމުގެ ޝިޢާރެވެ. ޙައްޤުގެ ޝިޢާރެވެ.

އެ ދުވަހު ކީރިތި ރަސޫލާ ﷺ ޢަމަލު ކުރެއްވި ގޮތް ނިކަން ދެކެބަލާށެވެ! އެކަލޭގެފާނު ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނުގެ ޤާތިލު ވަޙްޝީއަށް މާފުދެއްވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް އިހާނެތިކޮށް ހިތި އަބޫސުފްޔާނުގެ އަންހެނުން ހިންދަށް ވެސް މާފުދެއްވައި އޭނާގެ ބައިޢަތު ޤަބޫލު ކުރެއްވިއެވެ. މުޅިން ވެސް ރަޙްމުކުރުމެވެ. މުޅިންވެސް އޯގާވެރިކަމެވެ. ބަދަލުހިފުމުގެ އެއްވެސް ކުލައެއް ނެތެވެ.

މިހެންވެ ޚުޒާޢަތު ވަންހައިގެ މީހުން ބަދަލުހިފުމުގެ ގޮތުން ހުޛައިލު ވަންހައިގެ މީހަކު މަރައިލުމުން ކީރިތި ރަސޫލާ ﷺ އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. އެކަމާ ރުހިވަޑައިނުގަންނަވާކަން އިޢުލާންކުރެއްވިއެވެ. އަދި އެ މަރައިލި މީހާގެ މަރުގެދިޔަ ދެއްކުމަށް ކީރިތި ރަސޫލާ ﷺ އަމުރު ކުރެއްވިއެވެ.

ޙަޤީޤީ އަގުތަކުގެ ވެރިން އެއްވެސް ޙާލެއްގައި މި އަގުތައް ފައިދަށަކު ނުލާނެއެވެ. މި ފަދަ އަގުތަކުގައި މުސްލިމުންނާ ޣައިރު މުސްލިމުން ހަމަހަމަ ކުރާނެއެވެ.

އިންސާނީ މި އަގުތަކަށް ރަސުލާ އިޙްތިރާމު ކުރެއްވި މިންވަރު ހާމަކޮށްދޭ އިތުރު މިސާލަކަށް ބަލާލަމާތޯއެވެ. އެއި ގެފުޅުގެ ތަޅުދަނޑިފުޅުގެ މަސްއަލައިގައި ކީރިތި ރަސޫލާ ﷺ ޢަމަލު ކުރެއްވި ގޮތެވެ. ކީރިތި ރަސޫލާ ﷺ އެންމެ ލޯބިފުޅުވާ ދަރިކަނބަލުންގެ ފިރިކަލުން ޢަލީގެފާނު އެ ތަޅުދަނޑިފުޅު ހާޝިމު ވަންހައިގެ މީހުންނަށް ދެއްވާތޯ ދެންނެވިއެވެ. ކީރިތި ރަސޫލާ ﷺ މިކަމާ ދެކޮޅު ހެއްދެވިއެވެ. ޤަދީމީ ޒަމާނުއްސުރެ މި ތަޅުދަނޑިފުޅު އޮތް މީހުންނާ އެ އަމާނަތް ޙަވާލުކުރެއްވިއެވެ. އެ ތަޅުދަނޑިފުޅުގެ ވެރިފަރާތް ކަމުގައިވާ ޢުޘްމާނު ބިން ޠަލްޙަތަށް ދެއްވައި ވިދާޅުވިއެވެ. ((هاكَ مِفْتاحُكَ يَا عُثْمَانُ، الْيَوْمُ يَوْمُ بِرّ وَوَفَاءٍ [3]-އޭ ޢުޘްމާނޭވެ! މި އޮތީ ތިބާގެ ތަޅުދަނޑިއެވެ. މިއަދަކީ ވަފާތެރިކަމާއި ހެޔޮކޮށް ހިތުމުގެ ދުވަހެވެ.))

[1]  –  الفتح :1

[2]  – أخرجه ابن قانع في «المعجم» (٣/١٦٣)، والطبراني كما في «مجمع الزوائد» للهيثمي (٨/٨٤)

[3]  – أحمد شاكر ، عمدة التفسير ١/٥٢٧

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *