އަޅުކަމާ ތަގުވާގެ މޭވާޔާ ހިފައިގެން އައި މަހެއް
ފަޅުކަމާ ނާމާންކަމާ ދުރުކޮށްދެމުން ގެންދާ މަހެއް
ކަޅުވެފައި ހިތްތަކުން ކަޅުކަން އެކީ ފިލުވާ މަހެއް
އަޅުތަކުންނަށް ރަޙުމަތައިގެން އައި މިއީ ކީރިތި މަހެއް
ނަފުސަށާ ރޫޙަށް ދިރުން ލިބިދޭނެޔޭ ދެ ޙަޔާތުގައި
ޣަފުލަތާ ދުރުކޮށްދެޔޭ އެ މަހުން ލިބޭ ބަރަކާތުގައި
އަފުރެމެންނަށް ލެއްވި މަތިވެރި ރަޙުމަތެއް މީ ދޭހުގައި
ނަފުރަތާ ޙަސަދައިގެ ހޫނަށް ފިނިކަމެއް ގެނުވާ މަހެއް
ބޭނުމީ އެ މަހުގެ އަލިން ދިއްލާށެ ހިތުގައި ދަންމަރެއް
ހޭނުމަށް އެ އަލީ އުޅެން އެދިގެން ކުރާންވީ ހިތްވަރެއް
ބޭނުމީ ދެކިލާށެ އުފަލުން ހިތްފުރޭ ފަދަ މަންޒަރެއް
ދޭނެޔޭ ހިތްހަމަ ޖެހުން ކަށަވަރު އެއީ ދީލަތި މަހެއް
އޭގެ ރަހަ އަރުގައި ހިނގާލީމާ ލިބޭ ފޮނި މީރުކަން
ލޭގެ ހިނގުމާ ހިތުގެ ދިރުމަށް ގެނުވަޔޭ އެބަ ހަލުވިކަން
ނޭނގެޔޭ ބުނެދޭކަށެއް އިޙްސާސްވާ ހިތްގައިމުކަން
އޭގެ ސަބަބުން ފުއްސަވާ އަދި ދިންނަވާ މަތިވެރި މަހެއް