ދަރުމަޔާ ބަރަކަތުގެ މޫސުން އަންނަނީ ހިނިތުންވަމުން
އަރުތަޔާ މަތިވެރި ސަވާބުގެ ދޮރު އެކީގައި ހުޅުވަމުން
ހިތުގެ ހުރި ހުރިހައި ކިލާކަން ސާފުކޮށްދީ ދޮވެލުމަށް
އިތުރު ޠާހިރު ފެނުގެ ވާރޭ ގެންދަނީ ވެއްސައިދެމުން
އަނދިރިކަން ނާމާންކަމާ އޮތް ބިރު ހިތުން ނައްތާލުމަށް
ކަނދިލިތައް ދިއްލާ ޙަޔާތަށް ރީތިކޮށް އަލިކޮށްދެމުން
ފިތުނަޔާ ޙަސަދައިން އަދާ ގިނި ހިތްތަކުން ނިއްވާލުމަށް
ހަތުރުކަން ނެތި ދާނެހެން ޞުލްޙައިގެ މާ ފެން މަތުރަމުން
ބިކަވެފައިވާ ނިކަމެތިންނަށް އަލިމަގެއް ފަހި ހޯދުމަށް
އެކަކު އަނެކާއަށްޓަކައި ޞަދަގާތް ކުރާށޭ އަންގަމުން
އަންނަނީ ހާސް މައްސަރަށްވުރެ މާ އިތުރު ރޭގަނޑެއް
ދިންނަވާ އަދި ފުއްސެވުން އެދި ދަންނަވަން ހިތްވަރުދެމުން
އައި މި ރަމަޟާނުން ލިބޭ ހުރިހައި އުފާތައް ހޯދުމަށް
ހައި ނުކޮށް ރޭ އަޅުކަމާ މަސްޣޫލުވާން ވިސްނައިދެމުން
އަޅުކަމާ ތަގުވާގެ މޭވާ ހިތް ފުރެން ދެން ބިނދެލުމަށް
އަޅުތަކުންނަށް ރަނުގެ ފުރުޞަތެކޭ މިއީ އޮތް ބުނެދެމުން