Support Us

ތައުފީގުގެ އަޑުން ސިޔަރަތު… 50 އަހަރު ވާއިރުވެސް ވަކިނުވެވުނު އަޑެއް

"ބައްޕަ ވިދާޅުވެފައި އޮތް ސިޔަރަތެއް ބައްޕަ ތިޔަ އަޑު އައްސަވަނީ ކީއްވެތޯއެވެ؟" އަޅުގަނޑު ވަރަށް ކުޑައިރު، އަޅުގަނޑާއެކު ބައްޕަވެސް ސިޔަރަތު އަޑު އައްސަވަން އިންނަވާތީ އޭރު އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލެއް ބައްޕައާ ކޮށްލީމެވެ. ޖަވާބުގައި ބައްޕަ ވިދާޅުވީ ރެކޯޑިންގައި ބައްޕަ ބައްލަވަނީ ވީހާވެސް ފުރިހަމައަށް ހުށަހަޅައިދެއްވޭތޯ ކަމަށެވެ. ރެކޯޑްކުރާ ގަޑީގައި ވިސްނުން ހުންނަނީ ރާގަށް ވިދާޅުވުމަށާއި މަޚްރަޖަށް ރަނގަޅަށް ވިދާޅުވުމަށް ކަމަށެވެ. މިހާރު ބައްޕަ ސިޔަރަތު މި އަޑުއައްސަވަނީ ޝަބީބުމެންވެސް އަޑުއަހާ ގޮތަށް ކަމަށެވެ. ރަސޫﷲގެފާނުގެ ސިޔަރަތު އަޑުއައްސަވާށެވެ.

އަޅުގަނޑަކީ އަލްމަރުހޫމު ހާޖަރާގޭ މުހައްމަދު ތައުފީގު (1934- 1995) އަށް ތިން ކައިވެނިން ލިބިވަޑައިގެންނެވި 13 ބޭފުޅުންގެ ތެރެއިން، ނުވަ ވަނަ އެވެ. އަދި އަޅުގަނޑުގެ މަންމައަށް ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ދޮއްޓެވެ. އެހެންކަމުން ބައްޕަގެ ފަހު ދުވަސްތަކުގައި ބައްޕައާއެކު ވަގުތުތައް ހޭދަކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. އެ ހަނދާންތައް އަބަދުމެ އާވެއާވެ ހުރެއެވެ.

ސައުދީގެ މަޝްހޫރު މުފްތީ އަލްމަރުހޫމު ޝައިޚް އަހުމަދު ޒައިނީ ދަޙްލާން (1816–1886) ޢަރަބި ބަހުން ލިޔުއްވި ސިޔަރަތު ފޮތް އަސްލަކަށް ބައްލަވައިގެން، ދީނީ ޢިލްމުވެރިޔާ އަލްމަރުހޫމު ޝައިޚު ހުސައިން ޞަލާހުއްދީން ތަރުޖަމާކުރައްވައި އެކުލަވާލައްވާފައިވާ ގޮތާމެދު ބައްޕަ ވަރަށް ތަޢުރީފު ކުރެއްވިއެވެ. އެ ސިޔަރަތު އަޑުއަހަންޏާ ދިވެހިބަހަށްވެސް ފަރިތަވެ މޮޅުވާނެ ކަމަށާއި ރަސޫލުﷲގެފާނުގެ ސިޔަރަތުންވެސް ނިކަން ގިނަ ފިލާވަޅުތައް އެނގި ދަސްވާނެ ކަމުގައިވެސް ބައްޕަ ވިދާޅުވިއެވެ.

(ކ-ވ) ސިޔަރަތު ލިއުއްވި ޝައިޚް އަހުމަދު ޒައިނީ ދަޙްލާން، ސިޔަރަތު ތަރުޖަމާކުރެއްވި ޝައިޚު ހުސައިން ޞަލާހުއްދީން އަދި ސިޔަރަތު ވިދާޅުވި މުހައްމަދު ތައުފީގު

އަޅުގަނޑުމެން ހަނދާން ހުންނަން ފެށީއްސުރެ ބައްޕަގެ އަޑު އަބަދުވެސް ރޭޑިއޯއިން އިވެއެވެ. ދިވެހިރާއްޖޭގެ އަޑުން ރަމަޟާންމަހު މެންދުރު 2.00ގައި ސިޔަރަތު ފޮނުވާ އެ ގަޑިއަކީ އަޅުގަނޑުމެން މިހާރު ދިރިއުޅެމުންދާ ގޭގައި، އަޅުގަނޑުވެސް ބައްޕައާއެކު ސިޔަރަތު އަޑުއަހަން އިންނަ ގަޑިއެވެ. ބައްޕަ ސިޔަރަތު އަޑުއައްސަވަން އިންނަވާނީ އަޅުގަނޑު ކުރިމަތީގައި ހުންނަ ގޮނޑިއެއްގައެވެ. ސިޔަރަތު އަޑުއަހާކަށް އަޅުގަަނޑުމެން އެއްވެސް ކުއްޖަކަށް އަމުރެއް ނުވަތަ މަޖްބޫރެއް ބައްޕަ ދުވަހަކުވެސް ނުކުރައްވައެވެ. އަޅުގަނޑު ސިޔަރަތު އަޑުއަހަން ބޮޑަށް ބޭނުންވީ ރަސޫލުﷲގެފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން ދަސްކުރުމަށެވެ. އިސްވެ ދެންނެވުނު ފަދައިން ބައްޕަގެ އަޑަކީ މަދަހައާއި ސިޔަރަތުގެ ތެރޭން އަބަދުވެސް އިވޭ އަޑަކަށްވާތީ އޭރު ބައްޕައާއެކު ސިޔަރަތު އަޑުއަހަން އިންކަމުގައި ވިޔަސް އަޅުގަނޑުގެ އުމުރުގެ ހަގުކަމާއެކުވެސް ކަންނޭނގެއެވެ. އޭރު ކުރެވުނު ވަކި މާ ޚާއްސަ އިޙްސާސްތަކެއް ނެތެވެ. އެހެން ނަމަވެސް މިއަދު އެ ހަނދާންތައް އާވާހިނދު ކުރެވެނީ ޝަރަފުވެރިކަން ހިތަށް ގެނުވާ ފަދަ ބުނެދޭންވެސް ނޭނގޭ ކަހަލަ އިޙްސާސެކެވެ.

ހަމަ ޔަޤީނުންވެސް މިއަދު އަޅުގަނޑު އެ ހަނދާންތައް މި އާކުރަނީ އިންތިހާއަށް އުފާވެރިކަމާއި ވަރަށްވެސް ބޮޑު ޝަރަފަކާއި ފަޚުރެއް އިޚްސާސް ކުރަމުންނެވެ. އެހެން ނުވާންވީވެސް ކީއްވެތޯއެވެ؟ މުޅި ރާއްޖޭގައި ސިޔަރަތަށާއި ބައްޕައަށް ދެވިފައިވާ ޤަދަރަކާއި ލޯތްބެއްގެ ސަބަބުން ބައްޕައާ ބައްދަލުވެލާ ސަލާންކޮށްލާ ނުވަތަ ބައްދަލު ނުވެވުނަސް، ދުރުން ނަމަވެސް ހަމަލޮލުން ދެކިލައިގެންވެސް ހިތްހަމަޖައްސާލަން ބޭނުންވާ އެތައް ބަޔަކު ތިބިއިރު، ސިޔަރަތުގެ އެ ރަންއަޑުގެ ވެރިޔާ އެ އިންނެވީ އަޅުގަނޑުގެ ކުރިމަތީގައެވެ. އާދަޔާ ޚިލާފަށް، ފިސާރި މޮޅަށް ވިދާޅުވެފައިވާ ސިޔަރަތުގެ ސަބަބުން ކުދިބޮޑު އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޝަހުސިއްޔަތު އެދުވަހު އެ އިންނެވީ އަޅުގަނޑާއެކު ހަމަ އެ ސިޔަރަތު އަޑުއައްސަވާށެވެ. މިއީ އަޅެފަހެ ކުޑަ ޝަރަފެއްތޯއެވެ؟

"ބައްޕަގެ އަޑުއިވޭ ދުވަސްކޮޅު ކައިރިވަނީ ދޯ..!! ކޮންމެ ރޯދަމަހަކު އަދިވެސް އަޑުއަހަންތަ؟" ވަރަށް ގާތް އަޚެއް ކަމުގައިވާ ޝަރަންއާ ދުވަސްކޮޅެއް ވަންދެން ދިމާނުވެ ތިބެފައި، މި ދިޔަ ހަފުތުގައި ކޮފީއަކުން ދިމާވުމުން އޭނާ އެންމެ ފުރަތަމަވެސް އަޅުގަނޑާ ކޮށްލީ އެ ސުވާލެވެ. ޝަރަންއަކީ އަޅުގަނޑުމެންގެ އާއިލާއާވެސް މިހާރު ގުޅިފައިވާ މީހަކަށްވުމުގެ އިތުރަށް، ސިޔަރަތަށް ލޯބިކުރާ މީހަކަށްވާތީ، އޭނާގެ ހިތުގައިވެސް ބައްޕަ އަދި ސިޔަރަތާ ބެހޭގޮތުން ޖަވާބު ބޭނުންވެފައިވާ އެތައް ސުވާލެއް އެބަހުރިކަން ޔަގީނެވެ.

"އެންމެ ރޯދަމަހެއްވެސް ނުދާނެ އަހަރެން ސިޔަރަތު އަޑު ނާހާ!" އަޅުގަނޑު ވަގުތުން ޖަވާބު ދިނީމެވެ. ޝަރަންގެ އެ ސުވާލަކީ އަޅުގަނޑު މީގެ ކުރިން އެހާ ބޮޑަށް ވިސްނާލެވިފައި ނެތް ކަމަކާމެދު ވިސްނާލަން އިތުރަށް މަޖްބޫރު ކުރުވި ސުވާލެކެވެ. ކީރިތި ރަސޫލާގެ ސިޔަރަތު އެވަރަށް އަޑުއެހޭތީ އޭގައި ދައްކާ ހުރިހާ ވާހަކަތަކެއް ކަހަލަ ގޮތަކަށް އަޅުގަނޑު ހިތުދަހެވެ. މުޅި ސިޔަރަތަށް އަޅުގަނޑުގެ ކަންފަތް ފަރިތައެވެ. އެހެން ނަމަވެސް ކޮންމެ ރޯދަމަހަކު ވައްޓާނުލާ އަޑު އެހެނީ ކީއްވެބާވައެވެ؟

ބައެއް ބޭފުޅުން ހިތްޕުޅަށް އަރާވަޑައިގެންފާނެއެވެ. އެއީ ފަހަރުގައި މިއަދު ބައްޕަ ދުނިޔޭގައި ނެތުމުން ބައްޕަގެ އަޑު އިވޭތީ އަހަން ބޭނުންވަނީއެވެ. ވިސްނާލުމުން އެނގުނީ އެކަން އޮތީ މުޅިއަކުން އެހެނެއްވެސް ނޫންކަމެވެ. އެގޮތަށް ބައްޕަގެ އަޑު އަހަން ބޭނުންވާނަމަ ޤަވާޢިދުން ބައްޕަގެ މަދަހަތައް އަޑު ނޭހެނީ ކީއްވެބާވައެވެ؟ ގައިމު ބައްޕަ ވިދާޅުވެފައިވާ "އޭ ސާހިބާ، އޭ ސާހިބާ، ޢާލަމްތަކަށް ރަޙުމަތެއް،" މި މަދަހައަކީ އަޅުގަނޑުގެ އަބަދުގެވެސް ފޭވަރިޓެވެ. ވަރަށް ގިނައިން އެ މަދަހަ އަޑު އަހަމެވެ. އެކަމަކު ސިޔަރަތު ގޮތަށް ޤަވާޢިދަކުން ނޫނެވެ. މީގެން އަޅުގަނޑަށް ވިސްނައިގަނެވުނީ، ޞަލާހުއްދީން ތަރުޖަމާކޮށް އެކުލަވާލައްވާފައިވާ ކީރިތި ރަސޫލާގެ ސިޔަރަތު ބައްޕަގެ ރަން އަޑުފުޅުން ވިރުވާ އަޅުއްވައިވާ ގޮތުން، ޝަރަން ފަދަ އެތައް ދިވެހީންނެއްގެ ހިތްތަކުގައި ޒަމާނުއްސުރެ ވަރަށް ބޮޑު ޚާއްޞިއްޔަތެއް ދީފައިވާކަމެވެ. ސަބަބުތައް ކިތަންމެހާވެސް ބައިވަރެވެ.

އަޑުއަހާލަން ފަސޭހަ، ހިތްދަމައިގަންނަ ރާގަކަށް ދޫފަރިތަކަމާއެކު އެހެރަ ވިދާޅުވެލައްވާ ގޮތެވެ. އަކުރުތައް ވިދާޅުވުމުގައާއި މަޚްރަޖްތަކުގައި އެހުންނަ ހިތްގައިމުކަމާއި ބަދަހިކަމެވެ. ދަމަންވީ ތަންތަނަށް ދެމުމާއި ހުއްޓަން މުނާސަބު ތަންތަނަށް ހުއްޓުމުގައި ގެންގުޅުއްވާފައިވާ ހިކްމަތްތެރިކަމެވެ. ކިޔާ މީހެއްގެ ހިތްމައްޗަށް ޙާދިސާތައް ފަސޭހައިން ގެނެސްގަނެވޭ ގޮތަށް ޝައިޚު ހުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ސިޔަރަތު، އޭގައި އެކުލެވިގެންވާ ރަހަތަކާއި އަސަރުތަކުން ހަމަ އެންމެ ތަންފުކެއްވެސް އުނިނުވާނޭ ގޮތަށް، އޭގެ އަސްލު ނުގެއްލޭނޭ ގޮތަށް، އަޑުއަހާ މީހަކަށް މަންޒަރު ސިފަކުރެވޭނޭހެން ބައްޕަ ސިޔަރަތު ވިދާޅުވެދެއްވާފައިވާ އެހެރަ ކުޅަދާނަކަމެވެ. މާޝާﷲއެވެ. ހަމަ ވަރަށްވެސް ފުރިހަމައީއެވެ.

އަލްމަރުހޫމު ހާޖަރާގޭ މުހައްމަދު ތައުފީގު (1934- 1995)

އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުށްކަމުގައި ނުވަނީ ނަމަ، ކީރިތި ރަސޫލާގެ ސިޔަރަތުގެ ސަލާހުއްދީންގެ ތަރުޖަމާ، ޖުމްލަ ހަތަރު ފަހަރަކު ބައްޕަ ރެކޯޑުކުރެއްވިއެވެ. އެ ސިޔަރަތު ފުރަތަމަ ރެކޯޑްކުރީ 1973 ގައި ތިން ބޭފުޅެއްގެ އަޑުންނެވެ. އެއީ ބައްޕަގެ އިތުރުން (އަޑުގެ ކުރީގެ ޑީ.ޖީ ބަދުރުއްނަޞީރުގެ ބައްޕަ) މަރުހޫމު އަލީ ނަޞީރާއި ރެޑިއަމް ވަޙީދެވެ. އެ ތިން ބޭފުޅުން ސިޔަރަތު ވިދާޅުވީ ބައިކޮށްގެން އެކި ބޭފުޅުން އެކި ބައިބައި ވިދާޅުވާ ގޮތަށެވެ. ބައްޕަގެ އަޑުފުޅުން އެކަނި ސިޔަރަތު ފުރަތަމަ ރެކޯޑުކުރީ 1974ގައެވެ. ދެވަނަ ރެކޯޑިން 1983ގައެވެ. އަދި އޭގެ 11 އަހަރުފަހުން، ސިޔަރަތުން ކުށެއް ފެނިގެން ހަތަރު ވަނަ އަދި އެންމެފަހު ރެކޯޑިން ހެއްދެވީ 1994 ގައެވެ. އެއީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައ،ި އުމުރުފުޅުން 61 އަހަރުފުޅުގައި، ބައްޕަ އަވަހާރަވުމުގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ބައްޕަގެ އަޑުން ރެކޯޑުކޮށްފައިވާ ސިޔަރަތު ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދާތާ 48 އަހަރު ވެފައިވާއިރުވެސް މި ސިޔަރަތު އަޑުއަހާނުލާ އަދިވެސް ނުނިދޭ މީހުންނާއި، ރަމަޟާން މަސް ސިޔަރަތާ ނުލައި ފުރިހަމަނުވާނޭ ކަމަށް ދެކޭ ގިނަ ބަޔަކު މިއަދުވެސް ތިބިކަމީ ހަޤީޤަތެކެވެ. އަދި ދިވެހިރާއްޖޭގެ އިތުރުން މަލިކު ފަހަނައަޅައި ގޮސް މައްކާގެ މާތް މުޤައްދަސް ބިމުގައިވެސް ބައްޕަގެ ސިޔަރަތުގެ އަޑުއަހާ މީހުން ތިބުން އެކަނިވެސް އިސްވެ ދެންނެވި ސަބަބުތަކަށް ދަލާލަތު ކޮށްދެއެވެ.

ބައްޕަގެ އަޑުން ވިދާޅުވެފައިވާ ސިޔަރަތު އެންމެ ފަހު ދެ ފަހަރު ރެކޯޑިން ހައްދަވާފައި ވަނީ ވަރަށްވެސް އެހެން ކަހަލަ ހާލަތެއް ބައްޕައަށް މެދުވެރިވެފައި ވަނިކޮށް ކަމަށް މަންމަ ވިދާޅުވެއެވެ. މިގޮތުން 1983 ގައި ރެކޯޑިން ހެއްދެވިއިރު، ބައްޕަ ތިންވަނައަށް ކައިވެނި ބައްލަވައިގަތް އަނބިކަނބަލުން އާދެ! އަޅުގަނޑުގެ މަންމަ އާމިނަތު ޝަބީބާ އޮންނެވީ އަޅުގަނޑު ވިހައިގެން ހޮސްޕިޓަލުގައެވެ. އެކަން ހިނގައިދިޔަގޮތް މަންމަ ވިދާޅުވެދެއްވަނީ މިފަދައިންނެވެ.

ތައުފީގުގެ އަނބިކަނބަލުން ޝަބީބާ (ކ-2) ތައުފީގުގެ އެންމެ ހަގު ހަތަރު ބޭފުޅުންނާ އެކު. މެދުގައި ޝަބީބު

"އޭރު މަންމަ އޮތީ (އަލަތު ދަރިފުޅު) ޝަބީބު ވިހައިގެން ހޮސްޕިޓަލުގައި. ރެކޯޑިންގއަށް ބައްޕަ ދުރުވަނީ ހޮސްޕިޓަލުގައި މަންމަ ކައިރީ ހުންނަވާފައި،" މީގެ 39 އަހަރު ކުރީގެ ހަނދާންތައް މަންމަ އާކުރެއްވިއެވެ. "ބައްޕަ ހަމަ ވަރަށް ހިތްވަރު ގަދަ. އޭރު ދިރިއުޅުމުގެ ހާލަތު އެހާ ރަނގަޅެއްވެސް ނޫން. ބައްޕަ ވަރަށް ދީނީ ކަންކަމަށް ލޯބިކުރައްވާނެ. އެހެން ހުއްޓާ ސިޔަރަތު ރެކޯޑް ކުރަން ފުރުޞަތު ލިބިލެއްވީމަ އޭގެ ބޭނުން ހިއްޕެވީ. ގޮންޖެހުން ތަކުގެ ތެރޭންވެސް އެކަން ކޮށްދެއްވީ ހަމަ ހިލޭސާބަހަށް. އެއްވެސް އުޖޫރައެއް ނުނަންގަވާ."

ބައްޕަ ވިދާޅުވެފައިވާ ސިޔަރަތަށް މިހާ ބޮޑު މަޤްބޫލުކަމެއް ލިބިދާނެތޯ އޭރު ހީކުރެއްވިންތޯ އެއީވެސް އަޅުގަނޑު މަންމައާ ކުރި ސުވާލެކެވެ.

"ނޫންނޫން. އެއްގޮތަކަށްވެސް ހިތަކަށް ނާރާ. ބައްޕަވެސް ހީނުކުރައްވާ. އެއީ މަންމަ ކައިރީ އެއިރު ބުނުއްވާނެ މީހުންނަށް ހާދަހާ ކަމުގޮސްގެނޭ އުޅެނީ.. ދެން ވަރަށް އުފާވެފައި އެވާހަކަ ދައްކަވާނީވެސް. ކޮންމެ ރޯދަމަހެއްގައި ސިޔަރަތު އަޑު އިވޭއިރު މިހާރުވެސް އެދުވަސްތައް މަތިން ހަނދާންވޭ. އެކަމަކު މަންމަ ބޮޑަށް ހަނދާންވަނީ އެންމެ ފަހުގެ ދެވަނަ ރެކޯޑިންގ މަތިން."

ސިޔަރަތުގެ އެންމެ ފަހުގެ ރެކޯޑިންގ ބައްޕަ ހެއްދެވީ 1994ގައި ހިތުގެ އާލާސްކަންފުޅެއްގައި އުޅުއްވަމުންނެވެ. މި ރެކޯޑިންގ ހަދަންޖެހުނު ގޮތުގެ ތަފްޞީލު އެންމެ ރަނގަޅަށް ވިދާޅުވެ ދެއްވޭނީ ދިވެހިރާއްޖޭގެ އަޑުގައި ސިޔަރަތުގެ ރެކޯޑިންގ ކަންތައްތަކާ އޭރު ހަވާލުވެ ހުންނެވި ހަފްޒާ ޢަލީއަށެވެ.

ދެވަނަ ރެކޯޑިންގ ހަދަން ޖެހުނު ގޮތާ ބެހޭގޮތުން ހަފްޒާ ވިދާޅުވީ، ޗާޕްގެ ކުށަކުން އާޔަތެއްގެ ކޮންމެވެސް ފިއްޔެއް ނުބައިކޮށް ޖެހިފައި އޮތްކަމަށް އޭރުގެ ޖަސްޓިސް މިނިސްޓަރު މަރުހޫމް މޫސާ ފަތުހީ ސިޓީފުޅެއް އަޑަށް ފޮޮނުއްވި ކަމަށެވެ. ބައްޕަ ވިދާޅުވެފައި ވަނީ ޗާޕުގައި އޮތް ގޮތަށެވެ. ދެން އެ ތަންކޮޅު ރަނގަޅު ކުރަން އުޅުއްވުމުގެ ތެރޭގައި ބައްޕަގެވެސް އެދިވަޑައިގަތުމުގެ މަތިން މަޝްވަރާ ކުރެވުނީ މުޅި ސިޔަރަތު އަލުން އެއްކޮށް އެޅުމަށް ކަމަށް ހަފުޒާ ވިދާޅުވިއެވެ.

"ދެން ކަންދިމާވި ގޮތަކީ ރަމަޟާން މަސް އައުމުގެ ދެމަސް ކުރިން ނިންމަން ޖެހޭތީ ރެކޯޑިންގ މާކުރިން ފެށިނަމަވެސް ހިތުގެ އާލާސްކަންފުޅު ބޮޑުވެގެން ރެކޯޑިންގ މެދުކަނޑާލަން ޖެހުނީ. ހަމަ ކުޑަކޮށް ރަނގަޅުވެލީމާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހުގެ އަނެއްދުވަހު ދުރުވެ ބައްޕަ ވިދާޅުވީ "މިހާރު އެޅޭނެޔޭ އަވަހަށް ނިންމަންށޭ ބޭނުމީ." ދެން އެ ހިސާބުން އަނެއްކާވެސް ރެކޯޑިންގެ މަސައްކަތް ފެށުނީ."

އެވާހަކަ އަޑު އަހާފައި އަޅުގަނޑު ވަރަށް ހައިރާންވެސް ވިއެވެ. ބައްޕަ ސިޔަރަތަށް ދެއްވި އަހައްމިޔަތާއި ބެހެއްޓެވި ފަރުވާތެރިކަމުގެ ބޮޑުކަމުންނެވެ. އެހެނީ މި ރެކޯޑިންގް އަކީވެސް ބައްޕަ ހިލޭސާބަހަށް ކުރެއްވި މަސައްކަތެކެވެ. ތިޔަ ބޭފުޅުންނަށްވެސް ވިސްނަވާލެއްވީމާ ސިޔަރަތުގެ އެންމެ ފަހަތުކޮޅަށް ދިއުމުން އަޑަށާއި ރާގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައި ހުރިކަން ފާހަގަ ކުރެއްވޭނެއެވެ.

ފީތާ ލެއްވި ރޯލަށް އަޑުގެ ސްޓޫޑިއޯ ތެރޭގައި ރެކޯޑިންގެ ކަންތައްތައް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުންވެސް ހަފްޒާ ވިދާޅުވެދެއްވީ ވަރަށް ޝައުޤު ކުރުވަނިވި ވާހަކަ ކޮޅެކެވެ.

"އޮނަތިރީސް ވަނަ ދުވަހަށް ނިމޭގޮތަށް ސިޔަރަތު އަޅަން އަންގަވާފައި އޮތީ.. އެހެންވީމަ އެ ސްޕީޑަށް ކިޔަންޖެހޭނެތާ. ވިހި ގަނޑު ބާވީސް ގަނޑު (ކިޔަންވީ ވަރުގެ) ހިސާބު ހައްދަވާ ގަނޑުތައް ބައްސަވާނީ ތައުފީޤް. އަޅުގަނޑުގެ ކަމަކީ ރެކޯޑް ކުރުމާއި އެހީތެރިވުން.. އެޑިޓެއް ކުރަން ވަރަށް ނުޖެހޭނެ. އެއްގަޑިއިރުގެ ސިޔަރަތުނޫންތޯ އެ އަންނަނީ.. ހައެއްކަ ފަހަރު ކަނޑާލަން ޖެހޭނީ. ކުޑަކޮށް ކޮށިއަރައިގެން ނޫނީ ގަނޑު އެއްލައްވާ ތަންކޮޅުގައި ބޭނުންވާ ރާގަށް ނުގެންދެވުނީމާ ހުއްޓަވާލައްވަފާނެ ބައެއް ފަހަރު. އެހެންނޫނިއްޔާ ކޮށްޓެއް ނުވާނެ. ވަރަށް ފަރިތަވާނެ. އަދި ފާހަގަކޮށްލަން ބޭނުން. ބުނުއްވައިފި ދުވަހަކު ވަރަށް ގަޑިއަށް (ތައުފީގު) ދުރުވާނެ. ވަރަށް ފަރުވާތެރިކަމާއެކު ކުރެއްވީ އެކަން އަމިއްލަކަމެއްގެ ގޮތުގައި. އެއީ އުޖޫރައަކަށް ކުރެއްވި ކަމެއް ނޫން."

(އަޅުގަނޑުމެންގެ އާއިލާގެ އެދުމަކަށް ސިޔަރަތާ ގުޅޭ މި ތަފްޞީލުތައް ދެއްވި ކަމަށްޓަކައި ހަފްޒާ އަލީއަށް ވަރަށް ޚާއްޞަ ޝުކުރެއް އަރިސް ކުރަމެވެ.)

މަންމަ އެންމެ ބޮޑަށް ހަނދާނުގައި ހުންނަނީ ބައްޕަގެ ފަހު ރެކޯޑިންގއާ ބެހޭގޮތުން ކަމަށް ވިދާޅުފައިވާތީ އެކަމުގެ މައިގަނޑު ސަބަބަކީ ކޮބައިތޯވެސް ބަލައިލީމެވެ. މަންމަ ވިދާޅުވެދެއްވީ ބައްޕަ އެކަމަށް ބެހެއްޓެވި ޝައުޤުގެ ބޮޑުކަމުގެ މިންވަރަކީ އެ ދުވަހެއްގެ ރެކޯޑިންގ ނިންމަވާލައްވާފައި ވަޑައިގަންނަވާނީ ރެކޯޑިންގެ ކޮޕީއެއް ހިއްޕަވައިގެން ކަމަށެވެ. ދެން އަރިހަށް މަންމަ ގެންދަވައި ކައިރީ ބައިންދަވާފައި ކުރީ ރެކޯޑިންއާއި މިހާރުގެ ރެކޯޑިންގައި ތަފާތެއް ފާހަގަވޭތޯ، ނޭވާ ކުރުވޭތޯ ކަހަލަ ސުވާލުތައް އައްސަވާ ކަމަށެވެ. ދެން އެކަހަލަ މައްސަލަތަކެއް ފާހަގައެއް ނުކުރެވެޔޭ މަންމަ ވިދާޅުވުމުން އަނެއް ދުވަހު ރެކޯޑިންއަށް ވަޑައިގަންނަވާނީ ވަރަށް އުއްމީދާއެކު ކަމަށް މަންމަ ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑަށް ހަނދާން ހުންނަ ދުވަސްތަކެއް ކަމުގައި މަންމަ ފާހަގަކުރައްވައެވެ.

ތައުފީގާއި ދެ އަނބިކަނބަލުން ސިއްތި (ކ) އަދި ޝަބީބާ، ޝަބީބާގެ ދޮށީ ދެ ބޭފުޅުންނާއެކު

އަޅުގަނޑުމެން ތިބި މޭޒުދޮށަށް ކޮފީ ގެނެވުމާއެކު ކޮފީތަށި އަނގަޔާ ކައިރިކޮށްލަމުން ޝަރަން އަނެއްކާވެސް ސުވާލުކުރިއެވެ. "ބައްޕަގެ އަޑު ރޭޑިއޯއިން ފުރަތަމަ އިވުނު ދުވަހު ޝަބީބަށް ކޮންކަހަލަ އިޙްސާސެއް ކުރެވުނީ؟ ސިޔަރަތުގެ ރާގު މީ ބައްޕަ ކިހިނެތް ޑިސްކަވަރކުރި ރާގެއް؟" އެއީ ޝަރަންގެ އިތުރުން އެހެނިހެން ރައްޓެހިންނާއި ދެކެފަރިތަ މީހުންވެސް އަޅުގަނޑާ ދޭތެރެއަކުން ކުރިމަތިކުރުވާ ސުވާލުތަކެކެވެ.

ބައްޕަ ސިޔަރަތު ވިދާޅުވެފައިވާ ރާގާ ބެހޭގޮތުން އެންމެ ރަނގަޅު ތަފްޞީލެއް ދެއްވޭނެ އެއްބޭފުޅަކީ އަޅުގަނޑުގެ އެއްބަފާ ބޭބެއެއް ކަމުގައިވާ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤެވެ. ބޭބެ ވިދާޅުވީ ބައްޕަ އެންމެ ފުރަތަމަ ސިޔަރަތު ވިދާޅުވީ މަރުހޫމް އަލީ ނަޞީރު ވިދާޅުވި ރާގަށް ކަމަށެވެ. އެއީ ބައްޕަމެނަށްވުރެ މާ ދޮށީ ބޭފުޅެއް ކަމަށާއި ބައްޕައަށް އަލީ ނަޞީރު ސިޔަރަތު ވިދާޅުވާ ގޮތް ކަމުގޮސްގެން އެގޮތަށް ވިދާޅުވީ ކަމަށެވެ.

"ބައްޕަ އަޅުގަނޑު ގާތު ވިދާޅުވި ތިމަންނައަށް ވަރަށް ރީއްޗޭ އަލީ ނަޞީރުގެ ކިޔުއްވުން. ތިމަންނައަށް ސިޔަރަތު ވަކިން ކިޔަން ލިބިއްޖެއްޔާ އެގޮތަށޭ ކިޔަން ބޭނުމީ. އަލީ ނަޞީރާއި ބައްޕައާއި ރެޑިއަމް ވަޙީދު ސިޔަރަތު ކިޔުއްވީ ބައިކޮށްގެން. ދެން އޭގެ ފަހުން ބައްޕަ އެކަނި ސިޔަރަތު ވިދާޅުވާ ގޮތަށް ހަމަޖެހުމުން އަލީ ނަޞީރު ކިޔުއްވާ ރާގަށް ބައްޕަ އެ ކިޔުއްވީ،" ފުއާދުބެ ވިދާޅުވިއެވެ.

ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ ބައްޕަ ކުރެއްވި ހަމައެކަނި އެފަދަ މަސައްކަތަކީ ސިޔަރަތު ވިދާޅުވުން އެކަނި ކަމަށެވެ. ނޫނެކެވެ. ބައްޕައަކީ ޤައުމަށް އެތައް ރޮނގަކުން ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އެފަދަ ދެވަނައެއް ނެތްފަދަ ވަރުގަދަ ޝަޚްސިއްޔަތެކެވެ. އެއީ ދޫހެލޭ، ހުޝިޔާރު، މޮޅު ޤާނޫނީ ވަކީލެކެވެ. އަމިއްލަ ގެކޮޅުގައި މަދަރުސާއެއް ހައްދަވައިގެން ހިންގެވި މުދީރެކެވެ. ބައިވެރިވި ކޮންމެ ވާހަކަ މުބާރާތަކުން ފަޚުރުވެރި ވަނަތައް ޙާސިލް ކުރައްވަމުން ގެންދެވި ކުޅަދާނަ ލިޔުންތެރިއެކެވެ. އެތައް ޅެމެއް ހެއްދެވި ޝާއިރެކެވެ. މިސްކިތްތަކުގައި ހުކުރު ކޮށްދެއްވި އިމާމެކެވެ. އެކި އަތޮޅުތަކުގައި ހިކުމަތްތެރިކަމާއެކު އަތޮޅުވެރިކަން ކުރެއްވެވި ހީވާގި ހިންގުންތެރިއެކެވެ. ތަޖްވީދަށް ރީތިކޮށް ކިޔަވާ ވިދާޅުވާ ޤާރީއެކެވެ. މިއަދާ ހަމައަށްވެސް ހިތްތަކުން ފިލައިގެންނުދާނޭ ފަދަ އަސަރުގަދަ މަދަހަތަކެއް ވިދާޅުވެދެއްވި މޮޅު ފަންނާނެކެވެ. އަދި މިކަންކަމުގެ އިތުރުން އެއީ ހެޔޮ ފިރިއެކެވެ. ދަރީންނަށް ނުހަނު އޯގާތެރި ބައްޕައެކެވެ.

އަދިވެސް ގިނަ ބަޔަކަށް ނޭނގި އޮތް އެހެން ކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ. ބައްޕަ ވިދާޅުވެފައިވާ "އަވާމެންދުރޭ" ލަވައަކީ މި ރާއްޖޭގައި އެންމެ މަޝްހޫރުވެގެން ދިޔަ އެއް ލަވައެވެ. އޭރު އެލަވަ ނުކިޔާ އެއްވެސް ފަންނާނަކު ނެތެވެ. އެދުވަސްވަރު އަލީ ރަމީޒްމެން ފަދަ އާޓިސްޓުން ވެސް ބައްޕަ ވިދާޅުވެފައިވާ ގޮތަށް އެލަވަ ނަކަލުކުރަން މަސައްކަތް ކޮށްފައި ވެއެވެ. އަދި އިންޑިޔާ ލަންކާ ހިސާބު ފަންނާނުންވެސް އެލަވަ ކިޔާފައިވެއެވެ. މިކަންކަން މިހެން ހުރުމާއެކުވެސް ބައްޕައަށް މިއުޒިކާއި މައުލޫދު ފަދަ ކަންކަމުގައި އަސްލު އެކަންކަން ދީނީގޮތުން އޮންނަގޮތް އެނގިވަޑައިގެންނެވި ހިސާބުން އެކަންކަމާ ދުރުވެވަޑައިގަތެވެ. ބައްޕަ މިކަހަލަ ވާހަކަތައް އެންމެ ގިނައިން ދައްކަވާފައި ހުރީ، "ދިރުވި ނިޝާން، އާވިންދޭ، ދެހިތެއް ގުޅޭނޭ، ދޭހަނދާނަކީ" ފަދަ ލަވަތަކުން ބޮޑު މަޤްބޫލުކަމެއް ހޯދި، އެހެން ނަމަވެސް މިހާރު މިއުޒިކާއި ލަވައާ ދުރުގައި ހުންނަވާ ބައްޕަގެ ދަރިކަނބަލެއް ކަމުގަވާ ޒަހިއްޔާ ތައުފީޤާއެވެ.

ތައުފީގު (ކ)

"ޒަހިއްޔާތަ ކައިރީ ބައްޕަ ވަރަށް ދައްކަވާ އުޅުއްވާނެ ދީނީ ވާހަކަތައް. އެއީ ޒަހިއްޔާތަވެސް ބައްޕައާ ދީނީ ކަންކަމުގައި ސުވާލުކޮށް ހަދަން ވިއްޔަ. ބައްޕަ ވިދާޅުވާނެ މިހާރޭ މި އެނގެނީ މަޢުލޫދު ކިއުމާއި މިއުޒިކު ކުޅުމަކީ ދީނުގައި އޮންނަ ކަމެއް ނޫންކަން. ތިމަންނަމެނަށް ކުރިން އެކަންކަން ރަނގަޅަށް އޮޅުންފިލާފައި ނެތީމައޭ ނޭނގޭތީޔޭ ކުރެވުނީ. އެނގުނު ހިސާބުން ދޫކޮށްލީއޭ. އެކަމަކު މީހުން ކައިރިޔަކު މި ވާހަކައެއް ނުބުނަމޭ. ބުނެފިއްޔާ ވެސް ކުރާނީ ނަފްރަތޭ،" ޒަހިއްޔާތަ ވިދާޅުވިއެވެ.

އާނއެކެވެ. ބައްޕައަކީ ހައްޤު ގޮތް އެނގޭ ހިސާބުން އެގޮތަށް ޢަމަލު ކުރެއްވުމަށް އަވަސްވި ބޭފުޅެކެވެ. އަޅުގަނޑުވެސް ބައްޕަ އަރިހުގައި މިއުޒިކުން ކެރިއަރ ފަށަށް ބޭނުންވާ ވާހަކަ ދެންނެވުމުން ބައްޕަ އެކަމާ އެހާ ހިތްޕުޅުހަމަޖެހިއެއް ނުލެއްވިއެވެ. އޭރަކު ސަބަބެއް ނުވިސްނުނެވެ. އެކަމަކު މިހާރު އޭގެ ސަބަބު ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

ބައްޕައަކީ ހިތްތިރިކަމާއި ހިތްހެޔޮ ކަމުގައިވެސް އާދަޔާ ޚިލާފް ނަމޫނާއެއް ދެއްކެވި ބޭފުޅެކެވެ. އަޅުގަނޑާ ދިމާވާ، ބައްޕައާ ބައްދަލުވެފައިވާ ބޭބޭފުޅުން އެންމެ ފުރަތަމަވެސް ދައްކަވާ ވާހަކައަކީ ބައްޕަގެ ހިތްތިރިކަމުގެ ވާހަކައެވެ. މިގޮތުން އަޅުގަނޑު ހަނދާން ހުންނަ އެއް ޙާދިސާއެއް ހިއްސާ ކޮށްލާނަމެވެ. އަޅުގަނޑު ނުވެސް ދަންނަ މީހަކު، އަޅުގަނޑު މީ ތައުފީޤްގެ ދަރިއެއްކަން އެނގިގެން އައިސް ވަރަށް ހެޔޮކޮށް ހިތައިފައި ބުނީ ބައްޕައަކީ ވަރަށްވެސް ހިތްހެޔޮ ބޭފުޅެއް ކަމުގައެވެ.

ތައުފީގު އަތޮޅުވެރިކަން ކުރެއްވި ދުވަސްވަރުގެ ހަނދާނެއް…

"އެއް ދުވަހަކު ތިގެއަށް އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާ ދެމީހުން ދިޔަ ދުވަހަކު، ގޭގައި އެ ގަޑީގައި އުޅުއްވަނީ ހަމައެކަނި ބައްޕަ. އަޅުގަނޑުމެން ފެނިލެއްވުމުން ސައިބޮއެގެން ދާން މަޑުކުރުމަށް އެދިވަޑައިގަތުމުން އަޅުގަނޑުމެން ދެންނެވީ ފަހުން އަންނާނީއޭ. އެކަމަކު ބައްޕަ ހިލާ ދޫ ނުކުރެއްވި. ބަދިގެއަށް ވަދެވަޑައިގެން ސައި ހެއްދެވީވެސް ބައްޕަ އަމިއްލަފުޅަށް. އަޅުގަނޑުމެންނަކީ ނިކަމެތި ބައެެއް ނަމަވެސް ބައްޕަ އެބަހައްޓަވާ ގާތްކަމާއި މެހެމާންދާރީ ދުވަހަކުވެސް ހިތަކުން ފުހެވިގެނެއް ނުދާނެ،" އޭނާ ބުންޏެވެ. އެއީ އަޅުގަނޑު ވަރަށްވެސް އުފާވި ދުވަހެކެވެ.

ތަފާތު އެކި ދާއިރާތަކުން ބައްޕަ މިޤައުމަށް ކޮށްދެއްވާފައި ވަނީ އަގުނުކުރެވޭނޭ ފަދަ އެތައް ޚިދުމަތްތަކެއް ނަމަވެސް ބައްޕަ ވިދާޅުވި ސިޔަރަތުގެ ރެކޯޑިންގ ހެދި ދިވެހިރާއްޖޭގެ އަޑުންވެސް، އަދި މިހާތަނަށް އައި އެއްވެސް ސަރުކާރަކުންވެސް، ބައްޕަގެ އެ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައިފައިނުވާކަމީ، ބައްޕަގެ މުޅި އާއިލާގެ އެންމެހާ މެންބަރުންގެ އިތުރުން ބައްޕަގެ މަސައްކަތްތައް ބަލައިގަންނަ އެތައް ބައެއްގެވެސް ވަރަށް ބޮޑު ސުވާލެކެވެ. ޝަރަން ފަދައިން އަޅުގަނޑުވެސް ކުރާ ސުވާލެކެވެ.

ބައްޕަގެ އަގުހުރި ހިދުމަތްތަކުގެ އަގު ދައުލަތުން ވަޒަންނުކުރި ނަމަވެސް، ދިވެހި ފަސްގަނޑުގައި އެ ހިދުމަތުގެ ޒިކުރާ އަބަދުމެ އާވެއާވެ ހުންނާނެއެވެ. އަމުދުން މި ރޯދަމަހު ކޮންމެ ދުވަހަކު މެންދުރުފަހު، އެ އަޑު މުޅި ގައުމުގައި ގުގުމާނެއެވެ. އެއީ 50 އަހަރު ވާއިރުވެސް ވަކިނުވެވުނު އަޑެކެވެ. ބައްޕަގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަހުމަތް މިންވަރު ކުރައްވާށިއެވެ! އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2111
ޚިޔާލު ފާޅުކުރައްވާ!

10 Responses

  1. ހިތުގަ އުފެދިފަހުރި ވަރަށް ގިނަ ސުވާލު ތަކަށް ޖަވާބު ލިބިއްޖެ. ކިޔާހިތުން ކިޔާލެވުނީ. ޝަބީބުވެސް ތީހަމަ ބައްޕަފަދަ މޮޅު ލިޔުންތެރިއެއް. މާޝާﷲ!

    1. މާޝާﷲ ހެޔޮ ރަޙްމަތްލައްވައި ޖަންނަތުގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން

  2. ޝަބީބްގެ ލިޔުންތައް ކިޔާލެވެނީ ހަމަ ކިޔާ ހިތުން. މި ލިޔުންވެސް ވަރަށް ފުރިހަމަ. އަދި އެހާމެ އަސަރުގަދަ. ތިގޮތުގައި ކުރިއަށް. އަދި ބައްޕަ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވާށި. އާމީން.

  3. ޝަބީބް އަށް ދޯ ބައްޕަގެ ލިޔުންތެރިކަމުގެ ހުނަރު މި ލިބުނީ. ދެން ތިބި އެންމެން ލަވަ ކިޔާ ނަގަނީ.

  4. ވަރަށް މޮޅު ލިޔުމެއް. ޝަބީބު އަކީވެސް ބައްޕަފަދަ ކުޅަދާނަ ހުނަރުވެރި ލިޔުންތެރިއެއް.

  5. މާޝާﷲ! ޝަބީބު ޅެމެއް ހެދިޔަސް، ވާހަކައެއް ލިޔުނަސް، އާޓިކަލެއް ލިޔުނަސް ހަމަ ރީތީއޭ. އައިއެމް އަ ހިއުޖް ފޭން އޮފް ޔޫ!! ލައިގެ ލައިފާ ބެހޭގޮތުން ވާނެ ލިޔެލަދޭން ވާހަކައެއް ވިޔަސް! ޔުއަރ ޑޭޑް އިޒް އަ ޓްރޫ ލެޖެންޑް!!

  6. ނުނިދިގެން އުޅޭ ރޭރޭ ސިަޔަރަތު ޖަހައިގެން މަގިނައިރެއް ނުވަނީސް އަޑުއަހަން އޮވެ ނިދޭ އަޅުގަނޑަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *