ޙައްގު އައުމުން ބާޠިލަށް ޖެހެނީ ބިރުން ދުވެފައި ފިލާން
ޝައްކު ނެތްކަމެކޭ މިއީ ކީރިތި ފޮތުން އެ އޮތީ ފިލާން
ޙައްގު މަގުގައި ތިބެކުރާ މަތިވެރި ޖިހާދަށް ދެއްވަނީ
ރައްދުގައި ފޮނި ކާމިޔާބޭ ފާޅުގައި ހިނިތުން ވެލާން
ބޭނުމީ ތެދުވެރިކަމާ އެކުވެރިކަމާ ގަދަ ހިތްވަރޭ
ފޭނުކޮށް ހަމަ އެކަކުވެސް ޢަޒުމާ އެކީ ސާބިތުވެލާން
ވަގުތު ޖެހުމުން އަޒަލުގައި ކަނޑައެޅި ލިޔުއްވާފައި އެވާ
ވަގުތުގައި އެކަމެއް ހިނގާނޭ ނުރުހިފައި ތިއްބަސް ބަލާން
ނުކުރެވޭނޭ ހަމަ ހިލާ ޖަދަލެއް،ވަޙީ ބަސްފުޅު އެއީ
އެކުވެލައި ވާނީ ހިތާ ދެ ކޮޅަށް ވިޔަސް އެއްބަސްވެލާން
ދެއްވުމުން ނަޞްރާ ފަތަޙަ މަތިވެރި އިލާހަށް ޙަމްދުކޮށް
ލެއްވި ރަޙުމަތުގައި ސުޖޫދަށް ރީތިކޮށްވީ ތިރިވެލާން
ރޭވިޔަސް އާރާއި ބާރާ އޮވެ ތިމާމެން މުށުތެރޭ
ހޭވި ހަޑި ބޭޒާރު ވީމާ ވެސް ނުވޭހޭ ރޯ ފިލާން