Support Us

ޝެއިޚް އަބުދުލްއަޒީޒް އިބުނި ބާޒް

ޝެއިޚް ބިންބާޒް އާއި ވަގުކަލޭގެ!

އިހުޒަމާނުގައި އުޅުނު ޕާކިސްތާނު މީހެކެވެ. ނަމަކީ މުރުތަޟާއެވެ. އޭނާ ވަޒީފާއެއް ހޯދުމަށްޓަކައި ސަޢުދީ އަރަބިޔާއަށް ދަތުރުކުރިއެވެ. ސައުދީގައި މަސައްކަތްކޮށް ފައިސާ އެއްކޮށްގެން ޒަވާޖީހަޔާތެއް ފަށައި އަމިއްލަ ރަށުގައި ހަމަޖެހޭ ދިރުއުޅުމެއް އުޅުމުގެ ފޮނި ހުވަފެނާ އެކުއެވެ. އެގޮތުން މުރުތަޟާއަށް ތާއިފްގެ ކާރުޚާނާއަކުން ވަރަށް އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހުނެވެ. މުސާރައަކީ 1،500 ސައުދީ ރިޔާލްއެވެ.

އެއްދުވަހަކު އޭނާ މަސްކަތުގައި އަވަދިނެތި އުޅެނިކޮށް ރަށުން ފޯނުކޯލެއް އައެވެ. ލިބުނު ޚަބަރާ އެކު މުރުތަޟާގެ ހިތް ކުދިކުދިވިއެވެ. ކުއްލި ގޮތަކަށް މަންމަގެ ކިޑުނީ ފެއިލްވެ ޓްރާންސްޕްލާންޓު ހަދަން ޖެހުނީއެވެ. ވީ އެންމެ އަވަހަކަށް ޓްރާންސްޕްލާންޓު ހެދުމަށް ޑޮކްޓަރު ލަފާދިނެވެ. އަދި އެކަމަށް 7،000 ރިޔާލް ބޭނުންވާ ކަމަށާއި ވީއެންމެ އަވަހަކަށް ޓްރާންސްޕްލާންޓް ނަހަދައިފި ނަމަ މަންމަގެ ފުރާނަ ގެއްލިދާނެ ކަމުގެ ހިތާމަވެރި ޚަބަރުދިނެވެ.

މިކަމާ މުރުތަޟާގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. އެހެނީ އޭނާގެ އަތުގައި އޮތީ އެންމެ 1،000 ރިޔާލެވެ. އަދި އެހާލުގައި އޭނާގެ މަންމަ އެތައް މަސައްކަތެއް ކޮށްގެންވެސް އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހުނެވެ. އެހެންކަމުން މުރުތަޟާ އޭނާއާ އެކު ފެކްޓްރީގައި މަސައްކަތް ކުރާ އެކުވެރިންގެ އެހީތެރިކަމަށް އެދުނެވެ. ނަމަވެސް އެމީހުން ދިނީ ބީރުކަންފަތެކެވެ. އަދި ލޯނެއް ލިބޭތޯ އުޅެގެން އެކަންވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އެހެންކަމުން ފައިސާ ހޯދުމަށްޓަކައި އިތުރު ގޮތެއް ފެނޭތޯ ވަރަށް ވިސްނުމަށްފަހު ވައްކަން ކޮށްގެން ފައިސާ ހޯދުމަށް މުރުތަޟާ ނިންމިއެވެ. އެގޮތުން އެއްރޭ ދަންވަރުގެ ފަހުބަޔަށް އެޅުމުން ގޭސްފުޅިއެއް ވަގަށް ނަގައި ވިއްކާލުމުގެ ނިޔަތުގައި މުރުތަޟާ އޭނާ މަސައްކަތްކުރާ ކާރުޚާނާ ކައިރީގައި ހުރި ގެޔަކަށް ވަނެވެ. ނަމަވެސް އެގެއިން އެއްވެސް އެއްޗެއް އަތުނުޖެހިގެން އުޅެނިކޮށް ފުލުހުން އައިސް އޭނާ ހައްޔަރުކުރިއެވެ. އަދި އަތުގައި ބިޑިއަޅުވައިގެން ގޮސް ޖަލުގައި ބަންދުކުރިއެވެ. ނަމަވެސް ހައްޔަރުކުރިތާ ގަޑިއެއްހާއިރުވެސް ނުވަނީސް ފުލުހުން އައިސް އޭނާގެ އަތުގައި އަޅުވާފައިވާ ބިޑި ނައްޓާލިއެވެ. އޭރުވެސް މުރުތަޟާ ދިޔައީ ބާރަށް ރޮމުންނެވެ. އޭނާ ވައްކަންކުރަން މެދުވެރިވި ހާލަތު ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ދެންފަހެ ފުލުހުން އޭނާގެ އަތުގައި އަޅުވާފައި ބިޑި ނައްޓާލުމަށްފަހު އަނެއްކާވެސް ގެންގޮސް ފުލުހުންގެ ވެހިކަލަށް އެރުވިއެވެ. އަދި އޭނާ ގޮވައިގެން ގޮސް އޭނާ ވައްކަންކުރަން ވަން ގެޔަށް އަނބުރާ ގެންދިޔައެވެ. އަދި އެގޭ ސިޓިންގރޫމުގައި ހުރި ގޮނޑިއެއްގައި މުރުތަޟާ ބެއިންދުމަށްފަހު ދޮރުލައްޕާފައި ފުލުހުން އެނބުރި ހިނގައްޖެއެވެ.

މިކަމާ މުރުތަޟާ ޚައިރާންވިއެވެ. އެހެންކަމުން ހަރަކާތެއްވެސް ކުރަން ނުކެރިފައި އިންދާ ޒުވާން ފިރިހެނަކު އެތަނަށް އައެވެ. އަދި ރިވެތި ސަލާމަކުން ސަލާމް ގޮވާލުމަށްފަހު ކައިގެންތޯ އެހިއެވެ. ޖަވާބުގައި މުރުތަޟާ ނޫނެކޭ ބުނުމުން ކެއުމަށް ދައުވަތުދިނެވެ. ކައި ނިމުމަށްފަހު މުރުތަޟާ ގަޑި ބަލާލިއިރު ފަތިސްނަމާދު ވަގުތު ވަނީ ކުޑަތަންވެފައެވެ. އަދި އޭނާއާ ކުރިން ދިމާވި ޒުވާނާ ލޯފަން މުސްކުޅި މީހެއްގެ އަތުގައި ހިފައިގެން އޭނާގެ ގަތަށް އާދެއެވެ. އެ މުސްކުޅި މީހާ މުރުތަޟާއަށް ސަލާމް ގޮވައިލެއްވިއެވެ. އަދި އެއްސެވިއެވެ. "އޭ ދަރިފުޅާއެވެ. ތިބާގެ ހާލުކިހިނެއް ހެއްޔެވެ؟" ޖަވާބުގައި މުރުތަޟާ "އަލްހަމްދުލިﷲ"އޭ ބުންޏެވެ. އެހިނދު އެ މުސްކުޅި މީހާ ބުންޏެވެ. "އަހަރެމެންނާއެކު ފަތިސްނަމާދުގައި ބައިވެރިވުމަށް އަންނާށެވެ."

ކޮންމެއަކަސް މުރުތަޟާ އެމީހުންނާ އެކު ފަތިސް ނަމާދުގައި ބައިވެރިވިއެވެ. އަދި ނަމާދުކޮށް އަވަދިވެގެން ބަލައިލި އިރު އިމާމުމީހާ ކައިރީގައި ޚާއްޞަ ގޮނޑިއެއް ބެހެއްޓިފައި ހުއްޓެވެ. އަދި މިސްކިތުގައި ތިބިމީހުން ގޮސް އެ ގޮނޑީގައި އެއްކަލަ ލޯފަން މުސްކުޅި މީހާ ބެއިންދިއެވެ. އެހިނދު އޭނާ މީސްތަކުންނާ މުޚާތަބުކޮށް ވާހަކަދައްކަން ފެށިއެވެ. އަދި އެބައިމީހުނަށް ދީނުގެ ޢިލްމު އުނގަންނައިދެއްވަން ފެއްޓެވިއެވެ. މިކަމާ މުރުތަޟާގެ ޚައިރާންކަން އިހުނަށްވުރެ އިތުރުވިއެވެ. އަދި ގާތުގައި ޖެހިގެން އިން މީހާ ގާތު އަހާލިއެވެ. "މިމުސްކުޅި މީހާ އަކީ ފަހެ ކާކުހެއްޔެވެ؟" އެމީހާ ޖަވާބު ދިނެވެ. "އެއީ ޝެއިޚް އަބުދުލްއަޒީޒް އިބުނި ބާޒް އެވެ." މުރުތަޟާ ހިތަށް އެރިއެވެ. އަސްތަޤުފިރުﷲ އެވެ. ވައްކަން ކުރަން މިވަދެވުނީ ޝެއިޚް ބިންބާޒުގެ ގެއަށްތާއެވެ.

ދެންފަހެ މިދަރުސް ނިންމާލުމަށްފަހު ޝެއިޚު ބިންބާޒު އެކަލޭގެފާނުގެ ދަރިވަރުންނާއެކު މުރުތަޟާ ގޮވައިގެން ޝެއިޚްގެ ގެޔަށް ވަޑައިގަތެވެ. އަދި ޝައިޚުގެ އަރިހުގައި މުރުތަޟާ ބެއިންދެވިއެވެ. އޭރު ހެނދުނުގެ ނާސްތާ ވަނީ ތައްޔާރުކުރެވިފައެވެ. ނާސްތާކޮށް ނިމުން މުރުތަޟާ އެއްފަރާތަކަށް ގެންގޮސް ޝެއިޚް ސުވާލުކުރެއްވިއެވެ. "ތިބާ މިގެޔަށް ވައްކަންކުރަން ވަނީ ކީއްވެ ހެއްޔެވެ؟" މުރުތަޟާ ޖަވާބު ދިނެވެ. "މާތްﷲ ގަންދީ ބުނަމެވެ. އަހަރެން ވައްކަން ކުރަން މެދުވެރިވީ މަންމަގެ ކިޑުނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ފައިސާހޯދުމަށެވެ. އެކަމަށްޓަކައި 7،000 ރިޔާލް ބޭނުންވެއެވެ. އެފައިސާ ހޯދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހުރެން ކުރީމެވެ. އެކުގައި މަސައްކަތްކުރާ އެކުވެރިންގެ އެހީތެރިކަމަށް އެދުނީމެވެ. ލޯނެއް ލިބޭތޯ އެތައް މަސައްކަތެއް ކުރީމެވެ. ނަމަވެސް އިތުރު އެހެން އެއްވެސް ގޮތެއް ނުފެނުމުން ވައްކަންކުރަން މަޖުބޫރުވީއެވެ. އަހަރެންގެ ހަމައެކަނި ނިޔަތަކީ މަންމައަށް ހެޔޮކޮށް ހިތައި އެމަންމަ އަށް އެހީތެރިވުމެވެ."

މިވާހަކަތައް އަޑުއައްސަވާފައި ޝެއިޚް އެކަލޭގެފާނުގެ އާއިލާގެ ބޭފުޅަކަށް ފޯނުކުރައްވައިގެން 19،000 ރިޔާލް ގެންނަވައި މުރުތަޟާއަށް ދެއްވިއެވެ. އެހިނދު މުރުތަޟާ ދެންނެވިއެވެ. "ޝެއިޚްއެވެ. އަޅުގަނޑަށް ބޭނުންވަނީ 7،000 ރިޔާލެވެ." ޖަވާބުގައި ޝެއިޚް ވިދާޅުވިއެވެ. "ބާކީ ފައިސާ ތިބާގެ އެހެނިހެން ބޭނުންތަކަށް ޚަރަދުކޮށްލާށެވެ."

ޖެހިގެން އައިދުވަހު މުރުތަޟާ އޭނާގެ މަންމަގެ ފަރުވާގެ ކަންތަކަށް ޕާކިސްތާނަށް ފުރިއެވެ. އަދި މާތްﷲ ގެ ހެޔޮރަހުމަތްފުޅާއި ވާގިފުޅާ އެކު މުރުތަޟާގެ މަންމަގެ ކިޑްނީ ޓްރާންޕްލާންޓް ކާމިޔާބުވިއެވެ. އެހެންކަމުން އެނބުރި ސައުދީއަށް ދިޔައެވެ. އަދި ޝައިޚާ ބައްލުކުރުމަށްޓަކައި އެގެޔަށް ދިޔައެވެ. ޝެއިޚުގެ ގެޔަށް މުރުތަޟާ ދިޔައިރު ބައްދަލުވީ އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅަކާއެވެ. އަދި އެބޭފުޅާ މުރުތަޟާއަށް އޭނާ ހައްޔަރުވި ގޮތް ކިޔައިދިނެވެ. އޭނާ ކިޔައިދިނެވެ.

"ކޮންމެ ރެއަކުވެސް ރޭގަނޑުގެ ދެވަނަ ދަންފަޅިއަށް އެޅުމުން ޝެއިޚް ތަހައްޖުދު ނަމާދުކުރައްވައެވެ. މިގޮތުން އެރޭގައިވެސް ތަހައްޖުދު ނަމާދުކުރައްވަން ހުއްޓައި ގޭތެރެއިން ޝެއިޚަށް ބާރު އަޑުފަށްގަނޑެއް އިވުނެވެ. އެވަގުތު ޝެއިޚަށް ގެޔަށް ވަގެއް ވަދެގެން އުޅޭކަން އެނގުނެވެ. އަދި ޝެއިޚު ނަމާދުކުރައްވަން އިންނަވާ ތަނާ ޖެހިގެން ހަރުކުރެވިފައިވާ ރަނގަބީލަށް ފިތާލެއްވީއެވެ. އެއީ އެކަލެގެފާނުގެ އާއިލާ ބޭފުޅުން ނަމާދަށް ހޭލެއްވުމަށްޓަކައި ހަރުކޮށްފައިވާ ރަނގަބީލެކެވެ. ރަނގަބީލުގެ އަޑާ އެކު އާއިލާގެ ބޭފުޅުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމުން ދެންނެވިއެވެ. މިގެޔަށް ވަގެއް ވަދެގެން އެބައުޅެއެވެ. ދެން އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުން ފުލުހުންނަށް ގުޅައިގެން ގެނެސް ތިބާ ހައްޔަރުކުރީއެވެ. ނަމަވެސް ތިބާ ހައްޔަރުކޮށްގެން ގެންދިޔަ ޚަބަރު ޝެއިޚަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު އެކަމާ ގަބޫލުފުޅެއް ނުވިއެވެ. އަދި ތިބާ އަނބުރައި އެކަލޭގެފާނުގެ އަރިހަށް ގެންނައުމަށް އެންގެވިއެވެ."

މިވާހަކަތައް އަޑުއަހާފައި މުރުތަޟާ ވަގުތުން ބިންބާޒުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފަަނުގެ ނިތްކުރިޔަށް ބޮސްދީ ނުހަނު އާދޭހާ އެކު ދެންނެވިއެވެ. "ޝެއިޚެވެ. މާތް ﷲ އަށްޓަކައި ކަލޭގެފާނަށް ޚިދުމަތް ކުރުމުގައި ދެމިހުރުމުގެ ފުރުޞަތު އަހަންނަށް ދެއްވާށެވެ." އަދި މުރުތަޟާގެ މަންމަގެ ކިޑްނީ ޓްރާންޕްލާންޓަށްފަހު ބާކީވި ފައިސާ ޝެއިޚަށް އަނބުރާ ދިނެވެ. ނަމަވެސް ބިންބާޒް އެ ފައިސާގައި ހިއްޕަވަން ދެކޮޅުހައްދަވައި ވިދާޅުވިއެވެ. "ތިޔަ ފައިސާއަކީ ތިބާގެ ފައިސާއެވެ. ތިބާ ބޭނުން ކަމަކަށް ޚަރަދުކޮށްލާށެވެ." އެއަށްފަހު ބިންބާޒު އަވަހާރަވަންދެންވެސް އެކަލޭގެފާނުގެ އެންމެ އަރިސް މީހެއްގެ ގޮތުގައި މުރުތަޟާ ވިއެވެ.

ނޯޓް: ޝެއިޚް ބިން ބާޒާ ބެހޭ ގޮތުން އެކަލޭގެފާނުގެ ދަރިވަރަކު ބުނެފައިވެއެވެ. އަހަރެން ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މިދުނިޔެމަތީގައި އެކަލޭގެފާނަށްވުރެ ގިނައިން ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކުރާ އަޅަކު އަހަރެންގެ ދެލޯ ދެކިފައި ނުވެއެވެ. އެކަލޭގެފާނަކީ މި އުންމަތުގެ އެންމެ މާތް ސަލަފުން ފަދަ ބޭކަލެކެވެ. އަހަރެން މިމަންޒަރު ލޮލުން ދެކެމެވެ. އަހަރެން އެކަލޭގެފާނުގެ އަރިހުން އިލްމު ހާސިލްކުރުމަށްޓަކައި ރިޔާދުގެ މަސްޖިދު އަލް ކަބީރު އަށް ދަމެވެ. ހިނދުކޮޅަކަށްވެސް އެކަލޭގެފާނުގެ ދޫފުޅު ހަރަކާތް ކުރެއްވުން ހުއްޓާނުލައްވައެވެ. މީގެ އިތުރުން އެކަލޭގެފާނުގެ ގާތްތިމާގެ ބޭފުޅުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އެކަލޭގެފާނު އިޝާނަމާދަށްފަހު ނިދިކުރައްވަނީ ދެ2 ގަޑި އިރުއެވެ. އެއަށްފަހު ދަމުނަމާދާއި ފަތިސްނަމާދު ކުރައްވައިގެން ޛިކުރުކުރެއްވުމަށްފަހު 15 ވަރަކަށް މިނިޓުގެ ހުސް ވަގުތުކޮޅެއް ނެންގެވުނަށްފަހު ދަރިވަރުންނަށް ކިޔަވައިދެއްވަން ފައްޓަވައެވެ. އެގޮތުގައި ހެނދުނު 10:30 ވަންދެން އިންނަވައެވެ. ކޮންމެ ދުވަހަކު 13 ފޮތް ދަރިވަރުންނަށް އުނގަންނަވައިދެއްވައެވެ. އެޔަށްފަހު ދާރުކް އިފްތާ (މައްސަލަ ބައްލަވާ އޮފީހަށް) އަށް ވަޑައިގަންނަވައެވެ. އެކަލޭގެފާނަކީ 1993 ވަނަ އަހަރުން ފެށިގެން އަވަހާރަވެވަޑައިގަތުމާ ހަމަޔަށް ސައުދީއަރަބިއްޔާގެ "ގުރޭންޑު މުފްތީ" އެވެ. އެކަލޭގެފާނަށް "ކޮލަންކެންސަރ"ގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމާ ހަމަޔަށް ދުވާލަކު 15 ފޮތް ދަރިވަރުންނަށް އުނގަންނައިދެއްވައެވެ. އެގޮތުން އެކަލޭގެފާނުގެ އަރިހުން ދަރިވަރުވި މަޝްހޫރު ބޭކަލުންގެ ތެރޭގައި އިބުނި އުޘައިމީން އާއި އިބުނި ޖިބްރީން ހިމެނިވަޑައިގަންނަވައެވެ.

އެކަލޭގެފާނަށް ކެންސަރުބަލީގެ އާލާސްކަންފުަޅު ޖެހިވަޑައިގަތުމުން ފަރުވާ ހޯއްދެވުނަށް އެމެރިކާ އަށް ވަޑައިގަތުމަށް ޑޮކްޓަރުން އިރުޝާދު ދެއްވިއެވެ. ނަމަވެސް މުސްލިމުންގެ ބިން ދޫކޮށް ކުފުރުގެ ބިމަކަށް ވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވެ އެބަހުގައި ސާބިތުވެ ހުންނެވިއެވެ.

މަސްދަރު: ޝެއިޚް އަބުދުލްކަރީމް އަލް ޤުޞައިރު ލިޔުއްވާފައިވާ "ސްމައިލް އިން ލައިފް"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *