Support Us

ލޯޑް އަހްމަދު އޮފް ވިމްބްލްޑަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ލޯޑް (ޠާރިޤް) އަހްމަދު އޮފް ވިމްބްލްޑަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމަންވެލްތު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިވަރަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ މިޝަންގެ ފަރާތުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި، އެ ރޮނގުން ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ހިމާޔަތް ކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ބިރުއޮތްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެގޮތުން 6 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދިން ޓެރަރިސްޓް ޙަމަލާއަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އިގްތިޞާދީ ހަރަކާތްތައް ފުޅާކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރާ ކަނޑުމަހަށް ނަގާ ޑިއުޓީ ކުޑަކުރުމާ ބެހޭގޮތުންވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ މައްޗަށްވެސް އަލިއަޅުވާލައްވައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮމަންވެލްތު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ކޮމަންވެލްތަކީ މެންބަރު ހުރިހާ ޤައުމަކަށްވެސް އޭގެ ލާބައާ މަންފާ ލިބެނިވި ޖަމާޢަތަކަށް ހެދުމުގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ. މި ދެބޭފުޅުންގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމަށްވެސް ފައިދާއާއި ލާބަލިބެނިވި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙުއާލާ ކުރައްވަމުންނެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެލިވަރުގެ އައު ކޯލްޑް ސްޓޯރޭޖް ޤާއިމުކުރާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ތަނަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންދަނީ އެމްޓީސީސީންނެވެ. މި ސަރަޙައްދުގެ ބިން ހިއްކުމަށްފަހު އެތަނުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ އިތުރުން 100 ޓަނުގެ މަސް ބަންދުކުރެވޭ މަސް ފެކްޓަރީއެއް ޤާއިމުކުރުމާއި މަސްކިރާ ޖެޓީއާ އެކްސްޕޯޓް ޖެޓީއާއި މި ތަންތަނަށް ބޭނުންވާ ކަރަންޓް ދިނުމަށް އިންޖީނުގެ ހިމެނޭހެން ރެފްރިޖެރޭޝަން ކޮމްޕްލެކްސްއެއް ތަރައްޤީކުރެވޭނެއެވެ. މި ތަންތަން ޤާއިމުކުރުން މަސްވެރިންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ދުވާލަކަށް 200 ޓަނު މަސް ބްރައިން ފްރީޒްކޮށް 80 ޓަނު މަސް އާރު.އެސް.ޑަބްލިއުގައި ބެހެއްޓޭނެއެވެ. އެގޮތުން މަސްކިރާ ޖެޓީއަކީ އެއް ފަހަރާ ތިން ދޯންޏަށް މަސްކިރޭނެ އިންތިޒާމްތަކާއެކު ތަރައްޤީކުރެވޭ ޖެޓީއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް