އެފްރިކާ ބައްރަށް ނިސްބަތްވާ ގަލާޔަތު ޓައިގަރ ފިޝް އަކީ ދުނިޔޭގެ އެންމެ ބޮޑެތި ކޯރު މަސްތަކުގެ ތެރޭގައި ހިމެނޭ މަހެކެވެ. ދިގު މިނުގައި ގާތްގަނޑަކަށް 5 ފޫޓު، އަދި 30-50 ކިލޯ އާއި ދެމެދުގެ ބަރުދަނެއް ހުންނަ މި މަހަކީ އާދަޔާޚިލާފު ބުންވަރެއް ލިބިފައިވާ ބާރުގަދަ މަހެކެވެ. މިޔަރުގެ ދަތްތަކެކޭ އެއްފަދަ ތޫނު ދަތްތަކެއް ހުންނައިރު، މި މަހުގެ ދަތްތަކުގެ ދިގުމިނުގައި އިންޗިއެއް ހުރެއެވެ. ޖުމްލަ 32 ދަތް ހުންނަ މި މަހުގެ ދަތްތައް ރޭވިފައި ހުންނަނީ ދުރުދުރުގައެވެ.
ކޮންގޯގެ ކޯރުތަކުން ފެންނަ މި މަހަކީ ކިނބޫ ފަދަ ޖަނަވާރު ދެކެ ޖެހިލުމެއް ނުވާ، އެތަކެއްޗަށް ހަމަލާދޭ މަހެއް ކަމަށް އެ ޤައުމުގެ ރައްޔިތުން ބުނެއެވެ. އަދި ކޯރަށް އެރިއުޅޭ ބައެއް މީހުންނަށް މި ބާވަތުގެ މަހުގެ ހަމަލާ އަމާޒުވެފައިވާ ކަމަށް ވެސް އެފަރާތަތަކުން ރިޕޯޓުކޮށްފައިވެއެވެ.