Support Us

ކުޅުދުއްފުށީ ދަމު ހިނގާ ލަވައާއި އޭގެ މާނަ

މިއީ ހދ. ކުޅުދުއްފުއްޓަށް ޚާއްޞަ ކުޅިވަރެކެވެ. އަމިއްލަވަންތަ ސަގާފަތަކާއި އާދަކާދައެކެވެ. ދިވެހިވަންތަ ރީތި ކުޅިވަރެކެވެ. ކުޅުދުއްފުށީގައި ދަމުހިނގުމުގެ ކުޅިވަރު ކުޅެމުން އައީ ބޮޑު ޢީދުގެ ފަހު ރޭގައެވެ. ކުރީ ޒަމާނުގައި މި ކުޅިވަރު ކުޅެއުޅޭ ގޮތާއި މި ޒަމާނުގައި ކުޅޭ ގޮތުގައި ކުދިކުދި ތަފާތުތައް ހުއްޓަސް ދަމުހިނގުމުގެ އަސްލަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައީ މި ކުޅިވަރުގައި ބޭނުންކުރާ މާލިތަކަށާއި އެ މާލިތަކުގެ ހަރަކާތްތަކަށެވެ. ކުޅުދުއްފުށީގެ މަސައްކަތްތެރިންގެ މަސައްކަތްތައް ދައްކައިދޭގޮތާއި ވައްޓަފާޅިއަށެވެ.

ދަމު ހިނގާއިރު ޖަހާ ބެރަކީ އެ ކުޅިވަރުގެ މައިގަނޑެވެ. ބެރު ޖަހަމުން ނަށާ ނެށުމާއި ލައްވާ ބަނޑިތަކަކީ އެ ކުޅިވަރަށް ޚާއްޞަ ކަމެކެވެ. ކުރީ ޒަމާނުގައި އެންމެ ބޮޑު ތަރުހީބެއް ލިބެނީ ބެރުވެރިން އެ ލައްވާ ކޮރަށާއި ބާރު އަޑަށެވެ. އަދި މާލިތައް ނިކުންނަ ތަރުތީބާއި މާލިތަކުގެ ހަރަކާތްތަކަށެވެ.

ކުޅިވަރު ފެށިގެން ދަނީ ބެރުވެރިންގެ ބެރުންނެވެ. ކުރީ ޒަމާނުގައި ބެރުވެރިން ބެރު ޖަހަން ފަށަނީ ރަށުގެ އެކި ހިސާބުގައި ހުންނަ އެކި ގޭގެއިން ވަކިވަކިންނެވެ. އެއީ ލަސް ބެރެކެވެ. ބެރު ޖަހަމުން އެކި ގެއިން އެކި މީހުން ނިކުމެ މައިދާނަށް ޖަމާވަނީއެވެ. އޭރަށް ކުޅިބަލާ މީހުންތައް ވެސް ޖަމާވެއެވެ. ބެރުވެރިން ފަހަތުން ބައެއް މީހުން މައިދާނަށް ދެއެވެ.

ބެރުޖަހާއިރު ކިޔާ ލަވައެއް ނޯވެއެވެ. އެކަމަކު ބެރު ޖަހަނީ ލަވައެއްގެ ހަމައަށެވެ. ރާގަކަށެވެ. އެއީ ދިވެހި އަދަބީ އުފެއްދުންތަކުގެ ތެރެއިން ބަނދީގެ ތައްގަނޑަށް އަދި އެފަދަ ގޮތަކަށް އެމުނިއެތުރިފައި އޮންނަ "ލަވަ"އެކެވެ. ބަންޖެއްގެ ތައްގަނޑަށް ތާލުތައް ހުއްޓަސް ކުޅުދުއްފުށީ މީހުން މި ބަންޖަން ކިޔަނީ ދަމުހިނގާ ލަވައެވެ. ޅެމެއްގެ ގޮތުގައި ބަލައިފިނަމަ ކޮންމެ ބައިތަކީ މި ކުޅިވަރުގައި ލަވައެއް ނުވަތަ ރާގެކެވެ. މާލިތައް ނުކުންނަނީ ބެރުވެރިންގެ ބެރު ވަކި ހިސާބަކަށް ދިއުމުންނެވެ.

ދަމުހިނގާ ކުޅިވަރުގައި ބެރު ޖަހާ ލަވަ (ރާގު) އަކީ ކިހާ ދުވަހެއްވީ އުފެއްދުމެއް ކަމެއް ނޭނގެއެވެ. ބެލެވޭ ގޮތުގައި މިއީ މި ކުޅިވަރު އުފަންވެގެން އައި ދުވަސްވަރުގެ އުފެއްދުމެކެވެ. ކިޔާ ކިޔުމުގައި ކުދިކުދި ތަފާތުތަކެއް ހުއްޓަސް ލިޔެގެން ވެސް މި ލަވަ ބައެއް މީހުން ގެންގުޅެއެވެ. ކުޅުދުއްފުށީގައި މި ކުޅިވަރު ކުޅޭތާ މިހާރު ގަރުނަކަށްވުރެ ގިނަ ދުވަސް ވެދާނެކަމަށް ލަފާކުރެވެއެވެ.

ދަމުހިނގާ ލަވަ

  1. ތެއްވިއްކަން ތެއްވިއްކަން

އެންމެ ދުންފަތެއް ވިއްކަން

  1. ވަށްތެޅިތެޅި ވަށްތެޅިތެޅި

ދޮނބުރު ކިހާ ވަށް ތެޅިތެޅި

  1. ދޮންނޫމަސް ތުނބަށް އެމުނި

ވަކަ ގަޑަކަށް ތުނބަށް އެމުނި

  1. ރެއްދެ ރެއްދެ ރެއްދެ ވަކަރު

މަދެއް ނެތް ފުރެއްދެ ވަކަރު

އަރި އަތޮޅަށް ލެއްގި ވަކަރު

  1. މަޑުލު ދެކޮޅު ރުއްގަނޑުކޮޅު

ރުއްގަނޑުކޮޅު ރުއްގަނޑުކޮޅު

  1. ރަން ފައްޓަރު ތިން ފައްޓަރު

ތިން ދަރިއަށް ތިން ފައްޓަރު

  1. ލަމުތަ ލަމުތަ ބޮނބި ހަލަމުތަ

ކިހުޅި ލަމުތަ ބޮނބި ލަލަމުތަ

  1. އެގުޅި މުގުޅި ގެންދަމުތޯ

މަގުމަތި ބެރު ގެންދަމުތޯ

  1. ބަގެނެ ބަގެނެ ބިލެތް ކޮތަޅު

މަންޖު ބަގެނެ ބިލެތް ކޮތަޅު

  1. ކަނބިލި ކެއްކި ހިލިކަށި ކެޔޮ

މަށަށް ނުދީ ކޭކަށިކެޔޮ

  1. ދަނބަށް ކެކުރި ދަނބުތަ ކެކުރި

ދެގަހު ދެތޮޅި ދެމުރަގަ ތޮޅި

  1. ފިދަނަ ގޮޑު ދަށުން ދަމުތޯ

ދަމުތަ ދަމުތަ ގެންދަމުތޯ

  1. ސަންގު ސަންގު ފޫ ކެނޑި ކެނޑި

ދަގަނޑު ސަންގު ފޫ ކެނޑި ކެނޑި

  1. ރިނދަ ކޮނެކޮނެ ރިދައެއް ނެތް

ދައްޕަރު ކޮނެ ރިނދައެއް ނެތް

  1. އެދުރު ތަކުރު ދުނި ދަނޑި ކޮޅު

ދާން ފިދަން ފިންދަނޑިކޮޅު

ދަމުހިނގާ ލަވައިގެ މާނަ

  1. އެންމެ ދުންފަތެއް ވިއްކަން ހެއްޔެވެ؟
  2. ދޮންދޫނި (ދޮންބުރު) ކިހާ ވަރަކަށް ތެޅޭހެއްޔެވެ؟
  3. ދޮން ނޫމަސް އެމުނީ ވަކަގަނޑަކަށެވެ.
  4. ވަކަރުގައި ރެނދެވެ. މަދެއް ނެތެވެ. އެއީ އަރިއަތޮޅަށް ލެއްގި ބޭރު ވަކަރެކެވެ.
  5. ކޮޅުމަޑުލުން (ތ.އަތޮޅުން) ދެ ރުއްގަނޑެވެ.
  6. ތިން ދަރިންނަށް ތިން ރަން ފައްޓަރެވެ.
  7. ބޮނތްބާއި ކިހުޅި (ކިފުޅި) އާ ތަޅާނީ ހެއްޔެވެ؟
  8. މިއަޅާ އާއި ބެރާ މަގުމަތިވީ ހެއްޔެވެ؟
  9. މަންޖޭއެވެ. ބިލެއް ކޮތަޅު އެބަގެނެއެވެ.
  10. ކެއްކި ކަށިކޭލާއި ހިލިކަށިކެޔޮ ކަނބިލި ކެއީ މަށަށް ނުދީއެވެ.
  11. ކެކުރިއެއް ދަނބަކަށް ވޭހެއްޔެވެ؟ ދަނބެއް ކެކުރިއަކަށް ވޭ ހެއްޔެވެ؟ ދެ ގަހެއްގެ ދެ ތޮޅި ދެ މުރަނގަތޮޅިއަށް ވޭހެއްޔެވެ؟
  12. ފިދަނަ ގޮނޑުދޮށުން ގެންދެވޭނެ ހެއްޔެވެ؟
  13. ސަންގުގެ ފޫކެނޑި ދަގަނޑެވެ.
  14. ރިނދަ ކޮނެކޮނެ ދައްޕަރަކު ރިނދައެއް ނެތެވެ.
  15. އެދުރު ތަކުރުގެ ދުނިދަނޑި ކޮޅާއި ފިންދަނޑިކޮޅެވެ.

މިފަދަ އަދަބީ އުފެއްދުންތަކަކީ މާނައެއްނެތި، ހަދާފައި ހުންނަ ދެކޮޅު ނުޖެހޭ ވާހަކަތަކެއްނޫނެވެ. މި ލަވަ ނުވަތަ ބަނދި ހެއްދެވި އަދީބު ފާޅުކުރައްވާފައިވާ ޝުޢޫރުގެ ފޮރުވިފައިވާ ފުންމާނައެއް ނޭނގޭނެއެވެ. އެ މާނަ އޮންނާނީ އެބޭފުޅެއްގެ "ބަނޑު"ގައެވެ. އާދޭހެވެ. ހިތުގައެވެ.

މި ލަވައިގައި މިއޮތް ދޮންދޫންޏާއި ކަނބިލީގެ ވާހަކައަކީ އެތަކެއްޗަށް ނިސްބަތް ކުޅައަސް އެތަކެތީގެ ވާހަކަ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި ދައްޕަރުން ރިނދަ ހުސްވި ވާހަކައަކީ ވެސް ފޮރުވިފައިވާ އެހެން މާނައެއްގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ގަބޫލުކުރެވެއެވެ. ޖުމުލަ ގޮތެއްގައި މި ލަވަ ނުވަތަ ބަންޖަކީ އަންހެނަކަށް ނުވަތަ އަންހެން ކުއްޖަކާ ދައްކާފައިވާ މާނަ ފުން ވާހަކަ ތަކެކެވެ. ނޫނީ ރީތި މަލާމާތެކެވެ.

އަޅުގަނޑުމެންނަށް އެނގޭނީ ލަފުޒީ މާނައެކެވެ. އެ މާނަ ވެސް އެނގޭނީ ފަހުމްވި ވަރަކުންނެވެ. ތިލަކޮށްފައިވާ މިންވަރަކުންނެވެ. މަދުކޮށްފައިވާ އަކުރުތަކާއި އޮޅުވާފައިވާ ލަފުޒުތައް ސީދާވީ މިންވަރަކުންނެވެ. މި ލަވަ އަޅުގަނޑު މާނަކޮށްފައި މިވަނީ އަޅުގަނޑަށް ދޭހަވިގޮތަށެވެ. އެހެން ބޭފުޅަކަށް އެހެން ގޮތަކަށް ދޭހަވުމަކީ މައްސަލައެއް ނޫނެވެ. އެއީ އަދަބީ އުފެއްދުންތަކުގެ ސިފައެކެވެ. އޭގެ މޮޅުކަމެވެ.

މަޢުލޫމާތު:

ކުޅުދުއްފުށީ އޮންލައިން (2011) ދަމުހިނގުން ފޫހިކުޅިވަރަށް ބަދަލުވުމުގެ ކުރިން

ބާރަ.އެމްވީ (2022) ދަމުހިނގާއިރު ކިޔާ ލަވަ އެނގޭތަ؟ މިއޮތީ

ފޮޓޯތައް: އައިވެލް ޕޯޓްރައިޓް/ އެފް.ބީ

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް