Support Us

ސްރީލަންކާގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުއްވައިފި

ސްރީލަންކާގެ އައު ސަފީރު، އާދަމް މަޒްވަރީ ޖައުފަރު ސާދިގު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ އައު ސަފީރު މަޤާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ސަފީރު ވަނީ ތަފާތު މައުޟޫޢުތަކުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިޤްތިޞާދީގުޅުން ވަރުގަދަކުރުމާއި ތަޢުލީމު ކުރިއެރުވުމާއި އަދި ދަނޑުވެރިކަން ކުރިއެރުން ފަދަ މައުޟޫޢުތައް ހިމެނެއެވެ.

ރާއްޖެއިން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ސްރީލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މަޢާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ސްރީލަންކާގެ ސަރުކާރުން ނިންމަވައި ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ކަމަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ސަފީރު ވަނީ ދެ ޤައުމުގައި ކޯވިޑް-19ގެ ހާލަތު މިހާރު އޮތްގޮތުގެ މައްޗަށް ވާހަކަފުޅު ދައްކަވައި، ބަލިން ދިފާއުވުމަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހިނގާ ފެބްރުވަރީ ހަތަރު ވަނަ ދުވަހު ފާހަގަކުރާ ސްރީލަންކާގެ 74 ވަނަ މިނިވަންދުވަހުގެ މުނާޞަބާގެ ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މިދިޔަ  އަހަރު އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާތަކަށް އަލިއަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްރީލަންކާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ފާއިތުވި އަހަރުތަކުގައި ސްރީލަންކާގެ ސަރުކާރުން ރާއްޖެއަށް ދިން އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ސަފީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ދެ ޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1965ގައެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް