...

Support Us

ސްޓެލްކޯގެ މެނޭޖީރިއަލް ޓްރެއިނިންގެ ބައިވެރިންނަށް ސެޓިފިކެޓް ދީފި

ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓަށް ހާއްސަކޮށްގެން ހިންގި މެނޭޖީރިއަލް ޓްރެއިނިންގެ ބައިވެރިންނަށް މިއަދު ސެޓިފިކެޓް ދީފިއެވެ.

ތިން ބެޗަކަށް ބަހާލައިގެން، ހުސްވި ޑިސެމްބަރު މަހުގެ ކުރިއަށް ގެންދިޔަ މި ޓްރެއިނިން ސެޝަންތަކުގައި ޖުމްލަ 45 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އެއިން ކޮންމެ ބެޗެއްގައި ކިޔަވައިދީފައި ވަނީ ތިން ދުވަހު އެވެ. ކިޔަވައިދިނީ ލަންކާގެ ތަޖުރިބާކާރުންނެވެ.

ސްޓެލްކޯ އިން ބުނީ މި ޓްރެއިނިން ހިންގާފައިވަނީ މައިގަނޑު ތިން ބަޔަކަށް އަމާޒުކޮށްގެން ކަމަށާއި އެއީ ލީޑަޝިޕް ސްކިލްސްއާއި ޕީޕަލްސް ސްކިލްސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް ކަމަށެވެ.

"މި ޓްރެއިނިންގ އަކީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީގެ ވަރަށް ބޮޑު އިސްނެންގެވުމަކާއެކު ކުރިޔަށް ގެންދިޔަ ޓްރެއިނިން އެއް،" ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "މިއީ ކުންފުނީގެ ތާރީހުގައިވެސް ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމަށްޓައި، ކުރިޔަށް އޮތް ތަނުގައި ސްޓެލްކޯގެ އިސް މަގާމުތަކާއި ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ޓްރެއިނިންގކަން ފާހަގަކޮށްލެވޭ. މީގެ ކުރިން މިފަދަ ތަމްރީނުތައް ދެވިފައިވަނީ ސީނިއާ މެނޭޖްމަންޓަށް."

ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޣުނީ ވިދާޅުވީ، މި ޕްރޮގްރާމަކީ މިފަދަ އެހެން ޕްރޮގްރާމްތަކެއްގެވެސް ފެށުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ އެހެން ޕްރޮގްރާމްތައްވެސް ކުރިޔަށްގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.

"މި ޓްރެއިނިންގ އާއެކު، ކުންފުނި ކުރިޔަށްދާ ސްޕީޑާ އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުންވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ. މީގެ އިތުރުން މާހައުލާއި، މުޖުތަމައުއަށް އަންނަ ބަދަލާއެކު، އާންމުންގެ އުމްމީދުތަކާ އެއްވަރަށް ހިދުމަތްދެވޭނެ ވަރުގަދަ ލީޑަޝިޕެއް ތައްޔާރުކުރެވިގެންދާނެ،" މުޣުނީ ވިދާޅުވިއެވެ. "މިފަދަ ޓްރެއިނިންގތަކާއެކު، ކުންފުނީގައި ކުރީގައި ހުރި ސަގާފަތްތައް ބަދަލުވެގެން އަންނައިރު، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތްތެރި، ތެދުވެރި، އަދި އަހުލާގު ރަނގަޅު ބަޔަކަށް ހެދިގެންދާނެ. ދަށުން މަސައްކަތް ކުރާ މުވައްޒަފުން އިތުރަށް މޮޓިވޭޓް ކުރުމުގެ ހުނަރުތައްވެސް ދަސްވެގެންދާނެ. މީގެ އިތުރުން ކުންފުނިން ކަނޑައަޅާ މިންގަނޑުތަކާއި، ޓައިމްލައިންތަކަށް މަސައްކަތްތައް ނިންމުމުގެ މުހިއްމުކަމާއި އެކަންކަމާއި ގުޅުންހުރި ހުނަރުތައްވެސް ދަސްކޮށްދެވިފައިވާނެ."

މުޣުނީ އަދި ވިދާޅުވީ މިއީ ކުންފުނީގެ ލީޑަޝިޕް ސަކްސެޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑަރސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަން ތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންގ ތަކެއް ދެވި، ކުންފުނީގެ ވިޝަންއާއި މިޝަންއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެކަން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

މި ޓްރޭނިންގެ ބައިވެރިންގެ ފަރާތުން ވާހަކަދެއްކެވި ސީނިއާ މެނޭޖަރ އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ، ކުންފުނީގައި ހޭދަވި 20 އަހަރުގެ ތެރޭގައިވެސް މިއީ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމެއް ހިންގި ފުރަތަމަ ފަހަރު ކަމަށެވެ.

"މި ޕްރޮގްރާމްގެ އެންމެ ހާއްސަ އެއް ކަމަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ އުނދަގޫ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްވެގެންދިޔަ ދިއުން. މިފަދަ ފުރިހަމަ ޕްރޮގްރާމެއް ކުރިޔަށް ގެންދެވި ކަމަށްޓަކައި މެނޭޖިންގ ޑިރެކްޓަރަށާއި ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.