ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހޮސްޕިޓަލްގައި ތަރައްޤީކުރަމުންދާ ޢިމާރާތުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢޫލޫމާތު އޮޅުންފިލުއްވައި އެ ތަނުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.
ރޭ އެ މަނިކުފާނު ނ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ހޯއްދަވާފައެވެ. މި ގޮތުން ހޮސްޕިޓަލުން ވަނީ އައި.ސީ.ޔޫ.އެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވައިފައެވެ. ހޮސްޕިޓަލް އެކްސްޓެންޝަން މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގައި ހަ އޯ.ޕީ.ޑީ. ރޫމާއި ލެބޯރެޓަރީ ހިމެނޭ ޢިމާރާތުގެ ފިނިޝިންގ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި، މި މަހުގެ މެދުތެރޭ ހިސާބުގައި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށާއި ހޮސްޕިޓަލުގެ ވޯޑް އޭރިޔާގައި މެޑިކަލް ގްރޭޑުގެ އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ޓެންޑަރކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ.



advertisment