މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނ. އަތޮޅު ކައުންސިލާއެކު އިއްޔެ ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން ވަނީ ވަކި ރަށެއްގެ މަސްލަޙަތު އިސްނުކޮށް ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކުން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ހާސިލްކޮށް ނަތީޖާ ނެރެވޭނެކަން ފާހަގަ ކުރައްވައިފައެވެ. އަދި، އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި، ދިމާވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އަތޮޅުގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، ބައެއް ރަށްރަށުގެ އިހްތިޞާޞްއާ ގުޅޭ ކަންބޮޑުވުންތަކާއި، ކުނި މެނޭޖްކުރުމަށް ގެންގުޅޭ ވިސްނުމާއި، ފެރީ ދަތުރުފަތުރުގެ ޚިދުމަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމާއި ގުޅޭ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ވެސް ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާޙުތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ އިޤްތިޞާދީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ކައުންސިލުން އަތޮޅުގެ ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންފުޅަކީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި އެއްކީލި އެއްޗެއްގެ ގޮތުގައި ބާއްވައިގެން ކަންކަން ކުރިޔަށް ގެންދެވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.



advertisment