Support Us

ސަރުކާރުގެ ވަޢުދުތަކުގެ 85 އިންސައްތަ މަސައްކަތް ގިނަ ރަށްރަށުގައި ވަނީ ފަށައިފައި: ރައީސް

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ 85 އިންސައްތަ މަސައްކަތް، ފާއިތުވެ ދިޔަ ދެ އަހަރު ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކު ވެސް، ގިނަ ރަށްރަށުގައި މިހާރު ފަށައިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މާފަރު ސްކޫލްގައި މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި އަމާޒަކީ މި ވަޢުދުތައް އެކީ ފުއްދައި ނިންމުމަށް ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ރަށު ރައްޔިތުން ވަނީ އެ މީހުންގެ ޚިޔާލާއި ފިކުރާއި ރަށް ތަރައްޤީކުރުމުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. މި ގޮތުން، ރައްޔިތުން ވަނީ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާއި ރަށުގެ އިހްތިޞާޞާ ގުޅޭ ކަންބޮޑުވުންތަކާއި، މާފަރު އެއަރޕޯޓާއި ގުޅޭ ކަންކަމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރުގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ރާވާފައިވާ ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި ގޮތުން އެ މަނިކުފާނު ހާމަކުރެއްވި ގޮތުގައި، މާފަރަކީ އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިންގާ ރަށަކަށް ވުމާއެކު ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކުރުމަށް ނިންމާފައިވާ ކަމަށާއި، މި އަހަރު މާފަރުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސްކޫލްގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސްކޫލް އެކްސްޓެންޝަން މަސައްކަތް މިހާރުކުރަމުންދާ ކަމަށާއި، ސްކޫލްގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި އަންނަ ޓަރމް ފެށެން ވާއިރަށް ސްކޫލަށް ބޭނުންވާ ޕްރިންސިޕަލެއް ވެސް ހަމަޖައްސައިދެއްވާނެ ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްހޫމްހޫރިއްޔާ ވަނީ މާފަރު އެއަރޕޯޓް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މި ގޮތުން މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން ހިމެނިގެން ރަންވޭ ބޮޑުކުރުމާއި، އެއަރޕޯޓް ހޮޓެލްއެއް ޤާއިމުކުރުމާއި، ތެޔޮ އެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެއަރޕޯޓުން އަސާސީ ޚިދުމަތް ނުލިބޭ މައްސަލައަށް ވަރަށް އަވަހަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ރާއްޖޭގައި ވެސް ފެތުރެމުންދާކަން ފާހަގަކުރައްވައި ކަމާގުޅޭ މާހިރުން ވިދާޅުވާ ގޮތުގައި ކުރިޔަށް އޮތް ތިން ހަފްތާއަކީ ނާޒުކު ތިން ހަފްތާކަމަށް ވުމާއެކު އިތުރަށް މި ކަންކަމަށް ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދިނުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި އިތުރަށް އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މިފަދަ ދަތުރުތައް ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުއްވައި، ރާއްޖޭގެ ތަރައްޤީއަށް އިތުރަށް ކުރަންހުރި ކަންކަން ދެނެވަޑައިގަތުން ކަމުގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް