Support Us

މާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު މާފަރު ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ކުރިން ކައުންސިލްތަކަށް ނެތް ބާރުވެރިކަން ޤާނޫނީގޮތުން ކައުންސިލްތަކަށް ހޯއްދަވައި ދެއްވުމަކީ ކައުންސިލުން ނުހަނު އުފާކުރާކަމެއް ކަމުގައި ފާހަގަކުރައްވައި އެކަމަށްޓަކައި މި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ މާފަރުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި، ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން އެންމެ އިސްކަމެއްދީގެން އަލިއަޅުއްވާލައްވާފައި ވަނީ މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަށް ބޭނުންވާކަމަށާއި، ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންންވާ ކަމަށާއި، މާފަރު އިހްތިޞާޞްގައި ކުރިން ހިމެނިފައިވާ ބައެއް އުނިވެފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް އެޅުމަށް ބޭނުންވާ ކަމަށާއި، މާފަރު އެއަރޕޯޓް ސަރަޙައްދުގައި ބާކީވެފައި ހުރި ތާރުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ މައްޗަށެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ރަށުގައި ހުރި އައިސް ޕްލާންޓް އޮޕްރޭޝަނަލައިޒް ކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށާއި، ބަނދަރަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަމާއި، ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ކަމާ ގުޅޭ ފަރާތްތަކާއި ގުޅިގެން އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މާފަރަށް މި ކުރައްވާ ދަތުރުފުޅަކީ ނ. އަތޮޅުގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް