Support Us

ލާމަރުކަޒު ކުރުން ވަކި ޕްލޭނެއްގެ ދަށުން ގެންދަނީ އެ ކަމަކީ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތަކަށްވާތީ: ފައިސަލް

ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުން ލާމަރުކަޒު ކުރުން ވަކި ޕްލޭނެއްގެ ދަށުން ކުރިޔަށް ގެންދަނީ، އެ ކަމަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައް ކަމަށްވާތީ ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު އިފްތިތާޙު ކުރުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޚިދުމަތް އަވަސް ކުރުމަށާއި ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާއިރު ޚިދުމަތް ފޯރުކޮށްދޭން ތިބޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތަކަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެގޮތުން ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ބަދަލުވެގެން ދިއުމަކީ މުޅި ސަރުކާރު ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތަށް އެންމެ ފުރިހަމަކަމެއް ގެނުވާނޭ އެއް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތައް އެކިއެކި ދުވަސްވަރު ހިނގަމުން އަންނައިރު، މިކަމަށް ދެވިފައޮތް ސަމާލުކަން ކުޑަ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް ފަސޭހަ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ އިސްކަމެއް ދެއްވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސިވިލް ސަރވިސް މުވައްޒަފުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމު ހިންގުން ކަމަށާއި އެ ފަރާތްތަކަށް މަސައްކަތްތައް ހިންގުމަށް އެންމެ ފަސޭހަގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަމަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް، ފަސޭހަ ޚިދުމަތްތައް ލިބޭނެ މަގުފަހި ކުރުމަކީ ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސިވިލް ސަރވިސްގެ އައު ވެބްސައިޓް ތަޢާރަފުކުރުމާއެކު، ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢާ ގުޅޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއިން ސިވިލް ސަރިވިސްގެ ވިއުގައިގެ ތެރެއިން ދެމުން ގެންދާ ޚިދުމަތްތައް ސަރުކާރުގެ ލާމަރުކަޒީ ކުރުމުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތިން ވަކިވަކި އިދާރާތަކުން ޚިދުމަތް ދިނުމަށް މަގުފަހި ކުރެވިގެންދާނެއެވެ. މި ހަފްލާގައި ނައިބު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މިނިވަން މުޢައްސަސާތަކުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް