Support Us

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 314 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 314.82 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން ބުނިގޮތުގައި ދޫނިދޫގައި އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 1،048 ރަބަރު ޕެކެޓާއި، 154 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 90 ދަޅާއި، 15 ބިޑިއާއި ދެ ބޭސް ގުޅައިގެ އިތުރުން އެހެނިހެން 2،171 އައިޓަމެވެ. އިއްޔެ ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރ. އަތޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 215 ކިލޯގެ މަސްތުވާތަކެއްޗާއި އދ. މަހިބަދޫ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 107 ކިލޯގެ މަސްތުވާތަކެތި ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިއްޔެ އޮތް މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ޕޮލިސް ބޯޑުގެ ނައިބު ރައީސް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

"މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ދިވެހިރާއްޖޭގައި އޮތް އިޖުތިމާއީ އެންމެބޮޑު މައްސަލަ ކަމަށާ އަދި މި މައްސަލަ ހައްލުކުރުމަށް ފުލުހުން އެކަނި މަސައްކަތްކޮށްގެން އެދެވޭ ނަތީޖާއެއް ނުނުކުންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ވެރިންނަށާއި ހާއްސަ ގޮތެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންނަށް ޝުކުރުއަދާކުރެއްވިއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

"ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން އަދި ގާނޫނީ ހަމަތަކުގެ ތެރެއިން އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ނައްތާލުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވި ތިން އަހަރެއްހައި ދުވަސްތެރޭގައި ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ހިންގި ހަރަކާތްތައް ހުއްޓުވައި އަދި ޓްރެފިކް ކުރުމުގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތި އަތުލައިގަތުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުން ރަމްޒުކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެފައިވާ ކަމުގައި ވިދާޅުވިއެވެ."

މަސްތުވާތަކެތި ނައްތާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އަހުމަދު ޝާކިރު ދެއްކެވި ވާހަކަފުޅުގައި، ބޮޑެތި މައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތި ނައްތާލުމުގެ ހުއްދަ ފުލުހުންނަށް ލިބިގެންދަނީ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކުރުމަށް ފޮނުވުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ. އަދި ހުއްދަ ލިބުމަށްފަހު ވީ އެންމެ އަވަހަކަށް އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.

"މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު މީޑިޔާތަކަށާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އާންމު ރައްޔިތުން ހުޅުވާލި ފުރުސަތުގައި ނަން ނޯޓުކުރި މީހުންނަށް ފުރުސަތުދީފައިވެއެވެ. މި ހަރަކާތުގެ ތެރެއިން، މީޑިޔާތަކާއި އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި މަސްތުވާތަކެތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެ ތަކެތީގެ ބާވަތް ބުނެދީފައެވެ."

އަދި މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް