Support Us

ބިން ބޭނުންކުރުމުގައި ރައްޔިތުންނަށް ފައިދާކުރާ ގޮތަށް ކައުންސިލްތަކުން މަސައްކަތް ކުރުމަށް އެދިވަޑައިގެންފި

ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާފައިވާއިރު، ބިން ބޭނުންކުރުމުގައި ރައްޔިތުންނަށް އެންމެ ފައިދާކުރާ ގޮތަށް އަދި މާލީ ފުދުންތެރިކަން އިތުރުވާ ގޮތަށް ކައުންސިލްތަކުން މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާއެކު، ހިންގުމުގެ ބާރާއި މާލީ ފުދުންތެރިކަމުގެ ބާރާއި ފައިސާ ހޯދުމުގެ ބާރުވެސް ކައުންސިލްތަކަށް ދޫކޮށްލެވިފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ ބޭނުން ކުރުމުގައި ހަދާ ލޭންޑް ޔޫޒް ޕްލޭނަށް މާފުށީ ރައްޔިތުންގެ ލަފާ ހޯދައި އެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެގޮތަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވީތީ އެކަމަށްޓަކައި އެމް.ޓީ.ސީ.ސީގެ ހީވާގި މުވައްޒަފުންނަށާއި އެ ކުންފުނީގެ އިސްވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި އެމްޓީސީސީގެ ދުވެލި މިހާރު ހުރިގޮތުން ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގާ މަޝްރޫޢޫތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތަައް ފުއްދޭނެކަމާމެދު ޝައްކެއް ނެތްކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެމަނިކުފާނު މާފުށްޓަށް ވަޑައިގަތުމުން އެދުވަހު އަޑު އިވިވަޑައިގަތީ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ޝަކުވާ ކަމަށާއި އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ބިން އިތުރުކުރުމަށް ކަމުގައި ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވި ފަދައިން ލޯކަލް ޓޫރިޒަމަށް ބޭނުންވާ ބިން މިއަދު އިތުރުކުރެވިފައިވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އެ މަސައްކަތުގައި، މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިމާ އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތަށް ސަރުކާރުން 128 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރައްވާފައެވެ. އަދި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ބައްލަވާލައްވާ، އެ ބިން ފެހިކުރުމަށް ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރުކެއް އިންދަވައިދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް