08:00
ފުރާޅުގެ ޓިނުގަނޑާއި ސީލިން ކަފާލައިގެން ފިހާރައަކަށް ވަދެ އަދި ކުޑަދޮރެއް ހަލާކުކޮށްލައިގެން ކެފޭއަކަށް ވަގުން ވަދެ ފައިސާއާއި ގިނަ އަދަދެއްގެ ތަކެތި ރޭ ވަގަށް ގެންގޮސްފިއެވެ.
މަޖީދިއްޔާ ސްކޫލް ކައިރީގައި، ސޯސަންމަގު ކޮޅުގައި ޖެހިޖެހިގެން ހުންނަ މި ދެ ތަން ފަޅާލައިފައި ވަނީ ކިހާއިރަކު ކަމެއް ނޭނގެއެވެ.

"އޭ.އެސް.އޭ.ވަން މާޓު" ފަޅާލައިފައި ވަނީ ފުރާޅުގެ ޓިނުގަނޑާއި ސީލިން ކަފާލައިގެން ވެދެއެވެ. އާންމުކޮށް ބޭނުންކުރާ ތަކެތި ވިއްކާ އެ ފިހާރައިގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓާއި ފޯން ރިލޯޑް ކާޑާއި ފައިސާ ވަގަށް ނަގައިފައިވާ ކަމަށް ފިހާރައިގެ ވެރިފަރާތުން ބުނެއެެވެ. ވަގަށް ނެގި، އެކި ބްރޭންޑުތަކުގެ ސިނގިރޭޓުގެ އަގު 15 ހާހަށް ވުރެ މަތިވާނެ ކަމަށް އެ ތަނުން ބުނެއެެވެ.

ވަގުން ވަނީ ފިހާރަތެރޭގައި ހުރި ކޮފީ ދަޅުތަކެއް ވެސް ބޮއެފައެވެ.
ވައްކަން ކޮށްގެން ވަގުން ފިހާރައިން ނުކުމެފައި ވަނީވެސް ކިރިޔާ މީހަކަށް ނުކުމެވޭހާ ކުޑަކުޑަ އެ ޖާގައިން އަރައިގެންނެވެ. ފިހާރައިގެ ދޮރު ހުރީ ތަޅުލައިފައެވެ.
އެ ފިހާރައާ ޖެހިގެން ހުރި "ކޮފީ އެކްސްޕްރެސް" ކެފޭއަށް ވަދެފައި ވަނީ ބަދިގޭ ފަރާތުގައި ހުރި ކުޑަދޮރަކަށް ދަގަނޑުގަނޑެއް ކޮއްޕައި ހަލާކުކޮށްލައިގެންނެވެ. އެ ކެފޭގެ ވަތްގަނޑުގައި އޮތް 500ރ. ގެ އިތުރުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާ ކަަމަށް އެ ކެފޭގެ ވެރި ފަރާތުން ބުނެއެެވެ.

މި ދެތަން ފަޅާލިކަން އެނގުނީ އެ ދެތަން ހުޅުވަން މިއަދު ހެނދުނު މީހުން ދިއުމުންނެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން ފޮރެންސިކް ޓީމުން ގޮސް އެ ދެ ތަނުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.




advertisment