Support Us

އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައިފި

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި ނެޝަނަލް އަރޓް ގެލެރީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މެންދުރުފަހު ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްޙޫމް ޢުމަރު ޒާހިރަކީ 49 އަހަރަށްވުރެ ގިނަ ދުވަހު، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، މަސައްކަތުގައި ވަރަށް އިޚްލާސްތެރި އަދި ދައުލަތައް ވަރަށް ވަފާތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި ބަޔާންކުރައްވާފައެވެ.

އަދި އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއެކު، ދިވެހިންނަށް ގެއްލިގެން އެދިޔައީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއްކަމަށާއި، މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއި އެކު މުޢާމަލާތްކުރެއްވި ގާތް އެކުވެރިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވާ ގޮތުގައި އަލް މަރްޙޫމް ޢުމަރު ޒާހިރު ވަނީ މާ ގިނަ ވަޞީލަތްތަކާއި ލުއި ފަސޭހަތައް ނެތް ދުވަސްވަރެއްގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކީ ފުރިހަމަ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ޙިއްޞާ ބޮޑުކަމުގައި ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް ޢުމަރު ޒާހިރަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް