Support Us

އާއްކޮގެ ފަލްސަފާ

އާއްކޮ އިނީ ބަދިގެތެރޭގައެވެ. ހެނދުނު ހޭލައިގެން މަންމަ ކައްކާ ގަޑީ އަބަދު ވެސް ކައިރީގައި އާއްކޮ އިނދެއެވެ. އޭނާގެ ކުލަފަންސުރު ފޮށި ހިފައިގެން ކޮންމެ ވެސް އެއްޗެއް ކުރަހާލަކުރަހާލައެވެ.

ދިރިއުޅުމުގެ ފެންވަރު ހުރި ގޮތުން އާއްކޮމެންރަށުގެ ގިނަ ގޭގޭގައި އަދިވެސް ކައްކައި އުޅެނީ ދަރުއުނދުނުންނެވެ. އާއްކޮމެންގޭގައި ވެސް ހަމަ އެ ގޮތަށެވެ.

ބާރަ ފަންސުރު ހިމެނޭ އެ ރީތި ފަންސުރު ފޮށިން އެއް ފަންސުރު ތަންކޮޅެއް ދުރުގައި މަންމައާ ކައިރީގައި ބޭއްވިފައި އޮތެވެ. މަންމަ ފެން ކައްކަމުން އުނދުނުގައި ދަރުޖައްސަމުން ދިޔައިރު، ބަލައިނުލައި، ހޯލިކޮޅެއްކަމަށް ހިތައި އެއްކަލަ ފަންސުރު ވެސް އުނދުނަށް ލެވިއްޖެއެވެ.

އާއްކޮ ކުލަޖައްސަމުން ދިޔަ ގަނޑުގައި ވަނީ ދެ މަލާއި ދެ ކޮކާލެވެ. ޖައްސަމުން ދިޔަ ކުލަ ފުރިހަމައަށް ޖައްސައިފައި އަނެއް ކުލަ ޖައްސަންވެގެން ބަލައިލި އިރު އެ ކުލަ ޖައްސަން ނެގި ފަންސުރު ފެންނާކަށްނެތެވެ. އާއްކޮ ބޭއްވިތާކު ނެތެވެ. ކުއްލިޔަކަށް އެތައް މިތަން ހޯދައި ބަލައިލި ތަނާ ފެނިއްޖެއެވެ.

[މަންމާ! އާއްކޮގެ ފަންސުރު]

ރޮއިގަންނަ ކަހަލަ އަޑަކުން ވަރަށް ބާރަށް އާއްކޮއަށް ގޮވައިލެވުނެވެ.

[ކިހިނެއްވީ؟ ޔާ ރައްބީ!]

އާއްކޮގެ މަންމައަށް އުނދުންތެރެ ބަލައިލެވުނީއެވެ. އޭރު މުޅި ފަންސުރު އޮތީ އަލިފާންގަނޑަކަށް ވެފައެވެ.

[މި ނަގަނީ. މި ނަގަނީ ފަންސުރު. ދަރިފުޅާ]

އާއްކޮގެ މަންމަ އަވަސް އަވަހަށް ބުނެލިއެވެ.

 

ކޮންމެޔަކަސް ވަރަށް އަވަސް ހަރަކާތުގައި އެ ފަންސުރު ނަގަން އާއްކޮގެ މަންމަ ގިނިފަތީގައި ހިފި ވަގުތެވެ. އާއްކޮ ބުންޏެވެ. މަންމާއެވެ. ދެން އެ ނުނަގާށެވެ. މިހާރު އެއީ ފަންސުރެއް ނޫނެވެ. މިހާރު އެއީ އަލިފާން ދަރުބުރިއެކެވެ. މިހާރު އެ އެހެން ފަންސުރުތަކާއެކު އެ ފޮށްޓަށް ލިޔަސް، އެ ރީތިރީތީ ފޮށްޓާއެކު ހުރިހައި ފަންސުރު އަންދައި އަޅިޔަށް ހަދައިލާނެއެވެ.

އާއްކޮގެ މަންމައަށް އެ ކުއްޖާފުޅުގެ ލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. އޭނާ ހަނދާނަށް އައީ ކާފަ ކިޔައިދން ވާހަކައެކެވެ. ޕޯޗުގީޒުންނާ އެކު ދުވަސްކޮޅަކު އުޅޭ އިރަށް ނުވަވަނަ ހަސަން ރަސްގެފާނު ކާފަރަކަށް ވެއްޖެއެވެ. އިސްލާމްދީން ދޫކޮށްލައިފިއެވެ. ދިވެހީންގެ ދުޝްމަނަކަށް ވެއްޖެއެވެ. އޭނާގެ ސަބަބުން ދިވެހި ގައުމުގެ މިނިވަންކަން އަނދައި އަޅިޔަށްވިއެވެ.

އެހެންވީމާ އާއްކޮ އެ ބުނިހެން އަހަރެމެންގެ ތެރޭން މީހަކަސް އެ މީހަކު އެހެން ބައެއްގެ ތެރޭ އުޅެ، އެ މީހުންގެ ސިފަތަކާއި ގޮތްތަކަށް ބަދަލުވީމާ އެއީ ދެން އަހަރެމެންގެ މީހެއް ނޫންތާއެވެ. އަތުކުރެހުމަށް ޒީނަތްތެރިކަން ގެނެސްދިން ކުލަ ފަންސުރު، އަލިފާނުގައި އޮތުމުން އަލިފާން ދަރުގަނޑަކަށް ބަދަލުވީ ފަދައިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *