ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 106 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ދެ ބޭފުޅަކު ހިމެނިވަޑައިގަތެވެ. އެ ބޭފުޅުންނަކީ ހއ. އުލިގަމު މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު އިދުރީސް އާދަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައި ހުންނެވި މާފަންނު މާހުރާ އަޙްމަދު ސަލީމެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ރޭ ލިބިވަޑައިގެންނެވި 106 ބޭފުޅުންގެ ތެރެއިން 26 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ރޭ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން، އެމް.އެން.ޑީއެފާއި ދިވެހި ފުލުހުންގެ ޚިދުމަތާއި އެހެނިހެން މުއައްސަސާތަކުގެ ގިނަ ޢަދަދެއްގެ ބޭފުޅުންނަށް ވެސް ރޭ އިނާމު ލިބިވަޑައިގަތެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު ގިނަކަމާއެކު، ޤައުމީ ފެންވަރުގައި ބޭއްވޭ ދެ ޖަލްސާއެއްގައި އިނާމު ދެއްވާގޮތަށް ވަނީ ރައީސުލްޖުމްހުރިއްޔާ ނިންމަވާފައެވެ. މިގޮތުން، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، 117 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ވަނީ ދެއްވާފައެވެ. އަދި ރޭ އިނާމު ދެއްވީ ބާކީ ތިބި 106 ބޭފުޅުންނަށެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެންނެވިއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކިއެވެ.
މީގެ އިތުރުން، މި ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އެ މަނިކުފާނުގެ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް މި ޖަލްސާގައި ވަނީ ދައްކާފައެވެ.



advertisment