Support Us

ބާނީ ޔޫސުފު ފުޅު- ދެއްވި އިނާމުގެ ހަނދާނާއި ޒިކުރާ

އެއީ އެކިއެކި މުބާރާތްތަކަށް އިނާމު ހުށަހަޅުއްވައިގެން ދިވެހީންގެ ހިތްތަކުގައި ބިންވަޅު ނެގުނު ނަމެކެވެ. އަޅުގަނޑުގެ ހިތުގައި ވެސް ވަރަށް ކުޑައިރުއްސުރެ އެ ޝަޚުޞިއްޔަތު އޮތީ ބިންވަޅު ނެގިފައެވެ. ފުރަތަމަ ރޭޑިޔޯއިން އެ ނަން އަޑު އިވިއިވިއެވެ. މާލޭގައި އެ ދުވަސްވަރު ބޭއްވި ގިނަ ކުޅިވަރު މުބާރާތްތަކާއި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރާއިރު ތަކުރާރުކޮށް އެންމެ ގިނައިން އިވޭ ނަމަކީ އެއީއެވެ.

"އަލްފާޟިލް ބާނީ ޔޫސުފު ފުޅު ދެއްވާ އިނާމު" ނުލިބޭނަމަ އެ ދުވަސްވަރު އެއީ ވަނައެއް ލިބޭވަރަށް ޤައުމީ ފެންވަރުގައި ކަމެއް ކުރެވިފައި ނެތީއެވެ. އެހާ ވެސް ގިނައިން އޭނާ މުބާރާތްތަކުގެ ވަނަތަކަށް އިނާމު ހުށަހެޅުއްވިއެވެ. އެއީ 1980ގެ އަހަރުތަކެވެ.

ފުޅާ ދާއިރާއެއްގައި ދިގު މުއްދަތަކަށް އިނާމު ހުށަހެޅުއްވި ބާނީ ޔޫސުފު ފުޅު އެކަން ކުރެއްވީ ކީއްވެގެންތޯއެވެ؟ ދުނިޔޭގައި ހުންނެވިއިރު "އުފަލަކަށް ކޮށްލާ ކަމެއް" ކަމަށް ބުނުއްވައި އެވަރުން ފުއްދާލައްވައެވެ. އެކަން ކުރެެއްވި ހަގީގީ މަގުސަދާއި ނިޔަތަކީ އޭނާއާއި ހެއްދެވި ފަރާތާ ދެމެދުގައި އޮތް ސިއްރެކެވެ. އެންމެ ގާތް މީހުންނަށް ވެސް އެނގޭ ކަމަކީ ބާނީ ޔޫސުފު ފުޅުގެ އެންމެ ބޮޑު ލޯތްބަކީ އިނާމު ހުށަހެޅުވުން ކަމާއި އެއީ ވަރަށް ކުރާ ހިތުން ކުރެއްވި ކަމެއްކަމެވެ. ބާނީ ޔޫސުފު ފުޅު އެވަނީ ކޮންމެ ގޮތަކަށް ބެއްޔަސް "ޤައުމީ ރެކޯޑު ފޮތުން" ޖާގައެއް ހޯއްދަވާފައެވެ. ދިވެހީންގެ ތެރޭގައި އެހާ ގިނައިން އިނާމު ހުށަހެޅުއްވި އެހެން ޝަޚުޞިއްޔަތެއް ނެތެވެ.

ބާނީ ޔޫސުފު ފުޅު އެހާ ގިނަ އިނާމު ހުށަހެޅުއްވިޔަސް އެއީ މުއްސަންޖެއް ނޫނެވެ. އަދާކުރެއްވީ ސަރުކާރުގެ ވަރަށް އާދައިގެ ވަޒީފާތަކެވެ. އިނާމު ހުށަހެޅުއްވީ ޕެންޝަނާއި މުސާރައަށް ލިބިލައްވާ މަދު ފައިސާކޮޅުންނެވެ. ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން އަދާކުރެއްވީ ވެސް އެންމެ އާދައިގެ ވަޒީފާތަކެވެ. ބާނީ ޔޫސުފު ފުޅު ދިގު މުއްދަތެއްގައި ރިޔާސީ ގަނޑުވަރުގައި ވަޒީފާ އަދާކުރެއްވިއެވެ.

ބާނީ ޔޫސުފު ފުޅުގެ ޝަޚްޞިއްޔަތު ބުނެދެނީ ހަމައެކަނި އޭނާ ހުށަހެޅުއްވި ގިނަގުނަ އިނާމުތަކަކުން ނޫނެވެ. އެއީ ދިވެހި ދައުލަތަށް 40 އަހަރު ޚިދުމަތް ކުރެއްވި ޑަބަލް ޕެންޝަނަރެކެވެ. އެ ކަމުން އޭނާގެ ކެތްތެރިކަމާއި ސާބިތުކަން އަދި ޤައުމަށް ޚިދުމަތްކުރެއްވުމުގެ ރޫޙު ހާމަކޮށްދެއެވެ. ބާނީ ޔޫސުފު ފުޅު ސިފަކުރެވެނީ ޤައުމަށް އަގުހުރި ޚިދުމަތެއް ކޮށްދެއްވި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އޭނާގެ ފެންވަރާއި މިންވަރުންނެވެ. އެތައް ދަރިވަރުންތަކަކަށް އަދި އެތައް ޒުވާނުންތަކަކަށް އޭނާ އެ ވަނީ ހިތްވަރު ދެއްވާފައެވެ. އަގުވަޒަން ކުރައްވާފައެވެ. ގިނައިން ހުށަހަޅުއްވާފައި ހުރީ ލިޔެކިޔުމަށް ބޭނުންކުރާ ސާމާނެވެ.

ބާނީ ޔޫސުފު ފުޅުގެ އެ އަގުހުރި ޤައުމީ ޚިދުމަތުގެ މަތިން މި ޤައުމު ހަނދާން ނައްތާލީ ހެއްޔެވެ؟ "އަލްފާޟިލް ބާނީ ޔޫސުފު ފުޅު ދެއްވާ އިނާމު" ލިބުނު އޭރުގެ ކިޔެވި ކުދިންނާއި ކުޅިވަރުގެ ޝަޚުޞިއްޔަތުން މިއަދު ކޮބައިބާވައެވެ؟ އޭނާގެ ހަނދާނާއި ޒިކުރާ ފޮހެވި ދިޔައީ ހެއްޔެވެ؟ އޭނާގެ އެ އަގުހުރި ޚިދުމަތް އޭނާއާއެކު ކަފުން ކުރެވުނީ ބާވައެވެ؟

ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އިޚްލާޞްތެރި ކަމާއެކު ޤައުމަށް ކޮށްފި ޚިދުމަތެއްގެ އަޑެއް ދުވަހަކު ވެސް ނުކެނޑޭނެއެވެ. އާވެ އާލާވޭވޭ އޮންނާނެއެވެ. އެ ޒިކުރާ ޤައުމުގެ ވިންދުގައި ނުޖަހައެއް ނުދާނެއެވެ. ކޮންމެވެސް ގޮތަކުން އެ ޝުޢޫރު ޤައުމުން ނީވިއެއް ނުދާނެއެވެ. ދޭތެރެ ދޭތެރެއިން މީސް މީޑިއާގައި އެ ޝަޚްޞިއްޔަތުގެ ހަނދާންތަކާ ޒިކުރާތައް މީހުން އާކުރަނީ އެހެންވެއެވެ. އަޅުގަނޑުމެން ކަހަލަ ޢާއިލީ ގުޅުމެއްނެތް، އަދި ދުވަހަކު ބައްދަލުވެފައި ވެސް ނެތް މީހުންގެ ހިތަށް މިފަދަ ލިޔުންތައް ލިޔަން ރޭގަނޑުގެ ހަމަހިމޭންކަން އެ ބުނެދެނީ އެހެންވެއެވެ. "ބާނީ ޔޫސުފު ފުޅުގެ އިނާމު ހުށަހެޅުން" މިސާލު ބަހެއްގެ ގޮތުގައި ކިޔާތީ އިވެއެވެ. މިފަދަ މިސާލު ބަސްތައް އުފެދިގެން އައުމުން ލިޔުންތެރިން ފޮތްތަކުގައި ލިޔެއެވެ. ވާހަކަ ދެއްކުންތެރިން އެ ބޭފުޅުންގެ ވާހަކަފުޅުގައި ހިމަނުއްވައެވެ. އެއީ ވެސް ހަނދާނާއި ޒިކުރާ އާކުރެވޭ ގޮތްގޮތެވެ.

ކުޅިވަރާއި އިޖުތިމާޢީ ހަރަކާތްތަކުގައި އިނާމު ހުށަހަޅުއްވައިގެން ބާނީ ޔޫސުފު ފުޅު މަޝްހޫރުވީވަރަށް މަޝްހޫރުވި ދިވެއްސަކު ނެތެވެ. އެއީ ރާއްޖޭގައި ކުޅިވަރު މުބާރާތްތައް ސުޕޮންސަރ ކުރަން ނުފަށާ ޒަމާނެވެ. އޭރު ބާނީ ޔޫސުފު ފުޅުގެ ނަން އެ އިވުނު ގޮތަށް މިޒަމާނުގައި އިވޭނަމަ މިހާރުގެ ކުދިންނަށް ހީވާނީ ހުރިހާ ބޮޑެތި މުބާރާތްތަކެއް ސުޕޮންސަރ ކުރައްވަނީ ބާނީ ޔޫސުފު ފުޅު ހެންނެވެ. ޚާއްޞަކޮށް މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގައެވެ. އޭރު މާލޭގައި ހުރި އެންމެ ބޮޑު އެ ދެ ސްކޫލުގެ ހުރިހާ މުބާރާތްތަކަކަށް ހެން އޭނާ އިނާމު ހުށަހެޅުއްވިއެވެ.

ބާނީ ޔޫސުފު ފުޅަކީ ގިނަ ބަޔަކު ދަންނަ އެކުވެރި ރަޙުމަތްތެރިއެކެވެ. ނުފެނުނަސް، ބައްދަލު ނުވިޔަސް ހިތުގައި ބިންވަޅު ނެގިފައިވާ ފަރިތަ ނަމެކެވެ. ގިނަ ބަޔަކަށް އޭނާ ފާހަގަ ވެފައިވަނީ މަޑުމައިތިރި އަޚްލާޤު ރަނގަޅު، ހިތްހެޔޮ ބޭކަލެއްގެ ގޮތުގައެވެ. އުމުރުން 86 އަހަރުގައި ނިޔާވުމާ ހަމައަށް ވެސް އޭނާގެ ޤައުމީ ޚިދުމަތުގެ ރެކޯޑް މުގުރައެއް ނުލެވުނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިނާމު ހުށަހެޅުމުގައި އަދިވެސް އެ ރެކޯޑް އޮތީ އޭނާގެ އަތުގައެވެ. ހަމައެކަނި އަމިއްލަ އުފަލަށް ޓަކައި އިނާމު ހުށަހަޅާ މީހަކު ނެތީތީއެވެ.

ބާނީ ޔޫސުފު ފުޅު ނިޔާވީ 2016 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އޭނާ ކުރެއްވި ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވާށިއެވެ. އާމީން!

 

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި