Support Us

ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ވީހާވެސް ލުއިފަސޭހަކޮށްދިނުމަށް އަބަދުވެސް ވިސްނަންޖެހޭ: ފައިސަލް

ރައްޔިތުންނަށް ޚިދުމަތްތައް ދޭ ފަރާތްތަކުން އެ ޚިދުމަތްތައް ދިނުމުގައި ވީހާވެސް ލުއިފަސޭހަކޮށް އެކަންކަން ކޮށްދިނުމަށް އަބަދުވެސް ވިސްނަންޖެހޭކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޚިދުމަތްތައް ދިނުމުގައި، އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ޚިދުމަތެއްކަމުގައި ވަނީނަމަ އެމީހަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ތަފާތުކުރުމެއްނެތި އެ ޚިދުމަތެއް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ކުންފުނިތަކާ އަދި ދައުލަތުން ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިޙްލާޞްތެރިކަމާއެކު، ކޮންމެ ރައްޔިތަކަށް ވެސް ޚިދުމަތް ދިނުމަށާއި އަދި އެއީ އަވަހަށް ކޮށްދޭންޖެހޭ ކަމެއްކަމުގައި ވާނަމަ ލަސްނުކޮށް އެކަމެއް ކޮށްދިނުމަށް ސަމާލުކޮށްދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި ޞިއްޙީ ޚިދުމަތް ހޯދުމުގައި، ޚާއްޞަކޮށް އަވަސް ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ ފަރާތްތައް ފޮނުވުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ޤައުމުތަކުގެ ބޯޑަރުތައްވެސް ބަންދުކޮށްފައި އޮއްވާ އަވަސް ފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެހެންމެ، އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައި އޮވެމެ، ރާއްޖެއިން އަވަސްފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްކަށް ޚާއްޞަ ހުއްދައެއްގެ ދަށުން އެ ފުރުޞަތު ފަހިކޮށްދެއްވީތީ އިންޑިޔާ ސަރުކާރާއި އެކަމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު، ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރަމުންގެންދާކަން ފާހަގަކުރައްވައި، ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

މި ޙަފްލާގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ އާސަންދަ މޮބައިލް އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވާފައެވެ.

މީގެ އިތުރުން އާސަންދަ ކުންފުނީގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑްތައް އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ވެސް ނައިބު ރައީސުލްޖުމްހޫރިއްޔާއެވެ. މި ޙަފްލާގައި އާސަންދަ ކުންފުނީގެ ފަރާތުން ވަނީ ނައިބު ރައީސުލްޖުމްހޫރިއްޔާ އަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް