Support Us

އޮނަރަބަލް އުމަރު ޒާޙިރު: މުޅި އުމުރުފުޅު ގައުމީ ހިދުމަތުގައި ހޭދަކުރެއްވި، އަގުހުރި ގައުމީ ބަތޮލެއް

ކޮވިޑްގެ އާލާސްކަންފުޅުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އަވަހާރަވި އޮނަރަބަލް ޢުމަރު ޒާހިރަކީ އެ މަނިކުފާނުގެ މުޅި އުމުރުފުޅު ގައުމީ ހިދުމަތުގައި ހޭދަކުރެއްވި، އަގުހުރި ގައުމީ ބަތޮލެކެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރުފުޅެވެ.

ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢުމަރު ޒާހިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936 ގައެވެ.

ޢުމަރު ޒާހިރަކީ 50 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ޤައުމަށް އިޚްލާޞްތެރި، އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ މުރާލި، ހީވާގި، ޤައުމީ މުވާޠިނެކެވެ. ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ.

ޢުމަރު ޒާހިރަކީ ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ޙަވާލުކުރެއްވި ކޮންމެ މަގާމެއްގެ ވާޖިބާއި މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެކެވެ. އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވި ޚާދިމެކެވެ. ޚިދުމަތުގެ ތެރެއިން މިއަދުގެ ޖީލަށް ރީތި ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެކެވެ. ޤައުމީ ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލައްވައި، ފޯރިއާއި ޖޯޝާއެކީގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ ޝަޚްޞިއްޔަތެކެވެ.

ޢުމަރު ޒާހިރަކީ، ދައުލަތުގެ ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތް ކުރެއްވި ހީވާގި ބޭފުޅެކެވެ. އެގޮތުން، ފުރުއްވި އިސްމަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލު ކަމާއި މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަން ހިމެނެއެވެ.

ޢުމަރު ޒާހިރަކީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސް ކަމުގެ މަގާމާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސް ކަމުގެ މަގާމާއި އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޢުމަރު ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަންވެސް ކުރައްވާފައެވެ.

ޢުމަރު ޒާހިރު ކޮށްދެއްވި ޚިދުމަތްތަކަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މާގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި، ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި، އެ މަނިކުފާނު ދެއްކެވީ އާދަޔާޚިލާފު ސާބިތުކަމެކެވެ. އެގޮތުން، ޢުމަރު ޒާހިރުގެ އަގުހުރި މަސައްކަތްޕުޅުތަކުގެ ތެރެއިން މާލޭ ސަރަޙައްދުން ފެންނަ ތިލަފުށްޓަކީ، އެ މަނިކުފާނުގެ ދުރުވިސްނުންފުޅުގެ ތަޞައްވުރެކެވެ. ފަޅެއްގެ ގޮތުގައި އޮތް ތަނަކަށް ކުނި އަޅައިގެންނާއި، ވެލިއަޅައިގެން، ރާއްޖޭގެ ރަށެއް ހިއްކައި ތަރައްޤީ ކުރިއިރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ، ޢުމަރު ޒާހިރެވެ. މިއަދު ތިލަފުށި ވެފައިވަނީ ޞިނާޢީ ބޮޑު ސަރަޙައްދަކަށެވެ.

އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ހުޅުމާލެ މަޝްރޫޢު ފެށްޓެވިއިރު، ހުޅުމާލެ ހިއްކުމުގެ މަސައްކަތުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ ޢުމަރު ޒާހިރެވެ. މާލޭގެ މަގުތަކުގައި ގައު އެތުރުމުގެ ކުރިން، އޭރު މަގުތައް ހައްދަވައި، މަގުމަތީގައި ހުންނަ އަޑިގުޑަންތަކުން ދުއްވާ އެއްޗިއްސަށް ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރެއްވުމަށާއި، މަގުމަތީގައި ހިނގާބިނގާވާ މީހުންނަށް ފަސޭހަ ތަނަކަށް މަގުތައް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އޭގެފަހުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢުގެ މަސައްކަތްތަކުގައިވެސް ޢުމަރު ޒާހިރު މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

ޢުމަރު ޒާހިރު، މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމު ފުރުއްވަމުން ގެންދެވިއިރު، އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ މަޖީދިއްޔާގެ ދަރިވަރުން، ހަރުދަނާ ރަނގަޅު އަޚްލާޤެއްގެ މަތީގައި ތަރުބިއްޔަތު ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭރު މަޖީދިއްޔާގެ ދަރިވަރުން ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބައި، ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށް ބާރުއެޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ސްކޫލުން ބޭރުގައި އެ ކުދިން އުޅޭނޫޅޭގޮތް ބައްލަވައި، ވަގުތުން ވަގުތަށް ނަމާދު އަދާކުރުމަށް ބާރުއަޅުއްވައި، އެ ކުދިންނަށް ނަޞޭޙަތްތެރިވެވަޑައިގެން، ކުރިއަށް ދިޔުމުގެ ސީދާ މަގު ދެއްކެވި މުރުޝިދެއްގެ ގޮތުގައިވެސް މެއެވެ.

މީގެއިތުރުން، ސަރުކާރުން މާލޭގައި ކުރެއްވި ގިނަ ޢިމާރާތްތައް ކުރެއްވުމުގައި، އިސް މޭސްތިރިއެއްގެ ގޮތުން، ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ އެހެން މުހިންމު ކަންކަމުގައިވެސް ޢުމަރު ޒާހިރަކީ ޢަމަލީގޮތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިގޮތުން، ރާއްޖެ، އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން މިނިވަންވުމަށް ކުރި މަސައްކަތްތަކުގައި ޢުމަރު ޒާހިރުގެ ޙިއްޞާ ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިއެވެ. އަދި ހުޅުލޭ އެއަރޕޯޓް ހަދަމުން ގެންދިޔައިރު، އެކަމުގައި ޢަމަލީގޮތުން އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވައި، އައްޑުއަތޮޅު ގަމުގައި އިނގިރޭސިން ތިބިއިރު، ލެއިޒަން އޮފީހުގައި ޢުމަރު ޒާހިރު ހުންނަވައިގެން، ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވައި އެއްބާރުލުން ދެއްވާފައިވެއެވެ.

މީގެއިތުރުން، ކުޑަކުދިންގެ އިޞްލާޙިއްޔާގެ ބިންގާ އެޅި، އެ މަސައްކަތް ޢަމަލީގޮތުން ކުރެއްވުމުގައި އިސްވެ ޙަރަކާތްތެރިވެވަޑައިގަތީވެސް ޢުމަރު ޒާހިރެވެ. އަދި 100 ވަރަކަށް ކުދިން މާފުށީގެ އިޞްލާޙިއްޔާއަށް ގެންދަވައިގެން، އެ ކުދިންނަކީ ހަރުދަނާ ތަރުބިޔަތެއްގެ މަތީގައި ބޮޑެތިވާ ކުދިން ކަމުގައި ހެއްދެވުމަށް ޢުމަރު ޒާހިރު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަކީވެސް، އެ މަނިކުފާނު ކުރެއްވި ވަރަށް މުހިންމު ޚިދުމަތެކެވެ.

ޢުމަރު ޒާހިރު، އެންމެފަހުން އަދާކުރެއްވީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމެވެ. ޢުމަރު ޒާހިރަކީ އެވަގުތަކު ސަރުކާރަށް ކުރިމަތިވާ ކޮންމެ މުހިންމު ބޮޑު ކަމެއް ޙައްލުކޮށްދެއްވުމުގައި، އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޢުމަރު ޒާހިރު، ދިވެހި ސަރުކާރަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަކީ، މިއަދު މުޅި ޤައުމު ފަޚްރުވެރިވާނެ ޚިދުމަތްތަކެކެވެ.

އޮނަރަބަލް ޢުމަރު ޒާހިރު އަދާކުރެއްވި މުހިންމު ބައެއް މަޤާމުތައް

1950 ން 1970ގެ އަހަރުތައް

  • ދާޚިލިއްޔާގެ މަޤާމުތައް
  • އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ
  • މަޖީދިއްޔާގެ ހެޑްމާސްޓަރ
  • ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ
  • ބަނޑޮސް ރިސޯޓްގެ މެނޭޖަރ (ސަރުކާރުގެ ވަޒީފާއެއް ނޫން)
  • މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު
  • މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު

އޮނަރަބްލް ޢުމަރު ޒާހިރު އަދާކުރެއްވި އިސްމަޤާމުތައް

  • މާލޭ މުނިސިޕަލްޓީގެ ރައީސް (1980-1993)
  • މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް (1983-1988) ދާޚިލީ އަދި އިޖުތިމާޢީ ޚިދުމަތްތައް، ފެންޝަން، ސޯޝިއަލް ވެލްފެއަރ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން، ތިމާވެށި ރައްކާތެރިކުރުން، މިނޫންވެސް އިޖުތިމާޢީ ކަންކަމާބެހޭ ވަޒީރު
  • މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް 1988-1993 (ދާޚިލީ ވަޒީރު އަދި ކުޅިވަރާބެހޭ ފުރަތަމަ ވަޒީރު)
  • މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް 1993-2004
  • މިނިސްޓަރ އޮފް ހޯމް އެފެއާޒް 2004-2005 (ދާޚިލީ އަދި ފުލުހުންގެ ވަޒީރު)
  • ސީނިއަރ މިނިސްޓަރ 2005-2008 (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)
  • ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން (1990ގެ އަހަރުތައް)
  • ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން (1980ގެ އަހަރުތަކުން 1990ގެ އަހަރުތަކަށް)

ކުރެއްވި ޚާއްޞަ ޚިދުމަތްތައް

  • 1960ގެ އަހަރުތަކުގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރެވުނު ގައުމީ ޜޫޙާއި ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސްސަފުގައި
  • މަޖީދިއްޔާގައި ޢިލްމީ އަޚްލާޤީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުން
  • މާލޭގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަސައްކަތްތައް/ މާލޭ މަގުހެދުމުގެ މަޝްރޫޢު މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢު
  • ހުޅުމާލެ މަޝްރޫޢު
  • ކުނިނައްތާލުމުގެ މަޝްރޫޢާ ކަމާބެހޭ މަސައްކަތްތައް
  • ތިލަފުށި ހިއްކުން އެކަމާގުޅޭ އެންމެހައި މަސައްކަތްތައް
  • ފުވައްމުލަކު ބަނދަރުގެ މަޝްރޫޢު
  • ރަށްރަށުގެ ބަނދަރުގެ މަސައްކަތްތައް
  • ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި އެންމެގަދަވި ރަންޒަމާނުގެ ހިންގުންތެރި ވަޒީރު

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް