ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދިވެހި ބަހުގެ ހާއްސަ ވޯކްޝޮޕެއް ފެށުމަށް ނިންމައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ހިންގާ މި ވޯކްޝޮޕް ފެށުމަށް ނިންމާފައި ވަނީ މި ހިނގާ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ބައިވެރިވުން ހިލޭ ހަމަޖެހިފައިވާ މި ވޯކްޝޮޕަކީ ދިވެހި ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުހުރި ފަރާތްތަކަށް ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މުއާމަލާތުކޮށް ލިޔަން ދަސްކޮށްދިނުމަށް ހިންގާ ވޯކްޝޮޕެއް ކަމަށް މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ވޯކްޝޮޕްގައި އޮންލައިންކޮށް އަދި ކުލާހަށް ގޮސްގެން ބައިވެރި ވެވޭނެ ކަމަށާއި ވޯކްޝޮޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމުގެ ލިންކު ކައުންސިލްގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ނޫސްވެރިންނަށާއި ނޫސްވެެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ކުރިއަށް ގެންދާ ދިވެހި ބަހުގެ ކޯހުގައި ބަައިވެރިވުމުގެ ފުރުސަތުހުޅުވާލަން.https://t.co/EQaAs0cNFG pic.twitter.com/09vs7Rtwjl
— Maldives Media Council (@mmc_mv) December 16, 2021
މި ވޯކްޝޮޕަކީ ނޫސްވެރިން ލިޔާ ލިޔުން ތަކަކީ ދިވެހި ބަހުގެ އިލްމީ ހަމަތަކުގެ މަތީން ލިޔެ ޝާއިއުކުރާ ލިޔުންތަކަކަށް ހެދުމާއި ދިވެހި ބަހުގެ ކުށުގެ ވެށިން ނޫސްވެރިކަން ސަލާމަތްކުރުމާއި އަދި އަދަބު އިހުތިރާމާއެކު މުއާމަލާތްކުރަން ނޫސްވެރިންނަށް ދަސްކޮށްދިނުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.



advertisment