ތަރައްޤީގެ ކަންކަމުގައި ސަރުކާރުން ގެންދަނީ ރާއްޖެއަށް އިންޤިލާބީ ބަދަލުތަކެއް ގެންނަމުން ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެ މަނިކުފާނުގެ އުފަންރަށް، ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރޭ ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން މުޅި ރާއްޖޭގައި ބާރަށް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަކުގައި ތަރައްޤީގެ އެންމެ މަޝްރޫއެއް ނަމަވެސް ނުހިންގާ ރަށެއް ނެތްކަމުގައި ވިދާޅިއެވެ. ހަމަ އެހެންމެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް، ރައްޔިތުންނަށް ވީ ވަޢުދުތައް ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ފުއްދަވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ މައްޗަށް އަލިއަޅުވާލައްވަމުން މިއީ ޒަމާނުއްސުރެ ފުވައްމުލަކު ސިޓީގެ ރައްޔިތުން އިންތިޒާރުކުރަމުންއައި މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން މިއަދު ޢަމަލީ މަސައްކަތް ފެށިގެން ދިޔަ މި މަޝްރޫޢަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ފެށުމަށް މަސައްކަތްކުރަމުންދިޔަ މަޝްރޫއެއްކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ކުރިޔަށްގެންދަވާ ކަން ފާހަގަކުރައްވައި އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައި ވަނީ ވަނީ އެމް.ޓީ. ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. ޖުމްލަ ތިންސަތޭކަ މިލިއަން، ތިންސަތޭކަ ސާޅީސް ތިން ހާސް، ފަންސާސް ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 606 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމް.ޓީ.ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޕެއަރ ވިންތަރ ލާސަންއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުންސިންގ އެންޑް އިންފްރާސްޓަރކްޗަރ މުޙައްމަދު އަސްލަމާއި ނެދަރލެންޑް ސަފީރު، ޓާންޔާ ގޮންގްރިޖް އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންނާއި، ނެދަލެންޑް ސަފީރުގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި ފުވައްމުލަކު ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment