Support Us

އާންމުންގެ އަވަސް އެހީތެރިކަމަށް ބޭބީ ލަޔަކްގެ އާއިލާ ޝުކުރުން ފުރިފައި، 24 ގަޑިއިރު ތެރޭ 4 ލައްކަ

ދުނިޔޭގައި ވެސް ވަރަށް މަދުން އުޅޭ ބައްޔަކަށް ފަރުވާ ހޯދަން ބޭނުންވެފައިވާ އުމުރުން ނުވަ މަހުގެ ޔޫނުސް ލަޔަކާ ބެހޭ ގޮތުން "އަދިވެސް" އޮންލައިންގައި ރޭ ޖެހި ރިޕޯޓާ ގުޅިގެން، ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ދީފި ކަމަށް އާއިލާއިން ބުނެފިއެވެ.

ޖެނެޓިކް ޑިސްއޯޑަރއެއްގެ ސަބަބުން މައިގަނޑު ގޮތެއްގައި ހަމަށް ޖެހޭ "ހާރލެކިއުން އިކްތިޔޯސިސް" ހުރިކަން ކަށަވަރުވުމުން، ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށް ދީލަތި ފަރާތްތަކުގެ އެހީތެރިކަން ބޭނުން ކަމަށް އަލަކްގެ މަންމަ ހައްވާ އުލާ އިބްރާހިމު ބުނެފައިވާ ރިޕޯޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު ފޯނުން ގުޅައި ހިތްވަރު ދިން ކަމަށާއި ވަރަށް ގިނަ ބަޔަކު ފައިސާގެ އެހީ ޖަމާކޮށްދިން ކަމަށްވެސް އުލާ ބުންޏެވެ.

ލަޔަކް އުފަންވީ މި އަހަރުގެ ފެބްރުވަރީ 26ގައި ފުވައްމުލަކު ހޮސްޕިޓަލުގައެވެ. ދަރިފުޅު ފުރަތަމަ ފެނުމާއެކު ވެސް އެއީ އާދަޔާޚިލާފު ބައްޔެއް ހުރި ކުއްޖެއްކަން ޑޮކްޓަރުންނަށާއި އާއިލާއަށް ވެސް އެނގުނެވެ. އެއީ އުލާ އާއި ފަރަހް ވަހީދަށް މީގެ 11 އަހަރު ކުރިން ލިބުނު ފުރަތަމަ ދަރިފުޅަކީ ވެސް ހަމަ އެ ކަހަލަ ކުއްޖަކަށްވީތީއެވެ. އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ދަރިފުޅު ވަނީ ހަ މަހުގައި ނިޔާވެފައެވެ.

ލަޔަކް އުރާލައިގެން އުލާ އާއި ކުޑަބެ: ލަޔަކަށް އުފާވެރިކަން ގެނެސްދޭން ބޭނުން

ލަޔަކަށް ފަރުވާ ހޯދުމަށްޓަކައި އުލާ އާއި ފިރިމީހާ، ދަރިފުޅު ވިހެއި ދުވަހު މާލެ އައިސް އައި.ޖީ.އެމް.އެޗަށް ދެއްކިއެވެ. ޑޮކްޓަރުން ބުނި ކަމަށް ވަނީ ދެވޭނެ އިތުރު ފަރުވާތަކެއް ނެތް ކަމަށެވެ. އެހެންވެ ދެހަފުތާއެއްހާ ދުވަހު މާލޭގައި ތިބުމަށްފަހު އެނބުރި ރަށަށްދިޔައީއެވެ.

"ހާރލެކިއުން އިކްތިޔޯސިސް"ގެ ސަބަބުން ލަޔަކްގެ މުޅި ގައިގެ ހަންގަނޑު ހުންނަނީ ވަރަށް ބޯކޮށެވެ. އަދި އަބަދު ހުންނާނީ ހަންފޮޅި، ހަންތައް ނެއްޓިފައެވެ. ހަންތައް ނެއްޓެމުންދަނީ ހުޅުނބު ގޮތަށެވެ.

އުލާ މިރޭ ބުނީ ރޭ އަށެއް ޖެހިއިރުން ފެށިގެން ފާއިތުވީ 24 ގަޑިއިރު ތެރޭގައި ލިބުނު ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާގެ ތެރެއިން އެކަކު 10 ހާސް ރުފިޔާ ވެސް ދީފައިވާ ކަމަށެވެ. އަދި އާންމު ގޮތެއްގައި ގިނަ މީހުން ދީފައި ވަނީ 500ރ. ކަމަށް ވެސް ރަށުގައި ހުރެ ވާހަކަ ދައްކަމުން އުލާ ބުންޏެވެ.

"އެހާ އަވަހަށް އެ ޚަބަރު ފެތުރި އާންމުންގެ ގިނަ ބަޔަކަށް ފޯރައި ރޭގަނޑުގެ ދަންވަރު ވެސް ތިޔަ އެންމެ ބޭފުޅުން އެހީތެރިވާން ފެށިގޮތް ހިތަށް ގެންނަންވެސް ދަތި. ލަޔަކްގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ މަގު އެހާ އަވަހަށް ހަމަޖެހޭނެ ކަމަކަށް އަޅުގަނޑުމެން ހުވަފެނަކުން ވެސް ނުދެކެން. އަޅުގަނޑުމެނަށް އެހީ ދެއްވައި، ހިއްވަރު ދެއްވައި، ފާޅުކުރެއްވި އޯގާތެރި ޝުއޫރުތަކަށްޓަކައި، މި ކަމުގައި ކުރިއަށްދާން އިތުރު ހިއްވަރެއް ލިބިގެންދިޔައީތީ ތިޔަ އެންމެހައި ބޭފުޅުންނަށް ލަޔަކްގެ ނަމުގައްޔާއި އަޅުގަނޑުމެންގެ އާއިލާގެ އެންމެންގެ ނަމުގައި އިންތިހާއަށް ޝުކުރުދަންނަވަން،" އުލާގެ އެފްބީގައި މިރޭ ބުންޏެވެ.

އުލާ ބުނީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ ޖަނަވަރީ މަހުގެ މެދެއްހާ ހިސާބުގައި ފަރުވާއަށް ބެންކޮކަށް ފުރަން ކަމަށެވެ. އެކަމަކު ރިސޯޓެއްގައި ވަޒީފާ އަދާކުރާ ފިރިމީހާއަށް ޗުއްޓީ ލިބިއްޖެ ނަމަ އެއަށްވުރެ އަވަހަށްވެސް ފުރަންޖެހިދާނެ ކަމަށް އުލާ ބުންޏެވެ.

އުލާ ބުނީ ފަރުވާގެ ކަންތަކަށް ބޭނުންވާނީ ކިހާ ފައިސާއެއްކަން އެނގޭނީ ބެންކޮކަށް ދިއުމުން ކަމަށެވެ. މިހާރު ގަސްތުކުރަނީ ލިބިފައި ހުރި ފައިސާއިން އަވަހަށް ޑޮކްޓަރު ކައިރިޔަށް ގޮސް ފަރުވާ ފަށަން ކަމަށެވެ.

ލަޔަކް އުރާލައިގެން އުލާ، ފަރަހް އާއި ކުޑަބެއާއެކު… އެންމެ ބޮޑު އުންމީދަކީ ލަޔަކަށް އަވަސް ޝިފާއެއް ދެއްވުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
24
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *