...

Support Us

ޒިނޭގެ ކުށް ޑީ.އެން.އޭ އިން ސާބިތުކުރުމުގެ ޙުކުމަކީ ކޮބާ؟

މިއީ 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ކުރެވިފައިވާ ލިޔުމެކެވެ. މިލިޔުންގެ މަސްދަރުތަކާއި މަރުޖަޢުތައް ހިމެނޭގޮތަށް ޕީ.ޑީ.އެފް ފައިލެއް ތިރީގައިވާ ލިންކުގައި ވާނެއެވެ.

https://docdro.id/yYzADax

ޚުލާޞާ:

މިއީ ޒިނޭގެ ކުށް ސާބިތުކުރުމަށް ޓަކައި ޑީ.އެން.އޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް މި އަހަރުގެ 24 އޮކުޓޫބަރުގައި ދިވެހިރާއްޖޭގެ ސުޕުރީމު ކޯޓުން ނިންމެވުމާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި ޒިނޭގެ ކުށް ސާބިތުވާ ގޮތަކީ ކޮބައިކަން ދަނެގަތުމަށާއި އަދި ޑީ.އެން.އޭ އަކީ ކުށްތަކުގެ ހަގީގަތް ދަނެގަނެވޭ ވަސީލަތަކަށް ވެފައި ވީއިރު އެ ވަސީލަތުން ﷲގެ ޙައްޤެއްގެ ގޮތުގައި ބެލެވޭ ޒިނޭގެ ކުށަށް ވަދެވޭނެ މިންވަރު އިސްލާމީ ޝަރީޢަތުގައި ދެވިފައި ވަނީ ކިހާ މިންވަރަކަށްތޯ ދަނެގަތުމަށް ޓަކައި ކުރެވުނު ދިރާސާއެކެވެ. ލިބުނު ނަތީޖާއަކީ ތަންމައްޗަށް ލައްވާފައިވާ ދަރިއެއްގެ ނަސަބު ބާޠިލުކުރުމަށް ޓަކައި، ނުވަތަ ޒަމާނުއްސުރެން މީހުންގެ މެދުގައި މަޝްހޫރުވެފައިވާ ނަސަބެއް ބާޠިލުކުރުމަށް ޓަކައި، ނުވަތަ ހެއްކަކުން ސާބިތުވެފައިވާ ނަސަބެއް ބާޠިލުކުރުމަށް ޓަކައި، ނުވަތަ އިޢުތިރާފަކުން ސާބިތުވެފައިވާ ނަސަބެއް ބާޠިލުކުރުމަށް ޓަކައި، ޑީ.އެން.އޭ.ގެ ޓެކްނޮލެޖީ ބޭނުންކުރުން ފިޤުހުގެ ހަމަތަކުން އެއްވެސް މިންވަރަކަށް ހުއްދަ ނުވާ ކަމަށެވެ. ނަމަވެސް ޒިނޭ ސާބިތުކުރުން ފިޔަވައި، ބައެއް ޙާލަތުގައި މިސާލަކަށް، ގެއްލިފައި ހުރުމަށް ފަހު ފެނުނު ކުއްޖަކާމެދު ދެ ފިރިހެނަކު ދަޢުވާކޮށްފުމުން ނުވަތަ ދެ ފިރިހެނަކު ޝުބުހަ ވަޠުއަކުން އަންހެނަކާއެކު އެއް ޠުހުރެއްގައި ވަޠުޔު (ޖިމާޢު) ވެފައި ވަނިކޮށް ލިބުނު ދަރިއަކާ މެދު ދެފަރާތުން ދަރި ލިބުމަށް އެދި ދަޢުވާކޮށްފުމުން، ނުވަތަ ޖިންސީ ގޯނާއެއްގެ ނަފީގެ ހެކި ދެއްކުން ފަދަ ކަންކަމުގައި ޑީ.އެން.އޭ ބޭނުންކުރުން ހުއްދަ ކަމަށެވެ.

ޑީ.އެން.އޭ އިން ޒިނޭ ސާބިތުކުރެވިދާނެތޯ ނުވަތަ ނޫންތޯއާ މެދު ފަހުގެ ފިޤުހު ޢިލްމުވެރީންގެ އިޚްތިލާފުތަކަށާއި ދަލީލުތަކަށް ރިޢާޔަތްކުރުމުން އެންމެ ރަނގަޅުކަމަށް ފެންނަނީ ޑީ.އެން.އޭ އިން ޒިނޭގެ ޙައްދު ސާބިތުނުކުރެވޭނެ ކަމަށެވެ. ސަބަބަކީ ޑީ.އެން.އޭގެ ޓެސްޓުން ޒިނޭގެ ދަރިއެއްގައި ހުރި ޑީ.އެން.އޭ ތުހުމަތުކުރެވޭ މީހަކާ އެއްވައްތަރުކަން އެނގުނު ކަމުގައި ވިޔަސް އެ ތުހުމަތުކުރެވޭ މީހާ އެ ދަރިއަކު ވިހޭ އަންހެނާއާއެކު ޒިނޭގެ އަމަލު ހިންގިކަން ސާބިތުކޮށް ނުދެވޭތީއެވެ. ޒިނޭގެ ކުށެއް ސާބިތުކުރުމަށް ބޭނުންވަނީ ޒިނޭގެ އަމަލު ހިންގިކަމާއި ހިންގި ގޮތް ސާބިތުކޮށްދިނުމެވެ. ޒިނޭގެ އަމަލެއް ހިންގިކަމާއި އަދި ހިންގިގޮތުގެ ހަރަކާތެއް ޑީ.އެން.އޭ އަކުން ސާބިތުކޮށެއް ނުދެވެއެވެ. އެހެންކަމުން ޑީ.އެން.އޭ ބޭނުންކޮށްގެން ޒިނޭގެ ކުށް ސާބިތުކުރުން ހުއްދައެއް ނުވެއެވެ.

އިލްތިމާސަކީ: ޝަރުޢީ މަރުޙަލާތަކަށް ވަންނަ ފިޤުހުގެ މައްސަލަތައް ދިރާސާކުރާނެ މަތީ މަޖިލީހެއް ޖުޑިޝަރީގައި ގާއިމުކުރުމެވެ. އަދި ޝަރުޢީ ދާއިރާ އިލްމީގިތުން ވަރުގަދަ ކުރުމަށް ޓަކައި ފަނޑިޔާރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުޅުވައިދިނުމެވެ. އަދި އެ ކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

ފުރަތަމަ މަބުހަޘު: ދިރާސާގެ އަކުރުތަށް ދަނެގަތުން

މި މަބުޙަޘުގައި ބަލައިލާނީ ދިރާސާގެ އަކުރުތައް ދަނެގަތުމަށެވެ. އެއީ ސާބިތުކުރުން، ޒިނޭ، އަދި ޑީ.އެން.އޭގެ އަކުރެވެ.

ފުރަތަމަ މަޠުލަބު: ސާބިތުކުރުމުގެ މާނަ

ޢަރަބި ބަހުގައި ސާބިތުކުރުމުގެ މާނައަކީ ކަމެއްގެ ޞައްޙަކަން ކަށަވަރުވުމެވެ. ނުވަތަ ޙުއްޖަތެއް ގާއިމުވުމެވެ. ނުވަތަ ދަލީލެއް ލިބުމެވެ. (لسان العرب، ج 2، ص 19)

އިޞްޠިލާޙުގައި ސާބިތުކުރުމުގެ މާނައާއި މެދު ބޯދާ ފިޤުހުފޮތުގައި ވަކި ޚާއްޞަ ޢިބާރަތެއް ބޭނުންކޮށްފައެއް ނުވެއެވެ. ފިޤުހު ޢިލްމުވެރީން ބޭނުންކުރައްވާފައި ހުރީ ލަފުޒީ މާނެއެވެ. އެއީ ޙުއްޖަތެއް ގާއިމުވުމާއި ދަލީލު ލިބުމުގެ މާނައެވެ. ނަމަވެސް ފަހުގެ ޢިލްމުވެރީން ސާބިތުކުރުމަކީ ކޮބައިކަން މާނަ ކުރެއްވިއެވެ. އެ ގޮތުން ކުރެވުނު ބައެއް މާނަ ތިރީގައި އެ ވަނީއެވެ.

1: ސާބިތުކުރުމަކީ: إقامة الدليل الشرعي أمام القاضي في مجلس قضائه على حق أو واقعة من الوقائع އެވެ. މާނައީ: އެއީ ޝަރުޢީ ދަލީލަކުން ޤާޟީއެއްގެ ކުރިމަތީގައި އެ ބޭކަލެއްގެ ޝަރީޢަތުގެ މަޖިލިސްގައި ޙައްޤެއް ނުވަތަ ކަމެއް ސާބިތުކުރުމެވެ.

2: ސާބިތުކުރުމަކީ: إقامة الدليل أمام القضاء بالطرق التي حددتها الشريعة  على حق أو على واقعة معينة تترتب عليها آثار އެވެ. މާނައީ: އެއީ ސާބިތުވެއްޖެ ނަމަ އަސަރުކުރާ ފަދަ ޙައްޤެއް ނުވަތަ ކަމެއްގެ މައްޗަށް ޤާޟީއެއްގެ ކުރިފުޅުމަތީގައި ޝަރީޢަތުގައި ކަނޑައެޅިފައިވާ މަގުން ދަލީލުދެއްކުމެވެ.

ސާބިތުކުރުމަކީ ކޮބައިކަން ބަޔާންކޮށްދޭ އިސްވެދިޔަ މާނަ ބެލެވެނީ ވަރަށް ފުރިހަމަ މާނައެއްކަމަށެވެ. ސަބަބަބީ އެ އިބާރަތުގައި ގެނަސްފައިވާ " ޝަރީޢަތުގައި ކަނޑައެޅިފައިވާ މަގުން ދަލީލު ދެއްކުމުގެ" އިބާރަތެވެ. އެ ގޮތަށް އެ އިބާރާތް އޮތުމުން ނިކުންނާނެ ނަތީޖާއަކީ ދަލީލެއްކަމަށް ޝަރީޢަތުގެ ނައްޞަކުން ނުވަތަ އިޖުމާޢުން ނުވަތަ އިޖުތިހާދަކުން ސާބިތުވާ ދަލީލަކުން ނޫނީ އެއްވެސް ޙައްޤެއް ސާބިތުކުރުން ހުއްދަނުވުމެވެ. (الموسوعة الفقهية الكويتية 1/232)

ދެނަ މަޠުލަބު: ޒިނޭގެ މާނަ

ޢަރަބި ބަހުގައި "الزنا" ގެ ލަފުޒު ތަފާތު މާނައިގައި އާދެއެވެ. އެ ގޮތުން ތިރީގައި މި ދަންނަވާ މާނަތައް ފާހަގަވެއެވެ.

ފުރަތަމަ މާނައަކީ: ތަނަކަށް އެރުމެވެ. މިސާލަކީ: (زنأ في الجبل) އެވެ. މާނައީ: ފަރުބަދަމައްޗަށް އަރައިފިއެވެ. ދެވަނަ މާނައަކީ: ނުތަނަވަސްވުން، ނުވަތަ ދަތިކުރުމެވެ. މިސާލަކީ: (زنأ عليه) މާނައީ: އޭނާއަށް ދަތިކޮށްފިއެވެ.

ތިންވަނަ މާނައަކީ: ފާޙިޝް ޢަމަލު ހިންގުމެވެ. އެއީ ކައިވެނީގެ ގުޅުމަކާ ނުލައި، އަންހެނަކާއި ފިރިހެނަކާ ދެމީހުން ޝަހުވާނީ އުފާވެރިކަން އޭގެ ޠަބީޢީ ގޮތުން ލިބިގަތުމެވެ. މާތް ﷲގެ ވަޙީބަސްފުޅު (وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا)، ގައި ޒިނޭގެ މުރާދަކީ އެ މާނައެވެ. (ابن فارس،، معجم مقاييس اللغة،  ج3، ص 26)

އިޞްޠިލާޙުގައި ޒިނޭގެ މާނަ ފިޤުހު ޢިލްމުވެރީން ތަފާތު އިބާރާތުން ކުރައްވާފައިވެއެވެ.

ޙަނަފީ މަޒުހަބުގައި ޒިނޭ މާނަ ކުރެއްވިގޮތް:

ޙަނަފީ މަޒުހަބުގައި ޒިނޭ މާނަކުރައްވަމުން ވިދާޅުވިއެވެ. ޒިނޭއަކީ އެއީ  "وَطء مُكلف طائع مُشْتَهّاة حَالا أو مَاضِيًا في القبل بلا شبْهَة ملك في دار الإسلام أو تَمَكِينه مِن ذلك أو تَمَكِينها" އެވެ.

ޙަނަފީ މަޒުހަބުގައި ގެންނެވި ޒިނޭގެ އިބާރާތް މާނަކުރުން

(وَطء) ގެ މާނައަކީ ޚިތާނުކުރީމާ ޒަކަރުން ފާޅުވާ ހިސާބަށް ފަރުޖަކަށް ވެއްދުމެވެ. އެހެންކަމުން އެ މިންވަރަށް ފަރުޖުގެ ތެރެއަށް ޒަކަރު ނުވައްދައި ކުރާ ޖިންސީ އަމަލުތައް ޒިނޭގެ ހުކުމުން އިސްތިސްނާވެއެވެ.

(مُكلف)ގެ މާނައަކީ ޝަރީޢަތުގެ ފަރުޟުތައް އަދާކުރުން ވާޖިބުވެފައިވާ މީހާއެވެ. އެ ފަދަ ފަރާތަށް ޝަރީޢަތުގެ އިސްޠިލާޙުގައި ކިޔަނީ ތަކުލީފު ލިބިގެންވާ މީހާއެވެ. ޝަރީޢަތުގެ ފަރުޟުތައް އަދާކުރުން ވާޖިބުވެފައިވާ މީހެއްގެ ކިބައިގައި ދެ ޝަރުޠެއް ފުރިހަމަވާން ޖެހެއެވެ. އެއީ ބާލިޣުވެފައި ވުމާއި ބުއްދި ހުރުމެވެ. ޒިނޭކުރި މީހާއަކީ ތަކުލީފު ލިބިގެންވާ މީހެއް ކަމުގައި އޮތުމުން ތަކުލީފު ނުލިބޭ މީހުން އިސްތިސްނާވެއެވެ. އެހެންކަމުން ބާލިޣުނުވާ މީހާއި މޮޔަމީހާ ކުރާ ޖިންސީ އަމަލުތައް ޒިނޭގެ ހުކުމުން އިސްތިސްނާވެއެވެ.

(طائع)ގެ މާނައަކީ ކަމެއް ކުރުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ މިނިވަންކަން އެ ކަމެއް ކުރުމާއި ނުކުރުމަށް އެ މީހަކަށް ލިބިފައި އޮތުމެވެ. އެހެންކަމުން ގަދަކަމުން ނުވަތަ މަޖުބޫރުކޮށްގެން ކުރެވޭ ޒިނޭތައް ޒިނޭގެ ހުކުމުން އިސްތިސްނާވެއެވެ.

(مُشْتَهّاة حَالا) ގެ މާނައަކީ ޒިނޭކުރާ ވަގުތު އެމީހެއްގެ ނަފުސުގައި އެދުންވެރިކަން ހުރުމެވެ. އެހެންކަމުން އެދުންވެރިކަން ނުހިނގާ ކުޑަ ކުއްޖާއާއި މަރުވެފައިވާ މީހާއާއި ޖަނަވާރުތަކާ އެކު ކުރެވޭ ޒިނޭތައް އެ ހުކުމުން އިސްތިސްނާވެއެވެ.

(أو مَاضِيًا)ގެ މާނައަކީ ކުރީ ޒަމާނެއްގައި އެމީހެއްގެ ނަފުސުގައި އެދުންވެރިކަން ހުރެފައިވުމެވެ. އެހެންކަމުން އެދުންވެރިކަން ކެނޑިފައި ހުރި މުސްކުޅިޔަކު ޒިނޭ ކުރިކަމުގައި ވިޔަސް އެ އަމަލު ޒިނޭގެ ހުކުމުގެ ތެރެއަށް ވަންނާނެއެވެ.

(في القبل)ގެ މާނައަކީ ކުރިމަތި ފަރާތެވެ. އެހެންކަމުން ފުރަގަސްފަރާތުގައިވޭ ފާހިޝް އަމަލުތައް، ޒިނޭގެ ހުކުމުން ޙަނަފީ މަޒުހަބުގައި އިސްތިސްނާވެއެވެ.

(بلا شبْهَة ملك)ގެ މާނައަކީ ހަލާލުވުމުގެ މައްޗަށް ޝުބުހައެއް (ޝައްކެތް) ނެތުމެވެ. އެހެންކަމުން ޝުބުހައެއް އޮތް ކައިވެންޏެއްގައި ހިންގޭ ޖިމާޢުވުގެ އަމަލު ޒިނޭގެ ހުކުމުން އިސްތިސްނާވެއެވެ. މިސާލަކަށް ވަލީވެރިޔާގެ އިޒުނަ ނުހޯދާ ނުވަތަ ދެ ހެކިވެރީން ހާޒިރުނުކޮށް ކުރި ކައިވެންޏެއްގައި ހިންގޭ ޖިމާޢުވުމުގެ އަމަލު ޒިނޭގެ ހުކުމުން އިސްތިސްނާވެއެވެ.

(في دار الإسلام) ގެ މާނައަކީ އިސްލާމީ ދައުލަތެއްގައެވެ. އެހެންކަމުން ކާފިރު ގައުމެއްގައި ހުރެގެން މުސްލިމަކު ކުރި ޒިނޭގެ އަމަލެއް ނަމަ ޒިނޭގެ ހުކުމުން އިސްތިސްނާވެއެވެ.

(أو تَمَكِينه مِن ذلك) ގެ މާނައަކީ ޒިނޭގެ އަމަލު ހިންގުމުގައި ފިރިހެނާގެ މައްޗަށް އަންހެނާ ގަދަވެގެންވާ ހާލު (ކޮންޓުރޯލު ކޮށްގެންވާ ހާލު) ޒިނޭކުރުމެވެ. މިސާލަކީ ފިރިހެނާގެ ޒަކަރުގެ މަތީގައި އަންހެނާ އިށީނދެ އިނދެގެން ޒިނޭކުރުމެވެ.

(أو تَمَكِينها)ގެ މާނައަކީ ޒިނޭގެ އަމަލު ހިންގުމުގައި އަންހެނާގެ މައްޗަށް ފިރިހެނާ ގަދަވެގެންވާ ހާލު (ކޮންޓުރޯލު ކޮށްގެންވާ ހާލު) ޒިނޭކުރުމެވެ. މިސާލަކީ އަންހެނާ ދަށުގައި ބާއްވައިގެން ފިރިހެނާ މަތީގައި އޮވެގެން ޒިނޭކުރުމެވެ. މި ލަފުޒު މި ތަނުގައި ގެނެސްފައި އޮތުމުން ދަލާލަތުކޮށްދެނީ ޖިމާޢުވުމުގެ ކުޅަދާނަކަން ލިބިގެންވާ އިސް ފަތާރަކީ ފިރިހެނާކަމެވެ. އަންހެނެއްގެ އެދުންވެރިކަމެއް ނެތިވެސް އެ އަމަލު ހިންގިދާނެކަމެވެ.

ޚުލާޞާއަކީ: ޙަނަފީ މަޒުހަބުގައި ޒިނޭއަކީ: މުސްލިމުންގެ ބިމެއްގައި ހުރެގެން، އެއްވެސް މަޖުބޫރުކަމެއްނެތި، ހަލާލުވުމުގެ މައްޗަށް ޝުބުހައެއް ނެތް އަންހެނެއްގެ ކުރިމަތީ ފަރާތަށް، ތަކުލީފު ލިބިގެންވާ މީހަކު އޭނާގެ ޒަކަރުން ޚިތާނުކުރީމާ ފާޅުވެފައިވާ މިންވަރަށް ވެއްދުމެވެ. އެ މީހަކީ އެ ވަގުތު ނަފުސުގައި އެދުންވެރިކަން ހުރި މީހަކު ކަމުގައި ވިޔަސް ނުވަތަ އެދުންވެރިކަން ކެނޑިގެން ގޮސްފައި ހުރި މީހަކު ކަމުގައި ވިޔަސް މެއެވެ. އަދި އެއީ ފިރިހެނާގެ މައްޗަށް އަންހެނާއަށް ބާރުލިބެވޭ ގޮތަކަށް ތިބެގެން ނުވަތަ އަންހެނާގެ މައްޗަށް ފިރިހެނާއަށް ބާރުދެއްކޭ ގޮތަކަށް ތިބެގެން ހިންގުނު އަމަލެއް ކަމުގައި ވިޔަސްމެއެވެ. (ابن نجيم، البحر الرائق شرح كنز الدقائق، ط:2، ج5، ص4)

މާލިކީ މަޒުހަބުގައި ޒިނޭ މާނަކުރެއްވި ގޮތް: "وَطء مكلف مسلم فرج آدَمِيّ لا ملك لَهُ فيه تَعَمدا " މާނައީ: ޒިނޭއަކީ ތަކުލީފު ލިބިގެންވާ މުސްލިމަކު އެ މީހަކަށް މިލްކުވެރިކަމެއް ލިބިފައިނުވާ އިންސާނެއްގެ ފަރުޖުގައި ގަސްތާއެކު ވަޠުޔު ކުރުމެވެ. (ޖިމާޢު ވުމެވެ.) (حاشية الدسوقي على الشرح الكبير ،ج 4، ص313)

ޝާފިޢީ މަޒުހަބުގައި ޒިނޭ މާނަކުރެއްވި ގޮތް: "إيلَاجُ الذكر بفرج مُحَرَم لَعيْنه خال عن الشبهة مشتهى" މާނައީ: ޒިނޭއަކީ ޚިތާނުކުރީމާ ޒަކަރުން ފާޅުވެފައިވާ ހިސާބު، އެއްވެސް ޝުބުހެއް ނެތް އަދި އޭގެ ޒާތުގައި ޙަރާމްވެގެންވާ ފަރުޖަކަށް އެދުންވެރިކަމާއެކު ވެއްދުމެވެ. (الشربيني، مغني المحتاج إلى معرفة ألفاظ المنهاجج 4، ص186)

ޙަންބަލީ މަޒުހަބުގައި ޒިނޭ މާނަކުރެއްވި ގޮތް: "هو فعل الفاحشة في قبل أو دبر "މާނައީ: ޒިނޭއަކީ ފުރަގަސްފަރާތުގައި ނުވަތަ ކުރިމަތި ފަރާތުގައި ފާޙިޝް އަމަލު ހިންގުމެވެ. (البهوتي، دقائق أولي النهى شرح المنتهي ج 6، ص181)

ޚުލާޞާއަކީ: ޒިނޭ މާނަކުރުމުގައި ފިޤުހު ޢިލްމުވެރީން ދެ ކަމަކަށް އިއްތިފާގުވެއެވެ. އެއް ކަމަކީ ޚިތާނުކުރީމާ ޒަކަރުން ފާޅުވެފައިވާ ހިސާބު ފަރުޖަކަށް ވައްދައިގެން ވަޠުއު ނުވަތަ އީލާޖު ކުރުމެވެ. (ވަޠުއު ނުވަތަ އީލާޖު ކުުރުމަކީ ޒަކަރު ފަރުޖަށް ވައްދައިގެން ނަގައިޖެހުމެވެ.) ދެ ވަނަ ކަމަކީ ގަސްތުގައި އެ ކަންކުރުމެވެ. އެހެންކަމުން ޒިނޭއެއް ސާބިތުކުރުމަށްޓަކައި ހެކީންގެ ބަހުން ނުވަތަ އިއުތިރާފުން ސާބިތުވާންޖެހޭ އެންމެ ކުޑަ މިންވަރަކީ ޚިތާނުކުރީމާ ޒަކަރުން ފާޅުވެފައިވާ ހިސާބު ފަރުޖަކަށް ވައްދައިގެން ނަގައިޖެހިކަން އެނގުމެވެ. އެކަން ސާބިތުވެގެން ނޫނީ ޒިނޭގެ ހުކުމް ސާބިތެއް ނުކުރެވޭނެއެވެ.

ތިން ވަނަ މަޠުލަބު: ޑީ.އެން.އޭގެ މާނަ

ޑީ.އެން.އޭ އަކީ Deoxyribonucleic acid (ޑީއޮކުސީރައިބޯނިއުކުލެއެކު އެސިޑު) ކުރުކޮށް ކިޔާގޮތެވެ. އިންސާނާގެ ހުރިހާ ސެލްތައް އުފެދިފައި ހުންނަނީ ޖެނެޓިކު ކޯޑެއްގެ މައްޗަށް ބިނާކުރެވިގެންނެވެ. ކޮންމެ އިންސާނެއްގެ ޖެނެޓިކު ކޯޑު ހުންނަނީ އަނެއް އިންސާނަކާ ތަފާތުކޮށެވެ. އެ  ޖެނެޓިކު ކޯޑު ދަނެގަތުމަށްޓަކައި ބޭނުންކުރެވޭ ސައިންޓިފިކު ވަސީލަތަށް ކިޔަނީ ޑީ.އެން.އޭ ޓެސްޓުކުރުމެވެ. ޑީ.އެން.އޭ އެކުލެވިފައި ހުންނަނީ ގުޅިފައި ހުންނަ ދިގު ފުށްތަކެއް (ޑީ.އެން.އޭ. އިސްޓުރޭންޑު) ގެ މައްޗަށެވެ. ޑީ.އެން.އޭ އަކީ އޭގެ ޒާތުގައި ގިނަ ފަހަރު ކެނޑުމެއްނެތި ވަރަށް ދިގުކޮށް ހުންނަ އެއްޗަކަށްވުމުން، އެ ހުންނަނީ ޚާއްސަ ޕުރޮޓީނެއްގެ ވަށައިލައި އޮޅާލެވިގެން ވަރަށް ރަށްކާތެރި ގޮތަކަށް، 46 ޖޯޑަކަށް ޕެކުކުރެވިފައެވެ. ޑީ.އެން.އޭ އިން ކުރާ މަސައްކަތަކީ އިންސާނާގެ ހަށިގަނޑުގެ ތަފާތު ތަންތަނަށް ބޭނުންވާ ޕުރޮޓީން އުފެއްދުމެވެ. އެގޮތުން ބަނޑުގައި އޮންނަ ކުއްޖާގެ ޑީ.އެން.އޭގެ ދެބައިކުޅައެއްބައި އަންނަނީ މަންމަގެ ކިބައިން އަދި އަނެއް ދެބައިކުޅައެއްބައި  އަންނަނީ ބައްޕަގެ ކިބައިން ނެވެ. އިންސާނާ އުފެދުމުގެ އެ އަސްލު (ޖެނެޓިކު) ތައް އާއްމުކޮށް ރައްކާކުރެވިފައި ހުންނަނީ ހަށިގަނޑުގައި ހުންނަ ނިއުކުލިއަރ ސެލްތަކެއްގައެވެ. ދެ މީހެއްގެ ހަށިގަނޑުން ނެގޭ ސާންޕަލަކުން އިސްވެދެންނެވުނު ސެލްސްތައް އެއްވައްތަރުވާ މިންވަރު ނުވަތަ އެއްވައްތަރުތޯ ނުވަތަ ނޫންތޯ ޑީ.އެން.އޭ މެދުވެރިކޮށްގެން ހޯދައި ބަލައި ލޮލަށް ފެނުނު ގޮތަކަށް ބުރަވެ ނަތީޖާ ބުނެދެވިދާނެއެވެ. އެގޮތުން ބައްޕައަކީ ކާކުތޯ ބެލުމަށް ޓަކައިވެސް (ހުއްދަވުމާއި ނުވުން އެއްކާރިކޮށްލާފައި)  ޑީ.އެން.އޭގެ ޓެސްޓުކުރެވިދާނެއެވެ. އެ ޓެސްޓަށް ކިޔަނީ ބަފާކަށަވަރު ޓެސްޓު (Paternity testing) އެވެ. ބަފާކަށަވަރުކުރުމަށް ކުރާ ޑީ.އެން.އޭގެ އެ ޓެސްޓަކީ އޭގެ ޓެކުނޮލެޖީގެ މޮޅުކަމަށް ޓަކައި އެއިން ދަނެގަނޭވޭ ދެ މީހެއްގެ ޑީ.އެން.އޭ އެއްގޮތްވުން ނުވަތަ އެއްވައްތަރު ވުމަކީ ކަމެއް ސާބިތުވުމުގައި ނުވަތަ ދަރިއެއް ސާބިތުވުމުގައި 99.99 އިންސައްތަ އިތުބާރުކުރެވޭ އަދި ކަމެއް ނަފީކުރުމުގައި ނުވަތަ ދަރިއެއް ނަފީކުރުމުގައި 100 އިންސައްތަ އިތުބާރު ކުރެވޭ އެއްޗެކެވެ. (DNA Paternity Test: Definition & Types. (2021). Retrieved 8 December 2021)

ފުރަތަމަ މަބުޙަޘުން ލިބުނު ނަތީޖާ:

1: ޝަރީޢަތުގައި ޙައްގެއް ސާބިތުކުރުމަށް ހުށަހަޅާ ހެއްކަކީ ޝަރީޢަތުގެ ނައްޞަކުން ނުވަތަ އިޖުމާޢަކުން ނުވަތަ އިޖުތިހާދަކުން ސާބިތުވެފައިވާ ދަލީލެއްކަމުގައި ވާންޖެހެއެވެ.

2: ޒިނޭއެއް ސާބިތުވާނީ ހަތަރު ހެކީންގެ ބަހުން ނުވަތަ އިއުތިރާފުން ޚިތާނުކުރީމާ ޒަކަރުން ފާޅުވެފައިވާ ހިސާބު ފަރުޖަކަށް ވައްދައިގެން ޖިމާޢުވިކަން އެނގުމުންނެވެ. އެކަން ސާބިތުވެގެން ނޫނީ ޒިނޭގެ ހުކުމް ސާބިތެއްނުކުރެވޭނެއެވެ.

3: ޑީ.އެން.އޭގެ ޓެކުނޮލެޖީން ދަނެގަނޭވޭ ދެ މީހެއްގެ ޑީ.އެން.އޭ އެއްވައްތަރު ވުމަކީ ކަމެއް ސާބިތުކުރުމުގައި 99.99 އިންސައްތަ އިތުބާރުކުރެވޭ އަދި ކަމެއް ނަފީކުރުމުގައި 100 އިންސައްތަ އިތުބާރު ކުރެވޭ އެއްޗެކެވެ.

ދެވަނަ މަބުޙަޘު: ޒިނޭގެ ކުށް ސާބިތުކުރުމަށް ޓަކައި ޑީ.އެން.އޭގެ ހެކި

ދަނެއު، ފިޤުހު ޢިލްމުވެރީން ޒިނޭގެ ކުށް ސާބިތުކުރުމުގައި އިއްތިފާޤު ވަނީ ދެ ގޮތަކަށެވެ.

ފުރަތަމަ ގޮތަކީ: ޒިނޭ ކުރިކަމަށް ހަތަރު ފިރިހެނުންގެ ހެކިބަސް ލިބުމެވެ. ދަލީލަކީ ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (وَاللَّاتِي يَأْتِينَ الْفَاحِشَةَ مِنْ نِسَائِكُمْ فَاسْتَشْهِدُوا عَلَيْهِنَّ أَرْبَعَةً مِنْكُمْ ۖ فَإِنْ شَهِدُوا فَأَمْسِكُوهُنَّ فِي الْبُيُوتِ حَتَّىٰ يَتَوَفَّاهُنَّ الْمَوْتُ أَوْ يَجْعَلَ اللَّهُ لَهُنَّ سَبِيلًا) މާނައީ: ތިޔަ ބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާ މެދު، (އެބަހީ: ޒިނޭކުރާ މީހުންނާ މެދު) ތިޔަ ބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެ ކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެއުރެން ހެކިދީފި ނަމަ، މަރު، އެ ކަނބަލުން އަތުލައިފުމަށް ދާނދެން (އެބަހީ: މަރުވެއްޖައުމަށް ދާނދެން) ނުވަތަ، އެ ކަނބަލުންނަށް اللَّه މަގެއް ދައްކަވައިފުމަށް ދާނދެން، ގޭގޭގައި އެ ކަނބަލުން ބަންދުކުރާށެވެ! (النساء 15)

އިތުރު ބަޔާނެއް: މަގެއް ދެއްކެވުމޭ އޮތްބަސްފުޅުގެ މުރާދަކީ، އެ ކަނބަލުންނަށް ދޭނެ عقوباتއެއް ކަނޑައަޅުއްވައި އެންގެވުމެވެ. އެ ކަންއޮތީ سورة النورގެ ދެވަނަ އާޔަތުން އަންގަވާފައެވެ. (ޤުރުއާނުގެ ދިވެހި ތަރުޖަމާ)

ދެވަނަ ގޮތަކީ: ޒިނޭ ކުރިކަމަށް އެ މީހަކު އަމިއްލައިން އިޢުތިރާފުވުމެވެ. ޒިނޭކުރި ކަމަށް އިޢުތިރާފުވެއްޖެ ނަމަ ޒިނޭގެ ކުށް ސާބިތުވާނެ ކަމަށް މުޅި އުއްމަތުގެ އިޖުމާޢު ލިބިފައިވެއެވެ. ދަލީލަކީ މާޢިޒު ނަމަކަށް ކިޔުނު ބޭކަލަކު ޒިނޭކުރި ކަމަށް އިޢުތިރާފުވުމުން ރަޖަމު ކުރެވުނު ހާދިސާ އެވެ. އަދި އަލްޣާމިދިއްޔާ ޤަބީލާގެ އަންހެނަކު ޒިނޭކުރި ކަމަށް އިޢުތިރާފުވުމުން ރަޖަމު ކުރެވުނު ހާދިސާ އެވެ. (ابن عبد البر، الإستدراك ، ج7، ص 485)

ނަމަވެސް ފަހުގެ ބައެއް ޢިލްމުވެރީންގެ މެދުގައި ޑީ.އެން.އޭގެ ޓެކުނޮލެޖީން ޒިނޭގެ ކުށް ސާބިތުވުމާމެދު ރައުޔު ތަފާތުވެފައިވެއެވެ. އެ ދެބަސްވެރިވުން ބައިވެފައި ވަނީ ދެ ރައުޔަކަށެވެ.

ފުރަތަމަ ރައުޔު: ޑީ.އެން.އޭގެ ޓެކުނޮލެޖީން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެއެވެ. އެހެން ވިދާޅުވި ބޭކަލުންގެ ތެރޭގައި فؤاد عبد المنعم أحمد އާއި أحمد أبو قاسم ހިމެނެއެވެ. އަދި عمر بن محمد السبيل ވެސް ބުރަވެލެއްވީ އެ ރައުޔަށެވެ.

(فؤاد عبد المنعم أحمد، البصمة الوراثية …ص 82 – أحمد أبو القاسم، الدليل الجنائي المادي …  ج2، ص334 –  عمر بن محمد السبيل، البصمة الوراثية …ص 82 )

ދަނެގަތުން ހުއްޓެވެ. އެ ބޭކަލުން ޑީ.އެން.އޭގެ ޓެކުނޮލެޖީން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށް ވިދާޅުވެލެއްވީ ކައިވެންޏަކާ ނުލައި މާބަނޑުވާ އަންހެނާގެ މައްޗަށް އޭނާގެ އިޢުތިރާފަކާ ނުލައި ނުވަތަ ހަތަރު ހެކީންގެ ހެކިބަހަކާ ނުލައި ހަމަ އެކަނި ބަނޑުބޮޑުވި ބޮޑުވުމުން ޒިނޭގެ ކުށް ސާބިތުވާނެ ކަމަށް ދެކެވަޑައިގަތް ސަލަފުގެ ފިޤުހު ޢިލްމުވެރީންގެ ރައުޔަށް ބުރަވެއެވެ. ނުވަތަ އެ ރައުޔަށް ޤިޔާސް ކުރައްވާގެންނެވެ. ކައިވެންޏަކާ ނުލައި މާބަނޑުވެއްޖެ ނަމަ އެއީ ޒިނޭގެ ކުށް ސާބިތުކުރެވިދާނެ ޤަރީނާއެއް ކަމުގައި ކަނޑައެޅުއްވި މަޒުހަބަކީ މާލިކީ މަޒުހަބެވެ. އަދި އެއީ ޙަންބަލީ މަޒުހަބުގެ ބައެއް ބޭކަލުންގެ ރައުޔެވެ. އެ ބޭކަލުންގެ ތެރޭގައި ابن القيم އާއި ابن تيمية އާއި عثمان البتي ހިމެނި ވަޑައިގަންނަވައެވެ. ޙަންބަލީ މަޒުހަބުގެ ތެރެއިން އިސްވެ ދެންނެވުނު ބޭކަލުންގެ ރައުޔަކީ ބަލިވެއިނުމުން ޒިނޭގެ ކުށް ސާބިތުވާނެ ކަމުގައި ވިޔަސް އެމަޒުހަބުގެ އިޢުތިބާރުކުރެވޭ ރައުޔަކީ ހަމައެކަނި ބަލިވެ އިނުމަކުން ޒިނޭގެ ކުށެއް ސާބިތު ނުކުރެވޭނެ ކަމަށެވެ. އެ ރައުޔު ނަޤުލުކުރެވިފައި ވަނީ އަންނަނިވި ގޮތަށެވެ. الشرح الكبير على متن المقنع ގައި އައިސްފައި ވެއެވެ. "ފިރިޔަކު ނެތް ނުވަތަ ސާހިބަކު ނެތް އަންހެނަކު ބަލިވެއިނދެއްޖެ ނަމަ ހަމައެކަނި އެ ބަލިވެއިން އިނުމަށް ބަލައިގެން ޙައްދު ޤާއިމެއް ނުކުރެވޭނެއެވެ. ނަމަވެސް އެ އަންހެނަކު ކުރެން ސުވާލުކުރެވޭނެއެވެ. ފަހެ އެއީ ގަދަކަމުން ހިންގި ކަމެއް ކަމަށް އެ އަންހެނަކު ބުނެފި ނަމަ ނުވަތަ ޝުބުހަ ވަޠުއަކުން ކުރެވުނު ކަމެއް ކަމުގައި ބުނެފި ނަމަ ނުވަތަ ޒިނޭއަކީ ކޮބައިކަން ޞަރީޙަކޮށް ބުނެނުދެވުނު ނަމަ އެ މީހެއްގެ މައްޗަށް ޙައްދު ޤާއިމު ނުކުރެވޭ ހުއްޓެވެ."

(منح الجليل، ج9، ص955 – الفواكه الدواني ج 2، ص ،337 – إعلام الموقعين ج2، ص179- مجموع الفتاوى ج20، ص 383 – الشرح الكبير على متن المقنع ج10، ص 208)

ދެވަނަ ރައުޔު: ޑީ.އެން.އޭ.ގެ ޓެކުނޮލެޖީން ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެއެވެ. އެ ހެން ވިދާޅުވެފައި ވަނީ މިއަދުގެ އިލްމުވެރީންގެ މެޖޯރަޓީ އެވެ. އެގެ ތެރެއިން ފާހަގަކޮށްލެވޭ ބޭކަލުންގެ ތެރޭގައި يوسف القرضاوي އާއި وهبة الزحيليއާއި نصر فريد واصل އާއި محي الدين القره داغي އާއި محمد المدني بوساق އާއި سعيد بن مسفر هلالي ހިމެނެއެވެ. އަދި މައްކާގެ މަޖުމަޢުލްފިޤުހިލްއިސްލާމީގެ ނިންމުމަކީ ވެސް އެއީއެވެ.

(القرضاوي، الفقه الإسلامي والبصمة الوراثية (ينظر موقع القرضاوي)- وهبة الزحيلي، البصمة الوراثية … ج2، ص526 – نصر فريد واصل، البصمة الوراثية …  ص 94 – الغره داغي، البصمة الوراثية… 59 – بوساق، موقف الشريعة الإسلامية من استخدام البصمة الوراثية … ، ص93 – سعيد بن مسفر هلالي، البصمة الوراثية ….. ص 445 )

ދަނެގަތުން ހުއްޓެވެ. ޑީ.އެން.އޭގެ ޓެކުނޮލެޖީން ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް މިބޭކަލުން ވިދާޅުވެލެއްވީ ވެސް ކައިވެންޏަކާ ނުލައި މާބަނޑުވާ އަންހެނާގެ މައްޗަށް އޭނާގެ އިޢުތިރާފަކާ ނުލައި ނުވަތަ ހަތަރު ހެކީންގެ ހެކިބަހާ ނުލައި ހަމައެކަނި ބަނޑުބޮޑުވި ބޮޑުވުމުން ޒިނޭގެ ކުށް ސާބިތުނުވާނެ ކަމަށް ދެކެވަޑައިގަތް ސަލަފުގެ ފިޤުހު ޢިލްމުވެރީންގެ ރައުޔަށް ބުރަވެއެވެ. ނުވަތަ އެ ރައުޔަށް ޤިޔާސް ކުރައްވައިގެންނެވެ. ކައިވެންޏަކާ ނުލައި މާބަނޑުވުމަކުން ޒިނޭގެ ކުށް ސާބިތުނުކުރެވޭނެ ކަމަށް ނުވަތަ ޤަރީނާތަކުން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ވިދާޅުވެލެއްވެވީ ސަލަފުގެ ފިޤުހު ޢިލްމުވެރީންގެ ގިނަ ބޭކަލުންނެވެ. ނުވަތަ އަޣުލަބިއްޔަތެވެ. އޭގެ ތެރޭގައި ޙަނަފީ މަޒުހަބު ހިމެނެއެވެ. އަދި ޝާފިޢީ މަޒުހަބު ހިމެނެއެވެ. ޝާފިޢީ މަޒުހަބު ބަޔާންކުރައްވަމުން ލިޔުއްވާފައި ވެއެވެ. (لا يَثْبُتُ الحَدُّ إلا بِبَيِّنَةٍ أو إقْرَارٍ و لَو مَرَّة ) މާނައީ: ހެކިންގެ ހެކިބަހުން ނުވަތަ އިޢުތިރާފުން މެނުވީ ޙައްދު ސާބިތުނުކުރެވޭ ހުއްޓެވެ. އެއީ އެންމެ ފަހަރަކު ވެވޭ އިޢުތިރާފެއް ކަމުގައި ވިޔަސްމެއެވެ. އަދި އެ ރައުޔުގައި ޡާހިރީ މަޒުހަބުގެ ބޭކަލުން ވެސް ހިމެނެއެވެ. އަދި ޙަންބަލީ މަޒުހަބުގެ އިތުބާރުކުރެވޭ ރައުޔަކީ ވެސް އެ އީއެވެ. ޙަންބަލީ މަޒުހަބުގެ الكافي ނަމަކަށް ކިޔުނު ފޮތުގައި ވެއެވެ. "ދެ ގޮތުންކުރެ ގޮތަކުން ނޫނީ (ޒިނޭ) ސާބިތު ނުކުރެވޭނެއެވެ. އެއްގޮތަކީ އިޢުތިރާފުމެވެ. އަނެއްގޮތަކީ ހެކީންގެ ހެކިބަސް ލިބުމެވެ. ސަބަބަކީ އެ ދެގޮތުން ނޫނީ ޒިނޭގެ ޢަމަލު (ޒިނޭގެ ހަރަކާތް ނުވަތަ ފަރުގެ ތެރެެއަށް ޒަކަރު ވެއްދުމާއި ނެގުމުގެ ހަރަކާތް) ނޭނގޭނެތީއެވެ."

( البحر الرائق، ج5، ص5  – تبيين الحقائق ج3، ص 166 – أسنى المطالب ، ج4، ص 130 – المحلى، ج11، ص280- الكافي، ج4، ص89)

ފުރަތަމަ މަޠުލަބު: ޑީ.އެން.އޭ އިން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެކަމަށް ވިދާޅުވި ބޭކަލުންގެ ދަލީލުތައް

ޑީ.އެން.އޭ. އިން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށް ވިދާޅުވި ބޭކަލުން ދަލީލުތައް ދެއްކެވީ ސުންނަތާއި، ޞަޙާބީންގެ ކިބައިން އައިސްފައިވާ އަޘަރު ތަކާއި (ހާދިސާތަކާއި)، އިޖުމާއާއި، އަދި ބުއްދީގެ ހަމަތަކުންނެވެ. އެ ދަލީލުތަކަކީ ޤަރީނާއިން ޒިނޭ ސާބިތު ކުރެވިދާނެތޯ ނުވަތަ ނޫންތޯ އާ މެދު މި އުއްމަތުގެ ދަންނަބޭކަލުން ބަޙުޘު ކުރައްވާފައިވާ ދަލީލުތަކެވެ. އަދި އޭގެ ނަތީޖާވެސް ލިބިފައިވާ ދަލީލުތަކެވެ. އެއީ އެއްވެސް ޙާލެއްގައި ޑީ.އެން.އޭ އިން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށް އަލަށް ފެނިގެން އުޅޭ ދަލީލުތަކެއް ނޫނެވެ. ނަމަވެސް ޑީ.އެން.އޭ އިން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށް ވިދާޅުވި ބޭކަލުންގެ ދަލީލުތައް ދެއްކެވީ އެ ދަލީލުތަކުގެ އަލީގައެވެ. އާދެ! ތިރީގައި މި ދަންނަވަނީ އެ ދަލީލު ތަކެވެ.

1: ސުންނަތުން ދެއްކެވި ދަލީލުތައް

ފުރަތަމަ ޙަދީޘު: عن عَلْقَمَةَ بْنِ وَائِلٍ، عَنْ أَبِيهِ «أَنَّ امْرَأَةً وَقَعَ عَلَيْهَا رَجُلٌ فِي سَوَادِ الصُّبْحِ -وَهِيَ تَعْمِدُ إلَى الْمَسْجِدِ- بِمَكْرُوهٍ عَلَى نَفْسِهَا، فَاسْتَغَاثَتْ بِرَجُلٍ مَرَّ عَلَيْهَا، وَفَرَّ صَاحِبُهَا. ثُمَّ مَرَّ عَلَيْهَا ذَوُو عَدَدٍ، فَاسْتَغَاثَتْ بِهِمْ، فَأَدْرَكُوا الرَّجُلَ الَّذِي كَانَتْ اسْتَغَاثَتْ بِهِ، فَأَخَذُوهُ، وَسَبَقَهُمْ الْآخَرُ، فَجَاءُوا بِهِ يَقُودُونَهُ إلَيْهَا، فَقَالَ: أَنَا الَّذِي أَغَثْتُكِ، وَقَدْ ذَهَبَ الْآخَرُ، فَأَتَوْا بِهِ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- فَأَخْبَرَتْهُ أَنَّهُ وَقَعَ عَلَيْهَا. وَأَخْبَرَ الْقَوْمُ: أَنَّهُمْ أَدْرَكُوهُ يَشْتَدُّ، فَقَالَ: إنَّمَا كُنْتَ أُغِيثُهَا عَلَى صَاحِبِهَا فَأَدْرَكَنِي هَؤُلَاءِ فَأَخَذُونِي، فَقَالَتْ: كَذَبَ، هُوَ الَّذِي وَقَعَ عَلَيَّ، فَقَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-: انْطَلِقُوا بِهِ فَارْجُمُوهُ. فَقَامَ رَجُلٌ من الناس فَقَالَ: لَا تَرْجُمُوهُ، وَارْجُمُونِي فَأَنَا الَّذِي فَعَلْتُ بِهَا الْفِعْلَ، وَاعْتَرَفَ. فَاجْتَمَعَ ثَلَاثَةٌ عِنْدَ رَسُولِ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- الَّذِي وَقَعَ عَلَيْهَا، وَاَلَّذِي أَغَاثَهَا، وَالْمَرْأَةُ فَقَالَ: (أَمَّا أَنْتِ فَقَدْ غُفِرَ لَك). وَقَالَ لِلَّذِي أَغَاثَهَا قَوْلًا حَسَنًا. فَقَالَ عُمَرُ -رَضِيَ اللَّهُ عَنْهُ-: اُرْجُمْ الَّذِي اعْتَرَفَ بِالزِّنَا. فَأَبَى رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- وَقَالَ: (إنَّهُ قَدْ تَابَ ) މާނައީ: عَلْقَمَةَ بْنِ وَائِلٍ، އޭނާގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވި ހަދީޘެއްގައި ވެއެވެ. އެއް ފަހަރަކު އަންހެނަކު ފަތިހުގެ އަނދިރިކަމުގެ ތެރޭގައި މިސްކިތަށް ދަނިކޮށް މީހަކު އެ އަންހެނާ އަށް ގަދަކަމުން ހުރަހެޅިގަތެވެ. އަދި އެ އަންހެނާ އެހީތެރިކަން އެދިގެން އެ ތަނުން ދިޔަ މީހަކަށް ގޮވައިލިއެވެ. އެ ހިނދު އެ ކަންކުރި މީހާ ދުވެ ރައްކައުވެއްޖެއެވެ. އެ ވަގުތު އެ ތަނަށް މަދު ބަޔަކު އެއްވިއެވެ. އެ މީހުން ކުރެން ވެސް އެ އަންހެނާ ސަލާމަތްކޮށްދިނުން އެދި ގޮވައިލި އެވެ. އެ މީހުންނަށް އެ ތަނުން ފެނުނީ އެ އަންހެނާއަށް އެހީތެރިވާން ދިޔަ މީހާ އެކަންޏެވެ. އެކަން ކުރި މީހާ ވީ އެމީހުން އައުމުގެ ކުރީން ދުވެ ރައްކާވެފައެވެ. އެހެންކަމުން އެ މީހުން އެ އަންހެނާއަށް ވާގިވެރިވާން ދިޔަ މީހާ ހިފައި ހައްޔަރު ކުރިއެވެ. އަދި އެ މީހާ އަންހެން މީހާގެ ކުރިމައްޗަށް ގެންދިޔައެވެ. އެ ހިނދު އެ މީހާ އެ ކަނބުލޭގެއަށް ބުންޏެވެ. ތިމަންނައަކީ ކަނބުލޭގެ ސަލާމަތްކުރުމަށް ދިޔަ މީހާއީމެވެ. އަނެއް މީހާ ދުވެ ފިލީއެވެ. ކޮންމެއަކަސް އެ މީހާ ހިފައިހައްޔަރު ކުރުމަށް ފަހު ރަސޫލާ ﷺ ގެ އަރިހަށް ގެންދެވުނެވެ. އެހިނދު އެ އަންހެން މީހާ ބުންޏެވެ. ތިމަންނަގެ މައްޗަށް ހުރަހެޅިގަތީ ހަމަ މި މީހާއެވެ. އަދި އެ މީހާ ހިފައި ހައްޔަރު ކުރި މީހުން ދެންނެވިއެވެ. ތިމަންމެން އޭނާ އަތުލައިގަތީ ފިލަން އުޅެނިކޮށެވެ. އެހިނދު އެމީހާ ބުންޏެވެ. ހަމަ ކަށަވަރުން ތިމަންނައަކީ އެ ކަނބުލޭގެ އަށް ވާގިދޭން ދިޔަ މީހަކީމެވެ. އެ ވަގުތު އެ ތަނުން މި ބޭކަލުންނަށް ތިމަންނަ ފެނުމުން ތިމަންނަ ހިފައި ހައްޔަރުކޮށް ގެނައީއެވެ. އެ ހިނދު އެ އަންހެނާ ބުންޏެވެ. އެއީ ދޮގެކެވެ. ތިމަންނަގެ މައްޗަށް ހުށަހެޅިގަތީ ހަމަ މީނާއެވެ. އެ ހިނދު ރަސޫލާ ﷺ ޙަދީޘުކުރެއްވިއެވެ. "އޭނާ ގެންދާށެވެ. އަދި ރަޖަމުކުރާށެވެ." އެ ހިނދު އެތަނުން މީހަކު ތެދުވެ ދެންނެވިއެވެ. އޭނާ ރަޖަމު ނުކުރައްވާށެވެ. އެހެނީ އެ ކަނބުލޭގެ މައްޗަށް ހުރަހެޅިގަތް މީހަކީ ތިމަންނައީމެވެ. ފަހެ އޭނާ އިޢުތިރާފުވިއެވެ. އެވަގުތު ރަސޫލާ ﷺ ގެ ކުރިފުޅުމަތީގައި އެ ހާދިސާގައި ހިމެނޭ ތިން މީހުން ތިއްބެވެ. އެއީ އެކަން ކުރި މީހާއި، ވާގިވެރިވާން ދިޔަ މީހާއާއި އަދި އެ އަންހެން މީހާއެވެ. ފަހެ ރަސޫލާ ﷺ ހަދީޘު ކުރެއްވިއެވެ. "ކަނބުލޭގެ ފާފަ ފުއްސެވިއްޖެއެވެ." އަދި ވާގިދޭން ދިޔަ މީހާ އަށް ހެޔޮ ބަސްފުޅެއް ވިދާޅުވިއެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ޒިނޭއަށް އިޢުތިރާފުވީ މީހާ ރަޖަމުކުރައްވަންވީ ނޫންތޯއެވެ؟ ފަހެ ރަސޫލާ ﷺ ޙަދީޘުކުރެއްވިއެވެ. ހިލާ އެގޮތަކަށް ނުކުރެވޭނެއެވެ. އޭނާ ވަނީ ﷲއަށް އެފަދަ ރަނގަޅު ގޮތަކަށް ތައުބާވެގެންފައެވެ. އޭނާގެ ތައުބާ މުޅި މަދީނާގެ އެންމެންގެ މެދުގައި ބަހަން ޖެހުނު ކަމުގައި ވިޔަސް އެ އެންމެންނަށް ފުދުނީހެވެ. (الباني في سلسلة … حديث رقم: 900، ج2، ص 567)

އެ ޙަދީޘުން ދަލީލު ނެގެވުނުގޮތް:

ހަމަކަށަވަރުން ރަސޫލާ ﷺ، ވާގިވެރިވާން ދިޔަ މީހާ ރަޖަމު ކުރުމަށް އަމުރު ކުރެއްވިއެވެ. އަދި އޭނާގެ އިޢުތިރާފަކަށް ނުބެއްލެވިއެވެ. އަދި ހެކި ހުރިތޯ ވެސް ނުބެއްލެވިއެވެ. ހަމަ އެކަނި ބެއްލެވީ ލިބުނު ޤަރީނާތަކަށެވެ. އިބުނުލްޤައްޔިމު އެ ލިބުނު ޤަރީނާތައް ބަޔާންކުރެއްވިއެވެ. ވިދާޅުވިއެވެ. އޭނާ ފިލަން އުޅުނު އުޅުމަކީ އެއް ޤަރީނާއެވެ. އަންހެންމީހާ އެ ކަންކުރީ އޭނާ ކަމަށް ބުނިބުނުމަކީ އެއް ޤަރީނާއެވެ. އަދި އޭނާގެ ބަހުން އަންހެން މީހާއާ ކައިރިއަށް ދިޔަކަން އެނގުމީ (ވާގިދޭންކަމުގައި އޭނަ ބުނިކަމުގައި ވިޔަސް) އެއީ އެއް ޤަރީނާއެވެ. އޭނާ ނޫން އެހެން މީހަކު ހިފާހައްޔަރު ކުރި މީހުންނަށް އެ ތަނުން ނުފެނުމީ އެއް ޤަރީނާއެވެ. އެ ހުރިހާ ޤަރީނާތައް އެއްވުމުން އޭނާގެ މައްޗަށް އެކުށް ދިމާވެއެވެ. (إعلام الموقعين ج4، ص 348 )

އެ ޙަދީޘްފުޅު ވަރުން އެޅުން :(މުނާޤަޝާ ކުރުން)

އިސްވެދިޔަ عَلْقَمَةَ بْنِ وَائِل، އޭނާގެ ބައްޕަގެ ކިބައިން ރިވާކުރެއްވި ފަތިހުގެ އަނދިރިކަމުގެ ތެރޭގައި މިސްކިތަށް ދަނިކޮށް މީހަކު އަންހެނަކަށް ގަދަކަމުން ހުރަހެޅިގަތް ހާދިސާއާ މެދު ދެ ގޮތަކަށް ވަރުން އެޅިފައިވެއެވެ.

ފުރަތަމަ ގޮތަކީ: އެ ޙަދީޘުގެ މަތަނުގައި ފުށުއެރުމެއް ހިމެނޭ ކަމަށެވެ. އެއީ އެ ޙަދީޘުގެ ބައެއް ރާވީން ވިދާޅުވާ ގޮތުގައި ޒިނޭއަށް އިޢުތިރާފުވެވުނު މީހާ ތައުބާވުމުން ރަސޫލާ ﷺ އެ މީހާ ރަޖަމުނުކޮށް ދޫކޮށް ލެއްވިއެވެ. އަދި ބައެއް ރާވީން ވިދާޅުވާ ގޮތުގައި އޭނާ ރަޖަމު ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. އެހެންކަމުން އެ ޙަދީޘުގެ މަތަނުގައި އުފެދުނު އެ ފުށުއެރުމަކީ ޙަދީޘަށް ވަން ބަލިކަށިކަމެކެވެ. އަދި އެފަދަ ބަލިކަށިކަމެއް މަތަނުގައި ހުއްޓައިމެ ޒިނޭގެ ހައްދު ފަދަ ބިރުވެރި ޙުކުމަކަށް ދަލީލު ނެގުން ޞައްޙަ ނުވެއެވެ. އަލްއިމާމު އިބުނުންޤައްޔިމު އަމިއްލަ ފުޅުންވެސް އެ ޙަދީޘުގެ މަތަނުގައި ފުށުއެރުމެއް ވާކަމަށް އެއްބަސްވެ ވަޑައިގަންނަވައެވެ. (الطرق الحكمية، ص 52)

ދެވަނަ ގޮތަކީ: ޙަދީޘުގެ ލަފުޒުގައި އޮޅުމެއް ވާކަމަށެވެ. އެއީ "ރަޖަމު ކުރުމަށް އަމުރު ކުރެއްވެވިއޭ" އޮތް އިބާރާތެވެ. ޙަދީޘު ޢިލްމުގެ ފަންނުގައި އެފަދަ އޮޅުންބޮޅުމަށް ކިޔާ މުޞްޠަލަޙަކީ (ނަމަކީ) "މުޝްކިލުލްޙަދީޘު" (مشكل الحديث) އެވެ. މި ޙަދީޘުގައި އެފަދަ އޮޅުމެއް ވާކަމަށް ޙަދީޘު ޢިލްމުވެރީން ކަނޑައެޅުއްވިއެވެ. މި ޙަދީޘުގައި އެފަދަ އޮޅުމެއް "މުޝްކިލުލްޙަދީޘެއް" ވާކަން އެ ބޭކަލުން ނިންމެވީ ޒިނޭ ސާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި ނައްޞުން (ލިޔުމަކުން) ކަނޑައެޅިފައިވަނީ ދެ އެޞޫލެކެމަށް ވެފައި އެއް އުޞޫލަކީ މީހަކު ޒިނޭއަށް އިޢުތިރާފުވުމާއި އަދި އަނެއް އުޞޫލަކީ ހަތަރު ހެކީންގެ ހެކިބަސް ލިބުން ކަމުގައި ވީއިރު މި ދެ އުޞޫލު ސާބިތުވާ އިސްވެ ބަޔާންވެދިޔަ ދީނުގެ ނައްޞާއި ޚިލާފަށް އަންހެނެއްގެ ހެކިބަހުން ޒިނޭއެއް ސާބިތުވި ކަމަށް އެ ޙަދީޘުގައި އައުމުންނެވެ. އަސްލަކީ ޒިނޭގެ ހެއްކެއްގެ ގޮތުގައި އަންހެނެއްގެ ހެކިބަސް އިސްލާމީ ޝަރީޢަތުގައި ޤަބޫލުނުކުރެވެއެވެ. އެހެންކަމުން އަންހެނަކު އެފަދަ ވާހަކައެއް ޝަރީޢަތުގައި ބުނެފި ނަމަ އެ އަންހެނެއްގެ މައްޗަށް ޤަޒުފުގެ ޙައްދު ލާޒިމުކުރެވެއެވެ. އިސްވެ ދެންނެވުނު ފަދައިން ޒިނޭ ސާބިތުކުރުމަށް ބޭނުން ކުރަން ޖެހޭ އުޞޫލު ބަޔާންކުރާ ޝަރުޢީ ނައްޞެއް ދީނުގައި ކަނޑައެޅިފައި ވަނިކޮށް އެ ނައްޞާ ޚިލާފު ވާހަކައެއް ޙަދީޘެއްގައި އައުމުން ޙަދީޘު ޢިލްމުވެރީން ބައްލަވަނީ އެއީ އޮޅުމެއް ކަމަށެވެ. އެހެންކަމުން އެ އޮޅުން ތަޙުލީލު ކުރައްވައި އޭގެ މުރާދަކީ ކޮބައިކަން ބުނެދެއްވައެވެ. މި ޙަދީޘުގައިވާ އިސްވެދިޔަ އޮޅުމާ މެދު ސުނަނު އަބޫދާއޫދު ނަމަކަށް ކުޔުނު ޙަދީޘު ފޮތުގެ ޝަރަޙައެއްގެ ގޮތުގައި ލިޔެވުނު ޢައުނުލްމަޢުބޫދުގައި ބުނެފައިވަނީ އެ އޮޅުން ދުރުކުރުމަށް ޓަކައި އެ ޙަދީޘުގައި އެކަލޭގެ ފާނު "ރަޖަމު ކުރުމަށް އަމުރު ކުރެއްވެވި އޭ" އޮތްބަސް ފުޅުގެ މުރާދަކީ "ރަޖަމު ކުރުމަށް އަމުރު ކޮށްފުމާ ގާތްވުން" ކަމަށެވެ. ރަޖަމު ކުރުމަށް އަމުރު ކުރެއްވުމުގެ ބޭރުފުށުގެ މާނަ ނޫންކަމަށެވެ. (عون المعبود ج12، ص 28 )

ޚުލާޞާއަކީ: عَلْقَمَةَ بْنِ وَائِل، އޭނާގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވި، ފަތިހުގެ އަނދިރިކަމުގެ ތެރޭގައި މިސްކިތަށް ދަނިކޮށް މީހަކު އެ އަންހެނަކަށް ގަދަކަމުން ހުރަހެޅިގަތް އިސްވެދިޔަ ހާދިސާގެ މަތަނުގައި ރާވީން ދެފަހަރު ދެގޮތަށް، އާދެ! އެއްފަހަރު ރަޖަމު ކުރެއްވިކަމަށް (ނުވަތަ އަމުރު ކުރެއްވި ކަމަށް) އަނެއް ފަހަރު ދޫކޮށްލެއްވި ކަމަށް ވިދާޅުވުމުން މަތަނުގައި ފުށުއެރުން ވާކަމަށް ޙަދީޘު ޢިލްމުވެރީން ފާހަގަ ކުރައްވާފައި ވާތީއާއި އަދި އޭގެ އިތުރުން އެ ޙަދީޘުގައި ލަފުޒީ އޮޅުމެއް "މުޝްކިލުލްޙަދީޘު" (مشكل الحديث) އެއް ވާކަމަށް ޙަދީޘު ޢިލްމުވެރީން ފާހަގަ ކުރައްވާފައި ވާތީވެ އެ ޙަދީޘަކީ ޤަރީނާތަކުން ޒިނޭ ސާބިތުވާކަމަށް ބެލެވޭނެ ދަލީލެއްގެ ގޮތުގައި ޙަނަފީ މަޒުހަބުން ނުދެކެއެވެ. އަދި ޝާފިޢީ މަޒުހަބުގައި ވެސް ނުދެކެއެވެ. އަދި ޡާހިރީ މަޒުހަބު ވެސް ނުދެކެއެވެ. އަދި ހަންބަލީ މަޒުހަބުގެ އިތުބާރުކުރެވޭ ރައުޔުގައި ވެސް ނުދެކެއެވެ. (البحر الرائق، ج5، ص 7 – أسنى المطالب ج4، ص 130 – المحلى، ج11، ص281 – الكافي،ج4، ص89)

ދެވަނަ ޙަދީޘު: عن سَعِيدِ بْنِ الْمُسَيَّبِ عَنْ رَجُلٌ مِنْ الْأَنْصَارِ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقَالُ لَهُ بَصْرَةُ ، قَالَ : تَزَوَّجْتُ امْرَأَةً بِكْرًا فِي سِتْرِهَا ، فَدَخَلْتُ عَلَيْهَا فَإِذَا هِيَ حُبْلَى .فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَهَا الصَّدَاقُ بِمَا اسْتَحْلَلْتَ مِنْ فَرْجِهَا ، وَالْوَلَدُ عَبْدٌ لَكَ ، فَإِذَا وَلَدَتْ فَاجْلِدُوهَا ، أَوْ قَالَ : فَحُدُّوهَا ). މާނައީ: سَعِيدِ بْنِ الْمُسَيَّبِ، رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ގެ އަޞްޙާބުންގެ ތެރެއިން بَصْرَةُ ކިޔުނު ބޭކަލެއްގެ ކިބައިން ރިވާކުރެއްވިއެވެ. އެ ބޭކަލަކު ވިދާޅުވިއެވެ. ތިމަންނަ އަންހެނަކާ އެކު އެއީ ބިކުވެރިއެއް ކަމަށް ހީކޮށްގެން ކައިވެނި ކުރީމެވެ. އަދި އެ އަށްފަހު އެއްދާން ކުރީމެވެ. އެހިނދު އޭނާ އިނީ ކުއްޖަކަށް ބަލިވެ އެވެ. ފަހެ ނަބިއްޔާ ޙަދީޘުކުރެއްވިއެވެ. "ތިބާ އެ ކަނބުލޭގެ ފަރުޖު ހުއްދަ ކުރިކުރުމުގެ މައްޗަށް އެ ކަނބުލޭގެ އަށް ކައިވެނީގެ ރަން ދޭށެވެ. އަދި އެ ކުއްޖާ ވާހުށީ ތިބާގެ އަޅަކަށެވެ. ފަހެ ވިހައި ނިމުމުން އެ ކަނބުލޭގެ ޖަލްދު (ސަތޭކަ އެތިފަހަރުން ތަޢުޒީރު) ކުރާށެވެ."  ނުވަތަ ޙަދީޘު ކުރެއްވިކަމަށް ވެއެވެ. "އެކަނބުލޭގެ ޙައްދު ޖަހާށެވެ." (ضعفه الباني في ضعيف سنن أبي داود (2131) ص164-165)

އެ ޙަދީޘުން ދަލީލު ނެގެވުނުގޮތް:

ބަލިވެ އިންއިނުމުގެ މައްޗަށް ބިނާކޮށް ޙައްދު ޖެހުމަށް ޙަދީޘުން އެންގެވިކަން އެނގުމުން މާބަނޑުވުމުގެ ނިޝާނަކީ ޒިނޭކުރިކަން ސާބިތުވާ ޤަރީނާއެއްކަން އެނގެއެވެ. އިބުނުލްޤައްޔިމު ވިދާޅުވިއެވެ. "މާބަނޑުވުމުން ޙައްދު ވާޖިބުވާކަމުގެ މާނަ (ޙަދީޘުގައި) އެކުލެވެއެވެ. އެއީ (ޒިނޭކުރިކަމަށް) ހެއްކެއް ނެތްކަމުގައި ވިޔަސް ނުވަތަ އިޢުތިރާފެއް ނެތްކަމުގައި ވިޔަސް މެއެވެ. އެހެނީ މާބަނޑުވުމަކީ ފާޅުވެގެންވާ ބޮޑު ހެއްކެކެވެ." (زاد المعاد، ج5، ص 105)

އެ ޙަދީޘު ވަރުން އެޅުން: (މުނާޤަޝާ ކުރުން)

سَعِيدِ بْنِ الْمُسَيَّبِ، ރަސޫލާ ﷺ ގެ އަޞްޙާބުންގެ ތެރެއިން بَصْرَةُ ކިޔުނު ބޭކަލެއްގެ ކިބައިން ރިވާކުރެއްވި އިސްވެ ދިޔަ ޙަދީޘަކީ ޟަޢީފު ޙަދީޘެއްކަން މުޙައްދިޘުން ފާހަގަކުރެއްވިއެވެ. ޙަދީޘު ޢިލްމުގެ ފުންނާބު އުސް ބޭކަލުންގެ ތެރެއިން أبو حاتم ވިދާޅުވަނީ ޟަޢީފު ޙަދީޘެއް ކަމަށެވެ.  އަދި عبد الحق الإشبيلي ވިދާޅުވަނީ ޟަޢީފު ޙަދީޘެއް ކަމަށެވެ. އަދި عبد الرزاق ވިދާޅުވަނީ ޟަޢީފު ޙަދީޘެއް ކަމަށެވެ. الخطيب البغدادي ވިދާޅުވަނީ ޟަޢީފު ޙަދީޘެއް ކަމަށެވެ. އަދި أحمد ابن حنبل އާއި يحيى بن معين އާއި وابن المبارك އާއި وأبو حاتم އާއި  أبو زرعة الرَّازيان އާއި އިމާމު މާލިކު ވެސް މި ޙަދީޘު ޟަޢީފު ކުރެއްވިއެވެ. އަދި އިބުނުލްޤައްޔިމު ވެސް މިޙަދީޘުގެ ސަނަދުގެ ބަލިކަށިކަމާ މެދު ވާހަކަ ދައްކަވާފައިވެއެވެ.

(علل الحديث لابن أبي حاتم" (4/ 65)  – الأحكام الوسطى  (3/156) . – رواه عبد الرزاق  في مصنفه 6/ 249) – سنن الدارقطني" 4/ 368 – الأسماء المبهمة في الأنباء المحكمة5/386 – "تهذيب السنن" 3/60 -مسائل الإمام أحمد وإسحاق بن راهويه 7/3708  – الحدود والتعزيرات عند ابن القيم" ص151)

އިސްވެ ދެންނެވުނުނު ޙަދީޘުގައިވާ ބަލިކަށި އަނެއް ނުގުތާއަކީ ކުރީގައި ވެސް ދެންނެވުނު ފަދައިން ޙަދީޘުގެ މަތަނުގައިވާ އޮޅުމެ "މުޝްކިލުލްޙަދީޘް" (مشكل الحديث) އެވެ. އެއީ "އަދި އެ ކުއްޖާ ވާހުށީ ތިބާގެ އަޅަކަށޭ" އޮތް ޢިބާރާތެވެ. ޒިނޭގެ ދަރިއަކީ މިނިވަނެއް ކަމަށް މުޅި އުއްމަތް އިއްތިފާގު ވެއެވެ. البيهقي ވިދާޅުވަނީ ޒިނޭގެ ދަރިއަކީ މިނިވަނެއް ކަމަށް މުޅި އުއްމަތް އިއްތިފާގުވެފައިވާތީވެ މި ޙަދީޘު ޞައްހަކަމަށް ބެލިކަމުގައި ވިޔަސް ބެލެވޭ ހުށީ އެ ޙުކުމް ވަނީ އުވިފައި ކަމަށެވެ. الخطابي ވިދާޅުވަނީ ޙަދީޘު ޞައްހަ ވެއްޖެނަމަ އެ ކުއްޖާއަކީ ތިބާގެ އަޅެއްކަމަށް ވިދާޅުވެވުނު ބަސްފުޅުގެ މާނައަކަށް ވާނީ އެ ކުއްޖާއަށް ހެޔޮކޮށް ހިތުމުގެ މާނަކަމަށެވެ. އަދި އެކުއްޖާގެ ފަރާތުން އަޅަކު ކިޔަމަންތެރިކަން އަދާކުރާ ފަދައިން ކިޔަމަންތެރިކަން އަދާކުރުމުގެ މާނަކަމަށެވެ. (البيهقي، السنن الكبرى 7/ 255-  معالم السنن"3/ 218)

ޚުލާޞާއަކީ: އިސްވެދިޔަ ޙަދީޘު ވަރަށް ބަލިކަށިކަމަށް ޙަދީޘު ޢިލްމުގެ ފުންނާބު އުސް ބޭކަލުން ނިންމަވާފައިވާތީވެ އެ ޙަދީޘުން ލިބޭ ޙުއްޖަތެއް ޒިނޭގެ ޙައްދު ސާބިތު ކުރުމަށް ނުފުދޭނެ ކަމަށެވެ.

2: ޞަޙާބީންގެ ކިބައިން އައިސްފައިވާ އަޘަރު (ހާދިސާ) ތައް

ޑީ.އެން.އޭ. އިން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށް ވިދާޅުވި ބޭކަލުން ދަލީލެއްގެ ގޮތުގައި ޞަޙާބީންގެ ކިބައިން އައިސްފައިވާ އަޘަރު (ހާދިސާ) ތައް ދެއްކެވިއެވެ. އެގޮތުން އަންނަނިވި އަޘަރު (ހާދިސާ) ދެއްކެވިއެވެ. އެއީ:

ما رواه عبد الله بن عباس رضي الله عنهما قال قال عمرُ : (لقد خشيتُ أن يطولَ بالنَّاسِ زمانٌ، حتَّى يقولَ قائلٌ: ما نجِدُ الرَّجمَ في كتابِ اللَّهِ، فيضلُّوا بترْكِ فريضةٍ أنزلَها اللَّهُ، وأنَّ الرَّجمَ حقٌّ على من زنَى إذا أحصنَ، وكانت البيِّنةُ، أو كانَ الحبَلُ، أوِ الاعترافُ)

މާނައީ: މާތް ﷲ އެ ދެ ބަފައިކަލުންނަށް ރުއްސުންލެއްވި عبد الله بن عباسގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. (މާތް ﷲ ރުއްސުންލެއްވި) ޢުމަރުގެފާނުގެ ވިދާޅުވިއެވެ. "ތިމަންނަ ބިރު ހީވަމެވެ. ޒަމާން ދިގުލައިގެން ގޮސް ފަހުން އަންނަ ބަޔަކު ބުނެފުމާ ގާތްވެގެންވެއެވެ. ތިމަންމެން ﷲގެ ފޮތަކުން ރަޖަމުކުރުމުގެ ޙުކުމެއް ނުދެކެވެ. ފަހެ (އެގޮތުން) އެ މީހުން ﷲ ބާވައިލައްވާފައިވާ ފަރުޟެއް (ޙުކުމެއް) ދޫކޮށްލައިގެން މަގުފުރެދިގެންފުންގާތެވެ. އަދި (ދަންނަ ހުއްޓެވެ.) ހަމަކަށަވަރުން މުޙުޞިނެއްގެ ގޮތުގާ ހުރެގެން ޒިނޭކޮށްފި މީހަކަށް ރަޖަމު ކުރުން ޙައްޤުވެގެން ވެއެވެ. އެއީ ހެކީންގެ ބަހުން ނުވަތަ ބަލިވެ އިދުމުން ނުވަތަ އިޢުތިރާފުން ސާބިތުވިކަމުގައި ވިޔަސް މެއެވެ. (البخاري6829 – مسلم 1691)

އެ ހާދިސާއިން ދަލީލު ނެގެވުނު ގޮތް

ޒިނޭ ސާބިތުވާނެ ކަމަށް ޢުމަރުގެފާނު ކަނޑައެޅުއްވެވި ކަންތައްތަކުގެ ތެރޭގައި ބަލިވެ އިނުން ހިމެނުއްވިއެވެ. އަދި އެ ކަމަކާ ދެކޮޅަށް އެހެން ޞަޙާބީބޭކަލަކު އެއްޗެއް ވިދާޅެއް ނުވެއެވެ. އެހެންކަމުން އެއީ އިޖުމާއެއް ކަމުގައި ބެލެވެއެވެ.

އެ އަޘަރު (ހާދިސާ) ވަރުން އެޅުން: (މުނާޤަޝާ ކުރުން)

ހ- ޒިނޭ ސާބިތުވާނެ ކަމަށް ޢުމަރުގެފާނު ކަނޑައެޅުއްވެވި ކަންތައްތަކުގެ ތެރޭގައި ބަލިވެއިނުން ހިމެނުއްވެވި ހާދިސާއަކީ އެއީ ޙަދީޘެއްނޫނެވެ. އެއީ ސަޙާބީއެއްގެ ބަސްފުޅެކެވެ. އެ ބަސްފުޅު ޢުމަރުގެފާނު ވިދާޅުވީ މިންބަރުކޮޅުގައެވެ. އަދި އެހެން ޞަޙާބީބޭކަލަކު އެއްޗެއް އެ ވަގުތު ވިދާޅެއް ނުވުމީ އިޖުމާޢު ލިބެވޭނެ ކަމެއްކަމުގައި ނުބެލެވެއެވެ. އެހެނީ އިޖުމާޢުގެ މައްސަލަތަކަށް އިންކާރު ކުރުމަކަށް ދެކޮޅަށް އެއްޗެއް ބުނުން ލާޒިމެއް ނުވެއެވެ. އެބަހީ އެ ގޮތަށް ޢަމަލުނުކުރުން ވެސް އިޖުމާޢުއާ ޚިލާފުވުމަށް ފުދެއެވެ. (نيل الأوطار، ج7، ص126)

ށ- ޒިނޭ ސާބިތުކުރެވޭނީ އިޢުތިރާފުންނާއި ނުވަތަ ހެކީންގެ ހެކިބަހުން ކަމަށް އުއްމަތް އިއްތިފާގު ވެފައިވަނީ ޤުރުއާނާއި ޙަދީޘުން ލިބިފައިވާ ނައްޞު ތަކުގެ މައްޗަށް ކަމަށްވާތީވެ ސަޙާބީއެއްގެ ބަސްފުޅަކުން އެ ނައްޞުތައް ބާޠިލުނުކުވޭނެއެވެ. އަދި ކަމަކަށް އުއްމަތުގެ އިޖުމާޢު ލިބުމާއި ޞަޙާބީބޭކަލަކު އެއްޗެއް ވިދާޅުނުވެ ތިއްބެވުމާއި ދެ ކަމަކީ ތަފާތު ދެކަމެކެވެ. (سبل السلام ج4، ص8)

ނ- ޢުމަރުގެފާނުގެ އެ ބަސްފުޅާ ޚިލާފަށް ޚުދު ޢުމަރުގެފާނު އެހެން އެފަދަ ޙާދިސާއެއްގައި ޢަމަލު ކުރެއްވިކަން ސާބިތުވެއެވެ. އެ ޙާދިސާއަކީ އެއް ފަހަރަކު ޢުމަރުގެފާނުގެ އަރިހަށް ކައިވެންޏަކާ ނުލައި ބަލިވެއިން އަންހެނަކު ގެނެވުނެވެ. އަދި އެ އަންހެނާ ކުރެން ޒިނޭ ކުރެވުނު ގޮތާ މެދު ޢުމަރުގެފާނު ސުވާލު ކުރެއްވުމުން އެ ކަނބުލޭގެ ޖަވާބު ދިނެވެ. "ތިމަންނަ އަށް ނޭނގި ހުއްޓައި ކުއްލިއަކަށް މީހަކު އައިސް ތިމަންނަގެ މައްޗަށް ސަވާރުވިއެވެ. ޖެހި ވިދެއް ފަދައިން ހަލުއިކޮށް (ޒިނޭކޮށް) މަނި ވަރާލައިފައި ހިނގައްޖެއެވެ." ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. އެކަނބުލޭގެ ދޫކޮށްލާށެވެ. އެކަނބުލޭގެ އަކީ ޒުވާނެކެވެ. (الحاوي الكبير ج13، ص 227)

ޢުމަރުގެފާނުގެ ކުރީގެ ބަސްފުޅަކީ މާބަނޑުވުމުން ޒިނޭގެ ޙައްދު ސާބިތުވާނެ ކަމަށެވެ. އެހެންކަމުން މި ހާދިސާގައި އެ އަންހެނާ ކުރެން އިތުރު ސުވާލެއް ކުރައްވަން ނުޖެހެއެވެ. ނަމަވެސް ޢުމަރުގެފާނު ސުވާލު ކުރެއްވި އެވެ. އެކަމުން ވެސް ހަމައެކަނި މާބަނޑު ވުމަކީ ޒިނޭގެ ޙައްދު ސާބިތުކުރަން ހެއްކަކަށް ނުފުދޭކަން އެނގެއެވެ. އަދި ޢުމަރުގެފާނު ކުރެއްވި ސުވާލަށް އެ އަންހެނާ ދިން ޖަވާބަށް ނަފީގެ ހެކި ދެއްކުން ލާޒިމުކުރެއެވެ. ނަމަވެސް ޢުމަރުގެފާނު އެ ކަނބުލޭގެ ބުނިބުނުމުގެ މައްޗަށް އިތުރު ސުވާލެއް ނުކުރައްވައި ދޫކޮށްލެއްވިއެވެ. އެ ކަމުން އެނގެނީ އެ އަންހެނާ މާބަނޑު ވުމުން ވެސް ޢުމަރުގެފާނު ޒިނޭގެ ޙައްދު އެ ހާދިސާގައި އެ އަންހެނާގެ މައްޗަށް ސާބިތު ނުކުރެއްވިކަމެވެ. ޢުމަރުގެފާނު އެ ހާދިސާގައި އިޚުތިޔާރުކުރެއްވެވީ ޙައްދުތައް ޝުބުހަތަކުން ދުރުކުރުމަށް ދީނުގައި އޮންނަ (إدرأ الحدود بالشبهات) ގެ ގަވާއިދު ކަމަށް ބެލެވެއެވެ.

ޚުލަޞާއަކީ: ޞަހާބީބޭކަލެއްގެ ހާދިސާއެއް ދެ ފަހަރު ދެގޮތަކަށް އަތުވެއްޖެނަމަ ޙުއްޖަތް ނެގުމުގައި ޢަމަލުކުރެވޭނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ދެ ފަހަރު ދެގޮތަކަށް އައިސްފައިވާތީވެ ދެގޮތުންކުރެ ގޮތެއް ޙުއްޖަތެއްގެ ގޮތުގައި ނުބެލުމެވެ. ދެވަނަ ގޮތަކީ އެންމެ ރަނގަޅު ކަމަށް ބެލެވޭނި ނުވަތަ ބަލައިގަނެވޭނީ އެ ދެ ހާދިސާއިން ޤުރުއާނާއި ސުންނަތާ އެންމެ މުނާސަބުވާ ޙާދިސާއެކެވެ. އެގޮތުން ބަލާއިރު ޤުރުއާނާއި ސުންނަތާ އެންމެ މުނާސަބުވަނީ ޢުމަރުގެ ފާނުގެ ފަހުގެ ހާދިސާއެވެ. އެއީ ހަމައެކަނި މާބަނޑު ވުމަކީ ޒިނޭ ސާބިތުވާ ޤަރީނާއަކަށް ނުބެލުމެވެ.

3: ޤިޔާސް: ޑީ.އެން.އޭ އިން ޒިނޭ ސާބިތުވާނެ ކަމަށް ވިދާޅުވި ބޭކަލުން ޤިޔާސްކުރެއްވެވީ ބައެއް ފިޤުހު ޢިލްމުވެރީންގެ ބަސްފުޅުތަކުގެ މަށްޗަށެވެ. އެއީ ކައިވެންޏަކާ ނުލައި މާބަނޑުވުމަކީ ޒިނޭ ސާބިތުވާ ޤަރީނާއެއް ކަމަށް ބައެއް ފިޤުހު ޢިލްމުވެރީން ވިދާޅުވެފައިވާ ބަސްފުޅުތަކުގެ މައްޗަށް ބުރަވެއެވެ. (السبيل، البصمة الوراثية… ص 83)

އެ ޤިޔާސް ވަރުން އެޅުން:

ހ- ކައިވެންޏަކާ ނުލައި މާބަނޑުވުމަކީ ޒިނޭ ސާބިތުވާ ޤަރީނާއެއްތޯ ނުވަތަ ނޫންތޯ ފިޤުހު ޢިލްމުވެރީން ވަނީ ޢިޚްތިލާފު ކުރައްވާފައެވެ. ފިޤުހު ޢިލްމުވެރީންގެ ޖުމުހޫރުގެ ރައުޔަކީ ކައިވެންޏަކާ ނުލައި މާބަނޑުވުމަކީ ޒިނޭ ސާބިތުވާ ޤަރީނާއެއް ނޫންކަމަށެވެ. ނަމަވެސް މާލިކީ މަޒުހަބާއި އިބުނު ތައިމިއްޔާއި އިބުނުލް ޤައްޔުމުގެ ރައުޔަކީ ކައިވެންޏަކާ ނުލައި މާބަނޑުވުމަކީ ޒިނޭ ސާބިތުވާ ޤަރީނާއެއް ކަމަށެވެ. ދެފަރާތުގެ ދަލީލުތައް އަޅައި ކިޔުމަށް ފަހު ޖުމުހޫރު ފިޤުހު ޢިލްމުވެރީންނާއި ފިޤުހުގެ ދިރާސާކުރައްވާ ގިނަ ބޭކަލުން އެއްބަސްވެވަޑައިގަންނަވަނީ ކައިވެންޏަކާ ނުލައި މާބަނޑު ވުމަކީ ޒިނޭގެ ކުށް ސާބިތުވާ ޤަރީނާއެއް ނޫންކަމަށެވެ. (البحر الرائق، ج5، ص5 – تبيين الحقائق ج3، ص 166 –  أسنى المطالب ج4، ص 130 – المحلى، ج11، ص280 – الكافي، ج4، ص89)

ށ- ކައިވެންޏަކާ ނުލައި މާބަނޑުވުމުގެ ނިޝާން ޒިނޭގެ މައްޗަށް ފިޤުހު ޢިލްމުވެރީން ޤިޔާސްކުރެއްވީ އަސްލާއީ ފަރަޢުގައި އޮތް ގުޅުމެއްގެ މައްޗަށް ބުރަވެއެވެ. ޤިޔާސް ޞައްޙަވުމުގެ އެއް ޝަރުޠަކީ އެ އަސްލެއް އިޖުމާޢުއަކުން ނުވަތަ ނައްޞަކުން ސާބިތުވުމެވެ. ކައިވެންޏަކާ ނުލައި މާބަނޑު ވުމުގެ ނިޝާނަކީ ޒިނޭ ސާބިތުވާ ކަމަށް އެންމެން އިއްތިފާގުވާ އަސްލެއްނޫނެވެ. އަދި ނައްޞަކުން ސާބިތުވާ އަސްލެއް ވެސް ނޫނެވެ. އެހެންކަމުން ކައިވެންޏަކާ ނުލައި މާބަނޑުވުމުގެ މައްޗަށް ޤިޔާސްކުރުން ސައްޙަ ނުވެއެވެ. އެ ބަހީ ކައިވެންޏަކާ ނުލައި މާބަނޑުވުމުގެ މައްޗަށް ޑީ.އެން.އޭގެ ގިޔާސް ނުކުރެވޭނެއެވެ. ނުވަތަ އެގޮތަށް ގިޔާސްކުރުމަށް ޝަރީޢަތުގައި ހުއްދަ ނުލިބެއެވެ. (شرح الكوكب المنير ، ج4، ص 27)

ނ- ޙައްދު ޤާއިމު ކުރެވޭ މައްސަލަތަކުގައި ޤިޔާސުގެ ދަލީލު ބޭނުން ކުރުން ހުއްދަ ނުވެއެވެ. ސަބަބަކީ ޙައްދު ޤާއިމު ކުރެވޭ މައްސަލަތަކަކީ  ޝުބުހަތަކުން އެއްކިބާ ކުރުން ލާޒިމުވާ މައްސަލަތަކަށްވާތީއެވެ. ޤިޔާސަކީ އޭގައި ޝުބުހަތަކާއި އޮޅުންތައް ހިމެނުން އެކަށީގެންވާ އެއްޗެކެވެ. ދީނުގެ އުޞޫލަކީ ޙައްދުތައް ޝުބުހަތަކުން ދުރުކުރުމެވެ. އެއީ (إدرأ الحدود بالشبهات) ގެ ގަވާއިދުގެ ދަށުންނެވެ. (أصول السرخسي ج 2، ص201 –  الجصاص، الرازي، الفصول في الأصول، ج 4، ص105)

ދެވަނަ މަޠުލަބު: ޑީ.އެން.އޭ. އިން ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެކަމަށް ވިދާޅުވި ބޭކަލުންގެ ދަލީލުތައް

ޑީ.އެން.އޭ. އިން ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ވިދާޅުވި ބޭކަލުންގެ ދަލީލުތައް ދެއްކެވީ ސުންނަތުންނާއި ބައެއް ޞަޙާބީ ބޭކަލުންގެ އަޘަރު (ހާދިސާ) ތަކުންނާއި އަދި ބުއްދީގެ ދަލީލުތަކުންނެވެ.

1: ސުންނަތުން ދެއްކެވި ދަލީލުތައް

ފުރަތަމަ ޙަދީޘު:

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏لَوْ كُنْتُ رَاجِمًا أَحَدًا بِغَيْرِ بَيِّنَةٍ لَرَجَمْتُ فُلاَنَةَ فَقَدْ ظَهَرَ فِيهَا الرِّيبَةُ فِي مَنْطِقِهَا وَهَيْئَتِهَا وَمَنْ يَدْخُلُ عَلَيْهَا ‏"‏ މާނައީ: އިބުނު ޢައްބާސުގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ރަސޫލާ ﷺ ޙަދީޘު ކުރެއްވިއެވެ. ހެއްކެއް ނެތީސް ތިމަންކަލޭގެފާނު މީހަކު ރަޖަމުކުރި ނަމަހީ މިވެނި އަންހެނަކު ރަޖަމު ކުރެއްވީމުއެވެ. އެހެނީ ހަމަކަށަވަރުން އެ އަންހެނާގެ ބަސްމަގު ހުންނަގޮތުންނާއި، ބޭރުފުށުގެ މަންޒަރުތައް ހުންނަގޮތުންނާއި އަދި އަންހެނާގެ ގާތަށް ގޮސްއައިސް ހަދާ މީހުންނަށް ބެލުމުން އެ އަންހެނާގެ މައްޗަށް ޝައްކުކުރެވޭތީއެވެ. (صححه الباني في تعليقه على سنن ابن ماجة، ص436 )

އެ ޙަދީޘުން ދަލީލު ނެގެވުނު ގޮތް:

ޒިނޭގެ ކުށް ގަރީނާ އިން ސާބިތު ކުރެވޭ ނަމަ ރަސޫލާ ﷺ އެ އަންހެނާގެ މައްޗަށް ޙައްދު ގާއިމު ކުރެއްވީހެވެ. އެހެންކަމުން އެ ކަލޭގެފާނުގެ އެ ޢަމަލުފުޅުން ޒިނޭގެ ކުށް ގަރީނާއިން ސާބިތު ނުކުރެވޭނެކަން އެނގެއެވެ. (السدلان، القرائن ودورها … ص53)

އެ ޙަދީޘު ވަރުން އެޅުން: (މުނާޤަޝާ ކުރުން)

ރަސޫލާ ﷺ އެ އަންހެނާގެ މައްޗަށް ޙައްދު ގާއިމު ނުކުރެއްވެވީ ގަރީނާއިން ޒިނޭ ސާބިތު ނުވާތީ ނޫން ކަމަށާއި ނަމަވެސް އެ ކަލޭގެފާނު އެ އަންހެނާގެ މައްޗަށް ޙައްދު ގާއިމު ނުކުރެއްވެވީ ލިބުނު ޤަރީނާގެ ބަލިކަށިކަމުން ކަމުގައި ބުނެފައި ވެއެވެ. އަދި އެ ލިބުނު ގަރީނާތަކުން އެ އަންހެނާގެ މައްޗަށް ޙައްދު ގާއިމު ކުރުމަށް ނުފުދޭތީކަމުގައި ބުނެފައި ވެއެވެ. އަދި އެއީ ޙައްދުތައް ޝުބުހަތަކުން ދުރުކުރަން ޖެހޭތީކަމަށް ވެސް ބުނެފައިވެއެވެ.  (الزحيلي، وسائل الإثبات ص509)

ދެވަނަ ޙަދީޘު:

عَنْ عَائِشَةَ قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : "ادْرَءُوا الحُدُودَ عَنِ المُسْلِمِينَ مَا اسْتَطَعْتُمْ ، فَإِنْ كَانَ لَهُ مَخْرَجٌ فَخَلُّوا سَبِيلَهُ ، فَإِنَّ الإِمَامَ أَنْ يُخْطِئَ فِي العَفْوِ خَيْرٌ مِنْ أَنْ يُخْطِئَ فِي العُقُوبَةِ" މާނައީ: އާޢިޝަތުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީޘު ކުރެއްވިއެވެ. ތިޔަބައިމީހުންނަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން މުސްލިމުންގެ ކިބައިން ޙައްްދުތައް ދުރުކުރާށެވެ. ފަހެ އެ މީހަކަށް މިންޖު ވެގަތުމަށް މަގެއް ލިބިއްޖެ ނަމަ އެ މީހަކު ދޫކޮށްލާށެވެ. އެހެނީ ފަހެ ހަމަކަށަވަރުން އަދަބު ދިނުމުގައި ގޯސް ހެދުމަށްވުރެ މާފުކުރުމުގައި ގޯސްހެދުން ވެރިޔާއަށް ހެޔޮކަން ބޮޑުވެގެންވެއެވެ. (وضعفه الباني)

އެ ޙަދީޘުން ދަލީލު ނެގެވުނުގޮތް:

ހ- ރަސޫލާ ﷺ އަމުރުކުރެއްވެވީ ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން މުސްލިމުންގެ ކިބައިން ޙައްްދުތައް ދުރުކުރުމަށެވެ. އެއީ ޝުބުހަތަކުން ދުރުވުމަށް ޓަކައިއެވެ. ޑީ.އެން.އޭ އަކީ އޭގެ ނަތީޖާގައި އިތުބާރު ކުރެވޭ އެއްޗެއް ކަމުގައި ވިޔަސް އޭގެ މެޝިނަރީތަކުގައި ބައެއް ފަހަރަށް އުފެދިދާނެ ޓެކުނިކަލް މައްސަލަތަކުގެ ކަންބޮޑުވުމާއި އޭގައި ބޭނުންކުރެވޭ ޑީ.އެން.އޭގެ ސާމްޕަލްތައް ނެގުމާއި ގެންގުޅުމުގެ އަޚުލާޤީ މިންގަނޑުތަކުގައި (އެތިކަސްގައި) ބައެއް ފަހަރަށް ދިމާވެދާނެ މައްސަލަތަކާއި އެކަމުގައި އުޅޭ ޑަކުޓަރުންގެ ކިބައިގައި ހުރެދާނެ މައްސަލަތަކުގެ ސަބަބުން ޑީ.އެން.އޭގައި ކުޑަ ނަމަވެސް ޝުބުހައެއް އެކުލެވިގެންވެއެވެ. އެހެންކަމުން ރަޖަމުކޮށް މަރު ހިފަންޖެހޭ ޒިނޭގެ ޙައްދު ފަދަ ޙުކުމަކަށް ޑީ.އެން.އޭ ބޭނުން ކުރުން ޞައްޙައެއް ނުވެއެވެ. (الزحيلي، البصمة الوراثية ج2، ص 526)

ށ- ޑީ.އެން.އޭ އިން ދެ މީހެއްގެ ދެމެދުގައި ހުރި ބައިލޮޖިކަލް ޖީން އެއްގޮތްކަން އެނގުނު ކަމުގައި ވިޔަސް ނުވަތަ ޒިނޭގެ ކުށަށް ޤަރީނާ ލިބުނުކަމުގައި ވިޔަސް ޑީ.އެން.އޭ އަކުން ޒިނޭގެ އަމަލު ހިންގި ގޮތާއި ވަޤުތާއި ހަރަކާތެއް ސާބިތުކޮށެއް ނުދެވެއެވެ. އެހެންކަމުން ޒިނޭ ސާބިތުކުރާ މައްސަލައެއްގައި ޑީ.އެން.އޭ ހިމެނޭނީ ޝުބުހަ ހެއްކެއްގެ ގޮތުގައެވެ. (نصر فريد واصل، البصمة الوراثية ص96)

އެ ޙަދީޘު ވަރުން އެޅުން: 

މި ޙަދީޘުގެ ސަނަދު ދެ ގޮތަކަށް އައިސްފައިވެއެވެ. އެއް ގޮތަކަކީ ޢާއިޝަތުގެފާނާ ހަމަޔަށް ހުއްޓިގެންނެވެ. އަނެއް ގޮތަކީ ރަސޫލާ ﷺ އާ ހަމަޔަށް ގުޅިފައެވެ. މި ޙަދީޘުގެ ސަނަދުގައި ބަލިކަށި ރާވީއެއް ހިމެނެއެވެ. އެއީ يزيد بن زياد الدمشقي އެވެ. އޭނާ ހިމެނޭކަމަށްޓަކައި މި ޙަދީޘަށް ދެވިފައިވަނީ ޟަޢީފުގެ ދަރަޖަ އެވެ. މި ސަނަދާއެކު މިއީ ބަލިކަށި ޙަދީޘެއްގެ ގޮތުގައި الإمام الباني ވެސް ކަނޑައެޅުވެވިއެވެ. (ضعفه الباني في سلسلة الأحاديث الضعيفة والموضوعة ، حديث رقم: 2197، ج 5، ص222.)

އެއަށް ދެވުނު ޖަވާބު:

ހ- އިސްވެދިޔަ ޙަދީޘާމެދު الإمام ابن باز ވިދާޅުވިއެވެ. އެ ޙަދީޘުގެ ސަނަދުގައި ބަލިކަށިކަމެއްވެއެވެ. ނަމަވެސް ޖުމުލަގޮތެއްގައި ބަލައިފިނަމަ އެ ޙަދީޘުގެ ބަސްފުޅަށް ތާއީދު ލިބޭ އެހެން ޙަދީޘުގެ ބަސްފުޅުތައް ވެއެވެ. މިސާލަކަށް «(دَعْ ما يَرِيبُكَ إِلَى مَا لا يَريبُكَ)ގެ ޙަދީޘުފުޅެވެ. މާނައީ: ތިބާގެ މައްޗަށް ޝައްކުއުފެދޭ ކަންތައްތައް ދޫކޮށް ޝައްކު ނުއުފެދޭ ކަންކަމާ ދިމާލަށް އެނބުރިގަންނާށެވެ. އެއީ ޞައްޙަ ޙަދީޘެކެވެ. އަދި «(فَمَن اتَّقى الشُّبُهاتِ، اسْتَبْرَأَ لِدِينِهِ وعِرْضِهِ )ގެ ޙަދީޘު ފުޅެވެ. މާނައީ: ޝުބުހަ ކަންތައްތަކުން ދުރުހެލިވެގެންފި މީހާ އެމީހާގެ ދީނާއި އަދި އަބުރު ސަލާމަތްކޮށްފިއެވެ. އެއީ ޞައްޙަ ޙަދީޘެކެވެ. އެހެންކަމުން ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން މުސްލިމުންގެ ކިބައިން ޙައްްދުތައް ދުރުކުރާށޭ އައިސްފައިވާ ޙަދީޘު ބެލެވޭހުށީ الحسن لغيره ގެ ދަރަޖައިގައެވެ. އެބަހީ އެހެން ޙަދީޘުގެ ބަސްފުޅަކާ ގުޅުވައިފިނަމަ އެ ބަސްފުޅަކީ ޞައްޙަ ބަސްފުޅެއްގެ ގޮތުގައި ބެލެވޭ ފަދަ ބަސްފުޅެކެވެ. އެ ސަބަބަށް ޓަކައި ޙައްދުތައް ޝުބުހަތަކުން ދުރުކުރުމަށް އައިސްފައިވާ (إدرأ الحدود بالشبهات) ގެ ޙަދީޘުން ދަލީލު ނެގުން ދަންނަބޭކަލުން ހުއްދަ ކުރައްވައެވެ. (مجموع فتاوى ومقالات الشيخ ابن باز 25/ 263)

ށ- ޙައްްދުތައް ގާއިމުކުރުމުގައި ޝުބުހަތަކުން ދުރުވާންޖެހޭނެ ކަމަށް އުއްމަތް އިޖުމާޢު ވެފައިވެއެވެ. (شرح فتح القدير، 5/237)

2: ޞަޙާބީންގެ ކިބައިން އައިސްފައިވާ އަޘަރު (ހާދިސާ) ތައް

ހ- عَنِ النَّزَّالِ بْنِ سَبْرَةَ ، قَالَ : بَيْنَمَا نَحْنُ بِمِنًى مَعَ عُمَرَ إِذَا امْرَأَةٌ ضَخْمَةٌ عَلَى حِمَارَةٍ تَبْكِي قَدْ كَادَ النَّاسُ أَنْ يَقْتُلُوهَا مِنَ الزِّحَامِ يَقُولُونَ : زَنَيَتْ . فَلَمَّا انْتَهَتْ إِلَى عُمَرَ ، قَالَ : " مَا يُبْكِيكَ ؟ إِنَّ امْرَأَةً رُبَّمَا اسْتُكْرِهَتْ " ، فَقَالَتْ : كُنْتُ امْرَأَةً ثَقِيلَةَ الرَّأْسِ ، وَكَانَ اللَّهُ يَرْزُقُنِي مِنْ صَلَاةِ اللَّيْلِ ، فَصَلَّيْتُ لَيْلَةً ثُمَّ نِمْتُ ، فَوَاللَّهِ مَا أَيْقَظَنِي إِلَّا الرَّجُلُ قَدْ رَكِبَنِي ، فَرَأَيْتُ إِلَيْهِ مُقْفِيًا مَا أَدْرِي مَنْ هُوَ مِنْ خَلْقِ اللَّهِ ، فَقَالَ عُمَرُ : " لَوْ قُتِلَتْ هَذِهِ خَشِيتُ عَلَى الْأَخْشَبَيْنِ النَّارَ " ثُمَّ كَتَبَ إِلَى الْأَمْصَارِ أَلَّا تُقْتَلَ نَفْسٌ دُونَهُ  މާނައީ: النزال بن سبرةގެ ކިބައިން ރިވާވެގެންވެއެވެ. ހިމާރެއްގެ މައްޗަށް ސަވާރުވެގެން އިން މަސްފަލަ އަންހެނަކު ރޮމުން ގެންދިޔަ ހާދިސާއެއް ތިމަންމެން މިނާގައި ޢުމަރުގެފާނުގެ އަރިހުގައި ތިބި ވަގުތެއްގައި ދިމާވިއެވެ. އެތަނަށް މީހުން ތޮއްޖެހިފައި ތިބިލެއް ގިނަކަމުން އެ އަންހެނާ މަރުވެދާނެހެން ވެސް ހީވި ކަހަލައެވެ. މީހުން އަޑުއުފުލަމުން ދިޔައެވެ. ކަލޭ ޒިނޭ ކޮށްފިންތާއެވެ! ފަހެ އެ އަންހެނާ ޢުމަރުގެފާނާ އަރާހަމަވުމުން ޢުމަރުގެފާނު ވިދާޅުވިއެވެ. ކަނބުލޭގެ ތިޔަގޮތަށް ރޮނީ ކީއްވެގެން ހެއްޔެވެ؟ ގަދަކަމުން މީހަކު އަންހެނަކު ބޭނުންކުރީ ކަމެއްވެސް ވެދާނެ ނޫން ހެއްޔެވެ؟ އެ ކަނބުލޭގެ ދެންނެވިއެވެ. ތިމަންނައަކީ ނިދި ގަދަ އަންހެނަކީމުއެވެ. ދަމުނަމާދު ކުރުމުގެ ތައުފީގު ތިމަންނައަށް ﷲ ދެއްވަވާފައި ވިއެވެ. އެހެންކަމުން ތިމަންނަ އެއް ރެއަކު ދަމު ނަމާދުކުރީމެވެ. ދެން ނިދީމެވެ. ފަހެ މާތްﷲ ގަންދީ ހުވައިކޮށް ދަންނަވަމެވެ. ތިމަންނައަށް ހޭލެވުނު އިރު އެ މީހަކު އޮތީ ތިމަންނަގެ މައްޗަށް ސަވާރުވެފައެވެ. ދެން ތިމަންނަ އެމީހަކަށް ބެލިއިރު ހުރީ ނިވައިކަން ބޮޑު ގޮތަކަށެވެ. އެހެންކަމުން އެއީ ﷲގެ މަޚުލޫޤުންގެ ތެރެއިން ކާކުކަން ނޭނގުނެވެ. ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންނަ މި އަންހެނާ ޤަތުލުކޮށްފިއްޔާ الأخشبين ނަމަކަށް ކިޔުނު ބިޔަ ދެ ފަރުބަދަ ފަދަ އަލިފާނަކަށް ތިމަންނަ ވެއްޓިދާނެކަމުގެ ބިރު ހީވެއެވެ. ދެން ޢުމަރުގެފާނު އަމުރެއް ނެރުއްވާ ރަށްތަކަށް ފަތްތޫރައެއް ފޮނުއްވެވިއެވެ. އޭގައި ލިޔުއްވެވިއެވެ. "ނަފުސެއްގެ ބަދަލުގައި ނޫނީ ނަފުސެއް ގަތުލު ނުކުރާށެވެ." ( رواه: ابن أبي شيبة، المصنف، كتاب الحدود، حديث رقم: 28971، ج9، ص361)

ށ-عَنْ طَارِقِ بْنِ شِهَابٍ قَالَ : بَلَغَ عُمَرَ ، أَنَّ امْرَأَةً مُتَعَبِّدَةً حَمَلَتْ ، فَقَالَ عُمَرُ : أُرَاهَا قَامَتْ مِنَ اللَّيْلِ تُصَلِّي فَخَشَعَتْ فَسَجَدَتْ فَأتَاهَا غَاوٍ مِنَ الْغُوَاةِ فَتَحَشَّمَهَا ، فَأَتَتْهُ فَحَدَّثَتْهُ بِذَلِكَ سَوَاءً فَخَلَّى سَبِيلَهَا މާނައީ: طارق ابن شهابގެ ކިބައިން ރިވާވެގެންވެއެވެ. އަޅުވެރި އަންހެނަކު ކައިވެންޏަކާ ނުލައި ބަލިވެއިން ޚަބަރު ޢުމަރުގެފާނަށް ލިބިވަޑައިގަތެވެ. އެ ހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންނައަށް ވިސްނޭ ކަހަލައެވެ. އެ ކަނބުލޭގެ ދަމުނާމަދަށް ތެދުވެ ޚުޝޫޢަތްތެރިކަމާ އެކު ނަމާދުކޮށް ނިމުނުތާ ހެއްލުންތެރިޔަކު ގޮސް އެ ކަނބުލޭގެ ހެއްލިއެވެ. ފަހެ އެ ކަމަށް އެ ކަނބުލޭގެ ތައްޔާރު ކުރުވިއެވެ. ދެން އެ މީހަކު އެ ކަނބުލޭގެއާ ކައިރި ވެލިއެވެ. އަދި އެ ކަނބުލޭގެއަށް ވެސް އެ މީހަކާ ކައިރިވެވުނެވެ. ވީއިރު އެ ކަނބުލޭގެ ދޫކޮށްލާށެވެ. (ابن أبي شيبة في مصنفه باب في درء الحدود بالشبهات – حديث رقم 27937)

އެ ދެ ހާދިސާއިން ދަލީލު ނެގެވުނުގޮތް:

އެ ދެ ހާދިސާގައި ހިނގާދިޔަ ޒިނޭއަކީ ގަދަކަމުން ނުވަތަ ނުރުހުމުގައި ކުރެވުނު އަމަލެއް ކަމަށް އެ އަންހެނާ ބުނިބުނުން ޢުމަރުގެފާނު ގަބޫލުކުރެއްވެވިއެވެ. އަދި ހައްދު ގާއިމު ނުކުރައްވާ ދޫކޮށްލެއްވެވިއެވެ. އެހެންކަމުން އެ ކަލޭގެފާނުގެ އެ އަމަލުފުޅުން އެނގެނީ ގަރީނާތަކުން ޒިނޭގެ ހައްދު ސާބިތުނުވާނެ ކަމަށެވެ.

އެ ހާދިސާ ވަރުން އެޅުން:

އިސްވެދިޔަ ޒިނޭގެ ދެ ހާދިސާގައި ޢުމަރުގެފާނު ހައްދުގާއިމު ނުކުރެއްވެވީ ގަރީނާތަކުން ޒިނޭގެ ހައްދު ސާބިތުނުކުރެވޭތީ ކަމަށް ނުބެލެވެއެވެ. އަދި ބެލެވެނީ އެ ދެ ހާދިސާގައި ޢުމަރުގެފާނު ހައްދުގާއިމު ނުކުރެއްވެވީ ލިބިވަޑައިގަތް ނަފީގެ ހެކިތަކުގައި ހުރި ސާބިތުކަމަށް ބުރަވެވަޑައިގެން ކަމަށް ބެލެވެއެވެ. އެކަމަށް އިޝާރާތް ވެސް ލިބެއެވެ. ބައެއް ރިވާޔަތުގައި އައިސްފައިވެއެވެ. "ޢުމަރުގެފާނު އެ އަންހެނާގެ ގައުމުގެ މީހުންކުރެން އެ ކަމާމެދު ސުވާލު ކުރެއްވުމުން އެ މީހުން އެ އަންހާނެގެ މައްޗަށް ހެޔޮބަސްތަކުން ސަނާކިޔުނެވެ." (رواه: ابن أبي شيبة، المصنف، حديث رقم 28970، ج 9، ص360)

ތިންވަނަ މަޠުލަބު: ފިޤުހު ޢިލްމުވެރީންގެ އިޚްތިލާފުތަކުން ފާހަނގަވާ ބައެއް ނުގުތަތައް

1: ޙައްގެއް ސާބިތުކުރުމަށް ޝަރީޢަތަށް ހުށަހެޅޭ ހެއްކަކީ ނައްޞަކުން ނުވަތަ އިޖުމާޢަކުން ނުވަތަ އިޖުތިހާދަކުން ސާބިތުވެފައިވާ ދަލީލެއްކަމުގައި ވާންޖެހެއެވެ.

2: ޑީ.އެން.އޭގެ ޓެކުނޮލެޖީން ދަނެގަނޭވޭ އެއްކަމަކީ ދެމީހެއްގެ ޑީ.އެން.އޭ އެއް ވައްތަރުވުމާއި ނުވުމެވެ. އެ ޓެކުނޮލަޖީއަކުން މީހުންކުރާ ހަރަކާތް ސާބިތުކޮށެއްނުދެއެވެ.

3: ޒިނޭގެ އަމަލެއް ސާބިތުވާނީ ހަތަރު ހެކީންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ޚިތާނުކުރީމާ ޒަކަރުން ފާޅުވެފައިވާ ހިސާބު ފަރުޖަކަށް ވައްދައިގެން ވަޅަށް ދާނިލައިފައި ނަގާ ގޮތަށް ނުވަތަ އަނދުން ކުރަނޑިއަށް އޭގެ ކަށި ވައްދާފައި ނަގާ ގޮތަށް ހަރަކާތް ކޮށްގެން އެ ޒިނޭއެއް ހިނގިކަން (ޖިމާޢުވިކަން) އެނގުމުންނެވެ.

4: ޒިނޭގެ ކުށް ސާބިތުކުރެވޭނެ ގޮތް ޝަރީޢަތުގެ ނައްޞުން ކަނޑައެޅިފައި އޮތުމުން އިތުރު މަގުތަކުން އެ ކުށް ސާބިތުކުރުމުގެ ދޮރު ފުޅާނުކުރެވޭނެކަން އިސްލާމީ ޝަރީޢަތުގެ ބައެއް އުސޫލުތަކުން އެނގެން އެބަހުރިކަން ފާހަގަވެއެވެ. އެގޮތުން އެ ދޮރު އިތުރަށް ފުޅާނުކުރެވޭނެކަން ތިރީގައި އެ ވާ ޝަރީޢަތުގެ އުސޫލުތަކުން އެނގެއެވެ. އެއީ:

ހ- އެހެން ކުށްތަކާ ޚިލާފަށް ޒިނޭގެ ކުށް ސާބިތުކުރުވޭ އެއް ގޮތަކީ ހަތަރު ހެކީންގެ ހެކިބަހުންނެވެ. އަދި އެ ހެކިންގެ ފަރާތުން ލިބެންޖެހޭ ހެކިބަހުގައި ޒިނޭގެ އަމަލު ހިންގުނު ތަން ބުނެދެވެންޖެހެއެވެ. އަދި އެ މީހުންނަށް ފެނުނު ޒިނޭގެ މަންޒަރު ޝަރީޢަތަށް ބުނެދިނުމުގައި ޖިމާއުވީ ގޮތް ސިފަކޮށްދޭން ޖެހެއެވެ. އަދި އެކަމުގެ މިސާލު ވެސް ކިޔައިދޭން ޖެހެއެވެ. އެއީ އަދުން ކުރަނޑިއަށް އޭގެ ކަށި ވައްދާފައި ނަގާ ގޮތަށް ނުވަތަ ވަޅަށް ދާނި ލައިފައި ނަގާ ގޮތަށް އެ ޒިނޭއެއް ހިނގިކަން ޔަގީންކޮށް ކިޔައިދޭންޖެހެއެވެ. އެ މޭރުމުން ޒިނޭކުރިކަން ސިފަކޮށްނުދެވުނު ނަމަ ބެލެވޭނީ ޒިނޭގެ ހެކިބަސް ނުދެވުނީކަމަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ހަތަރު ހެކީންގެ ތެރެއިން އެކަކުގެ ވެސް ހެކިބަސް ނަފީކުރެވިއްޖެ ނަމަ ނުވަތަ އެކަކު ވެސް މަދުވެއްޖެ ނަމަ ދެން ތިބި ތިން ހެކީންގައި ގަޒުފުގެ ހައްދު ޖެހެވޭނެއެވެ. އެ ފަދަ ގޮތަކަށް އިސްލާމީ ޝަރީއަތުގައި ޒިނޭގެ ހެކިބަސް ހަނިކުރެވިފައި އޮތުމުން މިއަދާ ހަމަޔަށް ވެސް ވޭތުވެދިޔަ އިސްލާމީ ދިގު ތާރީޚުގައި ޒިނޭގެ ކުށް ހެކީންގެ ހެކިބަހަކުން ސާބިތުކުރެވިފައެއްނުވެއެވެ. އަލްއިމާމު ޣަޒާލީ ވިދާޅުވިއެވެ. "ޝަރީއަތުގެ އުސޫލަކީ ފާހިޝް އަމަލުތައް ފޮރުވުންކަން އެ ކަމުން އެނގެއެވެ. ފާހިޝް އަމަލުތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވަނީ ޒިނޭގެ އަމަލެވެ."  ވިމާ ޝަރީޢަތުގައި ޒިނޭއެއް ސާބިތުކުރުން މިފަދަ ހަރުކަށި ގޮތަށް ހަނިކުރެވިފައިވާތީވެ ޑީ.އެން.އޭ ފަދަ ވަސީލަތެއް ބޭނުންކޮށްގެން ޒިނޭގެ ކުށް ސާބިތުކުރުމުގެ ދޮރު އިތުރަށް ފުޅާނުކުރެވޭނެކަން ފާހަގަކުރެވެއެވެ.

ށ- ޒިނޭގެ ކުށް ސާބިތުކުރެވޭ ދެވަނަ ގޮތަކީ ޒިނޭކުރި މީހެއްގެ އަމިއްލަ އިއުތިރާފެވެ. މި އުއްމަތުގެ ދަންނަބޭކަލުންވަނީ އެ ކަމުގެ ދޮރު ވެސް ވަރަށް ބޮޑުތަނުން ހަނި ކުރައްވާފައެވެ. އެ ގޮތުން ބައެއް ފިޤުހު ޢިލްމުވެރީން ވަނީ ހަތަރު ފަހަރު މަތީން އިއުތިރާފު ވާންޖެހޭނެކަމަށް ޝަރުޠުކުރައްވާފައެވެ. އެ ފަދަ ގޮތަކަށް ޒިނޭގެ ކުށް ސާބިތުކުރުން ޝަރީޢަތުގައި ހަނިކުރެވިފައިވާތީވެ ޑީ.އެން.އޭ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެ ކަން ފުޅާނުކުރެވޭނެކަން ފާހަގަކުރެވެއެވެ.

5: ޒިނޭގެ ކުށް ސާބިތުކުރެވޭ މަގު ޝަރީޢަތުގައި ނައްޞުން ކަނޑައެޅިފައި އަދި އެކަން ސާބިތުކުރުމުގައި ހަރުކަށި ކުރެވިފައިވަނީ ނުވަތަ އެ ދޮރު ހަނިކުރެވިފައިވަނީ ޝަރުޢީ މަސްލަހަތު އިސްކުރުމަށް ކަން ފާހަގަވެއެވެ. އެ ގޮތުން އަންނަނިވި މަސްލަހަތު ފާހަގަ ވެއެވެ.

ހ- ޒިނޭއަކީ ސިއްރިއްޔާތުގައި ކުރެވޭ އަމަލެކެވެ. ޒިނޭގެ ތުހުމަތަށް ވާހަކަ ފެތުރުމުގެ ހުއްދަ އޮވެއްޖެ ނަމަ މީސްތަކުންގެ ކަރާމާތް ގެއްލި ހިނގައިދާނެއެވެ. އެހެންކަމުން މީސްތަކުންގެ ކަރާމާތުގެ މަސްލަޙަތު ވަނީ އެ ކުށް ސާބިތުކުރުމުގެ މަގު ހަރުކަށި ކުރެވިފައި ނުވަތަ އެ ދޮރު ހަނިކުރެވިފައިވައި އޮވެގެންނެވެ. އެގޮތަށް އެ ކުށް ސާބިތުކުރުމުގެ މަގު ހަރުކަށި ކުރެވިފައި ނުވަތަ އެ ދޮރު ހަނިކުރެވިފައިވައި އޮވެއްޖެނަމަ ޒިނޭގެ ތުހުމަތަށް ވާހަކަ ފަތުރާ މީހުން މަދުވާނެއެވެ.

ށ- ޝަރީޢަތުގައި ހަތަރު ހެކީންގެ ހެކިބަހުގެ މައްޗަށް ޒިނޭ ސާބިތުކުރުން ހަރުކަށި ކޮށްފައިވުމުގެ މަސްލަހަތަކީ މުޖުތަމަޢުގައި ފާހިޝް އަމަލުތައް ފެތުރުން މަދުކުރުމެވެ. ހަތަރު ހެކީންގެ ހެކިބަހުން ޒިނޭ ސާބިތުވުމުގެ މާނައަކީ އެ ޒިނޭއެއް ކުރެވުނީ މުޖުތަމައަށް ދައްކައިގެން ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ކަމެވެ. ސިއްރުން ނުވަތަ ފޮރުވިފައިވާ ތަނެއްގައި ކުރިނަމަ ނުވަތަ އަނދިރި ތަނެއްގައި ކުރިނަމަ ހަތަރު މީހުންނަށް އެއްފަހަރާ ފެނުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. އެހެންކަމުން ޝަރީޢަތުގައި ހަތަރު ހެކީންގެ ހެކިބަހުގެ މައްޗަށް ޒިނޭ ސާބިތުކުރުން ހަރުކަށި ކޮށްފައި އޮތުމުން އެނގެނީ ޝަރީޢަތުގެ ބޭނުމަކީ ހަމައެކަނި ޒިނޭގެ ހަރަކާތް ސާބިތުކުރުމެއް ނޫންކަމެވެ. ނަމަވެސް ބޭނުމަކީ މުޖުތަމައަށް ދައްކައިގެން ކުރާ ފާހިޝް އަމަލު ނުވަތަ މުޖުތަމައަށް ފަސޭހައިން ފެތުރޭ ގޮތަށް ކުރެވޭ ފާހިޝް އަމަލު މަދުކުރުންކަމެވެ. މިހެންކަމުން ސިއްރުވެފައި އޮތް ޒިނޭއެއް ފަޅާއެރުވުމަށް ޓަކައި ޑީ.އެން.އޭ ބޭނުން ކުރުމަކީ އަޚުލާގީ ދަށު ދަރަޖައިގެ އަމަލެއްކަން ފާހަގަކުރެވެއެވެ.

6: ޒިނޭގެ މައްސަލަތަކުގައި ޝަރީޢަތުގެ މަންހަޖަކީ ފަޅާއެރުވުމަށްވުރެ ބޮޑަށް އެކަން ފޮރުވުންކަން ފާހަގަކުރެވެއެވެ. އެކަން ސުންނަތުން ސާބިތުވެއެވެ. އެހެންކަމުން ޒިނޭއަކީ ޝަރީޢަތުގައި ސިއްރުކުރުން މޮޅުއިތުކަމަށް ކަނޑައެޅިފައިވާ ކުށަކަށްވާތީވެ އެ ކުށް ޑީ.އެން.އޭ މެދިވެރިކަޮށްގެން ފަޅާއެރުމަށް ޝަރީޢަތުން ޖާގަނުލިބޭކަން ފާހަގަކުރެވެއެވެ.

7: ޒިނޭގެ ހުކުމަކީ އިޢުތިރާފުވުމަށް ފަހު ވެސް އިންކާރުކޮށްފި ހިނދެއްގައި ހައްދު ގާއިމު ނުކުރެވޭ މައްސަލައަކަށްވާތީވެ މީހަކު ޒިނޭއަށް އިންކާރުކޮށްކޮށް ހުއްޓައި ޑީ.އެން.އޭ މެދުވެރިކޮށް ނެރެވޭ ގަރީނާއެއްގެ މައްޗަށް ބިނާކޮށް ޒިނޭގެ ހުކުމް ގާއިމުކުރެވޭނެ އެއްވެސް ބުރަދަނެއް ނުވާކަން ފާހަގަވެއެވެ.

8: ތަންމައްޗަށް ލައްވާފައިވާ ދަރިއެއްގެ ނަސަބު ބާޠިލުކުރުމަށް ޓަކައި، ނުވަތަ ޒަމާނުއްސުރެން މީހުންގެ މެދުގައި މަޝްހޫރުވެފައިވާ ނަސަބެއް ބާޠިލުކުރުމަށް ޓަކައި، ނުވަތަ ހެއްކަކުން ސާބިތުވެފައިވާ ނަސަބެއް ބާޠިލުކުރުމަށް ޓަކައި، ނުވަތަ އިޢުތިރާފަކުން ސާބިތުވެފައިވާ ނަސަބެއް ބާޠިލުކުރުމަށް ޓަކައި، ޑީ.އެން.އޭގެ ޓެކޮނޮލެޖީ ބޭނުންކުރުން ފިޤުހުގެ ހަމަތަކުން އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ހުއްދަ ނުވާކަން ފާހަގަކުރެވެއެވެ.

9: ޒިނޭ ސާބިތުކުރުން ފިޔަވައި ބައެއް ޙާލަތުގައި މިސާލަކަށް ގެއްލިފައި ހުރުމަށް ފަހު ފެނުނު ކުއްޖަކާމެދު ދެ ފިރިހެނަކު ދަޢުވާކޮށްފުމުން ނުވަތަ ދެފިރިހެނަކު ޝުބުހަ ވަޠުއަކުން އަންހެނަކާއި އެއް ޠުހުރެއްގައި ވަޠުޔު (ޖިމާޢު) ވެފައިވަނިކޮށް ލިބުނު ދަރިއަކާ މެދު ދެފަރާތުން ދަރިލިބުމަށް އެދި ދަޢުވާކޮށްފުމުން، ނުވަތަ ޖިންސީ ގޯނާގެ ނަފީގެ ހެކި ދެއްކުން ފަދަ ކަންކަމުގައި ޑީ.އެން.އޭގެ ޓެކުނޮލޮޖީ ބޭނުންކުރުން ހުއްދަކަން ފާހަގަކުރެވެއެވެ.

10: ޑީ.އެން.އޭ އިން ނަސަބު ސާބިތުކުރުމާ މެދު ފަހުގެ ޢިލްމުވެރީންގެ ބަހަކީ ނަސަބު ސާބިތުކުރުމުގައި ޑީ.އެން.އޭ.ގެ އިތުބާރު ބަލައިގަނެވޭނެ ކަމަށެވެ. އަދި މައްކާގެ ފިޤުހު އެއްވުމުގެ ރައުޔަކީ ވެސް އެއީއެވެ. ނަމަވެސް އެއީ ޒިނޭގެ ކުށް ސާބިތުކުރުމަކަށް ނޫނެވެ. އަދި ހުރިހާ ޙާލަތެއްގައެއް ވެސް ނޫނެވެ. އެއީ ކަނޑައެޅޭ ވަކި ހާލަތްތަކުގަ އެވެ. އެ ޙާލަތުތައް ބަޔާން ކުރައްވާފައިވަނީ ނަސަބު ސާބިތުކުރުމަށް ޑީ.އެން.އޭ ބޭނުން ކުރުމުގެ ޝަރުޠުތަކެއްގެ ގޮތުގައެވެ. އެ ގޮތުން ކަނޑައެޅިފައިވާ އެންމެ މުހިއްމު ޝަރުޠަކީ؛ ތަންމައްޗަށް ލައްވާފައިވާ ދަރިއެއްގެ ނަސަބު ބާޠިލުކުރުމަށް ޓަކައި ނުވަތަ ޒަމާނުއްސުރެން މީހުންގެ މެދުގައި މަޝްހޫރުވެފައިވާ ނަސަބެއް ބާޠިލުކުރުމަށް ޓަކައި، ނުވަތަ ހެއްކަކުން ސާބިތުވެފައިވާ ނަސަބެއް ބާޠިލުކުރުމަށް ޓަކައި، ނުވަތަ އިޢުތިރާފަކުން ސާބިތުވެފައިވާ ނަސަބެއް ބާޠިލުކުރުމަށް ޓަކައި، ޑީ.އެން.އޭ ބޭނުންކުރުން ހުއްދަ ނުވުމެވެ. އަދި ޑީ.އެން.އޭ ބޭނުންކުރުން ހުއްދަވާނީ ބައެއް ޙާލަތުގައި މިސާލަކަށް ގެއްލިފައި ހުރުމަށް ފަހު ފެނުނު ކުއްޖަކާމެދު ދެ ފިރިހެނަކު ދަޢުވާކޮށްފުމުން ނުވަތަ ދެފިރިހެނަކު ޝުބުހަ ވަޠުއަކުން އަންހެނަކާއި އެއް ޠުހުރެއްގައި ވަޠުޔު (ޖިމާޢު) ވެފައި ވަނިކޮށް ލިބުނު ދަރިއަކާ މެދު ދެ ފަރާތުން ދަރިލިބުމަށް އެދި ދަޢުވާކޮށްފުމުން، ނުވަތަ ޖިންސީ ގޯނާގެ ނަފީގެ ހެކި ދެއްކުން ފަދަ ކަންކަމުގައެވެ. އަދި އެފަދަ ޓެސްޓުތަކުގައި ކަންބޮޑުވުން އެކުލެވޭ ކަމަށް ޓަކައި އެ ފަދަ ޓެސްޓުކުރާ މީހާއަކީ މުސްލިމަކު ކަމުގައި ވުމާއި އަދި އެއް ލެބޯޓަރީއަށް ވުރެ ގިނަ ލެބޯޓަރީތަކުން (މަދުވެގެން ދެ ލެބޯޓަރީން) ޓެސްޓު ކުރުމާއި އަދި އެއް ލެބޯޓަރީގެ ޓެސްޓު އަނެއް ލެބޯޓަރީ އަށް ސިއްރުކުރުމާއި އަދި ސާމްޕަލްނެގެވޭ ވަގުތުން ފެށިގެން ނަތީޖާ ލިބުމާ ދެމެދު ބޭނުން ކުރި އަޚުލާޤީ މިންގަނޑު ކަށަވަރުކުރުން ފަދަ ޝަރުޠުތައް ވެސް ހިމެނެއެވެ.[1]

11: ޑީ.އެން.އޭއަކީ އޭގެ ނަތީޖާގައި އިތުބާރު ކުރެވޭ އެއްޗެއްކަމުގައި ވިޔަސް އޭގެ މެޝިނަރީތަކުގައި ބައެއް ފަހަރަށް އުފެދިދާނެ ޓެކްނިކަލް މައްސަލަތަކުގެ ކަންބޮޑުވުމާއި އޭގައި ބޭނުންކުރެވޭ ޑީ.އެން.އޭގެ ސާމްޕަލްތައް ނެގުމާއި ގެންގުޅުމުގެ އަޚުލާޤީ މިންގަނޑުތަކުގައި ބައެއް ފަހަރަށް ދިމާވެދާނެ މައްސަލަތަކާއި އެކަމުގައި އުޅޭ ޑަކުޓަރުންގެ ކިބައިގައި ހުރެދާނެ މައްސަލަތަކުގެ ސަބަބުން ޑީ.އެން.އޭގައި ކުޑަ ނަމަވެސް ޝުބުހައެއް އެކުލެވިގެންވެއެވެ. އެހެންކަމުން ރަޖަމުކޮށް މަރު ހިފަންޖެހޭ ކަހަލަ ޒިނޭގެ ޙައްދު ފަދަ ޙުކުމަކަށް ޑީ.އެން.އޭ. ބޭނުން ކުރުން ޞައްޙައެއް ނުވެއެވެ.[2]

12: ޑީ.އެން.އޭ އިން ދެ މީހެއްގެ ދެމެދުގައި ހުރި ބައިލޮޖިކަލް ޖީން އެއްގޮތްކަން އެނގުނު ކަމުގައި ވިޔަސް ނުވަތަ ޒިނޭގެ ކުށަށް ޤަރީނާ ލިބުނުކަމުގައި ވިޔަސް ޑީ.އެން.އޭ އަކުން ޒިނޭގެ އަމަލު ހިންގި ގޮތާއި ވަގުތާއި ހަރަކާތެއް ސާބިތުކޮށެއް ނުދެވެއެވެ. އެހެންކަމުން ޒިނޭ ސާބިތުކުރާ މައްސަލައެއްގައި ޑީ.އެން.އޭ ހިމެނޭނި ޝުބުހަ ހެއްކެއްގެ ގޮތުގައިކަން ފާހަގަވެއެވެ.

އެންމެ ރަނގަޅު ކަމަށް ފެންނަގޮތާއި އޭގެ ސަބަބު

ފިޤުހު ޢިލްމުވެރީންގެ އިޚްތިލާފުތަކަށާއި ދަލީލުތަކަށް ރިޢާޔަތްކުރުމުން އެންމެ ރަނގަޅު ކަމަށް ފެންނަނީ ޖުމުހޫރު ދަންނަބޭކަލުންގެ (ދަންނަބޭކަލުންގެ މެޖޯރެޓީގެ) ރައުޔެވެ. އެއީ ގަރީނާތަކުން ޒިނޭގެ ޙައްދު ސާބިތުނުވާނެ ކަމަށެވެ. އެހެންކަމުން ޑީ.އެން.އޭ. އިން ވެސް ޒިނޭގެ ޙައްދު ސާބިތުނުވާނެ ކަމަށެވެ. ސަބަބަކީ ޑީ.އެން.އޭގެ ޓެސްޓުން ޒިނޭގެ ދަރިއެއްގައި ހުރި ޑީ.އެން.އޭ ތުހުމަތުކުރެވޭ މީހަކާ އެއްވައްތަރުކަން އެނގުނު ކަމުގައި ވިޔަސް އެ ތުހުމަތުކުރެވޭ މީހާ އެ ދަރިއަކު ވިހޭ އަންހެނާއާއެކު ޒިނޭގެ އަމަލު ހިންގިކަން ސާބިތުކޮށެއް ނުދެވެއެވެ. ޒިނޭގެ ކުށެއް ސާބިތުކުރުމަށް ބޭނުންވަނީ ޒިނޭގެ އަމަލު ހިންގިކަމާއި ހިންގިގޮތް ސާބިތުވުމެވެ. ޒިނޭގެ އަމަލެއް ހިންގިކަމާއި އަދި ހިންގިގޮތުގެ ހަރަކާތެއް ޑީ.އެން.އޭ އަކުން ސާބިތު ކޮށެއްނުދެވެއެވެ. އެހެންކަމުން ޑީ.އެން.އޭ ބޭނުންކޮށްގެން ޒިނޭގެކުށް ސާބިތުކުރުން ހުއްދަނުވެއެވެ.

 

[1]  محمد سليمان الأشقر، أبحاث اجتهادية في الفقه الطبي، (دار النفائس، الأردن) ط: 1، السنة: 2006، ص263

[2]  وهبة الزحيلي، البصمة الوراثية ودورها في الإثبات، مؤنمر الهندسة الوراثية بين الشريهة والقانون، طبع جامعة الإمارات العربية المتحدة، ج2، ص 526

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.