ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ޚާއްސަ ލޯގޯ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަރ ހެޑާއި އީމެއިލް ފުޓަރގައި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ހަމަޖެއްސެވީ، މިދިޔަ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.
އަންނަ އަހަރަކީ، ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރު ކަމަށްވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން އެ އަހަރަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ "2022: ފަތުރުވެރިކަމުގެ ރަން އަހަރު" ލޯގޯ މިހާރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން އިފްތިތާޙްކޮށްފައެވެ. އެ ލޯގޯ ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ރަމްޒުވާ ސިފަތައް ހިމަނައިގެންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި މި ލޯގޯ ބޭނުންކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި މި ލޯގޯ ބޭނުންކުރާނީ އިނގިރޭސިބަހުން ކަމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.



advertisment