ޖިންސީ ކުށުގެ ޤާނޫނަށް އެއް ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، މިއަހަރުގެ ނޮވެންބަރު 29 ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
އެގޮތުން މި ޤާނޫނަށް ގެނައި އިޞްލާޙުގެ ތެރޭގައި ރޭޕްކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްޞީލު ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށަށް މިވަނީ އިޞްލާޙު ގެނެސްފައެވެ. ހަމަ އެއާއެކު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން ހިމަނައި އެކަމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް މި ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެނެސްފައިވެއެވެ.
ޖިންސީ ކުށުގެ ޤާނޫނަށް އެއް ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް މިއަދު އަމަލްކުރަން ފަށައިފައެވެ.



advertisment