ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާކުން ހިންގި ހަރަކާތް ތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ދާންމަތިވެފައިވާ ކުދިންނާ ހަވާލުކުރުމަށްޓަކައި، އާކުގެ ފަރާތުން މިނިސްޓްރީ އޮފް އެޑޮޔުކޭޝަނަށް 20 ހޮސްޕިޓަލް އެނދު މިއަދު ހަދިޔާކޮށްފިއެވެ.
ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތެއް ކަމުގައިވާ "އެޑްވޮކޭޓިން ފޯދަ ރައިޓްސް އޮފް ދަ ޗައިލްޑް" ނުވަތަ "އާކް" އިން ބުނީ މި އެނދުތަކުގެ ސަބަބުން އެ ކުދިންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، އެ ކުދިންގެ އާއިލާއަށް އަދި ތައުލީމު ފޯރުކޮށްދިނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ޣާޒީ ސްކޫލުގެ ދަރިވަރަކާ މިއަދު ވަނީ އެނދު ހަވާލުކޮށްފައެވެ. މި އެނދު ހަވާލު ކޮށްދެއްވަމުން، އާކުން މިފަދަ ދަރިވަރުންގެ ލާބައާއި މަންފާއަށް ކޮށްދޭ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މިނިސްޓަރުގެ ނާއިބު މުހައްމަދު އިހްސާން ފާހަކުރައްވާ އާކަށް ޝުކުރު އަދާކުރެއްވި ކަމަށް އާކުން ނެރުނު ބަޔާނެއްގައި ބުނެއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅުވައިގެން އާކުން އިސް ނަގައިގެން މިއަދު ވަނީ ޚާއްޞަ މޫދުކުޅިވަރު ހަރަކާތްތަކެއް ވެސް ބާއްވައިފައެވެ.
ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަނާއި ކެއަރ ސޮސައިޓީ އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްބަލްސް (އެމް.އޭ.ޕީ.ޑީ) އަދި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭގޮތަށް 50 އަށްވުރެ ގިނަ ކުދިން ވަނީ ބަނާނާ ބޯޓް، ކެނޯ، ޖެޓްސްކީ އަދި ސްޓޭންޑް އަޕް ޕެޑަލް ބޯޑިން ފަދަ ތަފާތު މޫދު ކުޅިވަރުގެ ޙަރަކާތްތަކުގައި ބައިވެރިވެފައި ކަމަށް އާކުން ބުނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމުގެ ބައިނަލްޢަޤްވާމީ މުޢާހަދާ (ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާރސަންސް ވިތު ޑިސްއެބިލިޓީސް) އަށް އަހުލުވެރިކުރުމުގެ ގޮތުން ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުޑަކުދިންނަށް ފަސޭހައިން ފަހުމްވާ ގޮތަށް އާކުން ތައްޔާރުކޮށްފައިވާ ފޮތެއް ޔުނިސެފްގެ ޑެޕިއުޓީ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޕައުލޯ ސަސަރާއޯ މި ހަފްލާގައި އިފްތިތާޙްކޮށްދެއްވިއެވެ. މި ހަފްލާގައި، އ.ދ އިން ދިވެހިރާއްޖޭއަށް ކަނޑައަޅާފައި ހުންނަ ރެޒިޑެންޓް ކޯޑިނޭޓާ ކެތެރިން ހެސްވެލް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އާކުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު މުރުތަލާ މޫސާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެކުދިންގެ ޤާބިލިއްޔަތުކަން ފާހަގަކޮށް ހުނަރުތައް ތަރައްޤީކުރުމަށް މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުޙިއްމު ކަމަށް އަލިއަޅުވާލައްވައިފައެވެ.



advertisment