އެންމެ މުއްސަނދި މަހުޖަނުންނޭ ނުފުދިގެން ތެޅި މަރުވަނީ
އެންމެ ގިނަ ދަރަނީގެ ދަންމަޅިތައް ކަރަށް މެހިފައިވަނީ
އެންމެ ދެރަ ނިކަމެތި ފަގީރުންނަށް ވުރެން ބޯ ހާސްވަނީ
ފެންނަ މި ހަގީގަތުގެ މައްޗަށް ކިހިނަކުންހެ ދެބަސްވަނީ
ގަނޑުވަރާ، ރަން ރިހި ޖަވާހިރު އަަދަދު ނުވިޔަސް ގުނުމުގައި
ދަނޑުފަނގާ ފަރު، ފަޅުތަކާ ބިންތައް އޮތަސް ވެސް މިލްކުގައި
ފަނޑު ނުވާހެން ނަން ލިޔާއިރު ވެސް ރަނުން ތާރީޚިގައި
ގަނޑުވެފައިވާ ބުދުތަކެއް ހެން ކީއްވެބާއޭ ސިފަވަނީ
ދުނިޔެ ހިތް ހިތަކަށް އޮތަސް ލިބިފައި ތިމާއަށް އަތްމަތީ
އުނިނުވާ އުފަލާ އަރާމުގެ އޮތްކަމަކު ބަލަ ތަންމަތީ
މުނިއަވަސް ފިލުވާ ތަނެއް ކަމުގައި ބަލައިގެން ފަސްމަތީ
ދުނިޔެ އުޅެވޭނޭ ކަމަށް ހެއްޔޭ އަބަދު ވެސް ހީވަނީ
ވާނުވާއެއް ނޭނގި ޣާފިލް ކަންމަތީ މަތިހަށި ނަގައި
ހާނުވާ ދުނިޔޭގެ މަޖަލަށް ނަފުސު ކެރިގެން ފާޅުގައި
ޖާނުދީ މާލަށްޓަކައި ގުރުބާންވެ ދާއިރު މަސްތުގައި
އާނުގައި މަށިތަންމަތީ ބަލަ ހުސްއަތާ އޭ ބާއްވަނީ