Support Us

ރަން ފާޚާނާ ތައްޓާއި ރަތް ރޮނގު: ކުރީ ރެއާއި މިރޭ ހާދަ އެއްގޮތެވެ!

މިއަދު، އަނެއްކާވެސް، އަރަބި މިސާލު ބަހެއްގެ މައްޗަށް ބަލައިލަން ގަސްދުކުރަމެވެ. އަރަބި މިސާލު ބަހެއް ކަމުގައިވާ ما أشبه الليلة بالبارحة މި ބަހުގެ މައްޗަށެވެ. މިސާލު ބަހަކީ އެ ބަހުން ދޭހަވާ މާނަ، އެހެން ކަމަކާ އެއްގޮތް ވުމުން، އެކަމާ ގުޅުވާލައިފައި ބުނެވޭ ބަހެކެވެ. ما أشبه الليلة بالبارحة މި ބަހުގެ ލަފްޒީ މާނައަކީ ކުރީ ރެއާ، މިރޭ ހާދަ އެއްގޮތެވެ. އާދެ، ކުރީ ރޭގެ އަނދިރިކަން މިރޭގެ އަނދިރިކަމާ ހާދަ އެއްގޮތެވެ. އާދެ، މި ދެރޭން ކުރެ، އެއްރޭ އަނެއް ރެއާ އަޅާ ކިޔާއިރު އެއްވެސް ތަފާތެއް ނެތެވެ.

މި މިސާލު ބަހުގެ އަސްލު ގުޅެނީ އަރަބި ޖާހިލީ ޅެންވެރިންގެ ތެރެއިން އަރާހުރި ޅެންވެރިއެއް ކަމުގައިވާ ތަރަފާ ބިން އަލްއަބްދުގެ ޅެން ބައިތަކާއެވެ. އޭނާއަކީ ޖާހިލީ ޒަމާނުގެ މުއައްލަޤާތުގެ ތެރެއިން، އާދެ، ޅެންތައް މޮޅުވުމުން، ކައުބާގައި އެލުވުމަށް ހޮވުނު ޅެންތަކުގެ ތެރެއިން އެއް ޅެމުގެ މުސައްނިފެވެ. އޭނާ ބުނެފައި ވެއެވެ.

أسلمني قومي ولم يغضبوا بسوءة حلت بهم فادحة

كل خليل كنت خاللته لا ترك الله له واضحة

كلهم أروغ من ثعلب ما أشبه الليلة بالبارحة

އަހަރެންގެ ގައުމުގެ މީހުން، (އަހަރެންގެ ދުޝްމަނުންނާ) އަހަރެން ހަވާލުކުރިއެވެ. (އެކަން އެމީހުން ކުރީ) އަހަރެންގެ ކިބައިން ވެވުނު ނުބައިކަމަކާއި އަދި އެކަމާ ގުޅިގެން ދިމާވި ބޮޑު މުސީބަތަކާ ހެދި އަހަރެން ދެކެ ރުޅިއައިސް ނުރުހިގެންނެއް ނޫނެވެ.

(ނަމަވެސް،) ރަހުމަތްތެރިކަމުގެ ގުޅުން އެމީހުންނާ އަހަރެން އުފެއްދި ކޮންމެ މީހަކުވެސް– މާތްﷲ (އެމީހުންނަށް ހެވެއް ދައްކަވައި، އުފާކޮށް) އެމީހުންގެ ކޮލުދަތް (ފެންނަހެން އެމީހުން ހިނިތުންވާން މެދުވެރި) ނުކުރައްވާ ހުށިކަމެވެ.

އެއިން ކޮންމެ މީހަކީ ވެސް، ހިޔަޅަކަށް ވުރެ މަކަރު ވެރި މީހެކެވެ. ކުރީ ރޭ(ގެ އަނދިރިކަމާއި) މިރޭ(ގެ އަނދިރިކަން) ހާދަހާވާ އެއްގޮތެކެވެ.

އާދެ، ޅެން ބައިތުގައި ޅެންވެރިޔާ، އޭނާގެ ގާތް މީހުން ބަދުނާމުކުރެއެވެ. އޭނާގެ ފަރާތުން މެދުވެރިވި އެއްވެސް ގޯހަކާ ނުލައި އޭނާގެ ދުޝްމަނުންނާ އޭނާ ހަވާލުކުރީތީއެވެ. މި ކަމުގެ މައްޗަށް އޭނާ ފިކުރުކޮށްލުމުން އޭނާއަށް ދޭހަވީ، އޭނާގެ ރަހުމަތްތެރިން ކަމުގައި އޭނާ ދުށް އެންމެންނަކީ ވެސް މަކަރުވެރި ހިޔަޅުން ފަދަ ބައެއް ކަމެވެ. މަކަރުވެރިކަމުގެ ގޮތުން އެކަކު އަނެކަކާ އަޅާ ކިޔާއިރު އެމީހުންގެ ކިބައިގައި އެއްވެސް ތަފާތެއް ނެތެވެ! އާދެ، ކުރީ ރޭގެ އަނދިރި ކަމާއި މިރޭގެ އަނދިރިކަން އެއްގޮތްވާ ފަދައިން އެމީހުންގެ މަކަރުވެރިކަން އެކަކު އަނެކަކާ ހަމަ އެއްގޮތެވެ!

މި ވާހަކަ ހަނދާންނަށް މި ވަގުތު އަންނަން މެދުވެރިވީ ކީއްވެ ހެއްޔެވެ؟ އާދެ، އެކަމުގެ ސަބަބަކަށްވީ ގެއެއްގެ ކުރިމަތީ ރަތްރޮނގު އެޅުމުގެ ހާދިސާއާއެވެ. ފަހަރެއްގައި ވެސް، މިކަން ފާހަގަކުރުމުގެ ބޭނުމަކީ މި ރަތް ރޮނގު އެޅުމަކީ ރަނގަޅު ކަމެކޭ ނޫނީ ރަނގަޅު ނޫންކަމެކޭ ވެސް ބުނުމެއް ނޫނެވެ. މިވާހަކަ ބުނެ ލިޔެލަން ބޭނުންވީ މަގުމަތީގައި، ގެއެއްގެ ކުރިމަތީގައި މި ރަތް ރޮނގެއް އަޅައި، އާންމުންނަށް އެ ޖަގަހަ ބޭނުން ނުކުރެވޭ ގޮތް ހެދުން، ތަންކޮޅެއް ކުރީގެ ހާދިސާއަކާ އެއްގޮތްވީމައި އެ އެއްގޮތްވުން ފާހަގަކޮށް، މަތީގައި ލިޔެވުނު މިސާލު ބަހާ ގުޅުވާލުމުގެ ގޮތުން ބުނެލާ ވާހަކައެކެވެ!

ކުރީގެ އެ ހާދިސާއަކީ ކޮބާ ހެއްޔެވެ؟ އެއީ ދެހާހުގެ ކުރީ ދިހައިގެ އަހަރުތަކުގެ ފަހު އަހަރުތަކާ ޖެހެންދެން ރިޔާސީ ގަނޑުވެރެއްގެ ގޮތުގައި ބޭނުން ކުރެވުނު ގަނޑުވަރާ ބެހޭ ވާހަކައެކެވެ. އެ ގަނޑުވަރާ ހެދި، އާންމުންގެ އެތައް ބަޔަކަށް ގެއްލުމާއި އުނދަގޫ ކުރިމަތިވިއެވެ. ބައެއް މީސްމީހުންގެ އިމާރާތައް ދައުލަތަށް ނުއަގުގައި ނެގުނެވެ. އެ ގަނޑުވަރު އެޅި ދުވަސްވަރު، މިލިޔަނަށް ވުރެ މަތީގައި އޭގެ އަގު ހުރި ބައެއް ބިންތައް ހަތްދިހަ ވަރަކަށް ހާސް ރުފިޔާ ދީފައި ނެގުނެވެ. އެ ގަނޑުވަރުގެ ކައިރީގައި ހުރި ގެތައް މައްޗަށް އިމާރަތްކުރުމަށް ހުރަސް އެޅުނެވެ. ބައެއް މީހުންގެ ގެތައް އަތުލައި އެހެން ދިމަދިމާއަށް ފޮނުވުނެވެ. އާދެ، އެ ގަނޑުވަރަކާ ހުރެ، ވަރަށް ގިނަ ބަޔަކަށް ގެއްލުމާއި އުނދަގުލާ ކުރިމަތިލާން ޖެހުނެވެ. މިކަމާ ބަޔަކު މީހުން އެދުވަސްވަރު ފާޑުވެސް ކިޔެއެވެ. އެ ފާޑުކިޔުންތައް ބައެއް ފަހަރު، ހަގީގަތާ މުޅިން އެއް ގޮތް ނޫނަސް ވެހެވެ. މިސާލަކަށް، ގަނޑުވަރުގެ ފާޚާނާތައް ރަނުން ހެދިފައިވާ ވާހަކައެވެ. މީގެ އިތުރުން، އެ ގަނޑުވަރާ ބެހޭ ބައެއް ތަފާސްހިސާބުތަކުގެ ވާހަކަ، މީހަކު އޭނާގެ އަމިއްލަ ޑައިރީއެއްގައި، އޭނާއަށް އަޑު އިވުނު ގޮތް ގޮތަށް ލިޔުމުން، ޑައިރީއާއި އޭނާ ވެސް ކުށްވެރިވެ، ޑައިރީއަށާއި އޭނާއަށް ވެސް އަދަބު ލިބުނެވެ. ޑައިރީ އަތުލެވި، ޑައިރީގެ ވެރިޔާ ޖަލުގައި ބަންދުކުރެވުނެވެ! އާދެ، އެންމެ މީހެއްގެ އުފަލާއި ހަމަޖެހުމަށްޓަކައި، އެންމެ މީހެއްގެ ބޮޑުކަމާއި ޖާހަށް އެހެން މީހުންނަށް ދެއްކުމަށްޓަކައި އޭނާ ނޫން އެތައް ބަޔެއްގެ ދިރިއުޅުމާއި ހަމަޖެހުން ގުރުބާން ކޮށްލެވުނީއެވެ!

ދެން މިއަދު ހެއްޔެވެ؟ ހަމަ އެއް މަންޒަރެކެވެ. އެންމެ މީހެއްގެ ހަމަޖެހުމާއި އުފަލަށްޓަކައި، އެންމެ މީހެއްގެ ބޮޑުކަމާއި ޖާހު އެހެން އެންމެނަށް ދައްކާލުމަށްޓަކައި، ރަތް ރޮނގަކުން، މުޅި ރައްޔިތުންގެ ހައްގުތައް ގުރުބާންކޮށްލެވުނީއެވެ. މީގެ އެންމެ ހެއްވާ ކަމަކީ، ގަނޑުވަރުގެ މައްސަލައިގައި ކުރީގައި މި ރަތް ރޮނގު އެޅުމާ ގުޅޭ އިސް މީހުން ފާޑުކީ ކަމެވެ. އަދި، ފަހުން، ގަނޑުވަރުގައި އުޅުމުގެ ފުރުސަތު ލިބުމުން އެކަމަށް އިންކާރު ވެސް ކުރިއެވެ. ހިތްތިރި ކަމުންނޯލައެވެ! ނަމަވެސް، މިހާރު މި އެނގުނީ އެ އިންކާރު ކުރުމަކީ ހިތްތިރިކަމާ ގުޅޭ ކަމެއް ނޫންކަމެވެ. ޖޯޖް އޯވެލްގެ އެނިމަލް ފާމުގައި، ދަނޑުވެރިޔާ ބޭރުކޮށް، ނިކަމެތި ޖަނަވާރުންގެ މައްޗަށް އޫރުން ސަވާރުވެ، އަނިޔާވެރިއެއް ކަމުގައި ޖަނަވާރުން ދުށް އިންސާނާ، އޭނާގެ ދައުރު އޫރުން ކުޅުމާ ގުޅޭ ކަމެކެވެ! ކޮމިޔުނިޒަމްގެ ހަމަހަމަކަން، ނިކަމެތި ޖަނަވާރުންގެ މައްޗަށް އޫރުން ހިންގާލީ އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ވިޔަސް، ބައެއް މީހުންގެ ހަމަހަމަކަން އެހެން މީހުންގެ ހަމަހަމަކަށް ވުރެ މަތިވެގެން ކަމަށް ބުނަމުންނެވެ. އާދެ، އަޅުގަނޑުމެންގެ ގިނަ ޕާޓީގެ ޑިމޮކުރަސީގައި މިފެންނަނީ އެނިމަލް ފާމުގައި ދައްކުވައިދޭ ކޮމިޔުނިޒަމްގެ ހަމަހަމަކަން ފަދަ ހަމަހަމަ ކަމެކެވެ. ޑިމޮކުރަސީ އެނގޭނީ ވަކި ބަޔަކަށެވެ! ހައްގުތައް ވެސް ލިބޭނީ ވަކި ބަޔަކަށެވެ. އެހެން އެންމެން ތިބެން ޖެހޭނީ، ޑިމޮކުރަސީގެ ހެދުން އަޅައި، އަލަށް ރަސްމަތިފުށާ ގުޅުނު މިބުނާ ބޭފުޅުން ވިދާޅުވާހާ އެއްޗެއް އަޑުއަހައި ގަބޫލުކޮށްގެން، އެބޭފުޅުންގެ ބޮޑުކަން ބަލައި އަތްޖަހާށެވެ!

ދެން ހެއްޔެވެ؟ އާޚިރުގައި ފެންނަނީ ހަމަ އެއް މަންޒަރެކެވެ! ހައްގުތަކާއި އިމްތިޔާޒުތައް ވަކި ބަޔަކަށް ލިބޭ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް ހެދޭ ތަނެވެ. މުޅި ދައުލަތާއި ދައުލަތުގެ ޚަޒާނާއަކީ އަބަދުވެސް ވަކި ބަޔަކު، އެމީހުން ބޭނުންވާ ގޮތަށް، ބޭނުންވާ ހިނދަކު، އެއާ ކުޅެވޭ ގޮތަށް އޮންނަ އެއްޗެކެވެ! ހަމަ ކުރިއެކޭ ވެސް އެއްގޮތަށެވެ. ރަސްކަމޭ ކިޔަސް، ޖުމްހޫރިއްޔަތޭ ކިޔަސް، ޑިމޮކުރަސީއޭ ކިޔަސް، މި ހަގީގަތަކަށް ބަދަލެއް ނާދެއެވެ. އާދެ، މަތީގައި ލިޔެލި މިސާލު ބަސް މަތިން ހަނދާންކޮށްލާށެވެ! ما أشبه الليلة بالبارحة ! ކުރީ ރޭގެ އަނދިރިކަން، މިރޭގެ އަނދިރިކަމާ ހާދަ އެއް ގޮތެވެ!