ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަޞީމް، މިހާރު ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ.ކޭ. ޢަބްދުލް މޮމެންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންގްލަދޭޝްއިން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަ ގޮތެއްގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން އެކަމަށް ބަންގްލަދޭޝް ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި އެކަންކަން ބަލަންޖެހޭ ކަމުގައި ފާހަގަކުރައްވާފައެވެ. އަދި، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މި އަމާޒަށް ވާޞިލުވުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައެވެ. އަދި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރގެ ވާހަކަފުޅުގައި މިއަހަރުގެ މާރިޗު މަހު ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުން ފާހަގަކުރެއްވުމާއި ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ފާހަގަކުރުމުގެ އިޙްތިފާލުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި ބޭހޭގޮތުންވެސް މަޝްވަރާކުރެއްވެވިއެވެ. އެގޮތުން މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޝިޕިންގ އަދި ޓެކްނިކަލް ޓްރައިން ދިނުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގައި ރަޖިސްޓަރވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، އަދި ރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެބޭފުޅުން ވަނީ އެބޭފުޅުންނާއި ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާކުރައްވާފައެވެ.



advertisment