Support Us

ސްވިޓްޒަރލޭންޑް ސަފީރު ޑޮމިނިކް ފަރގްލަރގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވަނީ

ތިން ގައުމެއްގެ އާ ސަފީރުން ރައީސް އަށް ފަތްކޮޅު އަރުއްވައިފި

ސްވިޓްޒަރލޭންޑާއި ސެނަގަލް އާއި ތުރުކީން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. ވަކިވަކިން ބޭއްވެވި މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުއްވުމަށްފަހު ސްވިޓްޒަރލޭންޑް ސަފީރު ޑޮމިނިކް ފަރގްލަރ އާއި ސެނަގަލް ސަފީރު އަބްދުލް ވަހާބް ހައިދަރާއި ތުރުކީ ސަފީރު ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫ އާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

ސްވިޓްޒަރލޭންޑް ސަފީރާ ބައްދަލުކުރެއްވުން

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްވިޓްޒަރލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ޑޮމިނިކް ފަރގްލަރ، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި މައުޟޫޢުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމާއި ލާމަރުކަޒުކުރުމާއި ކޮވިޑް މެނޭޖުކުރުމާއި ފަތުރުވެރިކަން ފަދަ މައުޟޫޢުތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސްވިޓްޒަރލޭންޑަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއާ ކުރިއެރުމަށް ފަތުރުވެރިކަމުގެ ސިނާޢަތް އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ރާއްޖޭގެ ފަތުރުވެރިކަން ވިލާތުގެ ޤައުމުތަކަށް އިތުރަށް ފުޅާކުރުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާ ސްވިޓްޒަރލޭންޑާ ދެމެދު ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ވަރަށްބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ.

ސްވިޓްޒަރލޭންޑުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖެއާ ގުޅިގެން މަސައްކަތްކުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ރާއްޖެއަކީ ސްވިޓްޒަލެންޑުގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވައި ރާއްޖެއާ އެ ޤައުމާ ދެމެދު ސިދާ ވައިގެ ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެކަމުގައިވެސް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން ވިލާތުގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދަރިވަރުންނަށް ވިލާތުގެ ޤައުމުތަކުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޝައުޤުވެރިވާކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ސެނަގަލް ސަފީރު އަބްދުލް ވަހާބް ހައިދަރާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވަނީ

ސެނަގަލް ސަފީރާ ބައްދަލުކުރެއްވުން

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސެނަގަލްގެ ސަފީރު އަބްދުލް ވަހާބް ހައިދަރާ އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.

ސެނަގަލް ސަފީރު، ވަނީ ސަފީރުކަމުގެ މަޤާމާއި ހަވާލުވުމުން އުފާކުރައްވާކަމުގައި ވިދާޅުވެ، ސެނެގާލްގެ ރައީސް މެކީ ސާލްގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވާފައެވެ. މީގެ އިތުރުން ސަފީރު ވަނީ ރާއްޖެއިން އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބުކުރުމުން ދިވެހި ސަރުކާރަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން އެންމެ އިސްކަންދޭ އެއްކަމަކީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ރަނގަޅުކޮށް، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޯވިޑް-19 ގެ ކަންކަން މެނޭޖްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކުޅިވަރާއި ފަތުރުވެރިކަމާއި ސަޤާފަތް ފަދަ ދެ ޤައުމުން ޝައުޤުވެރިވާ މައުޟޫޢުތަކުގައި މަޝްވަރާކުރައްވާފައެވެ.

ސެނަގަލްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމާއި ސަޤާފަތް ކުރިއެރުމުގެ ދާއިރާއިން ރާއްޖޭގެ ތަޖުރިބާ އެ ޤައުމަށް މުހިންމުކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކައުންޓަރ ޓެރަރިޒަމް އަދި އިންސާނީ ޙައްޤުތަކާ ގުޅޭ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ތުރުކީ ސަފީރު ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވަނީ

ތުރުކީ ސަފީރާ ބައްދަލުކުރެއްވުން

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީ ސަފީރާ ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫ އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިއާއި ސަލާމަތީ ކަންކަމާއި ކައުންޓަރ ޓެރަރިޒަމާއި، ތަޢުލީމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުންފަދަ ކަންކަމާ ގުޅޭގޮތުން ތުރުކީގެ ސަފީރާއެކު މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާ ތުރުކީވިލާތާ ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި މި އަހަރަކީ މި ދެ ޤައުމު ސިޔާސީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ފުރޭ އަހަރެވެ. މި ދެ ޤައުމުގެ ގާތްގުޅުން ދެމެހެއްޓުމަށް ރާއްޖެއިން ވަރަށް ބޮޑު އަހުމިއްޔަތުކަމެއްދޭކަން ފާހަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ތުރުކީގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ތުރުކީގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިބައްދަލުކުރެއްވުމުގައި ތުރުކީ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ ތުރުކީގެ ކުންފުނިތަކަށް ކުރިމަތިވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ ޢަމަލުތައް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވައި މި މައްސަލަތައް ހައްލުކުރުމުގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓެރަރިޒަމާއި، ކަނޑުފޭރުމާއި، ރޭވިގެން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ތުރުކީއާއި އެކުވެރި އެހެން ޤައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ތުރުކީވިލާތުގެ ސަފީރުވެސް ވަނީ މި ދާއިރާއިން ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތުރުކީގެ ތަޢުލީމާގުޅޭ މުއައްސަސާތައް މެދުވެރިކޮށް ދިވެހިންނަށް ތަމްރީނާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސް ބޭފުޅުން ތަމްރީނު ކުރެއްވުމުގައި ތުރުކީ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ އައު ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިކިޔާއެއްޗެއްް ސާފުކޮއްކިޔާބަލަަ އެއްކޮޅުންތިކިޔަނީީ މިގައުމުު އަޑިއައްދަނީއޭޭ ހަމައޭގެފަހަތުންތިކިޔަނީީ މިގައުމުގަަ އިންވެސްޓްކުރަންް ހުރިހާގައުމެއްގެެ މީހުންް އަންނާށޭެ މީކިހާމޮޔަވާހަކަަދައްކާާ މީހެއްތޯަ މީނާދައްކާވާހަކަ ގަބޫލުކުރެވޭނީީ ކިހިނެެއްތޯޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް