ހަލާކާ ގެއްލުމާ ގައުމަށް އައީހޭ ނުވަތަ ގެނައީހޭ؟
ބަލާން ތިއްބާ އަމާންކަން ގެއްލުނީހޭ، ގެއްލުވާލީހޭ؟
ކިލާކަން ހިތްތަކަށް ވައްދާ ބިލާހަށް ލޯބި ޖައްސައިގެން
އިލާހީ މާތްވި ދީނަށް ގޮން ޖެހީހޭ ނުވަތަ ޖެއްސީހޭ؟
ދަރީންނާ އަދި ދަރީންގެ ދަރީން މައިން ބަފައިން ޒަމާންތަކަށް
ވެރީންނަށް ނޭނގިފައި ތިއްބާ ދެރީހޭ ނުވަތަ ދެރުވީހޭ؟
ދިވެހި ގައުމުގެ ޚަޒާނާ ރޯ ދުވާލު މިތާ ބަލަން ތިއްބާ
ރިވެތި ބަހަނާތަކެއް ދައްކާ ކެއީހޭ ނުވަތަ ކާލީހޭ؟
ދިވެހި ގައުމިއްޔަތުގެ ހުރިހައި ބަހާތަކަކާ އަސާސުތަކެއް
ދިވެހި ގައުމުގެ ދަރިންގެ އަތުން އެ ފުނޑުނީހޭ ފުނޑާލީހޭ؟
ޒަމާނުންސުރެ މިތާގައި އޮތް ރިވެތި ހުރިހައި އުސޫލުތަކެއް
ސަމާސާއެއް ކަމަށް ހެދުމުން މި އުވުނީހޭ އުވާލީހޭ؟
އުފަން ގައުމަށް ޚިޔާނަތްތެރި ވިޔަސް މީ ބޮޑުވަރެއް ނޫންހޭ؟
އުފަންވިޔަކަސް ދިވެހި މި ބިމަށް އެއީ ހަމަ އަސްލު ދިވެހީންހޭ؟