Support Us

އދގެ ޖެނެރަލް އެސެމްބްލީގެ ރައީސް އަބްދުﷲ ޝާހިދު

އދގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ ޔޫތު ފެލޯޝިލް ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި

އދގެ ޖެނެރަލް އެސެމްބްލީގެ ރައީސް އަބްދުﷲ ޝާހިދުގެ ޔޫތު ފެލޯޝިލް ޕްރޮގްރާމަށް ކުރިމަތިލާން މެމްބަރު ގައުމުތަކަށް ދައުވަތު ފޮނުއްވައިފިއެވެ.

އދގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއް ބުނިގޮތުގައި މެމްބަރު ގައުމުތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން، މި ދައުރުގައި ޒުވާން އަށް ޑިޕްލޮމެޓަކަށް މި ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

"މި ފެލޯޝިޕަށް ޒުވާނުން ނެގުމުގައި އިސްކަމެއް ދީފައިވަނީ އެންމެ ކުޑަ މިންވަރަށް ތަރައްގީވެފައިވާ ޤައުމުތަކަށާއި، ލޭންޑްލޮކްޑް ޑިވެލޮޕިންގ ގައުމުތަކަށާއ، އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްތަކަށެވެ. މި ފެލޯޝިޕްގެ ދަށުން މި ޤައުމުތަކުން އައްޔަން ކުރެވޭ ޒުވާނުންނަށް އދގެ އެތެރޭގެ މަސައްކަތްތައް ދެނެގަތުމަށް ދޮރު ހުޅުވިގެން ދާނެއެވެ." އެ ބަޔާނުގައިވެއެވެ.

"މިއީ ޕްރެޒިޑެންސީ އޮފް ހޯޕްގެ އިސްނެގުމެއް. މިކަމަކީ އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް. ހުރިހާ މަރުހަލާއެއްގައިވެސް ކަންތައްތައް ނިންމުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ކަމެއް. މަލްޓިލިޓްރަލިޒަމްގެ ކުރިމަގަށް ކުރާ ހޭދައެއް ގޮތުގައި ޒުވާނުން އދގެ މަސައްކަތާ ގާތްކުރުމަކީ ބޭނުންތެރިކަމެއް،" އދގެ މެމްބަރު ގައުމުތަކަށް ފޮނުއްވި ސިޓީފުޅުގައި ޝާހިދު ބަޔާންކުރެއްވިއެވެ.

"މި ފެލޯޝިޕްގައި ބައިވެރިވާ ޒުވާނުންނަށް ޖެނެރަލް އެސެމްބްލީގެ އެންމެ ބޮޑެތި އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މަޝްވަރާތަކުގައާއި މެނޭޖްމަންޓަށް އެހީތެރިވުމުގައާއި އިސް ނަގައިގެން ހިންގޭ ހަރަކާތްތަކާ އަދި އަމަލީ ގޮތުން ނިންމާ ނިމުންތައް ފައިސަލާ ކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. ހަމަ އެހެންމެ ރަސްމީ ދަތުރުތަކުގައި ބައިވެރިވުމަށް ޖެހޭ ހާލަތްތަކުގައި އެ ފުރުޞަތުވެސް ލިބިގެން ދާނެއެވެ." ބަޔާނުގައިވެއެވެ.

އދގެ އިންސްޓިޓިޔުޓް އޮފް ޓްރެއިނިންގ އެންޑް ރިސާޗާ ގުޅިގެން ހިންގާ މި ފެލޯޝިޕުން، އދ ސިސްޓަމާއި އޭގެ ގުނަވަންތަކާއި އަދި އެކި ބައިތަކުގެ އިތުރަށް މިހާރު ދުނިޔެއަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ޓްރެއިނިންގައި ދެވޭ މައުލޫމާތުން މި ކަންތައްތައް ދަސްވެގެންދާނެ ކަމަށާއި މި ގޮތުން މޫސުމީ ބަދަލުތަކުން ފެށިގެން ކޮވިޑް 19 އާއި، އަމާންކަމާއި ރައްކާތެރިކަމުގެ މައުޟޫތަކުން ފެށިގެން އިންސާނީ ހައްޤުތަކާއި ޖިންސުގެ ހަމަހަމަކަމާ ގުޅޭގޮތުން ޓްރެއިނިންގައި ކިޔަވައިދެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"މި ފެލޯޝިޕްގެ ބައިވެރިންނަށް ރޮޓޭޝަން ބޭސިސްގައި އެކި ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް ފުރުޞަތު ލިބިގެން ދާނެއެވެ. މިގޮތުން ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ އޮފީހުގަ އާއި، ޕީސް އެންޑް ސެކިޔުރިޓީ، އިންސާނީ ހައްޤުތަކާ ގުޅޭ ބައިގައާއި، އިންސާނިއްޔަތާ ގުޅޭ ދާއިރާތަކުގަ އާއި، ސަސްޓައިނަބަލް ތަރައްޤީއާއި، ރިފޯމް އަދި ބަޖެޓާއި ޤާނޫނީ ދާއިރާގަ އާއި ކޮމިޔުނިކޭޝަންގައި މަސައްކަތް ކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މި ގޮތުން ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ އޮފީހުގައި މަސައްކަތް ކުރުމުން، އދ ސިސްޓަމް ދަސްވެ، ފަންޑިންގ ޕްރޮގްރާމްތަކާއި އެޖެންސީސްތަކާއި އދގެ ގުނަވަންތަކުގެ މަސައްކަތް ދަސްވެގެން ދާނެއެވެ."

މި ފެލޯޝިޕަށް ހޮވުމަށްޓަކައި މެމްބަރު ޤައުމުތަކަށް ވަނީ ކޮންމެ ޤައުމަކުންވެސް ޒުވާނެއްގެ ނަން ހުށަހެޅުމަށް ދަތުވަތު ދެއްވައިފައެވެ. ކެންޑިޑޭޓުން ހޮވާނީ ތަޖުރިބާކާރު މިނިވަން ޕެނަލަކުންނެވެ. މިގޮތުން ހޮވާއިރު ޖިންސީ ހަމަހަމަކަމަށާއި ސަރަހައްދީ ބައިވެރިވުން އޮންނަ މިންވަރަށް ބެލޭނެއެވެ.

މި ކަމަށް ހިނގާ ހުރުމާއި ދަތުރުފަތުރު ފަދަ ޚަރަދުތައް ކުރާނީ ފެލޯޝިޕް ޕްރޮގްރާމަށް ފަންޑުކޮށްފައިވާ މެމްބަރު ޤައުމުތަކުންނެވެ.

"ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ޤައުމުތަކުން ބައިނަލްއަޤުވާމީ ހަރަކާތްތަކުގައި، ޔޫއެން ނުވަތަ ކޮޕް26 ކަމުގައިވިޔަސް، އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އުފުލަންޖެހޭ ބުރަ އިހްސާސްކުރެވޭ. އެހެންކަމުން އެކަންކަން ހައްލުކޮށް، ފެންވަރު ރަނގަޅުކުރުމަށް އަޅުގަނޑުމެން އަދާ ކުރަންޖެހޭ ދައުރު އަދާ ކުރެވޭނެ ކަމަށް އުންމީދު ކުރަން،" ޝާހިދު ވިދާޅުވިއެވެ.

ފެލޯޝިޕަށް ޒުވާނުން ނޮމިނޭޓްކުރުމަށް ދެއްވާފައިވާ އެންމެ ފަހު ތާރީޚަކީ ނޮވެމްބަރު 30 އެވެ. އަދި ޖެނުއަރީގައި ކެނޑިޑޭޓުން ނިވްޔޯކަށް ދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *