...

Support Us

އިންޑިއާގެ އާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުއްވައިފި

އިންޑިއާގެ އާ ސަފީރު މުނު މަހާވަރް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އިންޑިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

ހަމަ އެއާއެކު އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާ އިންޑިއާ އާއި ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާއި އިންޑިއާ އާ ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ޚާއްޞަ ގުޅުމެއް ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ އާ ސަފީރު މުނު މަހާވަރު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ ރައީސާއި ބޮޑުވަޒީރުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ތަޢުރީފު ކުރައްވައި، ޚާއްޞަ ގޮތެއްގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމުގައި ހޯދާފައިވާ ގިނަ ގުނަ ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ސަފީރު ވަނީ ދެ ޤައުމަށް ފައިދާ ހުރި ކަންކަމުގައި އިތުރު އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިތުރު އުއްމީދީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި 2070 ވަނަ އަހަރު އަންނަންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ނެޓް ޒީރޯއަށް ދަށްކުރާނެ ކަމަށް، ކޮޕް26 ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވުމުން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އާ ސަފީރަށް އެމަނިކުފާނު ސަފީރުކަމާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ދެބޭފުޅުންވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.